މަގޫދޫ (ފ. އަތޮޅު)
ޚުލާސާ މައުލޫމާތު | |
އަތޮޅު | ނިލަންދެއަތޮޅު އުތުރުބުރި |
އޮންނަތަން | |
އަކަމިން | |
އާބާދީ | 1633 |
ދިގުމިން | 1175މ |
ފުޅާމިން | 725މ |
މާލެ އާއި ހުރި ދުރުމިން | 140ކމ |
އިދާރީ މައުލޫމާތު | |
ރަށު ކަތީބު | މޫސާ އަޙުމަދު |
ރަށު އޮފީސް ފޯން ނަމްބަރު | 6740521 (960+) |
ރަށު ފެކްސް ނަމްބަރު | 6740521 (960+) |
މަގޫދޫއަކީ އަތޮޅުވެރިކަންކުރާ ރަށް ނިލަންދޫގެ އިރުން އޮންނަ، މީހުންދިރިއުޅޭ ރަށްތަކުގެ ތެރެއިން ދެވަނަ ރަށެވެ. 18 ޖެނުއަރީ 1999 ގައިއަތޮޅުވެރިކަން ސަރުކާރުން ނިލަންދުއަށް ބަދަލުކުރުމާއި ހަމައަށް އަތޮޅުވެރިކަން ކުރަމުން ދިޔައީ މިރަށުގައެވެ. މިރަށުގައި ވަރަށް ގިނަ ޒަމާންތަކެއް ވަންދެން އަތޮޅުވެރިކަން ކޮށްފައިވެފައެވެ.
އިގްތިޞާދު
އުނިއިތުރު ގެންނަވާމަގޫދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. މިރަށު މީހުން މިހާރު އެންމެ ގިނައިން ކޮށްއުޅެނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި، ފަންގިވިނުމާއި، ވަޑާންކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި އަދި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.
މަގޫދޫގައި އެރަށުގެ ރައްޔިތުންގެ ނަމުގައި ރަނގަޅު ފެންވަރަކަށް ވިޔަފާރި ކުރަމުން ދެއެވެ. މި ވިޔަފާރިއަކީ މިރަށުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގެ ގޮތުންނާއި، ރައްޔިތުންނަށް އިތުރު އާމްދަނީ ހޯދުމުގެ ގޮތުން ކުރަމުންދާ ވިޔަފާރިއެކެވެ. މަގޫދޫ ރައްޔިތުންގެ ނަމުގައި ކުރަމުންދާ ވިޔަފާރިން ކާބޯތަކެއްޗާއި، ގޭސް އަދި ޢާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ ޢަދަދެއްގެ ސާމާނު ލިބެން ހުރެއެވެ. މީގެ އިތުރުން ޑީސަލާއި، ޕެޓްރޯލާއި، ޑޮކްޓަރީ ބޭހަކީވެސް މިރަށުގެ ރައްޔިތުންގެ ނަމުގައި ކުރަމުންދާ ވިޔަފާރިއެކެވެ.
މަގޫދޫ އޮފީސް
އުނިއިތުރު ގެންނަވާމިހާރު މަގޫދޫ އޮފީސް ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ އޮފީހެކެވެ. މަގޫދޫ ކޯޓާއި ރަށްވެހިގެ ހިމެނޭ ގޮތަށް ޢިމާރާތް ކޮށްދެއްވި މި އޮފީހުގައި މަސައްކަތް ކުރަން ފަށާފައިވަނީ 2000 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެންނެވެ. އޭރުގެ ކުރިން މަގޫދޫ އޮފީސް ހިންގަމުން ގޮސްފައިވަނީ މަގޫދޫ ރައްޔިތުންގެ ޢިމާރާތެއްގައެވެ.
ތަޢުލީމު
އުނިއިތުރު ގެންނަވާމަގޫދޫގައި 10 އޮކްޓޯބަރ 1971 ން ފެށިގެން މަގޫދޫ ސްކޫލުގެ ނަމުގައި ސްކޫލެއް ހިންގަން ފެށިފައި ވެއެވެ. މިސްކޫލު ބަދަލުވެފައިވަނީ ފަހުން މިއަތޮޅުގެ އަތޮޅުމަދަރުސާ އަށެވެ. އަތޮޅުމަދަރުސާ މަގޫދޫގައި ހުރި އިރު އަތޮޅުގެ އެކި ރަށްރަށުގެ ކުދިން އެމަދަރުސާގައި ތަޢުލީމު ޙާޞިލް ކުރަމުން ގޮސްފައި ވެއެވެ. ޖަޕާނު ސަރުކާރުން ފީއަލީގައި ޢިމާރާތްކޮށްދެއްވި މަދަރުސާއާއި ގުޅިގެން މަގޫދޫގައި ހުރި އަތޮޅުމަދަރުސާ ފީއައްޔަށް ސަރުކާރުން ބަދަލުކުރެއްވިއެވެ.
09 އޮކްޓޯބަރ 2003 ގައި މަގޫދޫ ސްކޫލު ސަރުކާރު ސްކޫލަކަށް ބަދަލުކުރެއްވުމާއި ހަމައަށް އެސްކޫލު ހިންގަމުން ގޮސްފައިވަނީ މަގޫދޫ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ. މިރަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން 2003 ވަނަ އަހަރު ސެކަންޑްރީއަށް ކިޔަވައިދޭންފެށި މިސްކޫލުގައި މިހާރު ގްރޭޑް 10 އަށް ކިޔަވައިދެމުން ދެއެވެ. އޭގެ ކުރިން މިސްކޫލުގައި ގްރޭޑް 5 ގެ ފެންވަރަށް އަދި ގްރޭޑް 7 ގެ ފެންވަރަށް އެކި ދުވަސްވަރު ކިޔަވައިދެމުން ގޮސްފައި ވެއެވެ. މިސްކޫލުގައި އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލް ހަދާފައިވަނީ 2005 ގައެވެ. މަގޫދޫގައި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ޕްރީސްކޫލެއް ހިންގަމުން ދެއެވެ. މީގެ އިތުރުން އެރަށުގެ ބައެއް މީސްމީހުން ކުޑަކުދިންނަށް ކިޔަވައިދޭ ޤުރުއާން ކުލާސްވެސް ހިންގަމުން ދެއެވެ.
ޞިއްޙަތު
އުނިއިތުރު ގެންނަވާމަގޫދުއަކީ މިއަތޮޅުގައި ޞިއްޙީ މަރުކަޒެއްގެ ޚިދުމަތް ލިބެންފެށި ފުރަތަމަ ރަށެވެ. މަގޫދުއަކީ ކުރިން އަތޮޅުވެރިކަން ކުރާ ރަށްކަމަށްވުމުންނާއި ޞިއްޙީމަރުކަޒު ހުރި ރަށްކަމަށްވުމުން އަތޮޅުގެ ހުރިހާ ރަށެއްގެ މީހުން ރަށުން ލިބެންނެތް ޞިއްޙީ ފަރުވާ ހޯދުމަށް ގޮސްއުޅެނީ މަގޫދުއަށެވެ. ޒަމާނަށް އަންނަ ބަދަލާއި ގުޅިގެން ޞިއްޙީ ޚިދުމަތް ލިބެމުން ގޮސްފައިވަނީ އެކި ދުވަސްވަރު އެކި ވަރަށެވެ. އަތޮޅުގައި އެންމެ ފުރަތަމަ ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށީވެސް މިމަރުކަޒުގައެވެ. އެއީ 1994 ވަނަ އަހަރުގައެވެ. މަގޫދޫ ޞިއްޙީ މަރުކަޒަކީ މިހާރު އަތޮޅު ހޮސްޕިޓަލް ފިޔަވައި ޞިއްޙީ ޚިދުމަތް އަތޮޅުގައި އެންމެ ރަނގަޅަށް ލިބެން ހުރި މަރުކަޒެވެ.
އެންމެ ކުރީގައި ޞިއްޙީ ޚިދުމަތް ދެމުން ދިޔައީ އަތޮޅު ރައްޔިތުންގެ ސިލްވަރސްޓަރ ޢިމާރާތުގައެވެ. މިހާރު ޞިއްޙީ މަރުކަޒު ހިންގަމުންދަނީ ރަނގަޅު ފެންވަރަކަށް ސަރުކާރުން އިމާރާތް ކޮށްދެއްވާފައިވާ އިމާރާތާއްގައެވެ. މިހާރު މަގޫދޫ ޞިއްޙީމަރުކަޒުގައި އީ.ސީ.ޖީ. ގެ ޚިދުމަތާއި ލެބޯރޓްރީގެ ޚިދުމަތް ލިބެން ހުރެއެވެ. ލެބޯރޓްރީގެ ޚިދުމަތްވެސް އަތޮޅުގައި އެންމެފުރަތަމަ ލިބެންފެށީ މިރަށު ޞިއްޙީމަރުކަޒުގައެވެ. އަދި މިމަރުކަޒުގައި 2004 ވަނަ އަހަރުން ފެށިގެން ތެލަސީމިއާ ކުދިންގެ ގަޔަށް ލޭ އެޅުމުގެ ޚިދުމަތް ލިބެން ހުރެއެވެ. މަގޫދުއަކީ އަތޮޅުގައި ދެވަނައަށް ތެލަސީމިއާ ކުދިން ގިނަ ރަށެވެ. މަގޫދޫގައި އެރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް ބޭސްހޯދައި ދިނުމުގެ ގޮތުން މިރަށުގެ ރައްޔިތުން ހިންގާ ބޭސްފިހާރައެއް ހުރެއެވެ. ޑޮކްޓަރީ ބޭހުގެ ޚިދުމަތް އަތޮޅުގައި ލިބެންފެށި ފުރަތަމަ ރަށަކީވެސް މަގޫދޫއެވެ.
ކަރަންޓް
އުނިއިތުރު ގެންނަވާމިރަށުގައި އެންމެފުރަތަމަ ކަރަންޓުގެ ޚިދުމަތް ދޭންފެށީ 1985 ވަނަ އަހަރު ރައްޔިތުންގެ ގޮތުންނެވެ. އެއީ 5 ކިލޯގެ ޖަނަރޭޓަރަކުންނެވެ. އޭރު ކަރަންޓުގެ ޚިދުމަތް ދެމުން ދިޔައީ ހަވީރު 6:00 ން ރޭގަނޑު 11:00 އަށެވެ. ރައްޔިތުންނަށް ދެމުންދިޔަ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކޮށް 30 އޯގަސްޓް 1992 ގައި 24 ގަޑި އިރަށް ކަރަންޓުގެ ޚިދުމަތްދޭން ފެށިފައި ވެއެވެ. މިރަށަކީ ރައްޔިތުންގެ ގޮތުން މިއަތޮޅުގައި އެންމެ ފުރަތަމަ 24 ގަޑިއިރަށް ކަރަންޓެދޭންފެށި ފުރަތަމަ ރަށެވެ. މިރަށުގެ ކަރަންޓްގެ ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑަތި އެހީތަކެއް ވެދެއްވާފައި ވުމުގެއިތުރުން އަމިއްލަ ބައެއް ފަރާތްތަކުންވެސް އެހީވެ ދެއްވާފައި ވެއެވެ.
އިތުރު ފާލަންތައް
އުނިއިތުރު ގެންނަވާ- ފ.އަތޮޅުގެ ރަސްމީ ވެބްސައިޓް
- ނިލަންދެ.ކޮމް
- ފާފު އޮބްޒާވަރ
- އެންޓިއެފްއޯ.ބްލޮގްސްޕޮޓް.ކޮމް
- އެންޓިފާފު.ބްލޮގްސްޕޮޓް.ކޮމް
- ފ.އަތޮޅު ހޮސްޕިޓަލްގެ ވެބްސައިޓް
- ނިލަންދޫ.ބްލޮގްސްޕޮޓް.ކޮމް
- އެޓޮލްސް ވެބްސައިޓް