ޝަހާދަތަކީ ހެކިވުމެވެ. އިސްލާމް ދީނުގައި ޝަހާދަތަކީ ގެ އެއްކައުވަންތަކަން ޤަބޫލުކޮށް މުޙައްމަދުގެފާނީ ގެ އަޅާ ކަމަށާއި ރަސޫލާކަމަށް ހެކިވުމެވެ.

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ޙަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 

ޝަހާދަތް
ޝަހާދަތް

ޝަހާދަތުގެ ދެކަލިމަ

އުނިއިތުރު ގެންނަވާ

ޝަހާދަތުގެ ދެ ކަލިމައަކީ: أَشْهَدُ أن لَا إلَهَ إلَّا اللهُ މި ކަލިމަޔާއި، أَشْهَدُ أن مُحَمَّدًا رَسُولُ الله މި ކަލިމައެވެ. ޝަހާދަތުގެ މި ދެ ކަލިމައަށް އެކީ ހެކިވުމަކީ އިސްލާމްދީނުގެ ފުރަތަމަ ރުކުނެވެ.

އަލްޢައްލާމާ ޑރ. ޞާލިޙް ބިން ފައުޒާން އަލް ފައުޒާން ވިދާޅުވިއެވެ.[1]

އެއީ އެއިން އެއް ކަލިމައަށް ހެކި­ވެފައި އަނެއް ކަލިމައަށް ހެކިނުވެއެއް ނުވާނެއެވެ. أَشْهَدُ أن لَا إلَهَ إلَّا اللهُ ކިޔައި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށް ހެކިވެފައި، مُحَمَّدٌ رَسُولُ اللهِ، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް އިންކާރުކުރާ ނަމަ ފުރަތަމަ ޝަހާދަތް، أَشْهَدُ أن لَا إلَهَ إلَّا اللهُ މި ޝަހާދަތް، ޞައްޙައެއް ނުވާނެއެވެ. ހަމަ އެހެންމެ، މުޙައްމަދު ﷺ ގެ ރިސާލަތަށް ހެކިވެފައި ﷲ ފިޔަވައި ޙައްޤު އިލާހެއް ނުވާކަމަށް އޭނާ އިންކާރު ކުރާނަމަ ރަސޫލާގެ ރިސާލަތަށް ހެކިވި ޝަހާދަތަކުން ފައިދާއެއް ނުކުރާނެއެވެ. ދެ ޝަހާދަތަށް އެކީ ހެކިވާން ޖެހޭނެއެވެ.

ﷲގެ އެއްކައުވަންތަކަމަށް ހެކިވުން

އުނިއިތުރު ގެންނަވާ

أَشْهَدُ أن لَا إلَهَ إلَّا اللهُ މި ކަލިމައިގެ މާނައަކީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ ފަރާތެއް ނުވާކަމަށް ތިމަން ޔަޤީންކޮށް އިޢުތިރާފުވަމެވެ.

މީ ގެ މާނަޔަކީ: އަޅުކަންކުރުމުގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމެވެ.

ﷲ ވަޙީކުރެއްވިއެވެ. ﴿ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ﴾ މާނައީ: “އެހެނީ، ހަމަކަށަވަރުން، ﷲ އީ، ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން، އެއިލާހު ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން، ﷲ އީ، އެންމެ މަތިވެރި، އެންމެ ޢަޡަމަތްތެރި އިލާހެވެ.”

މުޙައްމަދުގެފާނުގެ ރިސާލަތަށް ހެކިވުން

އުނިއިތުރު ގެންނަވާ

أَشْهَدُ أن مُحَمَّدًا رَسُولُ اللهِ މި ޝަހާދަތުގެ މާނައަކީ: "މުޙައްމަދުގެފާނީ ﷲގެ ޙަޟްރަތުން އެންމެހައި މީސްތަކުންގެ ގާތަށް — އިންސީންނާއި ޖިންނީންގެ ގާތަށް — ފޮނުއްވި ރަސޫލެއް ކަމަށް ތިމާ އިޢުތިރާފުވެ އިޤްރާރުވަމެވެ."

އަލްޢައްލާމާ ޑރ. ޞާލިޙް ބިން ފައުޒާން އަލް ފައުޒާން ވިދާޅުވިއެވެ.[1]

ފަހެ އެކަލޭގެފާނުގެ ރިސާލަތަށް ތިމާ އެތެރެފުށާއި ބޭރުފުށުން އިޤްރާރުވާން ޖެހޭނެއެވެ. ބޭރުފުށުން ތިމާގެ ދުލުންނެވެ. އެތެރެ ފުށުން ތިމާގެ ހިތުންނެވެ. އެކަލޭގެފާނީ ﷲގެ ރަސޫލާ ކަމަށް ދުލުން އިޤްރާރުވެފައި ހިތުން އެކަމަށް އިންކާރުކުރާނަމަ އޭނާއަކީ މުނާފިޤެކެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿إِذَا جَآءَكَ ٱلۡمُنَٰفِقُونَ قَالُواْ نَشۡهَدُ إِنَّكَ لَرَسُولُ ٱللَّهِۗ وَٱللَّهُ يَعۡلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشۡهَدُ إِنَّ ٱلۡمُنَٰفِقِينَ لَكَٰذِبُونَ﴾ “ކަލޭގެފާނުގެ އަރިހަށް މުނާފިޤުން އަތުވެއްޖެ ހިނދު، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، ﷲ ގެ ރަސޫލާ ކަމަށް ތިމަންމެން ހެކިވަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، އެކަލާނގެ ރަސޫލާ ކަން ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން، މުނާފިޤުންނީ، ދޮގުވެރިންކަމަށް ﷲ ހެކިވެވޮޑިގެންވެއެވެ.”

އެމީހުންނީ އެމީހުންގެ ޝަހާދަތުގައި — ހެކިވީ ހެކިވުމުގައި — ދޮގުވެރިންނެވެ. އެހެނީ ރަސޫލާ ﷺ ގެ ރިސާލަތަށް އެބައިމީހުން އިޢުތިރާފެއް ނުވެއެވެ. ދުލުން ކަމައެކަނި ޝަހާދަތުގެ ބަސްތައް ކިޔައިލަނީ މުސްލިމުންނާ އެކު އުޅެ، ދުނިޔަވީ ފައިދާތަކެއް ހޯދުމަށެވެ. ﴿‌ٱتَّخَذُوٓاْ أَيۡمَٰنَهُمۡ جُنَّةٗ﴾ “އެއުރެންގެ ހުވާތަކަކީ، އައްޑަނަތަކެއް ކަމުގައި އެއުރެން ހެދޫއެވެ.” އެބަހީ: އެމީހުން ވަންހަނާވެ ރައްކާތެރިވާން ސުތުރާއެއްގެ ގޮތުގައި އެ ބަސްތައް ހެދިއެވެ. އެކަމަކު އެބައިމީހުންގެ ހިތްތަކުގައި އެބައިމީހުންނީ ކާފަރުންނެވެ. އެހެނީ ރަސޫލާ ﷺ ގެ ރިސާލަތަށް ބޭރުފުށުންނާއި އެތެރެފުށުން ވެސް އިޢުތިރާފުވާން ޖެހޭނެއެވެ.

ހަމަ އެހެންމެ އެކަލޭގެފާނުގެ ރިސާލަތަށް ތިމާގެ ހިތުން އިޢުތިރާފުވެފައި، ދުލުން ފާޅުގައި އެ ބަސްތައް ބުނަން އިންކާރުކުރާ ނަމަ އޭނާ ވެސް މުއުމިނަކަށް ނުވާނެއެވެ. އެހެނީ މުޝްރިކުން ވެސް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އިޢުތިރާފުވިއެވެ.

ﷲ ވަޙީކުރެއްވިއެވެ. ﴿قَدۡ نَعۡلَمُ إِنَّهُۥ لَيَحۡزُنُكَ ٱلَّذِي يَقُولُونَۖ فَإِنَّهُمۡ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّٰلِمِينَ بِ‍َٔايَٰتِ ٱللَّهِ يَجۡحَدُونَ﴾ މާނައީ: “އެއުރެން (އެބަހީ: މުޝްރިކުން) ބުނާ ބުނުމުގެ ސަބަބުން ކަލޭގެފާނަށް މޮޅިވެރިކަން ލިބިވަޑައިގަންނަވަމުން ދާކަން ތިމަން ﷲ ދެނެވޮޑިގެންވަމެވެ. ފަހެ، އެއުރެން (ހިތުގެ އަޑިން) ކަލޭގެފާނު ދޮގެއް ނުކުރެތެވެ. އެހެނެއްކަމަކު އަނިޔާވެރިން ދެކޮޅުހަދަނީ ﷲ ގެ އާޔަތްތަކާ މެދުގައެވެ.” އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަން އެމީހުން ދަނެއެވެ. އެކަމަކު އެމީހުންގެ ބޮޑާކަމާއި ކިބުރުވެރިކަމާއި ޖާހިލިއްޔަ އިލާހުންތަކަށް އޮތް ތަޢައްޞުބުގެ ސަބަބުން އެމީހުން އެކަލޭގެފާނުގެ ރިސާލަތަށް ހެކިވުމަށް ހުރަސްއެޅިއެވެ.

ހަމެ އެގޮތަށް ޔަހޫދީންނާއި ނަޞާރާއިން ވެސް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އެބައި­މީހުންގެ ހިތް­ތަކުން އިޢުތިރާފުވެއެވެ. އެކަމަކު އެމީހުންގެ ދޫތަކުން އެކަމަށް އިޢުތިރާފުނުވެ، އެކަމާ އެމީހުން ދެކޮޅު­ހެދީއެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡرِفُونَهُۥ كَمَا يَعۡرِفُونَ أَبۡنَآءَهُمۡۖ وَإِنَّ فَرِيقٗا مِّنۡهُمۡ لَيَكۡتُمُونَ ٱلۡحَقَّ وَهُمۡ يَعۡلَمُونَ﴾ “ތިމަން ﷲ އެ ބަޔަކަށް ފޮތް ދެއްވި މީހުން އެއުރެންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު—އެބަހީ: ﷲ ގެ ރަސޫލާ ﷺ—ދަންނާނެއެވެ. އަދި އޭގެ ތެރެއިން ބަޔަކު ދެނެތިބެގެންމެ، ޙައްޤު ވަންހަނާ­ކުރާކަން ކަށަވަރެވެ.”

ފަހެ އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ދުލުން ބުނުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކު ދުލުން އެކަމަށް އިޢުތިރާފުނުވެ ހަމައެކަނި ހިތުން އެކަން ގަބޫލުކޮށްލުމަކުން ނުފުދޭނެއެވެ. އެހެނީ މުޝްރިކުންނާއި، ޔަހޫދީންނާއި ނަޞާރާއިން ވެސް ވީ އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަމަށް ހިތުން އިޢުތިރާފުވާ ބައެއް ކަމުގައެވެ. އެކަމަކު ދުނިޔޭގައި އެބައިމީހުންގެ މަޤާމާއި އެމީހުންގެ ރިޔާސަތު ގެއްލިދާނެ ކަމުގެ ބިރަށް، ނޫނީ ރަސޫލާ ﷺ އާ މެދު އޮތް ޙަސަދައެއްގެ ސަބަބުން، ނޫނީ އެބައިމީހުންގެ ބޮޑާކަމުގެ ސަބަބުން، ނޫނީ އެހެންވެސް ނުބައި އެދުމަކާ ހެދި އެ ބަސް ދުލުން ބުނަން އިންކާރުކުރީއެވެ.

ދެންފަހެ، އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ޙައްޤުގޮތުގައި ހެކިވާނަމަ ކޮންމެހެން ވެސް އެކަލޭގެފާނާ ތަބާވާން ޖެހޭނެއެވެ. އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ޙައްޤުގޮތުގައި ތިމާގެ އެރެތެފުށާއި ބޭރުފުށުން، [ހިތާއި ދުލުން،] ހެކިވެފައި އެކަލޭގެފާނާ ތަބާނުވާނަމަ، އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އޭނާ އެވީ ހެކިވުން، އޭނާގެ އެ ޝަހާދަތް، ޞައްޙަވެގެންނެއް ނުވާނެއެވެ.

ﷲ ވަޙީކުރެއްވިއެވެ. ﴿فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡۚ﴾ "ފަހެ، އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ ފަހެ، ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެއުރެން އެ ތަބާވަނީ، ހަމައެކަނި އެއުރެންގެ ހަވާނަފްސުގެ އެދުންތަކަށެވެ."

އެކަލޭގެފާނުގެ އެއްވެސް އަމުރުފުޅަކަށް ބޯނުލަނބާ މީހާއަކީ ކާފަރެކެވެ. އަދި ބައެއް ކަންކަމުގައި އެކަލޭގެފާނަށް ކިޔަމަންވެފައި އަނެއްބައި ކަންކަމުގައި އެކަލޭގެފާނަށް ކިޔަމަން ނުވާނަމަ އޭނާގެ ޝަހާދަތަކީ (ހެކިވީ ހެކިވުމަކީ) އުނިވެގެން ވާ ޝަހާދަތެކެވެ. އެކަލޭގެފާނަށް ކޮންމެހެން ވެސް ކިޔަމަންވާން ޖެހޭނެއެވެ.

ﷲ ވަޙީކުރެއްވިއެވެ. ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ﴾ މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށް ކިޔަމަން­ވާށެވެ! އަދި، ރަސޫލާ­އަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށް ވެސް ކިޔަމަން­ވާށެވެ!" ﴿‌يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوۡاْ عَنۡهُ وَأَنتُمۡ تَسۡمَعُونَ﴾ "އޭ އީމާންވެއްޖެ މީސް­ތަކުންނޭވެ! ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި (އެކަލޭގެފާނު ވިދާޅުވާ އެއްޗެއް) އަޑުއިވޭ ޙާލު ތިޔަބައިމީހުން އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ!" ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَلَا تُبۡطِلُوٓاْ أَعۡمَٰلَكُمۡ﴾ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި­މީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް ތިޔަބައި­މީހުން ބާޠިލު­ކޮށްނުލާށެވެ!" ﴿مَن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظٗا﴾ "ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲ އަށް ކިޔަމަން­ވެއްޖެއެެވެ. އަދި، ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަން ﷲ ކަލޭގެފާނު ނުފޮނުއްވަމެވެ." ﴿وَأَطِيعُواْ ٱللَّهَ وَٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ﴾ "އަދި، ﷲ އަށާއި، ރަސޫލާއަށް، ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ." ﴿‌وَإِن تُطِيعُوهُ تَهۡتَدُواْۚ﴾ "އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންވާނަމަަ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނެތެވެ."

ބައެއް ފަހަރު ﷲ އަށް ކިޔަަންވުމާ އެކުގައި އެކަލޭގެފާނަށް ކިޔަމަންވުން އެކަލާނގެ ވަނީ ޛިކުރު­ކުރައްވާފައެވެ. އަދި އަނެއްބައި ފަހަރު އެކަލޭގެފާނަށް ކިޔަމަންވުން ވަނީ ވަކިން ޛިކުރު­ކުރައްވާފަ­އެވެ. އެހެންކަމުން އެކަލޭގެފާނަށް ކިޔަމަންވުމާއި އެކަލޭގެފާނަށް ތަބާވުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ދެ ކަމެވެ.

އަދި ހަމަ އެފަދައިން އަހަރެމެންގެ މައްޗަށް ވާޖިބުވެގެން ވަނީ އެކަލޭގެފާނު ގެންނެވި ކަންތަކުގެ ތެރެއަށް އަމިއްލަ ކަންކަން އިތުރު ނުކޮށް އެކަލޭގެފާނު ގެންނެވި ވަރުން ފުއްދާލުމެވެ. ދީނުގެ އަޅުކަންތަކުގެ ތެރެއަށް، ރަސޫލާ ﷺ ޝަރުޢުކުރައްވާފައި ނުވާ ކަމެއް ގެނެސްގެން ނުވާނެއެވެ. އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ. «وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ.» “އަދި އަލަށް ދީނުގެ ތެރެއަށް ގެނެވޭ ކަންކަމާމެދު ތިޔަބައިމީހުން ރައްކާވެ ތިބޭށެވެ. އެހެނީ ކޮންމެ އާ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.” «مَنْ عَمِلَ عَمَلًا لَيسَ عَلَيهِ أَمْرُنَا فَهُوَ رَدٌّ.» “އަހަރެމެންގެ މި ދީނުގެ ތެރެއިން ނުވާ ޢަމަލެއް ކޮށްފި މީހާ، ފަހެ، އޭނާގެ ޢަމަލު ވަނީ ރައްދުކުރެވިގެންނެވެ.”

އެހެންކަމުން، ބިދުޢަތަކާއި، ދީނުގެ ތެރެއަށް ގެނެވޭ އައު ކަންތަކުން ދުރުވެ، ރަސޫލާ ﷺ ގެންނެވި މިންވަރުން ފުއްދާލުމީ «أَشْهَدُ أن مُحَمَّدًا رَسُولُ الله» މި ޝަހާދަތުގެ މާނައިގެ ތެރޭ ކަމެކެވެ.

ދެން ހަމަ އެފަދައިން، އެކަލޭގެފާނު ޚަބަރުދެއްވި އެންމެހައި ކަމަކާއި، އަމުރުކުރެއްވި ކަންކަމާއި ނަހީކުރެއްވި އެންމެހައި ކަމެއްގައި އެކަލާގެފާނުގެ ބަސްފުޅު ތެދުކުރަން ޖެހޭނެއެވެ. އެކަލޭގެފާނު އެންގެވި ގޮތަށް އަޅާ ޢަމަލުކުރި ކަމުގައި ވިޔަސް އެ ކަންކަން ތެދުނުކުރާނަމަ އެއީ މުނާފިޤުންގެ ގޮތެވެ. މުނާފިޤުން ވެސް ނަމާދުކޮށް ރޯދަހިފައި ޙައްޖުވެ ޖިހާދުކޮށް ހަދައެވެ. އެކަމަކު ރަސޫލާ ﷺ ގެ ރިސާލަތު އެމީހުން ތެދެއް ނުކުރެއެވެ. އެހެންކަމުން، ޣައިބުގެ ކަންތައްތަކުގެ ތެރެއިން މާޒީވެ ގޮސްފައިވާ ކަންތައްތަކާއި، މުސްތަޤްބަލުގައި ވާނޭ ކަންކަމުގެ ވާހަކަތަކުން އެކަލޭގެފާނު ޚަބަރުދެއްވި ކަންކަމާއި އެކަލޭގެފާނު ޚަބަރުދެެއްވި އަމުރުފުޅުތަކާއި ނަހީތަކާއި، މިހެން ގޮސް އެކަލޭގެފާނު ގެންނެވި ކަންކަމުން އެއްވެސް ކަމެއްގައި އެއްވެސް ޝައްކެއް ކުރުމަކާ ނުލައި ތެދުކުރަން ޖެހޭނެއެވެ. އެކަލޭގެފާނުގެ ޙައްޤުގައި ﷲ ވަޙީކުރެއްވިއެވެ: ﴿وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ ٣ إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ﴾ “އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުދައްކަވައެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ.” އަދި ވެސް އެކަލާނގެ ވަޙީކުރެއްވި ފަދައިންނެވެ. ﴿وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْۚ﴾ “ އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!”

  1. 1.0 1.1 އަލްފައުޒާން، ޞާލިޙް ބިން ފައުޒާން (2008). ''المنحة الربانية في شرح الأربعين النووية''، ޞ. 35. ދާރުލްޢާޞިމާ، ރިޔާޟް. އައި.އެސް.ބީ.އެން. 9789960692586861.