ސުލްޠާން ޢަލީ (ފަސްވަނަ) ސުލްޠާން ޢަލީ (ފަސްވަނަ) އަކީ މީލާދީން 1512 ން 1513 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 918 ވަނަ އަހަރުއެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 918 ވަނަ އަހަރުއެވެ.

ނަސަބު އުނިއިތުރު ގެންނަވާ

އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ އާނަންދަ މަހާރަދުންނަކީ ހދ. ނެއްލައިދޫ ހިއްރާ މާވާ ކިލެގެގެ ދަރިކަލުންނެވެ. މިރަދުންގެ ބައްޕާފުޅެއް ދިވެހި ތާރީޚުން އެނގޭކަން ނެތެވެ. އައްސުލްޠާން ޢަލީ (ފަސްވަނަ) ނުވަތަ ފަސްވަނަ ޢަލީ ރަސްގެފާނު އަކީ ދިވެހި ތާރީޚްގައި މަޝްހޫރު ދޮންބުޅާ ފާށަނާ އެވެ. މިރަދުންގެ ނަސަބު ނުވަތަ އުފެދުނު އަސްލާމެދު ތަފާތު ބުނުންތައް ވެއެވެ. ރާދަ ވަޅިގައި ބަޔާން ކުރެވިފައިވަނީ މި ޢަލީ ރަސްގެ އަކީ މުޙައްމަދު ފާށަނާ ކަލޯއާއި، ނެއްލައިދޫ ބުޅާ މާވާ ކިލެގެގެ ބޭފުޅެއް ކަމަށެވެ.

ދޫދޫމަތިން ވާރުތަވަމުން އައި ބުނުންތަކުގައި ބަޔާންވެފައިވަނީ އެރަދުންނަކީ އެއްވަނަ އަބޫބަކުރު ރަސްގެފާނުސުލްޠާން އަބޫބަކުރު (އެއްވަނަ)ގެ ދަރިކަނބަލުން ރެއްކާ ކަމަނާ މާވަޑި ކޮޔާއަކާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ބޭފުޅެއްކަމަށެވެ.

ސުލްޠާން ޢަލީ (ފަސްވަނަ) 9 މަސްދުވަސް ވަންދެން ރަސްކަން ކުރެއްވިތަނާ ކަންނަންނޫރު ޢަލީ ރާޖާގެ އެހީތެރިކަމާއެކު ކަޅު މުޙައްމަދު ރަސްގެފާނު ނުވަތަ ސުލްޠާން ކަޅު މުޙައްމަދު ރަސްކަމަށް ވެރިވެވަޑައިގެންފި އެވެ. މިކަން ހިނގީ ހިޖުރައިން 918 ވަނަ އަހަރު އެވެ.

އައްސުލްޠާން ޢަލީ (ފަސްވަނަ) ގެ ދައިތާ ފުޅަކީ ބުރަކި ރަނިން އެވެ. މިބުރަކި ރަނިންގެ ވާހަކައިގައި އޮންނަ ގޮތުން އައްސުލްޠާން ޢަހުމަދު ޝަރީފް އަލްމައްކީ ސުލްޠާން އަޙްމަދު ޝަރީފު އަލްމައްކީ، އަވަހާރަވުމުން މިބުރަކި ރަނީން ދިވެހި ރަސްކަމުގެ ތަޚްތަށް ދަޢުވާ ކުރަން ފެއްޓެވިއެވެ. ނަމަވެސް ރަސްކަމުގެ ތަޚްތަށް އިސްކުރެވުނީ އޭނާގެ ހަގު ކޮއްކޯފުޅު ދޮންބުޅާ ފާށަނާ އެވެ. އެއީ ފަސްވަނަ ޢަލީ ރަސްގެފާނު ގެ ނަންފުޅުގައެވެ.

ބުރަކި ރަނިން އަދި ދޮންބުޅާ ފާށަނާގެ ބޮޑު ދައިތަ ، އެއްވަނަ އަބޫބަކުރު ރަސްގެފާނު ގެ ކޮއްކޯފުޅަކީ ރަށްދެބައިމަގު ކަޅު މުޙައްމަދު މަނިކުފާނުންގެ މަންމަ އެވެ. ބުރަކި ރަނިންގެ ވާހަކަ ކުރިއަށްދާއިރު، ބުރަކި ރަނިން އާއި، ކަޅު މުޙައްމަދު މަނިކުފާނު ހިތްޕުޅާ ވެދެއެވެ. ކަޅު މުޙައްމަދުގެ މަންމަ މިކައިވެންޏާ ނުގަބޫލުވެ، ކަޅު މުޙައްމަދު ހުވަދު އަތޮޅަށް އަރުވާލައްވައެވެ.

މިކަމުގެ ސަބަބުންނާއި، ސިޔާސީ ސަބަބުތަކަށްޓަކައި ރަދުންގެ ދައިތާފުޅު ގދ.ވާދޫ އަށް ވަޑައިގަތުމުގެ އަމުރުފުޅު ރަދުން ދެއްވައިފިއެވެ. މިކަމަނާގެ އަރިހުގައި ގެންދަވަނީ އާއިލާގެ މުސްކުޅި ޚާދިމެއްގެ ގޮތުގައި ހިމެނޭ ގާފަރު ކަޅު އުބުށޭމު އެވެ.

ހުވަދު އަތޮޅަށް ވަޑައިގަތުމުގެ ބަދަލުގައި ބުރަކި ރަނީން މިކަޅު އުބުށޭމު ގޮވައިގެން އަސޭއަށް ވަޑައިގަތެވެ. އެއަށްފަހު ގޯވާއަށް ވަޑައިގަތެވެ. ގޯވާގައި ހުންނަ ޕޯޗުގީޒްގެ ވައިސްރޯ އަށް ދިވެހިރާއްޖޭގެ އާމްދަނީތަކެއް ދެއްވުމަށް ވަޢުދުވެ ވަޑައިގަތުމަށްފަހު، ޕޯޗުގީޒުންގެ ގުރާބެއްގައި ބުރަކި ރަނިން ކަޅުއުބުށޭމު ގޮވައިގެން ވަޑައިގަންނަވަނީ މާލެ ހިއްޕަވާށެވެ.

ބުނެވޭގޮތުގައި ފަސްވަނަ އަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަންނަވަނީ މިބުނި ޕޯޗުގީޒުންނާއި ހަނގުރާމަ ކުރެއްވުމަށް ގަނޑުވަރުން ނިކުމެވަޑައިގެންނެވުމުންނެވެ. އަވަހާރަވި ކަމުގައި ބުނެވެނީ ރަދުންގެ ކަޑިކޮޅު ހިފާ ހުޅުދެލީ ދޮން ޔޫސުފް ފަހަތްޕުޅުގައި ހުރެފައި ކުރި ގޯނާއެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. މިހުޅުދެލީ ދޮން ޔޫސުފް އަކީ ކަޅު އުބުށޭމު ގެ ދޮން ބައްޕަ އެވެ.

ޕޯޗުގީޒުންގެ އެހީތެރިކަމާއެކު ބުރަކި ރަނިން ރަސްކަން ހިއްޕަވައި، އެއަށްފަހު ވާދުވަށް އޮޑިއެއް ފޮނުވައި، ކަޅު މުޙައްމަދު ގެންނަވައި، އޭނާއާއި ކައިވެނި ބައްލަވައި ގަންނަވަނީ އެވެ. ދެން ކަޅު މުޙައްމަދު ރަސްގެފާނު ރާއްޖޭގެ ތަޚްތަށް 3 ވަނަ ފަހަރަށް އިސްވަނީ އެވެ.

ސުލްޠާން ކަޅު މުޙައްމަދު އާއި ބުރަކި ރަނިން ގެ ދަރިކަބަލަކީ ދިވެހި ތާރީޚްގައި މަޝްހޫރު ޢާއިޝާ ކަނބާ އެވެ. މަޝްހޫރު ޢަލީ ރަސްގެފާނުގެ (ސުލްޠާން ޢަލީ ހަވަނަ ) އަބިކަނބަލުންނެވެ. އެއަށްފަހު ޕޯޗުގީޒުންގެ މަޝްހޫރު ވިޔަޒޯރުގެ އަނބިކަނބަލުންނެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ

ކުރިން ހުންނެވީ:
ސުލްޠާން އަޙްމަދު ޝަރީފު އަލްމައްކީ
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ކަޅު މުޙައްމަދު