ފީއަލި (ފ. އަތޮޅު)
ޚުލާސާ މައުލޫމާތު | |
އަތޮޅު | ނިލަންދެއަތޮޅު އުތުރުބުރި |
އޮންނަތަން | |
އަކަމިން | |
އާބާދީ | 965 |
ދިގުމިން | 525މ |
ފުޅާމިން | 425މ |
މާލެ އާއި ހުރި ދުރުމިން | 113ކމ |
އިދާރީ މައުލޫމާތު | |
ރަށު ކަތީބު | އިބްރާހީމް ޝަރީފް |
ރަށު އޮފީސް ފޯން ނަމްބަރު | 6740039 (960+) |
ރަށު ފެކްސް ނަމްބަރު | 6740039 (960+) |
ފީއައްޔަކީ ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްތަކުގެ ތެރެއިން ޖިއޮގްރަފީގެ ގޮތުން ރަށްތައް އެތުރިފައިވާ އިރު އެންމެ އުތުރަށް އޮތް ރަށެވެ.މިރަށަކީ ޒަމާނުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް ޘަޤާފީ އެކިއެކި ކުޅިވަރުތައް ކުޅެމުންދާ ރަށެކެވެ. މިރަށުގައި ކުޅެމުންދާ ކުޅިވަރުގެ ތެރޭގައި ބޮޑުބެރު، ލަނގިރި، މާފަތި ނެށުން، ދަނޑި ޖެހުން ހިމެނެއެވެ.
ޖޯގްރަފީ
އުނިއިތުރު ގެންނަވާފީއައްޔަކީ ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްތަކުގެ ތެރެއިން ޖިއޮގްރަފީގެ ގޮތުން ރަށްތައް އެތުރިފައިވާ އިރު އެންމެ އުތުރަށް އޮތް ރަށެވެ. އަދި މިއީ މީހުން އުޅޭ އެހެން ރަށްތަކާއި ޚާއްޞަކޮށް ވެރިރަށް ނިލަންދޫ އާއި އެންމެ ދުރުގައި އޮތް މީހުން އުޅޭ ރަށްވެސް މެއެވެ. ބިމުގެ ބޮޑުމިނުގެ ގޮތުން އެންމެ ކުޑަ ރަށަކީ ވެސް މިއީ އެވެ. މި ރަށަކީ އަތޮޅުވެރިކަންކުރާ ރަށް ނިލަންދުއާއި އެންމެ ދުރުގައި އޮންނަ އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން އެންމެކުޑަ ރަށެވެ.
އިގްތިޞާދު
އުނިއިތުރު ގެންނަވާފީއަލީގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މިގޮތުން ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ފާނައިގެ މަސްވެރިކަމުގައި ފީއަލީ މީހުން ހަރަކާތްތެރި ވެއެވެ. މީގެ އިތުރުން ބައެއް ރިސޯޓްތަކުގަޔާއި، މާލޭގެ އެކިއެކި ވަޒީފާތަކުގައި ވެސް ފީއަލީ މީހުން އުޅޭކަން ފާހަގަ ވެއެވެ. ރަށުގައި ސައިހޮޓާ ހިންގުން، ވިޔަފާރި ހިންގުން ފަދަ މަސައްކަތްތަކުގައި ވެސް މަދު ބަޔަކު ނަމަވެސް ހަރަކާތްތެރި ވެއެވެ.
މިރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. އެންމެ ގިނަ މީހުން ކޮށްއުޅެނީ ފާނައިގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.
ފަޅު ފުންކުރުމާއި ބަނދަރު ހެދުން
އުނިއިތުރު ގެންނަވާމިރަށަކީ މިއަތޮޅުގެ އެންމެ އޮޑި ދޯނިފަހަރު ގިނަ ފަޅުގެ ދަތިކަން ބޮޑު ރަށަކަށް ވުމާއިއެކު މި ރަށުގައި 200×300 ފޫޓުގެ ބަނދަރެއް ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެއެވެ. 10 ޖުލައި 2007 ގައި މަސައްކަތް ފެށި މިބަނދަރަކީ ރަނގަޅު ފެންވަރަކަށް ސަރުކާރުން ހައްދަވާ ދެއްވާ ބަނދަރެކެވެ. މިރަށަކީ އޮޑި ދޯނިފަހަރު ގިނަ ރަށަކަށް ވުމާއިއެކު، ބަނދަރު 250× 500 ފޫޓަށް ބޮޑު ކުރުމަށްޓަކައި ބަނދަރަށް ބޮޑުކުރަންޖެހޭ ބައި މ. މާފަންނުވިލާ އަލްފާޟިލް ޤާސިމް އިބުރާހިމްގެ އެހީގައި ކުރެވޭތޯ މިރަށުގެ ރައްޔިތުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ފީއަލީ އޮފީސް
އުނިއިތުރު ގެންނަވާމިހާރު ފީއަލީ އޮފީސް ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ އޮފީހެކެވެ. ފީއަލީ ކޯޓާއި ރަށްވެހިގެ ހިމެނޭ ގޮތަށް ޢިމާރާތް ކޮށްދެއްވި މި އޮފީސް ހުޅުވައި ދެއްވީ 11 ނޮވެމްބަރ 1992 ގައި އޭރުގެ އެޓޮލްސް މިނިސްޓަރ އޮނަރަބްލް އަލްފާޟިލް އިލްޔާސް އިބުރާހިމެވެ. މީގެ ކުރިން ފީއަލީ އޮފީސް ހިންގާފައިވަނީ މިރަށު ރައްޔިތުންގެ ޢިމާރާތެއްގައެވެ. އޭރު ކޯޓާއި ރަށްވެހިގެވެސް ހުރީ އެ ޢިމާރާތުގައެވެ
ތަޢުލީމް
އުނިއިތުރު ގެންނަވާފ.އަތޮޅު މަދަރުސާ ހުންނަނީ ފ.ފީއަލީގައެވެ. ފ.އަތޮޅު މަދަރުސާ އަކީ ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖެތެރޭގައި ބިނާކުރެވުނު ސުކޫލު ތަކުގެ ތެރޭގައި ހިމެނޭ ސުކޫލެކެވެ. ފ.އަތޮޅު މަދަރުސާގައި ސާނަވީ ތަޢުލީމު ތަޢާރަފް ކުރެވި ކޮމާރސް ސްޓްރީމަށް ކިޔަވައިދެމުން ގެންދާތާ ގާތްގަނޑަކަށް 6 އަހަރު ވެދާނެއެވެ. ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކޮށްދެއްވި އަތޮޅު މަދަރުސާ ހުންނަނީ ފީއަލީގައެވެ. މި މަދަރުސާ 4 މާރޗް 1982 ގައި ހުޅުވައި ދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްފާޟިލް މުޙަންމަދު ޒާހިރު ޙުސެއިނެވެ. އަތޮޅުމަދަރުސާގައި 1998 ވަނަ އަހަރުގެ ނިޔަލަށް ކިޔަވައި ދެމުން ގޮސްފައިވަނީ ގްރޭޑް 05 އަދި ގްރޭޑް7 ގެ ފެންވަރަށެވެ.
1999 ވަނަ އަހަރުންފެށިގެން ސެކަންޑަރީއަށް ކިޔަވައިދޭން ފެށި މިމަދަރުސާގައި މިހާރު ގްރޭޑް 10 އަކަށް ކިޔަވައިދެމުން ދެއެވެ. ޖީ.ސީ.އީ އޯލެވެލް ފުރަތަމަ ހަދާފައިވަނީ 2001 ވަނަ އަހަރު 12 ކުދިންނެވެ. މިމަދަރުސާގެ ދަރިވަރުންނަށް ކޮމްޕިއުޓަރުގެ ތަޢުލީމު އުނގަންނައި ދިނުމަށްޓަކައި ކޮމްޕިއުޓަރ ލެބެއް ހުރެއެވެ. ކޮމްޕިއުޓަރލެބު ފުރަތަމަ ފަށާފައިވަނީ ފީއަލީގެ ރައްޔިތުން މި މަދަރުސާއަށް ހަދިޔާކުރި 8 ކޮމްޕިއުޓަރ ސިސްޓަމުންނެވެ.
އަތޮޅު މަދަރުސާ ޢިމާރާތް ކުރުމުގެ ކުރިން ފީއަލީގައި ތަޢުލީމު ދެމުން ގޮސްފައިވަނީ މިރަށުގެ ރައްޔިތުން ފަނުންހަދާފައިވާ މަދަރުސާއެއްގައި ވަރަށް އާދައިގެ ގޮތަކަށެވެ. ފީއަލީގައި ޕްރީސްކޫލް ހިންގަމުން ދަނީ ފީއަލީގެ ޖަމްޢިއްޔާއެއް ކަމުގައިވާ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުންނެވެ. އެ ޖަމްޢިއްޔާގެ ފަރާތުން ޕްރީސްކޫލު ހިންގަމުން ދާތާ މިހާރު 12 ވަރަކަށް އަހަރު ވެދާނެއެވެ. މީގެ އިތުރުން މިރަށުގެ ބައެއް މީސްމީހުން ކުޑަކުދިންނަށް ކިޔަވައިދޭ ޤުރުއާން ކުލާސްވެސް ހިންގަމުން ދެއެވެ.
ޞިއްޙަތު
އުނިއިތުރު ގެންނަވާފީއަލީގައި ދާދި ފަހުން ވަނީ ޞިއްޙީ މަރުކަޒެއް ގާއިމް ކުރެވިފައެވެ. މިޞިއްޙީ މަރުކަޒު ޚިދުމަތް ދިނުމަށްޓަކައި މިހާރު ދާއިމީ ގޮތެއްގައި ޑަކްޓަރަކާއި 2 ނަރުހުން އަދި 1 ޕްރައިމަރީ ހެލްތު ކެއަރ ދޭނެ ފަރާތްތައް ޞިއްޙީ މަރުކަޒުގައި ތިބެއެވެ. މީގެ އިތުރުން ލެބޯޓަރީގެ ޚިދުމަތް ވެސް ވަރަށް އަވަހަށް ދެވެން ފެށޭނެ ކަމަށް ވެއެވެ. ފީއަލީގައި ޞިއްޙީޚިދުމަތް ދިނުމުގެ މަސައްކަތް ކުރިން ކުރަމުން ގޮސްފައިވަނީ ފަރުދީ ގޮތެއްގައި ދިވެހި ބޭސްވެރިއެކެވެ. ފީއަލީގައި ރަސްމީގޮތުން ޢާއިލާގެ އެހީތެރިންގެ ފެންވަރުގައި ޞިއްޙީ ޚިދުމަތް ދޭން ފަށާފައިވަނީ 02 އޯގަސްޓް 1983 ގައެވެ. 17 ސެޕްޓެމްބަރ 2003ގައި ފީއަލީ ހެލްތް ޕޯސްޓް ހުޅުވުމާއި ހަމައަށް މިޚިދުމަތް ދެމުން ދިޔައީ ފީއަލީ އޮފީހުގައެވެ. ފީއަލީގައި ސަރުކާރުން ޢިމާރާތްކޮށްދެއްވި ހެލްތުޕޯސްޓް ހުޅުއްވައިދެއްވީ އެއިރުގެ ހެލްތު މިނިސްޓަރ އޮނަރަބްލް އަލްފާޟިލް އަޙްމަދު ޢަބްދުﷲއެވެ.
21 ފެބްރުއަރީ 2006 ން ފެށިގެން ފީއަލީ ހެލްތުޕޯސްޓް ވަނީ ޞީއްޙީމަރުކަޒަކަށް ބަދަލުކުރައްވާފައެވެ. ފީއައްޔަކީ ރާއްޖޭގެ ނިސްބަތުން ތެލަސީމިއާ ކުދިން އެންމެ ގިނަ ރަށެވެ. މިރަށުގައި ތެލަސީމިއާ ބަލީގެ 07 ކުދިން ތިބެއެވެ. ފީއަލީގައި ހެލްތުޕޯސްޓެއްގެ ޚިދުމަތް ލިބެން ފެށުމާއިއެކު މިރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއްގައި ބޭސް ހޯދައިދިނުމުގެ ގޮތުން މިރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ބޭސްފިހާރައެއް ހިންގަމުން ދެއެވެ.
ފީއަލީގައި ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި މިރަށު ޞިއްޙީމަރުކަޒުގައި ޑޮކްޓަރަކާއި ނަރުހުންގެ ޚިދުމަތް ލިބެމުން ދެއެވެ. އަދި މިމަރުކަޒުގައި އާދައިގެ ކުދި ބަލިތަކުގެ ޓެސްޓު ހެދޭނޭ ލެބޯރޓްރީއެއް ހުރެއެވެ. މީގެ އިތުރުން ތެސީމިއާ ކުދިންގެ ގަޔަށް ލޭ އެޅުމުގެ ޚިދުމަތްވެސް މިހާރު މިމަރުކަޒުން ލިބެން ހުރެއެވެ. މިހާރު މިމަރުކަޒުގައި އެމްބިއުލާންސްގެ ޚިދުމަތްވެސް ލިބެމުން ދެއެވެ.
ކަރަންޓް
އުނިއިތުރު ގެންނަވާއެންމެފުރަތަމަ މިރަށުގައި ކަރަންޓްދޭން ފެށީ 1983 ވަނަ އަހަރުގެ ސެޕްޓެމްބަރ 18 ވަނަ ދުވަހު އަމިއްލަ ދެފަރާތަކުން ވަރަށް އާދައިގެ ގޮތަކަށެވެ. އެދުވަސްވަރު ކަރަންޓުގެ ޚިދުމަތް ލިބެމުންދިޔައީ އިރުއޮއްސި 6:00 ން ރޭގަނޑު 11:00 އަށެވެ. މިރަށުގައި ރައްޔިތުންގެ ގޮތުން ކަރަންޓްދޭން ފެށީ 08 އޯގަސްޓް 1999 ގައެވެ. އެއިރު އިރުއޮއްސި 6:00 ން ހެނދުނު 8:00 އަށް ދޭންފެށި ކަރަންޓްގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައިވަނީ 01 ޖެނުއަރީ 2000 ގައެވެ. ފީއަލީގައި ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ރައްޔިތުން އިމާރާތް ކުރި އިންޖީނުގެ ކުޑަވެ ކަރަންޓު ދިނުމަށް ދަތިވާތީ ރަނގަޅު ފެންވަރުގެ އިންޖީނުގެއެއް ޢިމާރާތްކޮށް އެ ޢިމާރާތުގައި ކަރަންޓުގެ ޚިދުމަތްދޭންފެށީ 31 މާރޗް 2007 ގައެވެ. މިރަށުގެ ކަރަންޓްގެ ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ބޮޑަތި އެހީތަކެއް ވެދެއްވާފައި ވުމުގެއިތުރުން އަމިއްލަ ބައެއް ފަރާތްތަކުންވެސް އެހީވެ ދެއްވާފައި ވެއެވެ.
އިތުރުފާލަންތައް
އުނިއިތުރު ގެންނަވާ- ފ.އަތޮޅުގެ ރަސްމީ ވެބްސައިޓް
- ނިލަންދެ.ކޮމް
- ފާފު އޮބްޒާވަރ
- އެންޓިއެފްއޯ.ބްލޮގްސްޕޮޓް.ކޮމް
- އެންޓިފާފު.ބްލޮގްސްޕޮޓް.ކޮމް
- ފ.އަތޮޅު ހޮސްޕިޓަލްގެ ވެބްސައިޓް
- ނިލަންދޫ.ބްލޮގްސްޕޮޓް.ކޮމް
- އެޓޮލްސް ވެބްސައިޓް