ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ)

ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) އަކީ މީލާދީން 1704 ން 1721 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ. މިރަދުންނަކީ ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ދިޔަމިގިލީ ދަރިކޮޅުގެ ފުރަތަމަ ރަސްގެފާނު އެވެ.

ފުރިހަމަ ނަންފުޅަކީ އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) ސިރީ ކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންނެވެ. އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) އަށް 3 ބޭފުޅުން ލިބި ވަޑައިގެންނެވި އެވެ. އެއީ ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) އާއި، ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ) އަދި ކަނބާ ޢާއިޝާ އެވެ. އިބްރާހީމް އިސްކަންދަރު، ކޮރު ބަންޑާރައިން، އަދި ކަނބާ ޢާއިޝާ މި 3 ބޭފުޅުންގެ މަންމާފުޅަކީ ގޮއިދޫ ޢަލީ ދޮށިމޭނާ ތަކުރުފާނުގެ އައިމިނާ ކަނބައިދި ކިލެގެފާނު އެވެ.ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) ރަދުންނަކީ ދިޔަމިގިލީ އަލްވަޒީރުލް އަޢުޡަމް އިބްރާހީމް ގެ ދަރިކަލެކެވެ.

ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) މިނަންފުޅަކީ ރަސްކަމަށް އަރާވަޑައިގަތް ފަހުން ޚިޔާރު ކުރެއްވި ނަންފުޅެކެވެ. އޭގެ ކުރިން ކިޔައި އުޅުއްވި ނަމަކީ މުޙައްމަދު ދޮށިމޭނާ ތަކުރުފާނު އެވެ.

ރަސްކަމުގެ ދުވަސްވަރު

އުނިއިތުރު ގެންނަވާ

ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 1116 ވަނަ އަހަރު އެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމާއެކު އަރިއަތޮޅު ފެންފުށީ ޙާޖީ އިސްމާޢީލް ތަކުރުފާނު އަށް ދޮށިމޭނާ ކަމަށް ކޮލިލެއްވި އެވެ. ބޮޑު ބަނޑޭރި ކަމުގައި ބެހެއްޓެވީ އެންމެ ފަހުން ވެސް އެކަމުގައި ހުންނެވި މުރައިދޫ ޙަސަން ތަކުރުފާނު އެވެ. ފަނޑިޔާރުކަމަށް އިސްކުރެއްވީ މޫސާ ބިން ޢީސާ ނާޞިރުއްދީން އެވެ. ނަމަވެސް ވަރަށް އަވަހަށް އެކަލޭގެފާނު ފަނޑިޔާރުކަމުން ދުރުކުރައްވައި، އެމަގާމަށް ޙަސަން ތާޖުއްދީން އިސްކުރެއްވި އެވެ.

އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތްތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ރާއްޖޭގެ ރަސްކަމުގެ ތަޚްތުގައި ، އެއްބޭފުޅަކަށްފަހު އަނެއްބޭފުޅަކު ތިއްބެވި، އައްސުލްޠާން ޙަސަން (ދިހަވަނަ) އާއި، އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު އާއި، ދެބޭފުޅުން ސޫރަތުން ނަވެއްގައި، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ އަށް ވަޑައިގެންފި އެވެ. އެތަނުން އެބޭފުޅުން އޮޑިއެއްގައި ދަތުރުކުރައްވަން ފެއްޓެވީ މާލެއަށެވެ. މަޤްޞަދަކީ ސިއްރުފުޅުން މާލެ ފައިބާ ވަޑައިގެންނެވުމެވެ. ނަމަވެސް މާލެ އަރާވަޑައިނުގެން އުޅެނިކޮށް، އެބޭފުޅުން ވަޑައިގަންނަވާކަން ފާޅުވެއްޖެއެވެ. ނަތީޖާއަކަށްވީ މާލެއިން ދިޔަ އޮޑިތައް މަކުނުދޫ އާއި ހަމައިން، އެބޭފުޅުން އަތުލައި ގަނެގެން، މާލެ ގެނައުމެވެ. އެދެބޭފުޅުންމެ އަރުވާލީ ޏ.ފުވައްމުލަކަށެވެ. އޭގެ ދުވަސް ކޮޅެއްފަހުން އައްސުލްޠާން ޙަސަން (ދިހަވަނަ) ފުވައް މުލަކުން އައްޑު އަތޮޅު ހިތަދޫ އަށް ފޮނުވާލައްވައިފި އެވެ. އޭނާ އަވަހާރަވީ ހިޖުރައިން 1128 ވަނަ އަހަރު އެވެ. އެއީ އަރުވާލައްވާފައި ހުންނަވާތާ 6 އަހަރުވި ފަހުންނެވެ.

ދުވަސްކޮޅަކު އަރުވާލެވިފައި ހުންނެވުމަށްފަހު އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ނުވަތަ އިބްރާހީމް ރަދުން، އެރަށުން ސަލާމަތްވެ ވަޑައިގެން ސިލޯނުގެ، ގާލީއަށް ވަޑައިގެންނެވި ކަމުގައި ބުނެވެއެވެ. ގާލީ އިން އޭނާ ވަޑައިގެންނެވި ކަމުގައި ބުނަނީ މަދަރާސީ އަށެވެ. އެތަނުން ބަންގާޅު އަށެވެ. ބަންގާޅުގައި އަހަރު ދުވަހު ހުންނެވުމަށްފަހު، އިންޑިޔާގެ ފާރޫޤް ޝިޔާރު އޭ ކިޔޭ ރަސްކަލެއްގެ އެހީތެރިކަމާއެކު، މާލެއާއި ދެކޮޅަށް ވަޑައިގަތުމަށް އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ތައްޔާރު ކުރެއްވި އެވެ.

އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު މާލެ ވަޑައިގެންނެވީ ދެނަވާއި ބަގަލާއެއްގައެވެ. އޭނާގެ ލަސްކަރާއި މާލޭގެ ލަސްކަރު ބައްދަލުވީ، 23 ރަބީޢުލް އައްވަލް 1123ހ ގައެވެ. މާލޭގެ ލަސްކަރުން ބަޑިޖަހަމުން ގެންދިޔައީ މާލޭގެ ބުރުޒު ތަކުންނެވެ. އިބްރާހީމް ރަދުންގެ ލަސްކަރުން ބަޑިޖަހަމުން ގެންދިޔައީ ބޭރު ބަދަރުންނެވެ. އެދުވަހު ހަވީރު ވުމަށްފަހު ބޭރުން ދިޔަ އުޅަދުތައް ދޫނިދޫ ބޭރަށް ހިގައްޖެއެވެ.

ކުރިން ބުނެވުނު އުޅަދުތައް އެތައް ދުވަހެއް ވަންދެން ދިވެހިރާއްޖޭގައި، ދައުލަތާއި ދެކޮޅަށް ދުއްތުރާތައް ދެއްވަން އުޅުއްވުމަށްފަހު، 26 ޖުމާދިލް އާޚިރު 1123 ހ ގައި އިބްރާހީމް ރަދުން މާލެ ދޫކުރައްވައި، ބަންގާޅަށް ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ. މާލެ އަތޮޅުން ވަކިވެ ވަޑައިގަތުމުގެ ކުރީގައި ވިލިގިލީގައި ހުންނަ މިސްކިތް ހަލާކުކޮށްލީ ކަމުގައި ބުނެވެއެވެ.

10 މުޙައްރަމް 1124ހ ގައި އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ނުވަތަ އިބްރާހީމް ރަދުން އަނެއްފަހަރު މާލެއާއި ދެކޮޅަށް ގުރާބުތަކަކާއިގެން ވަޑައިގެންނެވި އެވެ. ނަތީޖާއަކަށްވީ އަނެއްކާ ވެސް ވަރުގަދަ ހަނގުރާމައެއް ހިނގުމެވެ. އެފަހަރު މާލެއަށް ފައިބާ ވަޑައިގެންނެވުނު ކަމުގައި ވެސް ބުނެވެއެވެ. ނަމަވެސް މާފަންނު ދޮރޯށި ހިފަހައްޓާލި ހިތްވަރުގަދަ ފަހުލަވާނުންގެ ކޮޅެއްގެ ހިތްވަރާއި ހިތްމަތުން ދުޝްމިނުންގެ މީހުން އެހިސާބުގައި މަޑުކޮށްލައިފި އެވެ. އޭގެ ފަހުން މާލެއިން އާ ލަސްކަރެއް ނިކުމެ، އިބްރާހީމް ރަދުންގެ ލަސްކަރު ފަހަތަށް ޖައްސާލައި، ދެރަކޮށްލައިފި އެވެ. ނަމަވެސް އިބްރާހީމް ރަދުންނާއި، ލަސްކަރުގެ ވަރަށް ގިނަ މީހުން ސަލާމަތްވެގެން އެނބުރި އިންޑިޔާއަށް ވާޞިލް ވިއެވެ. އޭގެ ފަހުން ވެސް 3 އަހަރު ވަންދެން ސުލްޠާން ފާރޫޤް ޝިޔާރުގެ ގަނޑުވަރުގައި އިބްރާހީމް ރަދުން އުޅުއްވި ކަމުގައި ބުނެވެއެވެ.

ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) ގެ ރަސްކަމުގައި އެއްފަހަރަށްވުރެ ގިނަ ފަހަރު މާލޭގައި ހުރި ވަރަށް ގިނަ ގޭގޭގައި ހުޅުޖެހުމުގެ ސަބަބުން ނެތި ހަލާކުވެގެން ދިޔައެވެ.

ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) އަވަހާރަވީ 29 ޛުލްޙިއްޖާ 1133ހ ގައެވެ. ރަސްކަން ކުރެއްވީ 17 އަހަރާއި، 11 މަހާއި 8 ދުވަހުއެވެ. ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) އަކީ ދިވެހި ތާރީޚްގެ އަހުލުވެރީން ވަރަށް މަތިވެރި ދަރަޖައަކަށް ދަރާފައިވާ ރަސްކަލެކެވެ. އެހެނީ ޙަސަން ތާޖުއްދީން އަށް އަމުރުކުރައްވައިގެން ދިވެހިރާއްޖޭގެ ތާރީޚް ފުރަތަމަ ލިޔުއްވަން ފެއްޓެވީ އެރަދުންނެވެ.

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ)