ތައުހީދް
ތައުޙީދަކީ ކޮބާ؟
ﷲ ތަޢާލާގެ ތައުޙީދު އެއީ އޭގެ މައްޗައް ޢަމަލާ ބަސް ބިނާ ކުރަންޖެހޭ އަސާސެވެ. ހަމަ އެކަނި ހިތުގެ އަޑިން ޤަބޫލުކުރަމޭ ބުނެލާގެން ފަރުޖެއްސޭ ވަރު ކަމެއްނޫނެވެ. ޤަބޫލު ކުރުމާއި ބަހާއި ޢަމަލު އެއްވާންޖެހެއެވެ. ތަޢުހީދު ބެހިގެންވަނީ 3 ބަޔަކަށެވެ. އެއީ ތަޢުޙީދުއް ރުބޫބިއްޔާ އާއި ތަޢުޙީދުލް އުލޫހިއްޔާ އަދި ތަޢުހީދު އަލް އަސްމާއު ވައްސިފާތު އެވެ
ތަޢުޙީދު އަލް އަސްމާއު ވައްސިފާތު އެއީ ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާން ހުރި ﷲތަޢާލާގެ އެންމެހާ އިސްމުފުޅުތަކާއި ސިފަފުޅުތަކަށް އޭގެ ކައިފިއްޔަތަށް ނުބަލާ އީމާންވުމެވެ. މިސާލަކަށް ﷲ ތަޢާލާއެއީ ބައްލަވާ ވޮޑިގެންވާ އިލާހުކަމާ އެއިލާހުގެ ބައްލަވާވޮޑިގަތުން އެއްވެސް މަޚްލޫޤަކާ އެއްފަދަ ނުވާނޭކަމަށާއި، އަދި އެއިލާހު ބައްލަވާވޮޑިގަންނަވަނީ ކޮންގޮތަކަށްކަން ނުބަލާ އެ ސިފަފުޅު ހިތުގެ އަޑިން ، އެއްވެސް ޝައްކުކުރުމެއްނެތި ޔަޤީންކަމާއެކު ޤަބޫލު ކުރުމެވެ
ތަޢުޙީދުލް އުލޫހިއްޔާ އަކީ އަޅުކަން ކުރުމުގައި ﷲ ތަޢާލާ އާއި އެއްވެސް ފަރާތެއް ބައިވެރި ނުކުރުން އަދި ހަމަ ހަމަވެސް ނުކުރުމެވެ. އަދި ﷲ ތަޢާލާއަށް ޙާއްސަވެގެން ވާ އަޅުކަމެއް އެހެން ފަރާތަކަށް އަނބުރާ ނުލުމެވެ. މިސާލަކަށް ސަޖިދަ ޖެހުމުގައި އެއްވެސް އެހެން ފަރާތަކަށް ބޯނުލެނބުމެވެ. އަދި ﷲ ތަޢާލާގެ ހަޒްރަތުން އައިސްފައިވާ އަމުރަކާއި ޚިލާފަށް އެއްވެސް މަޚްލުޤަކަށް ކިޔަމަންތެރިކަން އަދާ އެއެއްވެސް ނުކުރެވޭނެއެވެ. ބޯލަންބަން ޖެހޭފަރާތަކީ ހަމަ އެކަނި ﷲ ތަޢާލާކަން އެއްވެސް ޝައްކު ކުރުމަކާއި ނުލައި ޔަޤީން ކަމާއި އެކު ޤަބޫލު ކުރުމެވެ. އަދި ﷲ ތަޢާލާއާ ކުއްތައްވުމުމުގެ ނަމުގައި ޤަބުރުގެ އަރިހުން ވާގިހޯތުން މީވެސް އުލޫހިއްޔަތުގެ އިދިކޮޅެވެ. ޝިރުކެވެ
ތަޢުޙީދުއް ރުބޫބިއްޔާ އަކީ ﷲތަޢާލާގެ ރައްބު ވަންތަކަމަށް އީމާވުމެވެ. އުޑުތަކާއި ބިންތަކާއި މުޅި ކާއިނާތާއި ކާއިނާތުގައި ވާ އެންމެހާ ތަކެތި އުފެއްދެވާ އެތަކެތީގެ ހާލަތު ބައްލަވާ އެތަކެއްޗަށް ބާރުފޯރުވޭނޭ ހަމައެކަނި ފަރާތަކި ﷲ ތަޢާލާކަމަށް އީމާންވުމެވެ. އަދި މަރުގެންނެވުމާއި ދިރުއްވުމާއި ، ރިޒުޤުދެއްވުމާއި ، ރިޒްޤު ހިފެހެއްޓެވުމާއި ވާރޭވެއްސެވުމާއި ވާރޭ ވެހުން މަނާ ކުރެއްވުމާއި އަދި މިނޫނަސް ކާއިނާތުގައި ހިންގާ އެއްމެހާ ކަންކަމަކީ ﷲ ތަޢާލާ އަށް ޚާއްސަވެގެންވާ ކަންކަން ކަމަށް ހިތުގެ އަޑިން ޤަބޫލު ކުރުމާއި އެކު ޢަމަލާއި ބަހުން އެކަން ސާބިތު ކޮށްދިނުމެވެ. އެއްވެސް މަޚްލުޤަކަށް އެކަންކަން ނިސްބަތް ނުކުރުމެވެ. އަދި މީހަކު ނުވަތަ ބަޔަކު ، ތިމާއަށް މިފަދަ ސިފައެއްނުވަތަ ﷲ ތަޢާލާއަށް ޚާއްސަ ކަމެއް ނިސްބަތް ކޮށްފިނަމަ އެކަމާ ފާޅުގައި އިންކާރު ކުރުން ވާޖިބުވެގެން ވެއެވެ. އެނގި ހުރެ ހަނުހުރުން ނުވަތަ އެކަމަށް ތާޢީދުކުރުން މީ ކުފުރެވެ
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވާހީކުރައްވާފައި ވެއެވެ. إِنَّاللَّهَ عِندَهُ عِلْمُالسَّاعَةِوَيُنَزِّلُالْغَيْثَوَيَعْلَمُمَافِيالْأَرْحَامِ ۖوَمَاتَدْرِينَفْسٌمَّاذَاتَكْسِبُغَدًا ۖوَمَاتَدْرِينَفْسٌبِأَيِّأَرْضٍتَمُوتُ ۚإِنَّاللَّهَ عَلِيمٌخَبِيرٌ (ލުޤމާން 34) މާނަ: (ޤިޔާމަތުގެ ވަޤުތު ދެނެ ވޮޑިގަތުން ވަނީ މާތް ﷲ ގެ ޢިލްމު ފުޅުގައެވެ. އަދި ވާރޭފެން ވެއްސަވަނި ވެސް އެކަލާންގެ އެވެ. އަދި ރަޙިމް ތަކުގައި ވަނީ ކޯއްޗެއްކަން ވެސް ދެނެ ވޮޑިގެން ވަނީ އެއިލާހެވެ. އަދި މާދަމާ ކުރެވޭނީ ކޮންކަމެއްކަން އެއްވެސް މީހަކަށް ނޭންގެއެވެ. އަދި މަރުވެދާނީ ކޮން ބިމެއްގައި ކަމެއްވެސް އެއްވެސް ނަފްސަކަށް ނޭންގޭނެއެވެ. ) އެހެން ކަމުން ވާރޭވެއްސެވުމާއި މިކަން ކަމުގެ ޢިލްމު އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަން ވަރަށް ރަނގަޅަށް އެބަ ސާބިތު ވެއެވެ. އެހެން ކަމުން މިފަދފަ ކަން ކަން ބަހަކުން ވިޔަސް ޢަމަލަކުން ވިޔަސް އެހެން ފަރާތަކަށް ނިސަބަތް ކުރުމަކީ ﷲ ތަޢާލާގެ ރުބޫބިއްޔަތު އެހެން ފަރާތަކަށް އަނބުރާލުމެވެ. ނުވަތަ އެއިލާހުގެ ރުބޫބިއްޔަތުގައި އެއިލާހުގެ މަޚްލޫގެއް ބައިވެރި ކުރުމެވެ. މިއީ ކަނޑައެޅިގެން ވާ ޝިރުކެކެވެ. އަދި ތިމާއަށް މިފަދަ ބަހެއް ނިސްބަތް ކުރެވުމުން އެއަށް އިންކާރު ނުކުރުން މީވެސް ރުބޫބިއްޔަ ވަންތަކަމަށް ދަޢުވާކުރުމެވެ. ކަނޑައެޅިގެން ހުރި ކުފުރެވެ. ފުރިހަމަ ވެގެންވާ ތަޢުބާ އަކުން ތަޢުބާ ވާން ޖެހޭ ނުރައްކާތެރިކަން ބޮޑު ކަމެކެވެ
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަހީ ކުރައްވާފައި ވެއެވެ. الَّذِيجَعَلَلَكُمُالْأَرْضَفِرَاشًاوَالسَّمَاءَبِنَاءًوَأَنزَلَمِنَالسَّمَاءِمَاءًفَأَخْرَجَبِهِمِنَالثَّمَرَاتِرِزْقًالَّكُمْ ۖفَلَاتَجْعَلُوالِلَّهِ أَندَادًاوَأَنتُمْتَعْلَمُونَ (ބަޤަރާ 22) މާނަ (އެކަލާންގެއިީ ތިޔަބައި މީހުންނަށްޓަކައި ބިންގަނޑު ތައްމައްޗެއްކަމުގައި ލައްވައި އުޑު ބިނާއެއްކަމުގައި ލައްވައި އުޑުން ވާރޭފެން ވެއްސަވައި އެއިން ތިޔަބައި މީހުންނަށް ރިޒްޤަކަށްޓަކައި މޭވާގެ ބާވަތްތައް ފެޅުއްވި ރަސްކަލާންގެއެވެ. ފަހެ ތިޔަބައި މީހުން ދެނެ ތިބެ މާތް ﷲ ގެ ކިބަޔަށް ޝަރީކުން ނުލާށެވެ. ) . މިފަދަ ކަންކަމުގައި ﷲ ތަޢާލާ އާއި އެއްވެސް ފަރާތަކާ ހަމަ ހަމަ ކުރުމަކީ ﷲ ތަޢާލާގެ ރުބޫބިއްޔަތު އެހެން ފަރާތަކަށް އަނބުރާލުމެވެ. މި އާޔަތުގައި ވާރޭފެން ވެއްސެވުން މީ ﷲ ތަޢާލާގެ ހަޒްރަތުން އަންނަކަމެއްކަން ބަޔާންވެފައި ވެއެވެ. ދެން ﷲ ތަޢާލާ މި ބަޔާންކުރައްވާފައި ވަނީ ތިޔަބައި މީހުން ، އެއިލާހުގެ މަޚްލޫޤެއް އެއިލާހާ އެއްފަދަ ނުކުރުމަށެވެ. ސަބަބަކީ މިކަން ހިމެނިގެންދަނީ ﷲ ތަޢާލާ ފިޔަވާ ރައްބުން ތަކެއް ހިފުން ކަމުގައެވެ. މިކަން ބަޔާން ކޮށްދެއްވާ އެހެން އާޔަތެއްގައި ﷲތަޢާލާ ބަޔާން ކުރައްވާފައި ވެއެވެ. وَمِنَالنَّاسِمَنيَتَّخِذُمِندُونِاللَّهِ أَندَادًايُحِبُّونَهُمْكَحُبِّاللَّهِ ۖوَالَّذِينَآمَنُواأَشَدُّحُبًّالِّلَّهِ ۗ ....(ބަޤަރާ 165) މާނަ (މާތް ﷲ ފިޔަވައި ، އެކަލާންގެ ރަސްކަންފުޅާއި އެއްފަދަ ޝަރީކުން ތަކެއް ބަލައި ޤަބޫލުކޮށް މާތް ﷲ ދެކެ ލޯބިވާފަދައިން އެތަކެތިދެކެ / އެބައިމީންދެކެ ލޯބިވާބަޔަކު މީސްތަކުންގެ ތެރޭގައި ވެއެވެ. ނަމަވެސް އީމާންވީ މީހުން އެއްމެ ލޯބި ވަނީ މާތް ﷲ ދެކެއެވެ.... ) . މި އާޔަތުން އެނގި ބަޔާން ވެގެން ދާގޮތުގައި ﷲ ތަޢާލާ އެއްފަދަ ކުރުމުގެ ގޮތުން ކަމެއް ނުވަތަ ބަހެއްވިޔަސް ބުނުމަކީ އެއިލާހު ފިޔަވާ އިލާހުން ތަކެއް ހިފުން ކަމުގައި ބަޔާން ވެގެން ދެއެވެ. އެގޮތުން އާޔަތުގެ ފުރަތަމަ ކޮޅުގައި ބަޔާން ކުރައްވާފައި އެވަނީ ﷲ ތަޢާލަ ފިޔަވާ އިލާހުން ތަކެއް (أَندَادًا ) ހިފާ ބަޔަކު މީސް ތަކުން ގެ ތެރޭގައި ވާކަމެވެ. ދެން އާޔަތުގެ ފަހުބައި ގައި އޭގެ ސަބަބު ބަޔާން ކޮށްދެއްވާފައި ވެއެވެ. އެގޮތުން މިބައި މީހުން އެބައި މީހުންދެކެ ( އެބަހީ އިލާހުންތަކެއްކަމުގައި ހިފާ މީހުން ދެކެ) ﷲ ތަޢާލާ ދެކެ ލޯބިވާ ފަދައިން ލޯބި ވެއެވެ. އެހެން ކަމުން ބިރުވެތި ވުމުގެ ގޮތުންނާއި ލޯބި ވެތި ވުމުގެ ގޮތުން އަދި އަދި ތަޢުރީފް ކޮށް ސަނާ ކިޔުމުގެ ގޮތުންވެސް ﷲ ތަޢާލާ އާ އެއްހަމަ އަކަށް ބަހާއި ޢަމަލުން ވިޔަސް ގެނެސް ގަތުމަކީ ﷲ ތަޢާލާ ފިޔަވާ އިލާހެއް ހިފުން ކަމުގައި ވާކަން ކަށަވަރެވެ. އެހެން ކަމުން މިފަދަ ކަން ކަމާމެދު ފުންކޮށް ވިސްނާ މި ދުނިޔޭގެ ދިރިއުލުމަށްޓަކައި މިފަދަ ބަސްތަށް ތިމާފަދަ އިންސާނުން ނަށް ނިސް ބަތް ކުރުމުން ދުރުވެހުރުމަކީ އެއްމެ ރައްކާތެރި ގޮތެވެ. ވަﷲ އަޢްލަމް