ހޯރަފުށި (ހއ. އަތޮޅު)

ދިވެހިރާއްޖޭގެ ރަށެއް

ހޯރަފުށި

ޚުލާސާ މައުލޫމާތު
އަތޮޅު ތިލަދުންމަތީ އުތުރުބުރި
އޮންނަތަން
އަކަމިން
އާބާދީ 3,291
ދިގުމިން 1750m
ފުޅާމިން 450m
މާލެ އާއި ހުރި ދުރުމިން 316.95km
އިދާރީ މައުލޫމާތު
ރަށު ކަތީބު
ރަށު އޮފީސް ފޯން ނަމްބަރު 6500012 960+
ރަށު ފެކްސް ނަމްބަރު 6500012 960+

ހޯރަފުށްޓަކީ ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން މީހުން އާބާދުވެފައިވާ ރަށެކެވެ.

ހޯރަފުށީގައި އެންމެ ފުރަތަމަވެސް މީހުން ދިރިއުޅެން ފެށިކަމަށް ބުނެވެނީ ތާރީޚަކީ ހިޖުރީ ސަނަތުން 1143 ވަނަ އަހަރުއެވެ. މިއަހަރުގެ ކުރިން ހޯރަފުށްޓަކީ ހޯރަ ދޫންޏާއި، އެހެން ބާވަތްތަކުގެ ގިނަ ޢަދަދެއްގެ ދޫނިތައް އަރައި އުޅުނު ފަޅުރަށެކެވެ. ހޯރަފުށީގައި ފުރަތަމަ އާބާދުވީ، ހޯރަފުށީ ފަޅުތެރޭގައި ރަށާ ދާދި ކައިރީގައި އޮތް ހުވަހަންދޫގައި ދިރިއުޅުނު މީހުންނެވެ. ބުނެވޭ ގޮތުގައި ހުވަހަންދޫގެ މީހުން ހޯރަފުށްޓަށް ބަދަލުވާންޖެހުނު ސަބަބަކީ ހުވަހަންދޫގައި މިނި ރޯނުވެ، އާބާދީ ދަށްވެ، ތަފާތު ރޯގާތަކުގައި މާގިނައިން މީހުން މަރުވާން ފެށުމެވެ.

ހޯރަފުށްޓަކީ މިހާރު އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން އާބާދީގެ ގޮތުން ދެ ވަނައަށް އެންމެ މީހުންގިނަ ރަށެވެ. ހޯރަފުށީގެ އާބާދީގައި މިހާރު 3330 މީހުން އެބަތިއްބެވެ. އެއީ 1635 އަންހެނުންނާއި، 1695 ފިރިހެނުންނެވެ. ހޯރަފުށި އޮންނަ ޕޮޒިޝަނަކީ ލެޓިޓިއުޑް 06-58N، ލޮންޖިޓިއުޑް 72-53E އެވެ. ހޯރަފުށީގެ ޖުމްލަ ބޮޑުމިނަކީ 63.5 ހެކްޓަރެވެ. ރަށުގައި މީހުން ދިރިއުޅޭ 525 ގެ ހުރެއެވެ. ހޯރަފުށްޓަކީ ކުރިމަގުގައި ފަސޭހަކަމާއެކު ބިން ބޮޑު ކުރެވޭ ގޮތަށް ވަރަށް ބޮޑު ތިލަ ފަޅެއްގެ ތެރޭގައި އޮތް ރަށެކެވެ. މިފަޅަކީ ހއ. ހުވަހަންދޫ އިން ފެށިގެން ހއ. އިންނަފިނޮޅާ ހަމައަށް ދިގު ދެމިފައިއޮތް ފަޅެކެވެ. މިފަޅުގައިވާ ހުރިހާ ރަށްރަށަކީ ޤުދުރަތީ ގޮތުން ދޮންވެލިން މުއްސަނދިވެފައިވާ ގޮނޑުދޮށްތަކަކާއި ރީތި ތުނޑިތަކެއްގެ މައްޗަށް އެކުލެވިފައިވާ ހިތްގައިމު ރަށްތަކެކެވެ. ހޯރަފުށިއޮތް ފަޅުތެރޭގައި ހޯރަފުށްޓާއެކު، އެއްރަށް އަނެއްރަށާއި ގުޅައިލެވޭގޮތަށް 09 ފަޅުރަށް އެބައޮތެވެ. އެއީ، ހއ. ހުވަހަންދޫއާއި، އުނގުލިފިނޮޅާއި، ވެލިފިނޮޅާއި، މާފިނޮޅާއި، އުމަރަތްފިނޮޅާއި، ހަތިފުށްޓާއި، މަތީރަށާއި އަދި އިންނަފިނޮޅެވެ. 2013 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ހޯރަފުށްޓާ ހާހެއްހާ ފޫޓް ދުރުގައި އޮތް ކުޑަފިނޮޅު ވަނީ ޤުދުރަތީ ގޮތުން ހޯރަފުށްޓާ ގުޅިފައެވެ.

ރަށުގެ މީހުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތްތަކަކީ، މަސްވެރިކަމާއި ތަފާތު ވަޒީފާތައް އަދާކުރުމާއި، ކޮންޓްރެކްޓް މަސައްކަތާއި، ފެހުމާއި އަދި ކުދި ވިޔަފާރި ކުރުމުގެ މަސައްކަތެވެ. ހޯރަފުށީގައި ދައުލަތުގެ މުއައްސަސާތަކުގެ ގޮތުގައި 07 މުއައްސަސާހުރެއެވެ. އެއީ، ހޯރަފުށީ ކައުންސިލްގެ އިދާރާއާއި، ހޯރަފުށީ މެޖިސްޓްރޭޓް ކޯޓާއި، ހއ. އަތޮޅު މަދަރުސާއާއި، ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި، ހޯރަފުށީ ޞިއްޙީމަރުކަޒާއި، ހޯރަފުށީ އިންޖީނުގެއާއި، ހއ. ހޯރަފުށީ އެސްޓީއޯ ފިހާރައެވެ. ހޯރަފުށްޓަކީ ލަފާ ފުރުމުގައި އެއްވެސް ދަތިކަމެއް ނެތް ޒަމާނީފެންވަރަށް ހަދާފައިވާ 1209X300 ފޫޓުގެ ބަނދަރެއް އޮންނަ ރަށެކެވެ. ހޯރަފުށީގައި އާދަމްސަލީމް ހަނދާނީ ޕްރީސްކޫލްގެ ނަމުގައި އަންނަނީ އަމިއްލަފަރާތަކުން ޕްރީސްކޫލް ތަޢުލީމުގެ ޚިދުމަތް ދެމުންނެވެ.  އަދި ހޯރަފުށީގައި ހއ.އަތޮޅު މަދަރުސާގެ ނަމުގައި މެދުމަދަރުސީ ތަޢުލީމާއި، ޘާނަވީ ތަޢުލީމާއި، މަތިޘާނަވީ ތަޢުލީމް ފުޅާދާއިރާއެއްގައި ދެމުން ގެންދެއެވެ. އަދި ހޯރަފުށީގެ ތަޢުލީމީ ދަންމަރަށް ކަޅި ހިންގާލާއިރު ކީރިތިޤުރްއާންގެ ތަޢުލީމަކީވެސް އަމިއްލަ ފަރާތަކުން ވަރަށް އެދެވޭ ގޮތެއްގައި ކާމިޔާބުކަމާއެކު “ތަޢުލީމުލްބަޔާން” ގެ ނަމުގައި ދެމުން އަންނަ ޢިލްމެކެވެ. އަދި  ވިޔަފާރިޔާއި އިޤްތިޞާދަށް ބަލާލާއިރު ހޯރަފުށީގައި 46 ފިހާރައާއި، 02 ރެސްޓޯރެންޓާއި، 01 ހޮޓަލާއި، 02 ފާރމަސީ ހުރެއެވެ. މީގެ އިތުރުން މިރަށުގައި މަހަށް ފުރާ 07 އުޅަނދު އޮތްއިރު ކަނޑުގައި ދުއްވުމަށް ރަޖިސްޓަރ ކޮށްފައިވާ  17 އުޅަނދާއި، އެއްގަމުގައި ދުއްވާ 156 އުޅަނދު އޮވެއެވެ. އަދި ރަށުގެ މަގު ގޯޅިތަކާއި، ބަނދަރާއި، އިޖުތިމާޢީ ސަރަޙައްދު ދިއްލުމަށްޓަކައި 237 ބައްތި ބޭނުން ކުރެވެއެވެ. ރަށުގައި އުފެދޭ ކުނި ނައްތާލުމަށްޓަކައި، ރަށުގެ ދެކޮޅުގައި 02 ކުނިކޮށި ތައްޔާރުކޮށް ހަމަޖެހިފައިވާ އުޞޫލުގެ މަތިން އެކުނި ކޮށިތަކުގެ ބޭނުން ރަށުގެ ރައްޔިތުން ހިފަމުންދެއެވެ.

ދިރާގާއި، އުރީދޫގެ ފަރާތުން ރަށުގައި މޮބައިލް ފޯނުގެ ޚިދުމަތް ދެމުން ގެންދެއެވެ. އަދި އަމިއްލަ ދެ ކުންފުންޏަކުން ކޭބަލް ޓީވީގެ ޚިދުމަތް ދެއްވަމުން އަންނައިރު ޕީ.އެސް.އެމްގެ ފަރާތުން މިދާއިރާގެ ރަށްތަކަށް ސަރުކާރުގެ ޓީވީ ސިގުނަލް ދޫކުރުމަށްޓަކައި އެންޓަނާއެއް ޖަހައިގެން ދަނީ އެޚިދުމަތްދެމުންނެވެ. މީގެ އިތުރުން މިހާރު ހޯރަފުށީގައި އިންޓަރނެޓް ސަރވިސް ދަނީ ފުޅާދާއިރާއެއްގައި ވައިލެސްކޮށް ދެއްވަމުންނެވެ. ހޯރަފުށްޓަކީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން 24 ގަޑީއިރު ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ރަށެކެވެ. ޖުމްލަ ގޮތެއްގައި ހޯރަފުށީގެ ރައްޔިތުންނަކީ ދީނީ، އިޖްތިމާޢީ، ޤައުމީ، ޘަޤާފީ ކަންކަމަށް ލޯބިކުރާ ބައެއްކަމުގައި ދަންނަވާލަން ޖެހެއެވެ. އަދި މީގެ އިތުރުން ތަރައްޤީގެ ބޮޑެތި ކަންކަމުގައި ހޯރަފުށީގެ ރައްޔިތުންނާއި ޒުވާނުންގެ އެހީތެރިކަން ލިބޭކަން އުފަލާއެކު ފާހަގަ ކުރަމެވެ.


ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް