ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު

ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު އަކީ މީލާދީން 1766 ން 1773 އަށް ދިވެހިރާއްޖެގައި ރަސްކަން ކުރެއްވި ރަދުންނެވެ. ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ސިރީ ކުލަ ރަންމަނި، ކީރިތި މަހާރަދުންނަކީ އިބްރާހީމް ރަސްގެފާނު ގެ ދަރިކަލުން މުޙައްމަދު މަނިކުފާނު އެވެ. ފުރިހަމަ ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި ކީރިތި މަހާރަދުންނެވެ. މިރަދުންނަށް ޝަހީދުކުޅަ ބަންޑާރައިން، އަދި ޙާޖީ ބަންޑާރައިން މިދެނަމުންވެސް މުޚާޠަބުކުރެވެއެވެ.

ޣިޔާޘުއްދީން ސުކޫލް ގެ ނަން ނިސްބަތްކުރެވެނީ ދިޔަމިގިލީ ދަރިކޮޅުން ރާއްޖޭގައި ރަސްކަންކުރެއްވި ރަސްކަލެއް ކަމުގައިވާ ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުނުވަތަ ހާޖީ ބަންޑާރައިން ނުވަތަ ޝަހީދު ކުޅަ ބަންޑާރައިންނަށެވެ. މިރަދުން ދިވެހި ރަސްކަމަށް އިސްވެ ވަޑައިގަތީ މީލާދީން 1766 ވަނަ އަހަރު އެވެ. މިރަދުންގެ ރަސްކަމުގައި ދިވެހި ބަހުން ތައްޔާރު ކުރެވުނު ފުރަތަމަ ދިވެހި ރަދީފް ތައްޔާރު ކުރެއްވި އެވެ. ގާތްގަނޑަކަށް 8 އަހަރުގެ ރަސްކަމަށްފަހު މިރަދުން ރަސްކަމުން ފައިބާވަޑައިގަތީ މީލާދީން 1773 ވަނަ އަހަރު އެވެ. މިރަދުންގެ ރަސްކަމުގައި ދިވެހި ބޭސްވެރިކަމާ ބެހޭ ތަފާތު ލިޔުންތައް ލިޔުއްވާފައި ވެއެވެ. ބުނެވޭގޮތުގައި ބަނބުކެޔޮ ދިވެހި ގައުމަށް ތަޢާރަފްކޮށްދެއްވީ ވެސް ޣިޔާޘުއްދީން ރަދުންނެވެ.

ހިނގި ހަމަނުޖެހުންތައް

އުނިއިތުރު ގެންނަވާ

ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 1180 ވަނަ އަހަރު އެވެ. މިރަދުންގެ މަޝްހޫރު ނަންފުޅަކީ ޝަހީދުކުޅަ ބަންޑާރައިން އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތްތާ ދުވަސްކޮޅެއްގެ ތެރޭގައި ފިތުނަވެރިކަމުގެ ވާހަކަތަކެއް މާލޭގައި ދެކެވެން ފަށައިފި އެވެ. ވާހަކައިގެ ޚުލާޞާ އަކީ ރަދުން ގަތުލުކޮށްފައި، ދޮންބަންޑާރައިން(ސުލްޠާން ޙަސަން ޢިއްޒުއްދީން)ގެ މުޙައްމަދު ފާށަނާކިލެގެފާނު (ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު) ނަމަކަށްކިޔާ ދޮށީ ދަރިކަލުން ރަސްކަމަށް ބަޔަކު އިސްކުރާން އުޅޭވާހަކައެވެ.

މަތީގައި ދެންނެވުނު ވާހަކައިގެ ނަތީޖާއަކަށްވީ ދޮންބަންޑާރައިން(ސުލްޠާން ޙަސަން ޢިއްޒުއްދީން) އާއި ގާތްތިމާގެ ބޭފުޅުން ކުރެ، ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނު އާއި، އަލްވަޒީރު އިބްރާހީމް ފާމުލަދޭރި ތަކުރުފާނު އާއި، މުޙައްމަދު މުރީދު ތަކުރުފާނު އާއި، ޙުސައިން ކަކާ ތަކުރުފާނު އާއި، ޢަލީ ހަކުރާ ތަކުރުފާނު އާއި، ޢުމަރު ހަނދޭގިރި ތަކުރުފާނު އެކިއެކި ރަށްރަށަށް އަރުވާލެއްވުމެވެ. އަދި މީގެ އިތުރުންވެސް ވަރަށްގިނަ ބޭފުޅުންނަށް މިކަމުގެ އަދަބު ދެއްވި ކަމަށް ވެއެވެ.

ދޮންބަންޑާރައިން(ސުލްޠާން ޙަސަން ޢިއްޒުއްދީން)ގެ 3 ދަރިކަލުންނާއި، އެބޭފުޅުންގެ މަންމާފުޅު، ފެންފުށީ ކަކާ ތަކުރުފާނުގެ އާމިނާ ކަނބާ އާއި، 4 މައިކަނބަލުން ވެސް ފެންފުއްޓަށް ފޮނުވާލެއްވި އެވެ.

ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ގެ ރަސްކަމުގެ 5 ވަނަ އަހަރު އަނެއްކާވެސް މާލޭގައި ފިތުނަވެރި ގަޑުބަޑެއް އުފެދުނެވެ. މިގަޑުބަޑުގެ ތެރޭގައި ޣާޒީ ބަންޑާރައިން އަށް ބޮޑުބޭބެ ވިދާޅުވާ މުޙައްމަދު މަނިކުފާނު އާއި އަދިވެސް ބައެއް މީހުން އަރުވާލެއްވިއެވެ.

ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ރަސްކަމުގެ 7 ވަނަ އަހަރު ޙައްޖަށް ވަޑައިގަތުމަށްޓަކައި މާލެއިން ފުރާ ވަޑައިގަތެވެ. އެއީ 3 ޝައްވާލު 1178ހ ގައެވެ. ވަޑައިގަތީ އަނބިކަބަލުންނާއި، ބޭފުޅުންވެސް ގޮވައިގެންނެވެ. ރަސްކަން ބެލެހެއްޓުން ޙަވާލުކުރެއްވީ އޭނާގެ ޅިޔަނެއް ކަމުގައިވާ ޢަލީ ޝާހް ބަންދަރު އާއެވެ.

ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ރަދުން މާލެއިން ޙައްޖަށް ފުރާވަޑައިގަތްތާ ފަސްދުވަހުގެ ތެރޭގައި މާލޭގައި ވަރަށް ބޮޑު ގަޑުބަޑެއް ވެއްޖެއެވެ. މިގަޑުބަޑުގެ ސަބަބެއް ކަމުގައިވީ ޢަލީ ޝާހް ބަންދަރު ރަސްކަމަށް އިސްވެ ވަޑައިގަންނަވާން އުޅުއްވާކަމަށް ދެކެވުނު ވާހަކައެވެ. މިގަޑުބަޑުގެ ތެރޭގައި ޢަލީ ޝާހް ބަންދަރު އާއި އޭނާގެ އަނބިކަބަލުން ދިޔަމިގިއްޔަށް އަރުވާލެވުނެވެ. މިގަޑުބަޑު ހިންގައި އެފަދަ ދަނޑިވަޅަކަށް ބަލަބަލައި ތިބި ހުރާގޭ ދަރިކޮޅުގެ ބޭފުޅުން ބަޣާވާތްކޮށް ރަސްކަން ފޭރިގެންފި އެވެ. ގަޑުބަޑުގެ ނަތީޖާއަކަށްވީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީނު ނުވަތަ ދޮންބަންޑާރައިން ގެ އަޚް ޙުސައިން ބޮޑު ދޮށިމޭނާ ކިލެގެފާނުގެ މުޙައްމަދު މަނިކުފާނު(ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ)) ރަސްކަމަށް އިސްކުޅައުމެވެ. ފަހުން ރަސްކަން ޙަވާލުކުރެވުނީ ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން މުޙައްމަދު މުޢިއްޒުއްދީން(ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު) އާއެވެ.

ހަނގުރާމައެއް

އުނިއިތުރު ގެންނަވާ

ރަސްކަމުގެ 2 ވަނަ އަހަރު ކަންނަންނޫރު ޢަލީ ރާޖާގެ ލަޝްކަރެއް 6 ނަވާއި، 9 އޮޑީގައި މާލެއަށް ޙަމަލާދީ މާލެއަށް އަރައިގަތެވެ. އެހެން ނަމަވެސް އެމީހުން ބަލިކުރައްވައި ގައުމު ދިފާޢުކުރެއްވި އެވެ. މިއީ އެދުވަސްވަރު ރާއްޖެ ދުށް ވަރަށް ވަރުގަދަ ހަނގުރާމަ އެކެވެ.

ކަނޑުފެއްތުން

އުނިއިތުރު ގެންނަވާ
 
ޣިޔާޘުއްދީން ސުކޫލް

ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު ރަސްކަމަށް އިސްވެ ވަޑައިގަތްތަނާ ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު މައްކާއިން އެބުރި ރާއްޖެ ވަޑައިގަތެވެ. މާލެ އަތޮޅު ގުރައިދޫ ބޭރުގައި އޮންނަވާފައި،ކަންތައްވެފައި އޮތްގޮތް އެނގިވަޑައިގަތުމުން ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ)، ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު އަށް ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ސިޓީފުޅެއް ފޮނުއްވެވިއެވެ. އެސިޓީފުޅުގައި އަންގަވާފައިވަނީ މާތް ރަސްކަލާންގެ މިންވަރު ފުޅު ކުރެއްވި ގޮތަށް އޭނާ ރުހިވަޑައިގެން، ހުންނެވި ކަމަށެވެ. އަދި އެބޭފުޅުންގެ ކިބައިން އަމާންކަމަށް އެދިވަޑައިގަންނަވާކަމަށެވެ. ނަމަވެސް ބުނެވެނީ މާލެއިން އޮޑިއެއް ފޮނުއްވަވައި ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު އަތުލައި ގެންނެވީ ކަމަށެވެ. ރަސްކަމުގެ މައްޗަށް ގަދަވެގެން ތިއްބެވި ދެބޭފުޅުންގެ ޢަމަލުފުޅެއްކަމުގައި ހެއްދެވީ ޣިޔާޘުއްދީން ރަދުންގެ އަތްފައިންޕުޅު ބަނދެ ކަނޑުފެއްތުމެވެ. އެއީ 1 ޝަޢުބާން 1188 ގައެވެ. މުޙައްމަދު ޣިޔާޘުއްދީން ރަސްކަމަށް އިސްކުރެވުނީ 2 ރަމަޟާން 1180 ވަނަ އަހަރު އެވެ.

މާލޭގައި ސަރުކާރުން ހައްދަވާފައިވާ ޕްރައިމަރީ ސުކޫލް ތަކުގެ ތެރެއިން ޣިޔާޘުއްދީން ސުކޫލް ނިސްބަތްވަނީ ވެސް އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން އަށެވެ.

  • ފަތްތޫރަ - ނޮވެމްބަރު 1989
  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ޣިޔާޘުއްދީން ސުކޫލްގެ ވެބްސައިޓް
ކުރިން ހުންނެވީ:
ސުލްޠާން ޙަސަން ޢިއްޒުއްދީން
ދިވެހިރާއްޖޭގެ ރަދުން
1766 - 1773
ފަހުން ވަޑައިގަތީ:<br./>ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ)