ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު

ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ނުވަތަ ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު އަކީ މީލާދީން 1701 ން 1705 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. މިރަދުންނަކީ އައްސުލްޠާން ޙަސަން ރަސްގެފާނުގެ ބޮޑު ބޭބޭގެ ދަރިކަލުންނެވެ.

ރަސްކަމުގެ ދުވަސްވަރު އުނިއިތުރު ގެންނަވާ

ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 1113 ވަނަ އަހަރު އެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު ފަނޑިޔާރުކަން ދެއްވީ ޢަބުދުލް ޙަކީމް އަށެވެ. ރަދުންގެ އެއް ކޮއްކޯފުޅު އިސްކުރެއްވީ ހަނދޭގިރި ކަމަށެވެ. އަނެއް ކޮއްކޯ ފުޅަށް ދެއްވީ ޝާހް ބަންދަރު ކަމެވެ. ބޮޑުވަޒީރު ކަމުގައި ޚިޔާރުކުރެއްވީ ދިޔަމިގިލީ މުޙައްމަދު އެވެ. އެއީ އިބްރާހީމް ދޮށިމޭނާ ތަކުރުފާނުގެ ދަރިކަލުންނެވެ.

ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ރަސްކަމުގެ ވަރަށް ކުރީކޮޅުގައި މާވެޔޮދޮށު މިސްކިތް މައްޗަށްގޮޅީގައި އާރާސްތު ކުރެއްވި އެވެ.

ޙައްޖަށް ވަޑައިގަތުން އުނިއިތުރު ގެންނަވާ

މިރަދުން ޙައްޖަށް ވަޑައިގަތުމުގެ ނިޔަތުގައި ހިޖުރައިން 1115 ވަނަ އަހަރު ދަތުރުފުޅު ތައްޔާރު ކުރެއްވި އެވެ. އެދަތުރުފުޅުގައި މާލެއިން ނުކުމެ ވަޑައިގަތީ ނަވަކާއި، ބޮޑު 4 އޮޑީގައެވެ. މިއުޅަދުތައް ވަނީ ކާއްޓާއި، މަހާއި، ބޮއްޔާއި، އަދި އެހެނިހެން ތަކެތީން ބަރާވެފައެވެ. އެއެއްޗެތީން ބަޑިވެސް ގެންދިޔަ ކަމުގައި ބުނެވެއެވެ.

ޙައްޖަށް ދިއުމަށްޓަކައި މާލެއިން ފުރާވަޑައިގަތީ 10 ރަމަޟާން 1115ހ ގައެވެ. އަރިހުގައި ގެންދެވި މީހުންގެ ތެރޭގައި އެންމެ ފަހުން ހުންނެވި، ޙަސަން ރަސްގެފާނު، ރަދުންގެ ކޮއްކޯފުޅު، އަދި ޢަބުދުލް ޙަކީމް ފަނޑިޔާރު ކަލޭގެފާނު ހިމެނިވަޑައިގަންނަވައެވެ. ދަތުރުކުރައްވަމުން ވަޑައިގަތީ ޖިއްދާ އަށެވެ. އެތަނުން މައްކާއަށް ވަޑައިގެން ޙައްޖުވެ ވަޑައިގަތުމަށްފަހު، ޢަބުދުލް ޙަކީމް އާއި ރަދުންގެ ބައެއް ތިމާގެ ބޭފުޅުން ކަށިވިދުރީގެ ވަބާއެއްގައި ނިޔާވެއްޖެއެވެ. އެއާލާސްކަންފުޅު ރަދުންނަށް ވެސް ހިސާބަކަށް ޖެހިވަޑައިގަތެވެ.

ސޫރަތުއަށް ދެވުން އުނިއިތުރު ގެންނަވާ

ޙައްޖު ދަތުރު ނިންމަވާލެއްވުމަށްފަހު ސަލާމަތުން ތިބި މީހުންނާއިގެން މާލެ ވަޑައިގަތުމަށްޓަކައި ރަދުން ޖިއްދާއިން ފުރާވަޑައިގަތީ 23 ޞަފަރު 1116 ހ ގައެވެ. ދަތުރުމަތީގައި އެއުޅަދުތަކާއި ދިމާވީ، ވަރަށް ގަދަ ވިއްސާރަ ގަޑަކާއި ދިމާވި އެވެ. 4 އޮޑީގެ ތެރެއިން 3 އޮޑި ކޮޅިގަނޑުގެ ތެރޭގައި ހަލާކުވެގެން ހިގައްޖެއެވެ. ސަލާމަތްވި އޮޑީގެ މީހުން މާލެއައިސް ޚަބަރު ދިނީ ރަދުންނާއި، އެހެނިހެން އެންމެން، ވިއްސާރަ ގަނޑުގެ ތެރޭގައި ނެތި ހިގައްޖެ ކަމުގައެވެ. ނަމަވެސް ހަގީގަތަކީ ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު އާއި، ސުލްޠާން ހަސަން ތިއްބެވި ނަވަށް ވަރަށް ދަތި ހާލު ޖެހުމަށްފަހު ސޫރަތު ކައރީ ރަށަކަށް ދެވުމެވެ. އެތަން ތަނެއްގައި ފައިންޕުޅާ ހިންގެވުމަށްފަހު، އެދެބޭފުޅުންނަށް ސޫރަތަށް ވަޑައިގެންނެވުނެވެ.

މާލެ ގަޑުބަޑުވުން އުނިއިތުރު ގެންނަވާ

ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ރަދުން ގެއްލުނު ޚަބަރު ލިބުމުން ވަރަށް ބޮޑު ގަޑުބަޑެއް މެދުވެރި ވިއެވެ. އެކަކަށްވުރެ ގިނަ މީހުން ތަޚްތަށްޓަކައި، ދަޢުވާ ކުރިއެވެ. އެންމެ ފުރަތަމަ ރަސްކަމަށް އެރުމަށް އުޅުއްވީ އިބްރާހީމް ރަދުންގެ ކޮއްކޯފުޅު، ޙުސައިން ޝާހް ބަންދަރު އެވެ. އެއެދުން ފުޅުގައި ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު އަބިކަބަލުން ގަނޑުވަރުން ބޭރަށް ލައްވާން އުޅުއްވަނިކޮށް ބޭޒާރުވީ އެވެ. ނަތީޖާއެއްގެ ގޮތުން ޝާހް ބަންދަރު އާއި އޭނާގެ އަނބި ދަރިން ނައިފަރު އަށް އަރުވާލެއްވިއެވެ.

ދެން ތަޚްތާއި ދިމާކޮށްލެއްވީ ބޮޑު ވަޒީރަކަށް ހުންނެވި މުޙައްމަދު ދޮށިމޭނާ ތަކުރުފާނު (ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) ) އެވެ. ރަދުންގެ އަނބިކަބަލުންނާއި، ތުއްޕުޅު ދަރިކަލުން އެކަމަނާގެ ރަށަށް ފޮނުވާލެއްވުމަށްފަހު، މުޙައްމަދު ދޮށިމޭނާ ތަކުރުފާނު ގަދަ ބަދަވިކަމާއެކު، ރަސްކަމަށް އަރާ ވަޑައިގަތެވެ. މިކަން ހިނގީ 22 ޝަޢުބާން 1116ހ ގައެވެ.

ރާއްޖެއާއި ތޮޅެންއައުން އުނިއިތުރު ގެންނަވާ

އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތްތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ރާއްޖޭގެ ރަސްކަމުގެ ތަޚްތުގައި ، އެއްބޭފުޅަކަށްފަހު އަނެއްބޭފުޅަކު ތިއްބެވި، އައްސުލްޠާން ޙަސަން (ދިހަވަނަ) އާއި، އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު އާއި، ދެބޭފުޅުން ސޫރަތުން ނަވެއްގައި، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ އަށް ވަޑައިގެންފި އެވެ. އެތަނުން އެބޭފުޅުން އޮޑިއެއްގައި ދަތުރުކުރައްވަން ފެއްޓެވީ މާލެއަށެވެ. މަޤްޞަދަކީ ސިއްރުފުޅުން މާލެ ފައިބާ ވަޑައިގެންނެވުމެވެ. ނަމަވެސް މާލެ އަރާވަޑައިނުގެން އުޅެނިކޮށް، އެބޭފުޅުން ވަޑައިގަންނަވާކަން ފާޅުވެއްޖެއެވެ. ނަތީޖާއަކަށްވީ މާލެއިން ދިޔަ އޮޑިތައް މަކުނުދޫ އާއި ހަމައިން، އެބޭފުޅުން އަތުލައި ގަނެގެން، މާލެ ގެނައުމެވެ. އެދެބޭފުޅުންމެ އަރުވާލީ ޏ.ފުވައްމުލަކަށެވެ. އޭގެ ދުވަސް ކޮޅެއްފަހުން އައްސުލްޠާން ޙަސަން (ދިހަވަނަ) ފުވައް މުލަކުން އައްޑު އަތޮޅު ހިތަދޫ އަށް ފޮނުވާލައްވައިފި އެވެ. އޭނާ އަވަހާރަވީ ހިޖުރައިން 1128 ވަނަ އަހަރު އެވެ. އެއީ އަރުވާލައްވާފައި ހުންނަވާތާ 6 އަހަރުވި ފަހުންނެވެ.

ދުވަސްކޮޅަކު އަރުވާލެވިފައި ހުންނެވުމަށްފަހު އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ނުވަތަ އިބްރާހީމް ރަދުން، އެރަށުން ސަލާމަތްވެ ވަޑައިގެން ސިލޯނުގެ، ގާލީއަށް ވަޑައިގެންނެވި ކަމުގައި ބުނެވެއެވެ. ގާލީ އިން އޭނާ ވަޑައިގެންނެވި ކަމުގައި ބުނަނީ މަދަރާސީ އަށެވެ. އެތަނުން ބަންގާޅު އަށެވެ. ބަންގާޅުގައި އަހަރު ދުވަހު ހުންނެވުމަށްފަހު، އިންޑިޔާގެ ފާރޫޤް ޝިޔާރު އޭ ކިޔޭ ރަސްކަލެއްގެ އެހީތެރިކަމާއެކު، މާލެއާއި ދެކޮޅަށް ވަޑައިގަތުމަށް އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ތައްޔާރު ކުރެއްވި އެވެ.

އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު މާލެ ވަޑައިގެންނެވީ ދެނަވާއި ބަގަލާއެއްގައެވެ. އޭނާގެ ލަސްކަރާއި މާލޭގެ ލަސްކަރު ބައްދަލުވީ، 23 ރަބީޢުލް އައްވަލް 1123ހ ގައެވެ. މާލޭގެ ލަސްކަރުން ބަޑިޖަހަމުން ގެންދިޔައީ މާލޭގެ ބުރުޒު ތަކުންނެވެ. އިބްރާހީމް ރަދުންގެ ލަސްކަރުން ބަޑިޖަހަމުން ގެންދިޔައީ ބޭރު ބަދަރުންނެވެ. އެދުވަހު ހަވީރު ވުމަށްފަހު ބޭރުން ދިޔަ އުޅަދުތައް ދޫނިދޫ ބޭރަށް ހިގައްޖެއެވެ.

ކުރިން ބުނެވުނު އުޅަދުތައް އެތައް ދުވަހެއް ވަންދެން ދިވެހިރާއްޖޭގައި، ދައުލަތާއި ދެކޮޅަށް ދުއްތުރާތައް ދެއްވަން އުޅުއްވުމަށްފަހު، 26 ޖުމާދިލް އާޚިރު 1123 ހ ގައި އިބްރާހީމް ރަދުން މާލެ ދޫކުރައްވައި، ބަންގާޅަށް ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ. މާލެ އަތޮޅުން ވަކިވެ ވަޑައިގަތުމުގެ ކުރީގައި ވިލިގިލީގައި ހުންނަ މިސްކިތް ހަލާކުކޮށްލީ ކަމުގައި ބުނެވެއެވެ.

10 މުޙައްރަމް 1124ހ ގައި އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ނުވަތަ އިބްރާހީމް ރަދުން އަނެއްފަހަރު މާލެއާއި ދެކޮޅަށް ގުރާބުތަކަކާއިގެން ވަޑައިގެންނެވި އެވެ. ނަތީޖާއަކަށްވީ އަނެއްކާ ވެސް ވަރުގަދަ ހަނގުރާމައެއް ހިނގުމެވެ. އެފަހަރު މާލެއަށް ފައިބާ ވަޑައިގެންނެވުނު ކަމުގައި ވެސް ބުނެވެއެވެ. ނަމަވެސް މާފަންނު ދޮރޯށި ހިފަހައްޓާލި ހިތްވަރުގަދަ ފަހުލަވާނުންގެ ކޮޅެއްގެ ހިތްވަރާއި ހިތްމަތުން ދުޝްމިނުންގެ މީހުން އެހިސާބުގައި މަޑުކޮށްލައިފި އެވެ. އޭގެ ފަހުން މާލެއިން އާ ލަސްކަރެއް ނިކުމެ، އިބްރާހީމް ރަދުންގެ ލަސްކަރު ފަހަތަށް ޖައްސާލައި، ދެރަކޮށްލައިފި އެވެ. ނަމަވެސް އިބްރާހީމް ރަދުންނާއި، ލަސްކަރުގެ ވަރަށް ގިނަ މީހުން ސަލާމަތްވެގެން އެނބުރި އިންޑިޔާއަށް ވާޞިލް ވިއެވެ. އޭގެ ފަހުން ވެސް 3 އަހަރު ވަންދެން ސުލްޠާން ފާރޫޤް ޝިޔާރުގެ ގަނޑުވަރުގައި އިބްރާހީމް ރަދުން އުޅުއްވި ކަމުގައި ބުނެވެއެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން ޙަސަން (ދިހަވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ)