ސުލްޠާން ކަޅު މުޙައްމަދު

ތިން ފަހަރެއްގެ މަތިން ރާއްޖޭގެ ރަސްގެފާނު

ސުލްޠާން ކަޅު މުޙައްމަދު އަކީ 3 ފަހަރެއްގެ މަތީން ދިވެހި ރަސްކަމުގެ ތަޚްތުގައި ރެދަލި ކުރެއްވި ބޭފުޅެކެވެ. ސުލްޠާން ކަޅު މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާ ރަދުންނަކީ ޢުމަރު ރަސްގެފާނު ނުވަތަ ސުލްޠާން ޢުމަރު (ދެވަނަ) ގެ ދަރިކަލެކެވެ.

ރަސްކަންކުރެއްވި މުއްދަތު އުނިއިތުރު ގެންނަވާ

ސުލްޠާން ކަޅު މުޙައްމަދު ފުރަތަމަ ފަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދީން 1491 ން 1492 އަށެވެ. އެއީ ހިޖުރައިން 897 ވަނަ އަހަރު އެވެ. ފުރަތަމަ ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 897 ވަނަ އަހަރު އެވެ. އެފަހަރު ރަސްކަން ކުރެއްވީ 9 މަސް ދުވަހުގެ މުއްދަތަށެވެ. ފުރަތަމަ ފަހަރު ރަސްކަން ކުރައްވާތާ 9 މަސް ދުވަސް ވީތަނާ މިރަދުންގެ ކޮއްކޯފުޅު ސުލްޠާން ޔޫސުފު (ތިންވަނަ) ރަސްކަމަށް ވެރިވެ ވަޑައިގެންފި އެވެ. މިކަން ހިނގީ ހިޖުރައިން 897 ވަނަ އަހަރު ގައެވެ.

ސުލްޠާން ކަޅު މުޙައްމަދު ދެވަނަ ފަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދީން 1495 ން 1510 އަށެވެ. އެއީ ހިޖުރައިން 900 ން 915 އަށެވެ. ދެވަނަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 900 ވަނަ އަހަރު އެވެ. އެފަހަރު ރަސްކަން ކުރެއްވީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ. ދެވަނަ ފަހަރު ރަސްކަން ކުރައްވާތާ 15 އަހަރުވީތަނާ މީނާއަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޯފުޅު ޙަސަން ރަސްގެފާނު ނުވަތަ ސުލްޠާން ޙަސަން (ހަތްވަނަ) ރަސްކަމަށް ވެރިވެ ވަޑައިގެންފި އެވެ. މިކަން ހިނގީ ހިޖުރައިން 915 ވަނަ އަހަރުގައެވެ.

ސުލްޠާން ކަޅު މުޙައްމަދު ތިންވަނަ ފަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދީން 1513 ން 1529 އަށެވެ. އެއީ ހިޖުރައިން 918 ން 935 އަށެވެ. ދެވަނަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 918 ވަނަ އަހަރު އެވެ. އެފަހަރު ރަސްކަން ކުރެއްވީ 17 އަހަރު ދުވަހުގެ މުއްދަތަށެވެ.

ސުލްޠާން ކަޅު މުޙައްމަދު 3 ފަހަރުގެ މަތީން 32 އަހަރާއި 9 މަސް ދުވަހު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި އެވެ. ކަޅު މުޙައްމަދު ރަސްގެފާނު އަކީ މަކަރުވެރި އަނިޔާވެރި ރަސްކަލެކެވެ. ބަޔާންކުރެވުނު ދިގު މުއްދަތުގައި މިރަދުން ރަސްކަންކުރެއްވީ ދަގަނޑު އަތްޕުޅަކުން ނެވެ.

ރަސްކަމުގެ ދުވަސްވަރު އުނިއިތުރު ގެންނަވާ

ސުލްޠާން ކަޅު މުޙައްމަދު ގެ ރަސްކަމުގެ ދެވަނަ ދައުރުގައި 8 ޖުލައި 1497 ގައި ޕޯޗުގީޒުން އިންޑިޔާ ކަނޑު ފަތަހަ ކުރުމަށާއި، އިންޑިޔާގެ އައްސޭރިއަށް ވެރިވުމަށް ވަސްކޮޑި ގަމާ ފޮނުވައި، އޭނާ އިންޑިޔާ އައެވެ. ހަމަ މިރަދުންގެ ރަސްކަމުގެ ދެވަނަ ދައުރުގައި މީލާދީން 1501 ގައި ޕޯޗުގީޒުންގެ ސަރުކާރުގެ އިސް އޮފިސަރެއް ކަމުގައިވާ ދުވާޓޭ ބަރަބޯސާ ދިވެހިރާއްޖެ އަށް ޒިޔާރަތްކުރި އެވެ.

ސުލްޠާން ކަޅު މުޙައްމަދު ގެ ދެވަނަ ދައުރުގައި މީލާދީން 1502 ގައި ޕޯޗުގީޒުންގެ ހަނގުރާމަ މަތީ އުޅަނދެއްގެ ވެރިޔަކަށް ހުންނެވި، ވިންސެންޓް ސޮޑްރޭ ރާއްޖޭގެ ވިޔާފަރި އޮޑިތަކެއް އަތުލައިގެން އޭގައި ހުރި ވިޔަފާރި މުދާތައް ފޭރުނެވެ.

ސުލްޠާން ކަޅު މުޙައްމަދު ރަސްކަމުގެ ދެވަނަ ދައުރުގައި މީލާދީން 1505 ގައި ޕޯޗުގީޒުންގެ 4 އުޅަނދުގައި 300 ސިފައިން ގޮވައިގެން ޑޮންލޮރެންސޯޑި އަލްމޭޑާ ދިވެހިރާއްޖެ ހިފުމަށް ގޯވާއިން ފުރައިގެން ދަތުރުކުރިއެވެ. މިދަތުރުގައި މޫސުމް ގޯސްވެ، ކަނޑުގެ އޮއިބާރު ކަމުން ޕޯޗުގީޒުންގެ އުޅަނދުތައް ބެހިގެން ދިޔައީ ސްރީލަންކާގެ ގާލީ އަށެވެ. އެއަށްފަހު އެތަނުގައި ޕޯޗުގީޒުންގެ ބާރު ހިގަން ފެށިއެވެ.

ސުލްޠާން ކަޅު މުޙައްމަދު ރަސްކަމުގެ ތިންވަނަ ދައުރުގައި ޕޯޗުގީޒުންގެ އިސް އޮފިސަރެއް ކަމަށްވާ ޑޮމް ޕިޔަރެސް ޕޯޗުގީޒު ސަރުކާރަށް ދިވެހިރާއްޖޭގެ މުހިއްމުކަން ރިޕޯޓަކުން ހުށަހެޅިއެވެ. ހަމަ މިދުވަސްވަރުގެ ތެރޭގައި މީލާދީން 1517 ވަނަ އަހަރު ޕޯޗުގީޒު ސަރުކާރުގެ ސަފީރެއްގެ ގޮތުގައި ރާއްޖޭގައި ހުރި ޖޯޑޯ ސިލްވީރާ ބަންގާޅު ރަސްގެފާނު އައްސުލްޠާން އަލާޢުއްދީނު ޙުސައިން ޝާހު ގެ އަރިހަށް ބަދަލު ކުރެވުނެވެ. ހަމަ އެއަހަރު ޕޯޗުގީޒު މީހެއް ކަމުގައިވާ ޖެރޯނީ ނިސް ޑިސޯސާ ރާއްޖޭގެ ރަށްތަކަށް އަރައި ފޭރުމުގެ ޢަމަލުތަކެއް ހިންގިއެވެ. ހަމަ އެއަހަރު ޖުވާޑިޔޯ ނުވާ ރާއްޖެ އައެވެ.

ސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނުގެ ތިންވަނަ ދައުރުގައި މީލާދީން 1518 ވަނަ އަހަރު ޖުވާގޯ މެސްޗިރާ ޑިން ހިރޯ ޕޯޗުގީޒުންގެ ފަރާތުން ދިވެހިރާއްޖެ އައިސް ކިއްލާ އަކާއި ވިޔަފާރި މަރުކަޒެއް ހަދަން މަސައްކަތް ކުރިއެވެ. ކަޅު މުޙައްމަދު ރަސްގެފާނު އާއި މީނާއާއި ދެމެދު ދެބަސްވުން ތަކެއް ހިނގައި، މަލާބާރު ރަސްގެފާނު ( ޢަލީ ރާޖާ ) ގެ އެހީތެރިކަމަށް އެދުމުން، އެރަސްގެފާނު އުޅަނދެއްގައި 12 ފަހުލަވާނުން ފޮނުއްވިއެވެ. އެބައިމީހުން އައިސް މާލޭގައި ތިބި ޕޯޗުގީޒުން މަރައި އެބައިމީހުންގެ މުދާތައް ފޭރުމަށްފަހު އެބުރި ރަށަށް ދިޔައީ އެވެ.

އަވަހާރަވުން އުނިއިތުރު ގެންނަވާ

ސުލްޠާން ކަޅު މުޙައްމަދު އަވަހާރަވީ ހިޖުރައިން 935 ވަނަ އަހަރުގައެވެ. މިރަދުން އަވަހާރަވިއިރު ރާއްޖޭގެ ފަނޑިޔާރު ކަމުގައި ހުންނެވީ އިސްމާޢީލް ފާމުލަދޭރި އެވެ. މިކަލޭގެފާނަށްފަހު ރާއްޖޭގެ ފަނޑިޔާރު ކަމަށް އިސްވީ މަޝްހޫރު ދޮންކޮރަލި ތަކުރު އެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ފަތްތޫރަ -ޖެނުއަރީ 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ

ކުރިން ހުންނެވީ:
ސުލްޠާން އިބްރާހީމް (ދެވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޔޫސުފު (ތިންވަނަ)
ކުރިން ހުންނެވީ:
ސުލްޠާން ޢަލީ (ހަތަރުވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޙަސަން (ހަތްވަނަ)
ކުރިން ހުންނެވީ:
ސުލްޠާން ޢަލީ (ފަސްވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޙަސަން (އަށްވަނަ)