ޅ. އަތޮޅު ޅ. އަތޮޅު

ޚުލާޞާ މަޢުލޫމާތު
އިދާރީ ނަން: ޅ. އަތޮޅު
އަތޮޅުގެ ނަން: ފާދިއްޕޮޅު
އޮތްތަން: 5° 15' ނ and 5° 34' ނ
އިނގިރޭސި ކޯޑު: G
އަކުރު: Lh (ޅ)
ވެރިރަށް: ނައިފަރު
އާބާދީ: 11104
ރަށްތަކުގެ ޢަދަދު: 52
މިޙުން އުޅޭ ރަށްތައް: 5
އަތޮޅުވެރިޔާ: ޤާސިމް ޢަބްދުލްކަރީމް
މީހުން އުޅޭ ރަށްތައް
ހިންނަވަރު ކުރެންދޫ މާފިލާފުށި ނައިފަރު އޮޅުވެލިފުށި
ފަޅު ރަށްތައް


ފަތުރުވެރި ރަށްރަށާއި، ވައިގެ ބަނދަރުތަކާއި، ސިނާއީ ރަށްތައް ބެލެވެނީ ފަޅު ރަށްރަށުގެ ގޮތުގައެވެ.

ފާދިއްޕޮޅަކީ އުތުރުން ފެށިގެން ބަލާއިރު ދިވެހިރާއްޖޭގައި އޮތް 7 ވަނަ އަތޮޅެވެ. މި އަތޮޅުގައި އޮތީ މީހުން އުޅޭ 5 ރަށެވެ. އެއީ:-

  1. ހިންނަވަރު
  2. ނައިފަރު
  3. ކުރެންދޫ
  4. އޮޅުވެލިފުށި
  5. މާފިލާފުށި މިއެވެ.

ފާދިއްޕޮޅަކީ ރާއްޖޭގެ އުތުރުން 7 ވަނައަށް އޮންނަ އަތޮޅެވެ. މިއަތޮޅަށް ޅ. އަތޮޅުވެސް ކިޔައެވެ. މިއަތޮޅުގެ ނަން ނިސްބަތްވަނީ މިއަތޮޅުގައި އޮންނަ "ފާދޫ" އަށެވެ. މިއަތޮޅުގެ ވެރިކަންކުރާ ރަށަކީ "ނައިފަރު" އެވެ އަތޮޅުގެ ރަށްތަކުގެ ޢަދަދަކީ 55 އެވެ. މީގެތެރެއިން މީހުން ދިރިއުޅެނީ 5 ރަށުގައެވެ. ލާމަރުކަޒީ އުޞޫލުން މީހުން ދިރިއުޅެން އަލަށް އާބާދުކުރާ މާފިލާފުށި ހިމެނެނީވެސް މިއަތޮޅުގައެވެ. އަދި ސިނާއީ މަސައްކަތްކުރާ ކާރުޚާނާ "ފެލިވަރު ޓޫނާ ޕްރޮސެސިންޕްލާންޓް" ހިނގަމުންދަނީ މިއަތޮޅު ފެލިވަރުގައެވެ

ފާދިއްޕޮޅަކީ ރާއްޖޭގެ އުތުރުން 7 ވަނައަށް އޮންނަ އަތޮޅެވެ. މިއަތޮޅަށް ޅ. އަތޮޅުވެސް ކިޔައެވެ. މިއަތޮޅުގެ ނަން ނިސްބަތްވަނީ މިއަތޮޅުގައި އޮންނަ "ފާދޫ" އަށެވެ. މިއަތޮޅުގެ ވެރިކަންކުރާ ރަށަކީ "ނައިފަރު" އެވެ. އަތޮޅުގެ އެންމެ ދިގުގޮތަށް ހުރީ 17.8 ނޯޓިކަލް މޭލެވެެ. އެއީ އޮޅުވެލިފުށިން މަޑިވަރަށެވެ. ފުޅާމިނަކަށް ހުރީ 14.2 ނޯޓިކަލް މޭލެވެ. އެއީ ކަނިފުށިން ފެހިގިއްޔަށެވެ.

މިއަތޮޅަށް ދެވިފައިވާ އިނގިރޭސި އަކުރަކީ "G" އެވެ. އަތޮޅުގެ ރަށްތަކުގެ ޢަދަދަކީ 55 އެވެ. މީގެތެރެއިން މީހުން ދިރިއުޅެނީ 5 ރަށުގައެވެ. ލާމަރުކަޒީ އުޞޫލުން މީހުން ދިރިއުޅެން އަލަށް އާބާދުކުރާ މާފިލާފުށި ހިމެނެނީވެސް މިއަތޮޅުގައެވެ. އަދި ސިނާއީ މަސައްކަތްކުރާ ކާރުޚާނާ "ފެލިވަރު ޓޫނާ ޕްރޮސެސިންޕްލާންޓް" ހިނގަމުންދަނީ މިއަތޮޅު ފެލިވަރުގައެވެ. މީގެއިތުރުން ޓޫރިސްޓް ރިޒޯޓް ހިންގާ 4 ރަށް މިއަތޮޅުގައި އޮވެއެވެ.

އަތޮޅުގެ ރަށްތައް އުފެދިފައިވާ ގޮތަށް ބަލާއިރު އިރުމަތީ ދުނި ފެށެނީ އަލިގާ އިންނެވެ. ނިމެނީ ފެހިގިލި އަށެވެ. އަތޮޅުގެ ހުޅަނގުދުނި ފެށެނީ ކަނިފުށިންނެވެ. ނިމެނީ ކުރެއްދޫ އަށެވެ.

2005 ޖުލައިގެ ނިޔަލަށް އަތޮޅުގެ އާބާދީ އަކީ 11130 އެވެ. އެއީ 5815 ފިރިހެނުންނާއި، 5315 އަންހެނުންނެވެ.

މިއަތޮޅުގައި އާމްދަނީހޯދުމަށް ގިނަ ބަޔަކު ކުރާ މަސައްކަތަކީ މަސްވެރިކަމާއި، ވިޔަފާރިކުރުމާ، ވަޒީފާ އަދާކުރުމެވެ. އަތޮޅަކީ ދެމޫސުމަށްވެސް މަސްވެރިކަންކުރާ އަތޮޅެކެވެ. ނަމަވެސް ކުރެންދޫއާ އޮޅުވެލިފުށްޓަށް ފަޅުގެ ދަތިކަން ހުރުމާއެކު މަސްވެރިކަން ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. މަސްވެރިކަން އެންމެ އެދެވޭގޮތެއްގައި ކުރާރަށްރަށަކީ ނައިފަރެވެ. އަތޮޅުގެ ރަށްރަށުގެ ތެރެއިން ތަފާތު ބާވަތްތަކުގެ ގަސްގާގެހި ހައްދާ ރަށެއްގެގޮތުގައި ކުރެންދޫ ފާހަގަކޮށްލެވެއެވެ.

ފާދިއްޕޮޅަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް ފިޔަވައި ތަޢުލީމީގޮތުން ފާހަގަކޮށްލެވޭ އަތޮޅެކެވެ. މިގޮތުން ޚާއްޞަގޮތެއްގައި މިއަތޮޅު ނައިފަރު ފާހަގަކޮށްލެވެއެެވެ.

ނައިފަރުގައި ތަޢުލީމުގެ ބިންގާ އަޅުއްވާދެއްވީ ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން އައްޝައިޚް ޢަބްދުﷲ ފަހުމީ ދީދީ (ޖަލާލުއްދީނު) އެވެ. އެއީ ހިޖުރައިން 1352ޙ. ގައެވެ. ނައިފަރުގެ ތަޢުލީމީ ބިނާކަމުގައިވާ މަދުރަސަތުލް އިފްތިތާޙަކީ ކުރީގައި މުޅި އުތުރުގައި ތަޢުލީމީގޮތުން އެންމެ ކުރިއަރައިގެންއައި، ޤައުމަށް ބޭނުންތެރި އެތައް ދަރިންނެއް އުފައްދާފައިވާ މަދުރަސާއެކެވެ. ފަޚުރުވެރި މާޒީއެއްއޮތް މި މަދްރަސާއަކީ ރާއްޖޭގައި ހުރި ޢުމުރުން އެންމެ ގިނަދުވަސްވީ ދެވަނަ މަދްރަސާއެވެ.

27 ޞަފަރު 1352ޙ. ގައި ހުޅުވުނު މިމަދްރަސާ ހިނގަމުން އަންނަނީ އެދުވަސްވަރަކާގުޅޭ ތަފާތު ބަދަލުތަކާވެސް އެކުގައެވެ. 2005 ވަނަ އަހަރު މިމަދުރަސާގައި ޖީ.ސީ.އީ. އޭލެވެލްއަށް ކިޔަވައިދޭން ފަށާފައިވެއެވެ. މިމަދްރަސާގައި 497 އަންހެން ކުދިންނާއި 512 ފިރިހެން ކުދިން ތަޢުލީމް ޙާޞިލުކުރަމުން ގެންދެއެވެ. މީގެތެރޭގައި އަތޮޅުންބޭރު އެހެން ރަށްރަށުގެ ކުދިންވެސް ހިމެނެއެވެ.

ހިންނަނަވަރުގައި ހުންނަ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބިންގާ އަޅާފައިވަނީ 04-06-1981 ގައެވެ. މިސްކޫލް ހުޅުއްވާދެއްވީ 10-03-1984 ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ. މިސްކޫލަކީ ކުދިންނަށް ތަޢުލީމް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ސްކޫލެކެވެ. މިސްކޫލްގައި 2004 ވަނަ އަހަރު ޖީ.ސީ.އީ. އޭލެވެލްއަށް ކިޔަވައި ދޭން ފަށާފައިވެއެވެ. މިސްކޫލްގައި 537 އަންހެން ކުދިންނާއި 579 ފިރިހެން ކުދިން ތަޢުލީމް ޙާޞިލުކުރަމުން ގެންދެއެވެ. މީގެތެރޭގައި މީގެތެރޭގައި އަތޮޅުންބޭރު އެހެން ރަށްރަށުގެ ކުދިންވެސް ހިމެނެއެވެ.

ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދްރަސާގެ ބިންގާ އަޅުއްވާދެއްވީ 15-12-1983 ގައި އޭރު ފާދިއްޕޮޅު އަތޮޅުވެރިޔާގެ މަޤާމްގައި ހުންނެވި އަލްފާޟިލް ކުއްޅަވައް އިބްރާހީމްދީދީއެވެ. މި މަދްރަސާ ހުޅުއްވާދެއްވީ 09-03-1984 ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ. މިމަދްރަސާއަކީ 2002 ވަނަ އަހަރުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވާދެމުން ގެންދާ ސްކޫލެކެވެ. މިސްކޫލްގައި 233 އަންހެން ކުދިންނާއި 234 ފިރިހެން ކުދިން ތަޢުލީމް ޙާޞިލުކުރަމުން ގެންދެއެވެ. މީގެތެރޭގައި އަތޮޅުންބޭރު އެހެން ރަށްރަށުގެ ކުދިންވެސް ހިމެނެއެވެ.

އޮޅުވެލިފުށީ ސްކޫލަކީ ގްރޭޑް 7 ގެ ފެންވަރަށް ކިޔަވައިދޭ ސްކޫލެކެވެ. މިސްކޫލް 2005 ޖުލައިގެ ނިޔަލަށް ހިންގާފައިވަނީ އޮޅުވެލިފުށީ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ. ސަރުކާރުން ހިންގާ ސްކޫލަކަށް މިސްކޫލް 2005 އޮގަަސްޓް 1 ން ފެށިގެން ވަނީ ބަދަލުކުރައްވާފައެވެ. މިސްކޫލްގައި 54 އަންހެން ކުދިންނާއި 44 ފިރިހެން ކުދިން ތަޢުލީމް ޙާޞިލުކުރަމުން ގެންދެއެވެ.

މިއަތޮޅު މާފިލާފުށީސްކޫލަކީވެސް ގްރޭޑް 7 ގެ ފެންވަރަށް ކުދިންނަށް ކިޔަވައިދެއްވަމުން ގެންދަވާ ސްކޫލެކެވެ. މިސްކޫލްގައި 10 އަންހެންކުދިންނާ، 17 ފިރިހެންކުދިން ތަޢުލީމް ޙާޞިލުކުރަމުން ގެންދެއެވެ.

އަދި 4 ޕްރީސްކޫލް މިއަތޮޅުގައި ހުރެއެވެ. މިސްކޫލްތަކުގައި ޢުމުރުން 3 އަހަރު ފުރި 6 އަހަރު ނުފުރޭ ކުދިނަށް ކިޔަވައި ދެމުން ގެންދެއެވެ.

  • ޅ. ނައިފަރު ރޯޝަނީ ޕްރީސްކޫލް އަންހެން 45 ފިރިހެން 57
  • ޅ. ނައިފަރު ނޫރާނީ ޕްރީސްކޫލް އަންހެން 63 ފިރިހެން 60

މި ދެސްކޫލަކީ ނައިފަރުގެ ރައްޔިތުންހިންގާ ދެސްކޫލެވެ.

  • ޅ. ހިންނަވަރު ފަންނު ޕްރީސްކޫލް އަންހެން 58 ފިރިހެން 51

މިސްކޫލަކީ ހިިންނަވަރު އަމިއްލަފަރާތަކުން ހިންގާ ސްކޫލެކެވެ.

  • ޅ. ކުރެންދޫ ޙަބަޝީ ޕްރީސްކޫލް އަންހެން 38 ފިރިހެން 52

މިސްކޫލަކީ ކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގާ ސްކޫލެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ފުރަތަމަ ހުޅުއްވައި ދެއްްވި ޞިއްޙީމަރުކަޒު ހުޅުވުނީ މިއަތޮޅު ނައިފަރުގައެވެ. މިތަން ފުރަތަމަ ހުޅުވުނީ ހަމައެކަނި ބަލިމީހުންބަލާ ބޭސްއަޅާދޭ ތަނެއްގެ ގޮތުގައެވެ. އެއީ 12 މާރޗް 1964 ގައެވެ.

މިމަރުކަޒުންދެވޭ ޚިދުމަތްތައް އިތުރުކޮށް ފެންވަރު ރަނގަޅުކުރުމަށް މިއަދާއި ހަމައަށް ކުރެވުނު ތަފާތު މަސައްކަތްތަކުގެސަބަބުން މިހާރު އެމަރުކަޒުވަނީ ފެންވަރުރަނގަޅު އެކަށީގެންވާ ޚިދުމަތްދޭ އަތޮޅުހޮސްޕިޓަލަކަށް ބަދަލުވެފައެވެ. ޞިއްޙީމަރުކަޒުގެ ނަން ޅ. އަތޮޅު ހޮސްޕިޓަލުގެ ނަމަށް ބަދަލުވީ 11 ޖޫން 2001 ގައެވެ. މިހޮސްޕިޓަލުން ޚިދުމަތް ލިބިގަތުމަށްޓަކައި ކ. ކާށިދޫ އަދި ނ. އަތޮޅުގެ ރަށްރަށުން ގިނަ ޢަދަދަކަށް މީހުން އަންނަކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން މިއަތޮޅުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ގޮތުގައި ހިންނަވަރު ޞިއްޙީމަރުކަޒު، ކުރެންދޫ ހެލްތްޕޯސްޓް، އޮޅުވެލިފުށީ ހެލްތްޕޯސްޓް ހިމެނެއެވެ. އަލަށް އާބާދުވާ މާފިލާފުށްޓަކީވެސް ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޞިއްޙީ މަރުކަޒެއް ޤާއިމްކުރެވިފައިވާ ރަށެކެވެ.

މިއަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ގިނަ ގޯތިތައްހުންނަނީ ޒަމާނާ އެކަށީގެންވާ ފެންވަރަށް ރާނާފައެވެ. މިއަތޮޅުގައި މިހާރު މީހުންދިރިއުޅޭ ރަށްރަށަކީ ވަރަށްބޮޑަށް ބިމުގެ ދަތިކަން ފޯރާފައިވާ ރަށްރަށެވެ. މިކަން ޙައްލުކޮށްދެއްވުމުގެ ގޮތުން ނައިފަރާ ހިންނަވަރުގެ ބިން ސަރުކާރުން ހިއްކަވާދެއްވާފައި ވެއެވެ.

ބޭންކްގެ ޚިދުމަތް

އުނިއިތުރު ގެންނަވާ

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ނައިފަރުގައި ބޭންކްގެ ޚިދުމަތް ދެއްވަންފެއްޓެވީ 26 ޖޫން 1990 ގައެވެ. ފުރަތަމަ ބޭންކްގެ ޚިދުމަތްދެއްވީ (ބޭސްގެ) ކިޔާ ޢިމާރާތުގައި މިހާރު ބޭންކް އޮފް މޯލްޑިވްސްގެ އުތުރުން ހުރި ޢިމާރާތުގައެވެ. ބޭންކް އޮފް މޯލްޑިވްސް ނައިފަރު ބްރާންޗްގެ ނަމުގައި ޢިމާރާތެއް އަޅައި އެޢިމާރާތް ހުޅުވާދެއްވީ 15 މާރޗް 1995 ގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމެވެ.

ކުލަބް / ޖަމްޢިއްޔާ ޖަމާޢަތްތައް

އުނިއިތުރު ގެންނަވާ

މިއަތޮޅުގައި 13 ޖަމާޢަތް އުފެދިފައިވެއެވެ. ޒުވާނުންގެ މެދުގައި އިޖްތިމާޢީރޫޙް އާކޮށް އާލާކުރުމާއި ކުޅިވަރު ކުރިއަރުވާ ރަށުގެ ތަރައްޤީއަށް ކުރެވޭ ތަފާތު މަސައްކަތްތަކުގައި މިޖަމާޢަތްތަކުން ޙަރަކާތްތެރިވެއެވެ.

26 ޑިސެމްބަރ 2004 ގައި ބޮޑުރާޅުއެރުމާއި ގުޅިގެން ރަށްރަށުގެ ފެން ވަނީ ލޮނުވެފައެވެ. މިއަތޮޅުގެ ނައިފަރު، ހިންނަވަރު، ކުރެންދޫ، އޮޅުވެލިފުށި، މާފިލާފުށްޓަކީ 24 ގަޑިއިރު ކަރަންޓްލިބެންހުންނަ ރަށްރަށެވެ. ކުރެންދުއާއި، އޮޅުވެލިފުށްޓަށް ކަރަންޓްދެމުން ގެންދަނީ ރައްޔިތުންގެ ފަރާތުންނެވެ.

- މޯބައިލްފޯނުގެ ޚިދުމަތްވެސް މިރަށްރަށަށް ލިބެއެވެ.

- މިއަތޮޅުގައި 15 މިސްކިތް ހުރެއެވެ.

- މާލެދަތުރުކުރާ 5 ބޯޓާއި، މަސްވެރިންކުރާ 65 އުޅަނދު މިއަތޮޅުގައި އޮވެއެވެ.

- މިއަތޮޅުގައި ޑޮކްޓަރީ ބޭސްވިއްކާ 9 ފާރމަސީ ހުރެއެވެ. މިފާރމަސީ ތަކަކީ އެރަށްރަށުގެ މީހުން އަމިއްލައަށް ހިންގާ ފާރމަސީތަކެކެވެ.

އިތުރުފާލަންތައް

އުނިއިތުރު ގެންނަވާ

ޅ.އަތޮޅު އޮފީހުގެ ވެބްސައިޓް


ދިވެހިރާއްޖޭ ގެ އަތޮޅުތައް

ހއ. އަތޮޅު   ހދ. އަތޮޅު   ށ. އަތޮޅު   ނ. އަތޮޅު   ރ. އަތޮޅު   ބ. އަތޮޅު   ޅ. އަތޮޅު   ކ. އަތޮޅު   އއ. އަތޮޅު   އދ. އަތޮޅު   ވ. އަތޮޅު   މ. އަތޮޅު   ފ. އަތޮޅު   ދ. އަތޮޅު   ތ. އަތޮޅު   ލ. އަތޮޅު   ގއ. އަތޮޅު   ގދ. އަތޮޅު   ޏ. އަތޮޅު   ސ. އަތޮޅު