ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ)

ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) އަކީ މީލާދީން 1720 ން 1750 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. މިރަދުން މަޝްހޫރު ވެފައިވަނީ އިބްރާހީމް ރަސްގެފާނު ގެ ނަންފުޅުންނެވެ.

ނަސަބު އުނިއިތުރު ގެންނަވާ

ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ގެ ބައްޕާފުޅަކީ އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) އެވެ. ބައެއް ލިޔުންތަކުގައި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީންގެ ދަރިކަލެއް ކަމަށް ލިޔެފައި ވެއެވެ. މިގޮތަށް ލިޔެފައިވަނީ މުޙައްމަދު އަމީން ލިޔުއްވި ތަންގީހު ކުރެވުނު ދިވެހި ރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު މިފޮތުގައެވެ. ކޮއްކޯފުޅަކީ ޢަލީ ފާށަނާ ކިލެގެ ފާނު އެވެ. މިއަލީ ފާށަނާ ކިލެގެފާނަކީ އިބްރާހީމް އިސްކަންދަރު (ދެވަނަ) އަވަހާރަވުމުން ދިވެހިރާއްޖޭގެ ތަޚްތަށް އިސްވެ ވަޑައިގެންނެވި ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ) ނުވަތަ ކޮރު ބަންޑާރައިންނެވެ. އަންހެން ކޮއްކޯފުޅަކީ ކަނބާ ޢާއިޝާ އެވެ. އިބްރާހީމް އިސްކަންދަރު، ކޮރު ބަންޑާރައިން، އަދި ކަނބާ ޢާއިޝާ މި 3 ބޭފުޅުންގެ މަންމާފުޅަކީ ގޮއިދޫ ޢަލީ ދޮށިމޭނާ ތަކުރުފާނުގެ އައިމިނާ ކަނބައިދި ކިލެގެފާނު އެވެ.

ފާހަގަކުރެވޭ ސިފަތައް އުނިއިތުރު ގެންނަވާ

މިރަދުންނަކީ ބުއްދިވެރިކަން ލިބިވަޑައިގެންވާ، ދީލަތި އޯގާވެރިކަން ބޮޑު، ޢިލްމުވެރިންގެ ބަސްގަބޫލު ކުރެއްވި، ދީނުގެ ކަންތައްތަކަށް ލޯބިވެތިކަން ބެހެއްޓެވި، އެކަންކަން ކުރިއެރުއްވުމަށް ގަދައެޅުއްވި، ޝަރީޢަތުގެ ކަންތައްތައް ރައްކާތެރިކަމާއެކު ހިންގެވުމަށް ބާރުއެޅުއްވި ރަސްކަލެކެވެ.

ރަސްކަމުގެ ދުވަސްވަރު އުނިއިތުރު ގެންނަވާ

ރަސްކަމަށް އިސްވުން އުނިއިތުރު ގެންނަވާ

ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ސިރީ ރަންނަވަ ލޯކަ މަހާރަދުން ރަސްކަމަށް އިސްކުރެވުނީ 1 މުޙައްރަމް 1134 ގައެވެ. ބައެއް ލިޔުންތަކުގައި ހިޖުރައިން 1133 ވަނަ އަހަރު ކަމަށް ލިޔުއްވާފައި ވެއެވެ. ރަސްކަމަށް އިސްކުރެވުނު އިރު ޢުމުރުފުޅަކީ 13 އަހަރާއި 6 މަސް ދުވަހެވެ.

ހިނގި ހާދިސާތައް އުނިއިތުރު ގެންނަވާ

ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ރަސްކަންކުރެއްވީ 29 އަހަރާއި، 2 މަހާއި 18 ދުވަހު އެވެ. ހިޖުރައިން 1141 ވަނަ އަހަރު ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ރާއްޖޭގެ އުތުރަށާއި ދެކުނަށް ވަރަށް ތަނަވަސް ދަތުރުފުޅެއް ކުރައްވައި، ރައްޔިތުންގެ ޙާލު އަޙުވާލު ބައްލަވައި އާދަތައް އުފައްދަވައި ދެމެހެއްޓެވި އެވެ.

ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ގެ ރަސްކަމުގައި ހިޖުރައިން 1141 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 27 ވިލޭރޭ މާލޭގެ ހެންވޭރު އަވަށުގައި ހުޅުރޯވުމުގެ ސަބަބުން ބޮޑުބައެއް އަދާ އަޅިޔަށްވިއެވެ. ދިވެހިރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ހިޖުރައިން 1141 ވަނަ އަހަރު ވަރަށް މަތިވެރި ދަރަޖައަކަށް ބިންހެލުން އައިކަން ވެސް ފާހަގަކުރެވެއެވެ.

ރަސްކަންކުރެއްވި 29 އަހަރުގެ ތެރޭގައި ފާހަގަކުރެވިފައިވާ 2 ދުންތަރި އެރިއެވެ. ވަރަށް ބޮޑު ތަދުމަޑުކަމަކާ ކުރިމަތިލާން ޖެހުނެވެ. ތަކެތީގެ އަގުބޮޑުވެ ލާރިއަކަށް 12 ގަނޑުމަސް ބޮލިކޮއްޓޭއަކަށް 12 ނާޅި ހަނޑޫ، ލާރިއަކަށް 4 ކާށި، ބޮލިކޮއްޓޭއަކަށް 10 އަޑުބާ ހަކުރު، މިގޮތަށް ވިއްކައި ހެދިއެވެ.

އެންމެ ފުރަތަމަ ބޮޑު ލާރި ޖެއްސެވީ ވެސް އައްސުލްޠާން އިބްރާހީމް އިސްކަންދަރު 2 ވަނަ ގެ ރަސްކަމުގައެވެ. އެލާރި 4 ލާރީގެ ބަރުދަނަށް ވުރެވެސް ބަރުކަމުގައިވާތީ 4 ލާރީގެ އަގުގައި ވިއްކުމަށް އަމުރު ކުރެއްވި އެވެ.

އިލްމުވެރިން ނިޔާވުން އުނިއިތުރު ގެންނަވާ

މިރަދުންގެ ރަސްކަމުގައި ރާއްޖޭގެ ވަރަށް ގިނަ ޢިލްމުވެރިން ނިޔާވި އެވެ. އެގޮތުން ހިޖުރައިން 1139 ވަނަ އަހަރު ރާއްޖޭގެ ވަރަށް މަޝްހޫރު 3 ބޭކަލެއް ނިޔާވިއެވެ. އެއީ މޫސާ ނާޞިރުއްދީން، މުޙައްމަދު ޚަޠީބު ތަކުރުފާނުގެ ނާއިބު ޙަސަން އާއި، އައްޝައިޚް އަލްޙާއްޖު ޙަސަން ތާޖުއްދީން އެވެ.

ޙަސަން ތާޖުއްދީން ނިޔާވީ ގާތްގަނޑަކަށް 32 އަހަރު ވަރުވަންދެން ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވުމަށްފަހުގައެވެ. ގަލަމަކުން ޝުކުރުގެ ޖިޒީއެއް އަދާނުކުރެވޭފަދަ މަތިވެރި ދަރަޖައަކަށް ދިވެހި ތާރީޚަށް ޚިދުމަތް ކުރެއްވުމަށްފަހުގައެވެ. ދިވެހި ތާރީޚްގެ އަހުލުވެރިން ޙަސަން ތާޖުއްދީން އަށް ދަރާފައިވާ ދަރަނި ބޮޑެވެ. ދިވެހިރާއްޖޭގެ ތާރީޚުން އަޅުގަނޑުމެންނަށް އެނގިފައިވާ މިންވަރެއް އެނގުމުގެ އެންމެ ބޮޑު ސަބަބަކީ އެކަލޭގެ ފާނުއެވެ. އެހެންކަމުން ޙަސަން ތާޖުއްދީންގެ ނަން ދިވެހި ތާރީޚްގައި ލިޔެވުން ޙައްޤުވެގެންވަނީ ފަނޑުވުމެއްނުވާ ފެހިކުލައިންނެވެ.

އަވަހާރަވުން އުނިއިތުރު ގެންނަވާ

ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) އަވަހާރަވީ 18 ރަބީޢުލް އައްވަލު 1163 ގައެވެ. އޭރު އެރަދުންގެ އުމުރުފުޅަކީ 43 އަހަރު އެވެ. ރަސްކަންކުރެއްވީ 29 އަހަރާއި 2 މަހާއި ފޮއިދުވަހު އެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ފަތްތޫރަ - ޑިސެމްބަރު 1989
  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ)