ސުލްޠާން ޢަލީ (ހަވަނަ) އަކީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުއެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 965 ވަނަ އަހަރުއެވެ.

  • ނަންފުޅު: އައްސުލްޠާން ޢަލީ ( 6 ވަނަ )
  • ކޮލީ ނަންފުޅު: ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން
  • ތާރީޚްގައި މަޝްހޫރުވެފައިވަނީ : ޝަހީދު ޢަލީ / ޢަލި ރަސްގެފާނު
  • ބައްޕާފުޅު: ޔަމަނުކަރައިގެ އައްސައްޔިދު ޢަބުދުއް ރަޙްމާން ދޮށިމޭނާ ކިލެގެފާނު
  • މަންމާފުޅު: އަރިއަތޮޅު ފެރިދޫ ސިއްތި ކަނބައިދި ކިލެގެ
  • ބޭފުޅުން: ސިއްތި މާވާ ރަނިކިލެގެފާނު، ކުޑަކަމަނާ ފާނު، ކުޑަކަލާފާނު
  • ރަސްކަން ކުރެއްވީ:965ހ ވަނަ އަހަރު ( 1558މ ) / މުއްދަތަކީ 2 މަހާއި 15 ދުވަސް

އަލީ ރަސްގެފާނު ގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނެވެ. ބައްޕާފުޅަކީ އަލްވަޒީރު ޢަބުދުއް ރަޙްމާން އެވެ. މަންމާފުޅަކީ އ.އ. ފެރިދޫ ސިއްތި ކަނބައިދި ކިލެގެއެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމުގެ ކުރިން މިރަދުންގެ ނަންފުޅަކީ ޢަލީ ރަންނަ ބަޑޭރި ކިލެގެފާނު އެވެ. ރާދަވަޅީގައި މިރަދުންގެ ކޮލި ނަންފުޅު ލިޔެފައިވާ ގޮތް ކުޑަކޮށް ތަފާތެވެ. އެއީ ސިރީ އައުދަ ސިޔާކަ ތަންތުރަ މަހާރަދުން މިފަދަ އިންނެވެ.

ޢަލީ ރަސްގެފާނު ކައިވެނި ބައްލަވައި ގެންނެވި ބޭފުޅުންގެ ތެރެއިން ނަން އެނގޭ ބޭފުޅަކީ ހިލާލީ ދަރިކޮޅުން ވަޑައިގެންނެވި ސުލްޠާން ކަޅު މުޙައްމަދު ނުވަތަ އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނާއި ބުރެކި ރަނިންގެ ދަރިކަނބަލުން ޢާއިޝާ ކަނބާފާނު ނުވަތަ ކަނބާ ޢާއިޝާ އެވެ. ޢަލީ ރަސްގެފާނުގެ ބޭފުޅުންގެ ތެރޭގައި ހިމެނެނީ ސިއްތި މާވާ ރަނިކިލެގެފާނު، ކުޑަކަމަނާ ފާނު، އަދި ކުޑަކަލާފާނު ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ސިއްތި މާވާ ރަނިކިލެގެފާނުގެ މަންމާ ފުޅަކީ ކަނބާ ޢާއިޝާ އެވެ. ކުޑަކަމަނާ ފާނު، އަދި ކުޑަކަލާފާނުގެ މަންމާފުޅަކީ އެހެން ބޭފުޅެކެވެ. މިބޭފުޅުންގެ ތެރެއިން ސިއްތި މާވާ ރަނިކިލެގެފާނު ކައިވެނި ބައްލަވައިގަތީ ބޮޑު ތަކުރުފާނު އާއެވެ. ކުޑަކަމަނާފާނު ކައިވެނިފުޅު ކުރެއްވީ ބޮޑު ތަކުރުފާނުގެ ކޮއްކޯފުޅު ޙަސަން ތަކުރުފާނު އާއެވެ. 1602މ ވަނަ އަހަރު ޕިރާޑް ޑި ލަވާލް ރާއްޖެ ދުރުވިއިރު ޢަލީ ރަސްގެފާނުގެ ދަރިކަލަކު ހުންނެވިކަމަށް އޭނާ ލިޔުއްވާފައި ވެއެވެ. އެއީ ކުޑަ ކަލާފާނު ކަމަށް ލަފާކުރެވެއެވެ.

ޕޯޗުގީޒުންނާއި ހަނގުރާމަ ކުރެއްވުން

އުނިއިތުރު ގެންނަވާ

އަލީ ރަސްގެފާނު ރަސްކަން ކުރައްވާތާ 2 މަހާ 15 ދުވަސްވީތަނާ 'ޕޯޗުގީޒުން ދިވެހިރާއްޖެއާއި ދިމާކޮށްލި އެވެ. ވަރަށްގިނަ ނައުތަކެއްގެ މައްޗަށް އެކުލެވިގެންއައި މިލަޝްކަރުގެ ވެރިޔަކަށްހުރީ އަނދިރިއަނދިރިން ކިޔާ އޮފިސަރެކެވެ. ބައެއް ލިޔުން ތަކުގައި މިލަޝްކަރުގެ ވެރިއަކަށްހުރީ ކެޕްޓަން މެނުއަލް ޑަސިލްވޭރާ ޑިއަރައުރޯ ކަމަށް ލިޔެފައި ވެއެވެ. ބުނެވޭގޮތުގައި މިއީ ދިވެހިރާއްޖެއާއި ހަމަލާދިން ޕޯޗުގީޒުންގެ 3 ވަނަ އަދި އެންމެ ބޮޑު ލަޝްކަރު ވެސްމެއެވެ.

މާލެއާއި ދެކޮޅަށް އައި ޕޯޗުގީޒުން މާލޭގެ ބޭރު ބަނދަރުގައި ތިބެގެން މާލެއަށް ބޮޑު ބަޑިން ޙަމަލާދޭން ފެށުމުން މާލޭން ވެސް ރައްދު ޖަވާބު ދިނެވެ. އަދި ދުޝްމަނުން މާލެ އެރުމަށް ކުރަމުން ގެންދިޔަ މަސައްކަތަށް ދިވެހިން ހުރަސް އަޅަމުން ގެންދިޔައެވެ. ހަނގުރާމައިގެ ދުވަސްތައް ދިގުވަމުން ދިޔަވަރަކަށް ދުޝްމަނުންގެ ފޯރިކުޑަވެ، އެމީހުން އަތުގައި ހުރި ކާބޯ ތަކެއްޗާއި، ބަޑިބޭހާއި އުންޑަ މަދުވި އެވެ. އަދި ހަމަ މިގޮތަށް ދިވެހި ލަޝްކަރުގެ ތެރޭގައި ވެސް ދެކޮޅުވެރިކަމާ ހަމަނުޖެހުން އުފެދެމުން ދިޔައެވެ. އެއްބަޔަކަށް ފެނުނީ ހަނގުރާމަ ހުއްޓައި އަމާންދޭށެވެ. އަނެއް ބަޔަކަށް ފެނުނީ ހަނގުރާމަ ކުރުމަށެވެ.'

 
އަލި ރަސްގެފާނު ޒިޔާރަތް

އެދުވަސްވަރު މާލޭގައި ހަމަނުޖެހުން ގިނަވެފައި ވެއެވެ. ގައުމީ ރޫޙްވަނީ ކުޑަވެފައެވެ. މިނުރައްކާތެރި ދަނޑިވަޅުގައި މާލޭގެ ދިފާޢުގެ މުހިއްމު ތަނެއް ކަމުގައިވާ ބޮޑު ބުރުޒުގެ ވެރިޔަކަށްހުރި ބ.އަތޮޅު އޭދަފުށީ ޙަސަން ވަތަބަނޑޭރި ތަކުރުފާނު ދުރުވެ ކީރިތި މަހާރަދުންނަށް ދެންނެވި ކަމަށްވަނީ ދުޝްމިނުންޖެހި ކޮންމެ އުއްޑައަކަށް ބޮޑު ކޯއްޓޭ ބުރުޒުން އޭނާ އުއްޑައެއް ޖަހާނެކަމަށެވެ. އަދުއްވުންގެ އުއްޑައަކުންޖެހި ޚުދު އޭނާ މަރުވެއްޖެކަން ދެން ތިބި 4 މީހުން އައިސް ރަދުންގެ އަރިހުގައި އެވާހަކަ ނުދަންނަވަނީސް އަމާން ނުދެއްވުމަށެވެ. ބަޣާވާތްކުރަން ތައްޔާރަށް ތިބި ބަޔަކު އައިސް ރަދުންގެ އަރިހުގައި ދެންނެވިކަމަށްވަނީ ރަދުންގެ އަމުރުފުޅެއްނެތި ބޮޑު ކޯއްޓޭ ބުރުޒަށް ކޮންމެވެސް ބަޔަކު އަމާން ދިދަނެގިކަމަށެވެ. ދެން ދުޝްމަނުންގެ ބަޑީގެ އަޑާއެކު ރަދުންނަށް އިވިވަޑައިގަތީ މާލޭގެ ހުޅަގު އުތުރުކޮޅަށް ޕޯޗުގީޒުން ފޭބި ޚަބަރެވެ. ( މުޙައްމަދު އިބްރާހީމް ލުޠުފީގެ ލިޔުއްވުމަކުން ނެގިފައި )

ފަތިސްވީއިރު އެމީހުންގެ ބަޑިތަކާއި ސިލޭހަތައް ހިފައިގެން މާލޭގެ ހުޅަގު އުތުރު ފަރާތު އަތިރިއަށް ޕޯޗުގީޒުން ފައިބައިފި އެވެ. ޢަލީ ރަސްގެފާނު އެމީހުންނާއި ހަނގުރާމައަށް ލަޝްކަރީންނާއިގެން ނިކުމެވަޑައިގެންނެވި އެވެ. ދެކޮޅުވެރި ޕޯޗުގީޒުންނާއި ހަނގުރާމަކުރެއްވުމަށް ކުރިމަތިލެއްވި ދިވެހި ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ ހަމަ ސީދާ އަލި ރަސްގެފާނު އެވެ. ދިވެހިންގެ ލަޝްކަރު ތުނިވަމުންގޮސް 3 މީހުންނަށް ވީއިރުވެސް އަލި ރަސްގެފާނުގެ ހިތްވަރު ފުޅަކަށް ބަދަލެއް ނުގެންނަވައެވެ. ރަސްގެފާނު ކަނޑި އައްޑަނަ ހިއްޕަވައިގެން ލަޝްކަރީންގެ ވެރިއެއްގެ ގޮތުން ކުރީގައި ހިންގަވައިފައި ވަޑައިގެން ޢީދު މިސްކިތާއި ހަމައަށް ވަޑައިގެންފައި އެބުރި ވަޑައިގަތް ފަހަތް ބެލިއިރު ބޮޑުވަޒީރާ، ޚާދިމުންކުރެ އެކަކު ނޫން އެހެން އެންމެން ފިލައިގެން ހިގައްޖެއެވެ. ދެން ޢަލީ ރަސްގެފާނު އެދެމީހުންނާއިގެން ދުޝްމަނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން މީގެ ތިން ބޭފުޅުން ކަނޑިއާއި އައްޑަނަ ހިއްޕަވައިގެން ހިތްވަރާއި އެކު އެމީހުންނާއި ޙަމަލާ ދެއްވި އެވެ.

ޕޯޗުގީޒުންގެ ލަޝްކަރުން ބަޑި ޖަހަން ފެށިއެވެ. މިޖެހި ބަޑީގެ އުންޑަތަކުން ރަސްގެފާނާއި، ރަސްގެފާނުގެ އަރިހުގައި ތިބި އަނެއް ދެކަލުންވެސް ޝަހީދު ވެއްޖެއެވެ. މިބޭފުޅުން ޝަހީދުވެ ވަޑައިގެންފައިވަނިކޮށް ފެނިގެން އެތިން ބޭފުޅުން އަވަހާރަވެފައި ތިއްބެވި ތަނުގައި ފަސްދާނުލީ އެވެ. އަދި ފަސްދާނު ލުމަށްފަހު އެތައް ވަށައިގެން ގައުޖައްސައި ފާރެއް ފަދައިން ގަދައަށް ހެދީއެވެ. ބުނެވޭގޮތުގައި އޭރު ކަނޑުގެ ލޮނުގަނޑު ފާރުގެ ވަށައިގެން ހިނގަހިނގާ އޮވެއެވެ. މާލޭގައި ހިތި ދުވަސް ފާހަގަކޮށް އުޅުނުއިރު އާދަކާދައިގެ ގޮތުން މާފަންނު ބޮޑު ހިތީގައި އެދުވަސްވަރަކު ހުންނެވި ރަސްކަލަކު ޢަލީ ރަސްގެފާނުގެ ޒިޔާރަތަށް ވަޑައިގަންނަވައެވެ.

ޢަލީ ރަސްގެފާނު ޝަހީދުކުރުމަށްފަހު ޕޯޗުގީޒުންގެ މީހުން މާލޭގެ މައްޗަށް ވެރިވެ، އެބައިމީހުންގެ މަރުކަޒު މާލޭގެ އުތުރު ފަރާތުން މާފަންނުގައި ގާއިމުކޮށްފި އެވެ. މިތަނަށް އެޒަމާނުގައި ދާންއޮންނަ މަގަށް ދާދި ފަހަކާ ޖެހެންދެން ދިވެހިން ނަންދީފައިވަނީ އަނދިރި އަނދިރިން މަގު ގެ ނަމުންނެވެ. ރާއްޖޭގެ އެކިއެކި ތަންތަނަށް ޕޯޗުގީޒުން އެމީހުންގެ އިސްމީހުން ފޮނުއްވި އެވެ.

ޕޯޗުގީޒުންގެ ދުވަސްވަރަކީ ދިވެހިން ދުށް ވަރަށް ބިރުވެރި ނާމާން ދުވަސްވަރެކެވެ. ދިވެހިންގެ ވަރަށް ގިނަ ބަޔަކު މަރައި އިސްލާމުންގެ ލެއިން ކަނޑުތައް ރަތްވެގެން ދިޔަ ދުވަސްވަރެކެވެ. މިގޮތުގެ މަތީން 15 އަހަރު ދުވަސް ވޭތުވެ ދިޔައެވެ.

ޕޯޗުގީޒުން ދިވެހިރާއްޖެ ހިފަން އަންނަން މެދުވެރިވި ސަބަބު

އުނިއިތުރު ގެންނަވާ

ޕޯޗުގީޒުން ދިވެހިރާއްޖެ ހިފަން އަންނަން މެދުވެރިވި ސަބަބަކީ ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ހިލާލީ ދަރިކޮޅުގެ 9 ވަނަ ޙަސަން ރަސްގެފާނު، ދިވެހިރާއްޖޭގެ ކޮއިލުގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި، އިންޑިޔާގައި ތިބި ޕޯޗުގީޒުންގެ މީހުންގެ ގާތަށް ވަޑައިގެން ނަޞާރާ ދީނަށް ވެދެވަޑައިގަންނަވައި، އޭގެ ފަހުން އަނެއްކާ ވެސް ރާއްޖޭގެ ތަޚްތު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކުރެއްވުމެވެ. މިރަދުން އިންޑިޔާގެ ކޮއްޗޭއަށާއި، ގޯވާއަށް ވަޑައިގެން ފުރަތަމަ ކުރެއްވި ކަމަކީ މާލޭގައި ތިބި ވަޒީރުންނާއި އަދިވެސް ކުރިއަށް ތިބި މީހުންނަށް ނަޞާރާ ދީނަށް ވެއްދުމަށްޓަކައި އެބައިމީހުން ބަލާ ނަވެއް ފޮނުއްވުމެވެ. މިނައު މާލެއައުމުން މާލޭގައި ކުރިއަށް ތިބި އެންމެން މަޝްވަރާކުރުމަށްފަހު އެރަސްގެފާނަށް އެންގީ ދީން ބަދަލުނުކުރާނޭ ކަމަށާއި، އަދި އެރަސްގެފާނުގެ އަރިހަށް ނުދާނޭ ކަމަށެވެ. ދެން އެނަވުގައި އައި މީހުންނާއި ދިވެހިން ހަނގުރާމަކޮށް އެމީހުންގެ ހަތިޔާރާއި މުދާ ދިވެހިން އަތުލީ އެވެ. މިހަނގުރާމަ ކުރެއްވީ ޢަލީ ރަސްގެފާނާއި، އަބޫބަކުރު ރަސްގެފާނާއި، ދެބޭފުޅުންނާއި އެދެބޭފުޅުންނަށް ތަބާވީ މީހުންނެވެ. މިކަންތައް ހިނގީ މިދެބޭފުޅުން ރަސްކަމަށް އިސްވެ ވަޑައިގަތުމުގެ ކުރިންނެވެ.

މިހާދިސާއަށް ފަހު އަނެއްކާވެސް ޕޯޗުގީޒުންގެ ނައުތަކެއް މާލޭގެ ބަނދަރަށް ޙަސަން ރަސްގެފާނު ފޮނުއްވި އެވެ. ދިވެހިން މިބައިމީހުން ވެސް ބަލިކޮށް އެމީހުންގެ ހުރިހާ ތަކެތި އަތުލި އެވެ. ޕޯޗުގީޒުންނަށް ދިވެހި ރާއްޖެ ހިފުނީ އެމީހުން ހަނގުރާމައަށް އައި 3 ވަނަ ފަހަރު އެވެ. މިފަހަރު ޕޯޗުގީޒުން އައީ ކުރީގެ ލަޝްކަރަށްވުރެ ވަރުގަދަ ލަޝްކަރަކާއި، ކުރިއަށްވުރެ މޮޅު އާރުކާޓީން ގޮވައިގެންނެވެ. އާދެ! މިފަހަރު އެމީހުންނަށް ކާމިޔާބު ލިބުނީ އެވެ.

ދިވެހިރާއްޖޭގައި މަޝްހޫރު ބޮޑުތަކުރުފާނު ވާހަކައިގައި ޕޯޗުގީޒުންގެ ވެރިއަކަށްހުރި މީހާއަށް ނިސްބަތްކުރާ ނަމަކީ އަނދިރި އަނދިރިން ނެވެ. މީނާއާ ބެހޭގޮތުން ރިވާވެގެން އައިސްފައިވާ ވާހަކައެއް އޮވެއެވެ. ބުނެވޭގޮތުގައި އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަމުގައި ޕޯޗުގީޒު ނަވެއް ހުވަދު އަތޮޅަށް ދިޔައެވެ. މިނަވުގެ ވެރިއަކަށްހުރީ ގޯވާގައި ހުންނަ ވައިސްރޯއީ އާ ތިމާގެ މީހެކެވެ. މީނާއާ އެކުގައި މީނާގެ އަންހެނުންވެސް ވިއެވެ. މިނައު ހިފުމަށް ގާފަރު ކަޅު އުނބުށޭމު ފާށަނާ ތަކުރުފާނު ރަދުން ފޮނުއްވި އެވެ.

މިތަކުރުފާނު ގޮސް ހަނގުރާމަކޮށް ނަވުގެ ކައްޕިތާނާއި ފަޅުވެރިން ގަތުލުކުރީ އެވެ. ނަމަވެސް ނައުގެ ވެރިޔާގެ އަންހެނުން ގަތުލެއް ނުކުރެއެވެ. މިއަންހެންމީހާގެ ފުރާނަ ސަލާމަތް ކުރިއެވެ. މިކަމަނާގެ ނަމަކީ ޚާންޒީ ކަމަނާ އެވެ. މިކަން ހިނގިއިރު މިޚާންޒީ ކަމަނާ އިނީ ބަލިވެއެވެ. މިކަމަނާއަށް ލިބުނު ޕޯޗުގީޒު ދަރިފުޅު ބޮޑުކުރީ އިސްލާމެއްގެ ގޮތުގައެވެ. މީނާއަށް ކިޔުނީ މުޙައްމަދު އެވެ. މިއީ ފަހުން ކެޕްޓަން އަނދިރި އަނދިރިން ގެ ނަމުން މަޝްހޫރުވެފައިވާ މީހެކެވެ. ގާފަރު ކަޅު އުނބުށޭމު ޚާންޒީ ކަމަނާއާއި އިނދެގެން ފިރިހެން ކުއްޖަކުވެސް ލިބުނެވެ. އެކުއްޖަކީ މަތުއްކަލާ އެވެ. އިސްވެ ދެންނެވި މުޙައްމަދު އޭނާގެ ކޮއްކޮ މަރާލުމަށްފަހު ގޯވާއަށް ގޮސް ހިޖުރައިން 965 ވަނަ އަހަރު ޕޯޗުގީޒު ފްލީޓެއް ގޮވައިގެން މާލެ އައިސް މާލެ ހިފީއެވެ.

ބިނާތަކާއި، ހަދާންތައް

އުނިއިތުރު ގެންނަވާ
 
އަލި ރަސްގެފާނު ޒިޔާރަތް

ޢަލީ ރަސްގެފާނުގެ ޒިޔާރަތަކީ ޢަލީ ރަސްގެފާނު އާއެކު ޕޯޗުގީޒުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެންމެ ފަހުވަގުތާއި ޖެހެންދެން ހަނގުރާމަކޮށް ޝަހީދުވި 3 ބޭފުޅުން ފަސްދާނު ލެވުނު ތަނެވެ. ބުނެވޭގޮތުގައި އެބޭފުޅުން ޝަހީދުވެ ވަޑައިގެންފައިވަނިކޮށް ފެނިގެން އެތިން ބޭފުޅުން އަވަހާރަވެފައި ތިއްބެވި ތަނުގައި ފަސްދާނުލީ އެވެ. އަދި ފަސްދާނު ލުމަށްފަހު އެތައް ވަށައިގެން ގައުޖައްސައި ފާރެއް ފަދައިން ގަދައަށް ހެދީއެވެ. ބުނެވޭގޮތުގައި އޭރު ކަނޑުގެ ލޮނުގަނޑު ފާރުގެ ވަށައިގެން ހިނގަހިނގާ އޮވެއެވެ. މާލޭގައި ހިތި ދުވަސް ފާހަގަކޮށް އުޅުނުއިރު އާދަކާދައިގެ ގޮތުން މާފަންނު ބޮޑު ހިތީގައި އެދުވަސްވަރަކު ހުންނެވި ރަސްކަލަކު ޢަލީ ރަސްގެފާނުގެ ޒިޔާރަތަށް ވަޑައިގަންނަވައެވެ.އަލި ރަސްގެފާނު ފަސްދާނުލެވުނުކަމަށް ބުނެވެނީ އޭނާ އަވަހާރަވެގެން ވެއްޓި ވަޑައިގަތްތާގައެވެ. އާދެ މިހާރުގެ މަޝްހޫރު އަލި ރަސްގެފާނު ޒިޔާރަތް އެހެރަތާގައެވެ. މާފަންނުގައި ޢަލީ ރަސްގެފާނުގެ ޒިޔާރަތް ހުރި މަގަށް ދީފައިވާ ނަމަކީ ޝަހީދު އަލީ ހިނގުން އެވެ.

މާލޭގެ ހެންވޭރު ކޮޅުގައި ބިނާކުރައްވާފައިވާ ޝަހީދު ޢަލީ މިސްކިތަކީ ޢަލީ ރަސްގެފާނުގެ ހަދާނުގައި ބިނާކުރައްވާފައިވާ ތަނެކެވެ. މިމިސްކިތްވަނީ ތަފާތު ފަހަރުތަކުގެ މަތީން ސަރުކާރުން މަރާމާތުކުރައްވައި ބޮޑުކުރައްވާފައެވެ. އެންމެ ފަހުން ބޮޑުކުރެއްވި އިރު މިމިސްކިތްވަނީ ދެބުރިއަށް އުސްކުރައްވައިފައެވެ.

ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަތީ މީލާދީން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެއީ ހިޖުރީގޮތުން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ. ބައެއް ލިޔުންތަކުގައި ވަނީ އެއީ 18 މެއި 1658 ކަމުގައެވެ. ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޢަލީ ރަސްގެފާނު އެދުވަހު ޝަހީދުވެ ވަޑައިގަތުމާއި ގުޅިގެންނެވެ. ޢަލީ ރަސްގެފާނަކީ ވަޠަނަށްޓަކައި ގުރުބާންވެ ވަޑައިގަތް އަގުމާތް ދިވެހި ދަރިއެކެވެ. މާތް ރަސްކަލާނގެ އެރަދުންގެ ފުރާނަފުޅަށް ރަޙްމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވާށި! އާމިން.

  • ފަތްތޫރަ - އޭޕްރީލް 1989
  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ވެބްސައިޓް

އިތުރު ފާލަންތައް

އުނިއިތުރު ގެންނަވާ
ކުރިން ހުންނެވީ:
ސުލްޠާން އަބޫބަކުރު (ދެވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު