ލ. އަތޮޅު ލ. އަތޮޅު

ޚުލާޞާ މަޢުލޫމާތު
އިދާރީ ނަން: ލ. އަތޮޅު
އަތޮޅުގެ ނަން: ހައްދުންމަތި
އޮތްތަން: 2° 08' ނ and 1° 47' ނ
އިނގިރޭސި ކޯޑު: O
އަކުރު: L (ލ)
ވެރިރަށް: ފޮނަދޫ
އާބާދީ: 14313
ރަށްތަކުގެ ޢަދަދު: 82
މިޙުން އުޅޭ ރަށްތައް: 12
އަތޮޅުވެރިޔާ: މޫސާ ޢަލީ ކަލޭފާނު
މީހުން އުޅޭ ރަށްތައް
ދަނބިދޫ ފޮނަދޫ ގާދޫ ގަން ހިތަދޫ އިސްދޫ ކަޅައިދޫ ކުނަހަންދޫ މާބައިދޫ މާމެންދޫ މާވަށް މުންޑޫ
ފަޅު ރަށްތައް

Athahédha, Berasdhoo, Bileitheyrahaa, Bodufenrahaa, Bodufinolhu, Boduhuraa, Bodumaabulhali, Bokaiffushi, Dhekunu Vinagandu, Faés, Fonagaadhoo, Fushi, Gasfinolhu, Guraidhoo, Hanhushi, Hedha, Holhurahaa, Hulhimendhoo, Hulhisdhoo, Hulhiyandhoo, Kaddhoo, Kalhuhuraa, Kandaru, Kudafares, Kudafushi, Kudahuraa, Kudakalhaidhoo, Kukurahaa, Maakaulhuveli, Maandhoo, Maaveshi, Mahakanfushi, Medhafushi, Mendhoo, Medhufinolhu, Medhuvinagandu, Munyafushi, Olhutholhu, Olhuveli, Thunburi, Thundudhoshufushi Nolhoo, Uthuruvinagandu, Uvadhevifushi, Vadinolhu, Veligandufinolhu, Ziyaaraiffushi

ފަތުރުވެރި ރަށްރަށާއި، ވައިގެ ބަނދަރުތަކާއި، ސިނާއީ ރަށްތައް ބެލެވެނީ ފަޅު ރަށްރަށުގެ ގޮތުގައެވެ.

ހައްދުންމައްޗަކީ ދިވެހިރާއްޖޭގެ އަތޮޅެކެވެ. މި އަތޮޅުގެ ކުރީގެ ވެރިރަށަކީ ހިތަދޫ ކަމުގައި ވިޔަސް މި އަތޮޅުގެ ވެރިކަން މިހާރު ކުރަނީ ފޮނަދޫ ގައެވެ.
މެއި 13 - 1964 – ދިވެހިރާއްޖެ:- ލ.އަތޮޅު އޮފީސް، ލ.ދަނބިދޫ އިން ލ.ހިތަދޫ އަށް ބަދަލުކުރުން


ހައްދުންމައްޗަށް [ހައްދުންމަތި] ކިޔަނީ ކީއްވެ؟

އުނިއިތުރު ގެންނަވާ

ޠާހާ އަބޫބަކުރު، ލ. ގަން

ލ.އަތޮޅު މީހެއްކަން އެނގުމުން ސަމާސާއަށް ހަދާފައިނަމަވެސް ބައްދަލުވާ ވަރަށް ގިނަމީހުން މުޚާޠަބުކުރާ ޖުމްލައެކެވެ. "ލ.އަތޮޅު މީހުންނަކީ ހައްދުން މަތީގައި (ހައްދު ފަހަނަޅާފައި ނުވަތަ ހައްދުން ނެއްޓިފައި) ތިބޭ ބަޔެކެވެ." ލ.އަތޮޅުގައި ނުރައްކާތެރި ހާދިސާއެއް، ވައްކަމެއް ނުވަތަ މާރާމާރީއެއްފަދަ ކަމެއް ހިނގައިގިނަމަ އެޚަބަރަކާ ގުޅިގެން ވެސް ވަރަށް ގިނަ ފަހަރު މި މޭރުމުން ބުނެއުޅެތެވެ. ދުލަކު ނުހިފެހެއްޓޭނެތާ އެވެ. ނަމަވެސް ކަން އޮތްގޮތް ސާފުވޭތޯ މަސައްކަތްކުރުމަކީ ނެތްކަމެއް ނޫންކަމަށް ދެކެމެވެ.

ހައްދުންމައްޗަކީ ވަރަށް ޤަދީމީ ތާރީޚެއް ލިބިފައިވާ އަތޮޅެކެވެ. މި ކަމުގެ ހެކިތަކަކީ ހައްދުންމަތީގެ އެކި ރަށްރަށުގައި ފެންނާންހުރި ބުދުދީނުގެ އާޘާރުތަކެވެ. އަދި މިއަތޮޅުގެ މިސްކިތްތަކުން ފެނުނު ލޯމާފާނުތަކެވެ. މިހާރު ފެންނާން އޮތް 4 ލޯމާފާނުގެ ތެރެއިން 3 ލޯމާފާނަކީ ހައްދުންމަތީގެ ރަށްރަށުން ފެނުނު ލޯމާފާނެވެ. އެއީ ގަމު ލޯމާފާނު (1194/1195މ.)، އިސްދޫ ލޯމާފާނު (1195/1196މ.)، އަދި ދަނބިދޫ ލޯމާފާނު (1196/1197މ.)އެވެ. ރަސްރަސްކަލުންގެ ރަސްމީ ފަތްކޮޅުތަކެއްގެ ގޮތުގައި ލޯފޮތިތަކެއްގައި ލިޔެފައިވާ ލޯމާފާނުތަކަކީ މިހާރު ފެންނާންހުރި ދިވެހި ލިޔުންތަކުގެތެރެއިން އެންމެ އިތުބާރުކުރެވޭ އެންމެ ގިނަ ދުވަސްވީ ލިޔުންތައް ކަމުގައި ދިވެހި މުއައްރިޚް ނަސީމާ މުޙައްމަދު ކަލޭފާނު ލިޔުއްވައެވެ.

1153މ. ވަނަ އަހަރު ރާއްޖޭގެ ރަދުން އިސްލާމްވެވަޑައިގަތުމާއެކު ރާއްޖޭގެ ދީނަކީ އިސްލާމްދީންކަމަށް ހަމަޖައްސަވައި ފަތްތޫރަ ހިންގަވާފައިވީނަމަވެސް ރާއްޖެތެރޭގެ ދަތުރުފަތުރުގެ ދަތިކަމާއެކު ހުރިހާ ރަށްރަށަށް އެ ދީނުގެ އަލިކަން ފެތުރުއްވުމުގެ މަސައްކަތްކުރެވިފައި ވަނީ އެތައް އަހަރަކުންނެވެ. އެ ގޮތުން ސްރީ ގަޑަނާދީއްތަ މަހާރަދުންގެ ރަސްކަމުގައި ލިޔެވިފައިވާ އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނުން އެނގޭ ގޮތުގައި ރާއްޖޭގެ ރަދުން އިސްލާމްވެވަޑައިގަތްތާ 42 އަހަރުފަހުން އިސްދޫ އިސްލާމްކުރެވުނީ 1195މ. ގައެވެ. ދަނބިދޫ އިސްލާމްކުރެވުނީ އޭގެ އެއް އަހަރު ފަހުން 1196މ. ގައެވެ.

އިސްދޫ ލޯމާފާނުގައި ހައްދުންމަތީގެ ނަމަކަށް ދީފައިވަނީ "ސަތު ދުވު" (SATU DUVU) އެވެ. އިސްދޫ ލޯމާފާނުގައިވަނީ ހައްދުއްމަތީ އިސްދޫ ގެ ވާހަކަ އެވެ. އެރަށުގެ ވޭރާއި އެވޭރާ ގުޅޭ ތަންތަން މުގުރައި ބުދުތައް އުފުރައި، ވޭރު ހުރި ތަނުގައި ހުކުރު މިސްކިތް ބިނާކުރެވުނު ވާހަކަ އާއި، ވޭރަށް ހުރި ދަރުމަތައް ހުކުރު މިސްކިތަށް ބޯގަކުރެވުނު ވާހަކަ އާއި، ރުހުމުގައި އިސްލާމްވި މީހުންނާއި، އިސްލާމް ނުވި މީހުންނާއި، އިސް ހާމުދުރުއާއި އޭނާގެ އެހީތެރިންނާއި މެދު، ކަންތައް ކުރެވުނު ގޮތާއި، އިސްދޫގެ ރައްޔިތުން، އަލުން ބައިބަޔަށް ނުވަތަ ޢާއިލާތަކަށް ބެހި ވާހަކަ އެވެ.

ދަނބިދޫ ލޯމާފާނުގެ 10 ވަނަ ލޯފޮތީގެ ދެވަނަ ފުށުގެ 5 ވަނަ ފޮޅުވަތުގައިވަނީ " ސަތުދުވުމައްތެ ކަލައިދުވު ތިބި ދަބުދުވެން މާރުއްދަ" އެވެ. މި ޖުމްލައިގެ މާނައަކީ "ހައްދުންމަތީ ކަލައިދޫގައި އޮންނަ ދަނބިދޫ ރައްޔިތުންގެ މާރުއްދަނޑު" އެވެ. އަޅުގަނޑަށް ފެނިފައިވާ ލިޔުންތަކުގެ ތެރެއިން ލ.އަތޮޅުގެ ނަން ލިޔެވިފައިވާ އެންމެ ކުރީގެ ލިޔުމަކީ މިއެވެ. ދަނބިދޫ ލޯމާފާނު ލިޔެފައިވަނީ ހިޖުރީ ސަނަތުން ބަލާނަމަ 593 ގައެވެ. މީލާދީ ސަނަތުން ބަލާނަމަ މި އަހަރު ދިމާވާ ދުވަސްވަރަކީ 1196 ވަނަ އަހަރުގެ ނޮވެމްބަރ 24 އިން 1197 ވަނަ އަހަރުގެ ނޮވެމްބަރ 12 ވަނަ ދުވަހާއި ދެމެދުގެ ދުވަސްވަރެކެވެ. މި ލޯމާފާނުގައި ބަޔާންކުރެވިފައިވަނީ ސްރީ ގަޑަނާދީއްތަ ރަދުންގެ ރަސްކަމުގެ ހަތަރުވަނަ އަހަރުތެރޭގައި އެރަދުންގެ އަމުރުފުޅަށް ދަނބިދޫގައި ހުރި ބުދު ދީނުގެ ވޭރު ނައްތާލައްވައި، ބުދުތައް މުގުރުއްވައި، އެރަށުގައި ތިބި ކާފަރުން އިސްލާމްކުރައްވައި އެ ރަށުގައި މިސްކިތެއް ބިނާކުރައްވައި އެ މިސްކިތުގެ އިންތިޒާމްތައް ހަމަޖެއްސެވުމަށް ކުރެއްވި ކަންތައްތަކުގެ ވާހަކަތަކެވެ.

މަތީގައި ދެންނެވުނު ދެ ލޯމާފާނުގައިވާ ގޮތުން ހައްދުންމަތީގެ އެންމެ ޤަދީމީ ނަމަކީ، "ސަތުދުވު" ނުވަތަ "ސަތުދުވުމައްތެ" އެވެ. ސަތުދުވު މި ލަފްޒަކީ އެވޭލާ ދިވެހިބަހުގެ ފެށުން އެބަހަކުން އައިސްފައިވާ ސާންސްކްރިތު ލަފުޒެއްކަމާއި މާނައަކީ "ހަތް ރަށް" ކަމަށް ބަހަވީ ޢިލްމުވެރިން ވިދާޅުވެއެވެ. ސާންސްކްރިތު ބަހުން "ސަތު" އަކީ ހަތެއް ނުވަތަ ތެދު އެވެ. އަދި "ދުވު" އަކީ ރަށް ނުވަތަ ޖަޒީރާ އެވެ. ޖުމްލަ މާނައަކީ "ހަތް ރަށް" އެވެ. އަދި "ސަތުދުވުމައްތެ" މިލަފްޒްގެ މާނައަކީ "ހަތްރަށުގެ މައްޗަށް ބިނާވެގެންވާ (އަތޮޅު) އެވެ. ދިވެހި މުއައްރިޚް އަލްއުސްތާޒް މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވާގޮތުގައި "މިއަތޮޅުގެ ނަންވެސް އައިސްފައި އޮތީ އެއަތޮޅުގައި "ދޫ" (ރަށް) ކިޔާ 7 ރަށަށްވުރެ ގިނަރަށް އޮތުމުންނެވެ." އެގޮތުން "ސައްދުވު މަޑުލު" އަކީ ވެސް މިއަތޮޅަށް ނިސްބަތްކުރެވޭ ނަމެއްކަމަށް ލުޠުފީ ލިއުއްވައެވެ.

މީލާދީން 1343/1344 ވަނަ އަހަރު ރާއްޖެ ދުރުވި މަޝްހޫރު އިސްލާމީ ސައްޔާޙް އިބުނު ބަޠޫޠާ ހައްދުންމަތީގެ ނަމެއްކަމުގައި ލިޔުއްވާފައިވަނީ "ހަލިދުންމަތި" އެވެ.

ހައްދުންމަތި މިނަން އައިސްފައިވަނީ "ޚައްތުންމަތި" މިނަން ބަދަލުވެގެން ކަމަށް ބުނާތީ އަހަމެވެ. އެއީ ދުނިޔޭގެ ދެބައިހަމަ ކުރާ ޚިޔާލީ ރޮނގޭކިޔޭ ޚައްޠުއިސްތިވާ ނުވަތަ އީކުއޭޓަރގެ މަތީގައި މިއަތޮޅު އޮންނާތީއެވެ. މިހާރުގެ ޗާރޓްތަކުގައި ޚައްޠުއިސްތިވާ ނުވަތަ އީކުއޭޓަރ ފާހަގަކުރެވިފައިވަނީ ހުވަދު އަތޮޅާއި ފުވައްމުލަކާއި ދެމެދުގައި ނަމަވެސް 1750މ. ވަނަ އަހަރުގައި ޕޯޗްގީޒްމީހުން ބޭނުންކުރި ޗާރޓެއްގައި ހައްދުންމައްޗާއި ހުވަދުއަތޮޅާއި ދެމެދުގައި އީކްއޭޓަރ ފާހަގަކޮށްފައިވާކަން ފާހަގަކުރަމެވެ. މިދެންނެވި ޗާޓްގައި ހައްދުންމަތި ފާހަގަކޮށްފައިވަނީ "އަދައޮމަޓިސް" (Adoumatis) ކަމުގައެވެ. ދުނިޔޭގެ ދެބައިހަމަ ދިވެހިރާއްޖެއިން ހުރަސްކުރަނީ ހުވަދުއަތޮޅާއި ފުވައްމުލަކާއި ދެމެދުން ހުވަދު އަތޮޅުން 10.5 މޭލު ދެކުނުންނެވެ.

1602 ޖުލައި 02 ވަނަ ދުވަހުގެ ރޭ ބ.އަތޮޅު ގޮއިދޫ ފަރަށް އުރުނު ފަރަންސޭސި ނަވެއްކަމަށްވާ "ކޯބިން" އިން ރާއްޖެ ދުރުވި މަޝްހޫރު ލިޔުންތެރިޔާ ފްރޭންކޯއި ޕިރާޑް ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ނަންތައް ޕޯޗްގީޒްގެ ލިޔުންތެރިއަކު ލިޔެފައިވާ ގޮތްކަމަށް ބަޔާންކުރައްވާ ލިޔުއްވާފައިވާ ލިޔުމުގައި ހައްދުންމަތީގެ ނަމަކަށް އޮތީ "ހަދައޮމަޓީ" އެވެ.

ތާރީޚީ ލިޔުންތައް ލިޔުއްވި މުއައްރިޚް އަލްމަރްޙޫމް އަލްއުސްތާޒް މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވަނީ "ރާއްޖޭގެ އަތޮޅުތަކުގެ ނަން ނެގިފައި އޮތީ އެއަތޮޅެއްގައި އޮންނަ ފާހަގަކުރެވޭ ރަށެއްގެ ނަމާއި ގުޅުވައިގެންނެވެ." އެގޮތުން ލ.އަތޮޅަށް "އިހައްދުންމަތި"ކިޔާފައިވަނީ ލުޠުފީ ދެކެވަޑައިގަންނަވާ ގޮތުގައި، އިސްދޫގެ އިރުމަތީ ތޮށީގައި އޮތް "އިހައްދޫ" ކިޔާ ރަށަށް ނިސްބަތްކޮށެވެ. ގިރައިގެން ގޮސްފައިވާ މިދެންނެވި ރަށުގެ އާނުގަނޑު އަދިވެސް އެބައޮތެވެ.

"އިހަށްދުންމަތި" ކިޔާފައިވާ އަނެއް ސަބަބެއްކަމަށް ލުޠުފީ ލިޔުއްވަނީ "ބޭރުން އައި ކޮންމެވެސް ބަޔަކަށް އެއަތޮޅުން އެންމެކުރިން ފެނުނީ އެއަތޮޅު ކަމަށްވާތީއެވެ". ("އިހަށް" : ކުރިން ނުވަތަ ފުރަތަމަ "ދުށް":ފެނުނު "މަތި": ބައި )

ބުނެވޭ ގޮތުގައި ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވުމަށްފަހު، ރާއްޖޭގެ ކޮންމެ އަތޮޅަކަށް ބޮޑުތަކުރުފާނު ފަތްކޮޅެއް ފޮނުއްވިއެވެ. މި ފަތްކޮޅު ހައްދުންމަތީގެ އިސްކޮށްތިބި ވެރިން ކިޔުމަށްފަހު ބުނި ކަމަށްވަނީ "އަހަރުމެންނަކީ މަލަކަށް ފަތަކަށް ޢީމާންވާ ބަޔެއް ނޫނެވެ. އަހަރެމެންނާއި ވާހަކަ ދައްކަންޏާޖެހޭނީ ކުރިމައްޗަށް އައިސް ވާހަކަ ދައްކާށެވެ." މިވާހަކަ އައްސަވާފައި "ހައްދުންމަތީ މީހުންނަކީ ހައްދުން މައްޗަށް ގޮސްފައިވާ ބަޔެކޭ" ތަކުރުފާނު ވިދާޅުވިކަމަށްވެއެވެ. ނަމަވެސް ދޫދޫމަތިން ދެކެވޭ މިބާވަތުގެ ގިނަ ރިވާޔަތްތަކޭ އެއްފަދައިން މިއީވެސް ތާރީޚީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަކައެއްކަމަށް ބެލެވެންނެތްކަން ފާހަގަކުރަމެވެ.

ހައްދުންމަތީގެ އިސްދޫ، ދަނބިދޫ، މުންޑޫ، ގަން، ގާދޫ އަދި ހިތަދޫ މިރަށްރަށަކީ ބުދުދީނުގެ ބޮޑެތި ވޭރުތައް ހުރި ރަށްރަށެވެ. ފޮނަދު އާއި ކައްދު އާއި ވަޑިނޮޅާއި މުންޏަފުށީގައި ހުރި ތަންތަން ވީރާނާވެ ހިނގައްޖެއެވެ. ކޮންމެއަކަސް އެނގިފާޅުވާން އޮތް ހަޤީޤަތަކީ މިއަތޮޅަކީ ދިވެހިން އިސްލާމްދީން ޤަބޫލުކުރުމުގެ ކުރީގައި ބުދުދީނުގެ މަރުކަޒީ ސަރަޙައްދަކަށް ވާކަމެވެ. މަސްވެރިންނާއި ދަނޑުވެރިންގެ މައްޗަށް ފައްޅިތަކާއި ހާމުދުރުންގެ ނުފޫޒާއި އާރާއިބާރު ފުރިހަމައަށް ހިނގަމުންދިޔަ އަތޮޅެއްކަމެވެ. ރާއްޖޭން އެންމެފަހުން އިސްލާމްވީ މިއަތޮޅުގެ ރަށްތަކުގެ އަހުލުވެރިންކަމަށްވީ ސަބަބުތައް މިދެންނެވުނީއެވެ. މިއަތޮޅުގެ ރައްޔިތުންނަކީ ހައްދުން މަތީގައި އުޅޭ ނުވަތަ ހައްދުން ނައްޓާފައިވާ ނުވަތަ ހައްދު ފަހަނައަޅާފައިވާ ރައްޔިތެއްގެ ގޮތުގައި އެއްވެސް ތާރީޚީ ސަފްޙާއެއްގައި ސިފަ ކުރެވިފައިވަނިކޮށް ފެނިފައިނުވެއެވެ.

މަތީގައި ދެންނެވުނު ކަންކަމަށް ބަލާއިރު، ރާއްޖެ އިސްލާމްވީއިރުވެސް ހައްދުންމައްޗަށް ކިޔެމުން އައި ނަން "ސަތުދުވު" ނުވަތަ "ސަތުދުވުމައްތެ" މިވަނީ ސީނު ހާއަށް ހާ ސީނަށް ބަދަލުވަމުންދިޔަ އޮއިވަރުތެރޭގައި އައިބަދަލުތައް ފިޔަވައި މާބޮޑު ބަދަލެއްނެތި އެ ގޮތުގައެވެ.


މަޢުލޫމާތު:

   1- ޢިބުނު ބަޠޫޠާ ދިވެހިރާއްޖޭގައި، އަލްއުސްތާޛް މުޙައްމަދު އިބްރާހިމް ލުޠުފީ
   2- ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު، އަލްއުސްތާޛް މުޙައްމަދު އިބްރާހިމް ލުޠުފީ
   3- ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ، މުޙައްމަދު އިސްމާޢީލް ދީދީ
  4- ދަނބިދޫ ލޯމާފާނު، ނަސީމާ މުޙައްމަދު، ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
   5- އަލްފާޟިލާ ނަސީމާ މުޙައްމަދު
   6- ޢިޔާޒް ޖާދުﷲ ނަސީމް

--Thoats (talk) 09:13, 4 މާރޗް 2013 (UTC)


ދިވެހިރާއްޖޭ ގެ އަތޮޅުތައް

ހއ. އަތޮޅު   ހދ. އަތޮޅު   ށ. އަތޮޅު   ނ. އަތޮޅު   ރ. އަތޮޅު   ބ. އަތޮޅު   ޅ. އަތޮޅު   ކ. އަތޮޅު   އއ. އަތޮޅު   އދ. އަތޮޅު   ވ. އަތޮޅު   މ. އަތޮޅު   ފ. އަތޮޅު   ދ. އަތޮޅު   ތ. އަތޮޅު   ލ. އަތޮޅު   ގއ. އަތޮޅު   ގދ. އަތޮޅު   ޏ. އަތޮޅު   ސ. އަތޮޅު