ޖޯން ކުއިންސީ އެޑަމްސް

(މިސްރާބުކުރެވުނީ John Quincy Adams އިން)

މިއީ އެމެރިކާގެ 6 ވަނަ ރައީސެވެ. ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ 6 ވަނަ ރައީސެވެ. ރައީސް ކަމުގައި ހުންނެވީ މާރޗް 4 1825 ން މާރޗް 4 1829 އަށެވެ. ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ 2 ވަނަ ރައީސް ޖޯން އެޑަމްސް ގެ ދަރިކަލެކެވެ. ފެޑެރަލިސްޓް، ޑިމޮކްރެޓިކް ރިޕަބްލިކަން، ނޭޝަނަލް ރިޕަބްލިކަން އަދި ވިގެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ ތާރީޚްގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭނެ ބޭފުޅެކެވެ. އަދި ޑިޕްލޮމެޓެއް ވެސް މެއެވެ. ބައިނަލް އަގްވާމީ ތަފާތު އެއްބަސްވުން ތަކާއި ބައްދަލުވުންތަކުގައި އެމެރިކާ ތަމްސީލް ކޮށްދިނުމުގެ ޝަރަފް ޖޯން ކުއިންސީ އެޑަމްސް އަށް ލިބިފައި ވެއެވެ. ޖޯން ކުއިންސީ އެޑަމްސް އުފަންވެ ވަޑައިގަތީ ޖުލައި 11 1767 ގައެވެ. އަވަހާރަ ވެފައިވަނީ ފެބުރުއަރީ 23 1848 ގައެވެ.

ޖޯން ކުއިންސީ އެޑަމްސް
އެމެރިކާގެ 6 ވަނަ ރައީސް
މަޤާމުގައި
މާރޗް 4 1825 – މާރޗް 4 1829
ނައިބު ރައީސްޖޯން ސީ ކެލްހޯން
ކުރިން ހުންނެވީޖޭމްސް މޮންރޯއި
ފަހުން ވަޑައިގަތީ
އުފަންވީފެބްރުއަރީ 23، 1767
ކުއިންސީ، މާސަކޫސެޓްސް
އަވަހާރަވީފެބްރުއަރީ 23 1848 (80 އަހަރުގައި)
ވޮޝިންގޓަން, ވޮޝިންގޓަން ޑީސީ
ޤައުމިއްޔަތުއެމެރިކަން
އަނބި ނުވަތަ ފިރިލުއިޒާ ކެތަރީން އެޑަމްސް
މަސައްކަތުގެ ދާއިރާ(ގާނޫނީ ވަކީލެއް)
ސޮއި


ދިރިއުޅުމުގެ ކުރީކޮޅު

އުނިއިތުރު ގެންނަވާ

ޖޯން ކުއިންސީ އެޑަމްސް އުފަންވެ ވަޑައިގަތީ އެމެރިކާ މާސަޗޫސެޓްސްގެ ބައެއް ކަމުގައިވާ ކްއިންސީ ގެ ބްރޭންޓްރީ އަށެވެ. ޖޯން ކުއިންސީ އެޑަމްސް އުފަންވެ ވަޑައިގެންނެވި ގެކޮޅު ހުރިތަން މިހާރު އޮންނަނީ އެޑަމްސް ނޭޝަނަލް ހިސްޓަރިކަލް ޕާރކް ގެ ބައެއްގެ ގޮތުގައެވެ. ޖޯން ކުއިންސީ އެޑަމްސް ގެ އުމުރުން 7 އަހަރުގައި މަންމާފުޅު އަބީޖައިލް އެޑަމްސް އާއެކު ބަންކާރ ހިލް ހަގުރާމަ ބެއްލެވުމަށް މަޑުކޮށްލައިގެން ހުރިތަން ފާހަގަކުރުމަށް ހަދާފައިވާ ގާފޮޅު ވެސް ހުންނަނީ މިތަނާއި ކައިރީގައެވެ.

ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް އާ ބެހޭގޮތުން ޖޯން ކުއިންސީ އެޑަމްސް އަށް ފުރަތަމަ މައުލޫމާތު ލިބިލައްވާފައިވަނީ ފިލަޑެލްފިއާ ގައި ހުންނަވައިގެން ބައްޕާފުޅު ޖޯން އެޑަމްސް މަންމާފުޅު އަބީޖައިލް އަށް ފޮނުއްވާފައިވާ ސިޓީ ތަކުންނެވެ. އުމުރުގެ ކުރީކޮޅު ބައްޕާފުޅު ޖޯން އެޑަމްސް އާއެކު ބޭރުގައުމު ތަކުގައި އުޅުއްވި އެވެ. އެގޮތުން 1778ން 1779އަށް ފަރަންސޭސި ވިލާތަށް ކަނޑައެޅުއްވި މަންދޫބެއްގެ ހައިސިއްޔަތުން ފަރަންސޭސި ވިލާތު ގައި އަދި 1780ން 1782 އަށް ނެދަލޭންޑްސް ގައި ބައްޕާފުޅު ޖޯން އެޑަމްސް އާއެކު ޖޯން ކުއިންސީ އެޑަމްސް އުޅުއްވާފައި ވެއެވެ. މީގެ އިތުުރުން ޖަރުމަނު، ސްވިޑަން، ފިންލޭންޑް، އަދި ޑެންމާރކް ފަދަ ގައުމުތަކަށް ވަޑައިގެންފައި ވެއެވެ.

ބޭރުގައުމުތަކުގައި އުޅުއްވި ދުވަސްވަރު ފަރަންސޭސި އަދި ޖަރުމަނު ބަސް އުގެނިވަޑައިގެންނެވި އެވެ. ހަވާޑް ކޮލެޖުން ދަސްވެ ނިވިފައިވަނީ 1787 ވަނަ އަހަރު އެވެ. އެއަށްފަހު ބޮސްޓަންގައި ގާނޫނީ ދާއިރާ ގައި މަސައްކަތް ކުރެއްވި އެވެ.


ސިޔާސީ ޙަޔާތުގެ ކުރީކޮޅު

އުނިއިތުރު ގެންނަވާ

ޖޯޖް ވޮޝިންގޓަން ގެ ވެރިކަމުގައި 1794ން 1796 އަށް ނެދަލޭންޑްސް އަށް ކަނޑައަޅާފައި ހުންނަ މިނިސްޓަރެއްގެ މަގާމް ޖޯން ކުއިންސީ އެޑަމްސް އަށް ދެއްވި އެވެ. އަދި ބައްޕާފުޅު ޖޯން އެޑަމްސް ގެ ވެރިކަމުގައި 1797ން 1801 އަށް ޕްރަޝިއާ އަށް ކަނޑައެޅުއްވި މިނިސްޓަރަކަށް ހަމަޖެއްސެވި އެވެ. އެދުވަސްވަރުގެ ތެރޭގައި އެމެރިކާގެ ވިޔަފާރި ވެރިއެއްގެ ދަރިއެއް ކަމަށްވާ ލުއިޒާ ކެތަރިން ޖޯންސަން އާ ޖޯން ކުއިންސީ އެޑަމްސް ކައިވެނި ބައްލަވައި ގެންނެވި އެވެ.

ޖޯން ކުއިންސީ އެޑަމްސް ގެ ހަގީގީ ސިޔާސީ ޙަޔާތް ފެށިގެންއައީ 1802 ވަނަ އަހަރު މާސަޗޫސެޓްސް ގެ ސެނޭޓް އަށް ޖޯން ކުއިންސީ އެޑަމްސް ހޮވިވަޑައިގަތުމުންނެވެ. ހަމައެއަހަރު ޔޫއެސް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަށް ވާދަކުރާ ފެޑެރަލިސްޓް މެންބަރެއްގެ ގޮތުން ބައިވެރިވެ ވަޑައިގެން ނާކާމިޔާބާއި ކުރިމަތި ލައްވާފައި ވެއެވެ. މާރޗް 4 1803ން ޖޫން 8 1808 އަށް އެމެރިކާގެ ސެނޭޓް ގައި ޖޯން ކުއިންސީ އެޑަމްސް ފެޑެރަލިސްޓެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވި އެވެ. ޖޫން 8 ގައި ސެނޭޓްގެ މަގާމުން ވަކިވެލެއްވީ މާރޗް 1808 ގައި ފެޑެރަލިސްޓުންނާއި ވަކިވެޑައިގެން ރިޕަބްލިކަން ފާޓީ އާއި ގުޅިވަޑައިގަތުމުންނެވެ.

1809ން 1814 އަށް ރަޝިޔާ އަށް ކަނޑައަޅާފައި ހުންނަ މިނިސްޓަރުގެ މަގާމް އަދާކުރެއްވި އެވެ. 1814 ވަނަ އަހަރު ބޭއްވުނު ގެންޓް އެއްބަސްވުން ގައި ބައިވެރިވި އެމެރިކާ ވަފުދުގެ އިސްވެރިއެއްގެ ގޮތުން ހުންނެވީ ވެސް ޖޯން ކުއިންސީ އެޑަމްސް އެވެ. 1815ން 1817 އަށް އިގިރޭސި ވިލާތަށް ކަނޑައަޅާފައިވާ މިނިސްޓަރުގެ މަގާމް ވެސް ޖޯން ކުއިންސީ އެޑަމްސް އަދާކުރެއްވި އެވެ.


ސެކެޓްރީ އޮފް ސްޓޭޓް

އުނިއިތުރު ގެންނަވާ

ޖޭމްސް މޮންރޯއިގެ ކެބިނެޓްގައި ސެކެޓްރީ އޮފް ސްޓޭޓްގެ ހައިސިއްޔަތުން 1817ން 1825 އަށް ޖޯން ކުއިންސީ އެޑަމްސް މަސައްކަތް ކުރެއްވި އެވެ. ސެކެޓްރީ އޮފް ސްޓޭޓްގެ މަގާމްގައި ހުންނެވި ދުވަސްވަރު އެޑަމްސް-އޮނީސް ގެ އެއްބަސްވުމާމެދު ވާހަކަ ދައްކާފައި ވެއެވެ. އަދި މޮންރޯއި ޑޮކްޓްރިން ލިޔުއްވި އެވެ.

1824ވަނަ އަހަރުގެ އިންތިޚާބު

އުނިއިތުރު ގެންނަވާ

1824 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބު ގައި ޖޯން ކުއިންސީ އެޑަމްސް އާ އިތުރު 4 ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އެ 4 ބޭފުޅުންނަކީ ޖޯން ސީ ކެލްހޯން، އެންޑްރޫ ޖެކްސަން، ސެކެޓްރީ އޮފް ޓްރެޜަރީ ވިލިއަމް އެޗް ކްރޯފޯޑް، އަދި މަޖިލީހުގެ އަމީން ޢާއްމު ހެންރީ ކްލޭ އެވެ. މިއިންތިޚާބުގައި ވަރަށް ބޮޑު ކާމިޔާބީއެއް ޖޯން ކުއިންސީ އެޑަމްސް ހޯއްދަވާފައި ވެއެވެ. އަދި އެމެރިކާގެ ރައީސްކަމަށް މާރޗް 4 1825 ގައި އިސްވެ ވަޑައިގެންނެވި އެވެ.

އެމެރިކާގެ ރިޔާސަތުގައި

އުނިއިތުރު ގެންނަވާ

އެމެރިކާގެ ރިޔާސަތުގައި އެމެރިކާގެ 6 ވަނަ ރައީސެއްގެ ހައިސިއްޔަތުން އެމަގާމް ޖޯން ކުއިންސީ އެޑަމްސް ފުރުއްވާފައިވަނީ މާރޗް 4 1825ން މާރޗް 4 1829 އަށެވެ. ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގައި ދެވަނަ އަށް ރައީސްކަން ކުރެއްވި ޖޯން އެޑަމްސް ގެ ދަރިކަލެކެވެ. މަސީޙީ ދީނުގެ މުގައްދަސް ފޮތް ބައިބަލްގެ ބަދަލުގައި ރައީސްކަމުގެ ހުވާކުރެއްވި އިރު ޖޯން ކުއިންސީ އެޑަމްސް ނަންގަވައިގެން ހުންނެވީ ގާނޫނު ފޮތެއް ކަމަށް ބުނެވެއެވެ.


އެތެރޭގެ ސިޔާސަތު

އުނިއިތުރު ގެންނަވާ

ޖޯން ކުއިންސީ އެޑަމްސް ގެ ރިޔާސަތުގައި އެމެރިކާ އަށް ތަފާތު ގިނަގުނަ ކުރިއެރުންތައް ގެނެސްދީފައި ވެއެވެ. ގައުމީ ބޭންކް އުފެއްދުމުގެ އިތުރުން ގައުމީ ފައިސާ އެއް ރަސްމީގޮތުން އެކުލަވާލައްވައި ކަނޑައެޅުއްވި އެވެ. މީގެ އިތުރުން ޖޯން ކުއިންސީ އެޑަމްސް ގެ ވެރިކަމުގައި އުމްރާނީ ގޮތުން ބޮޑެތި ބަދަލުތައް އެމެރިކާއަށް ގެންނެވި އެވެ. ރައީސްކަމަށް އިސްވެ ވަޑައިގެން ދެއްވި ފުރަތަމަ ތަގްރީރުގައި މަގުތައް ހައިވޭތައް، ބިންގަރާސް މަގުތައް، ނޭޝަނަލް ޔުނިވަސިޓީއެއް، އަދި އެސްޓްރޮނޮމިކަލް އޮބްޒަވޭޓަރީ އެއް ހެދުމަށް ހުށަހެޅުއްވި އެވެ. ކޮންގްރެސްގައި ޖޯން ކުއިންސީ އެޑަމްސް ހުށަހެޅުއްވި ގިނަ ހުށަހެޅުންތަކާއި އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި އިދިކޮޅު ހަދާފައެވެ.

ޖޯން ކުއިންސީ އެޑަމްސް ހުށަހެޅުއްވި ހުށަހެޅުންތަކުގެ ތެރެއިން އަމަލީ ސިފައެއް ޖެހުނު އެއް ހުށަހެޅުމަކީ ކަމްބަރލޭންޑް ރޯޑް ނުވަތަ މަގު އޯހިއޯ ސިޓީ އާއި ހަމައަށް ހަދައި އޯހިއޯ އާ ގުޅުވާލުމެވެ. ޢަމަލީ ސިފަ ގެނެވުނު އެހެން މަޝްރޫޢުތަކުގެ ތެރޭގައި ޗެސަޕީކް އަދި އޯހިއޯ ކެނަލް ބިނާކުރަން ފެށުން، ޑެލްވެއަރ އެންޑް ޗެސަޕީކް ކެނަލް ބިނާކުރުން، ގްރޭޓް ލޭކްސް ނުވަތަ ބޮޑު ކުޅި އޯހިއޯ ކޯރާއި ގުޅުވާލުން، އަދި އުތުރު ކެރޮލީނާ ގައި އޮތް ޑިސްމަލް ސްވޭމްޕް ކެނަލް އަލުން ބިނާކުރުން ހިމެނެއެވެ.

ހެންރީ ކްލޭ އަދި ޖޯން ކުއިންސީ އެޑަމްސް ގުޅިވަޑައިގެން ނޭޝަނަލް ރިޕަބްލިކަން ޕާޓީ އުފެއްދެވިއެވެ. 1827 ވަނައަހަރުގެ އިންތިޚާބުގައި ޖޯން ކުއިންސީ އެޑަމްސް އާއި އޭނާގެ ސަޕޯޓަރުންނަށް ކޮންގްރެސްގެ ކޮންޓްރޯލް ގެއްލިގެން ދިޔައެވެ. ނިއުޔޯކް ސެނެޓަރ އަކަށް ހުރި މާޓިން ވެން ބިއުރެން ކޮންގްރެސް ގެ އިސް ލީޑަރަކަށް އެދުވަސްވަރު ވެގެން ދިޔައެވެ.


ބޭރުގެ ސިޔާސަތު

އުނިއިތުރު ގެންނަވާ

ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ ތާރީކްގައި ވަރަށް ފާހަގަކުރެވޭ ޑިޕްލޮމެޓެކެވެ. ސެކެޓްރީ އޮފް ސްޓޭޓް ކަމުގައި ހުންނެވި ދުވަސްވަރު އެކުލަވާލެއްވި މޮންރޯއި ޑޮކްޓަރިން ފަރުމާކުރެއްވި އެއް ފަރުމާކުރުންތެރިޔަކީ ހަމަ ޖޯން ކުއިންސީ އެޑަމްސް އެވެ. ރައީސް ކަމުގައި ހުންނަވައިގެން ބޭރުގެ ގުޅުންތައް މާބޮޑަކަށް ގާއިމްކުރެއްވި ފައެއް ނުވެއެވެ. އޭގެ ސަބަބަކަށް ވަނީ ޖޯން ކުއިންސީ އެޑަމްސް އަށް ކޮންގްރެސް ގައި ކުރިމަތިވެ ވަޑައިގެން ދެކޮޅު ހެއްދެވުންތަކެވެ.

ޖޯން ކުއިންސީ އެޑަމްސް ރިޔާސަތުގައި ފާހަގަކުރެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި ތަފާތު ގައުމުތަކާއެކު ގުޅުން ބަދަހިކުރުން ހިމެނެއެވެ. އެގޮތުން ޑެންމާރކް، މެކްސިކޯ އަދި އޮސްޓްރިއާ ފަދަ ގައުމުތަކާ އެކު ގުޅުން ބަދަހިކުރެއްވި އެވެ.

އޮފީސް ދޫކޮށްލެއްވުން

އުނިއިތުރު ގެންނަވާ

1828 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެންޑްރޫ ޖެކްސަން ހޯދި ކާމިޔާބީ އާއެކު ޖޯން ކުއިންސީ އެޑަމްސް އެމެރިކާގެ ރިޔާސީ ގަނޑުވަރު ދޫކޮށްލެއްވީ މާރޗް 4 1829 ގައެވެ. އެންޑްރޫ ޖެކްސަން ރައީސް ކަމަށް އިސްކުރުމަށް ބޭއްވި ޖަލްސާ އަށް ޖޯން ކުއިންސީ އެޑަމްސް ޙާޟިރެއް ނުވެއެވެ. ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ ތާރީކްގައި ރައީސްކަމުގައި ހުންނެވުމަށްފަހު ޖެހިގެން އިސްކުރެވޭ ރައީސް އިސްކުރެވުމަށް ބާއްވާ ހަފްލާ އަށް ވަޑައިނުގަންނެވި 3 ރައީސުންގެ ތެރެއިން އެއް ބޭފުޅެކެވެ. އަނެއް ދެބޭފުޅުންނަކީ ބައްޕާފުޅު ޖޯން އެޑަމްސް އަދި އެންޑްރޫ ޖެކްސަން އެވެ.

1828ވަނަ އަހަރުގެ އިންތިޚާބު

އުނިއިތުރު ގެންނަވާ

1824 ވަނަ އަހަރުގެ އިންތިޚާބުގައި ޖޯން ކުއިންސީ އެޑަމްސް ކާމިޔާބު ހޯއްދެވުމުން އެންޑްރޫ ޖެކްސަން ސެނޭޓް ގޮނޑި ދޫކޮށްލައްވައި މަގާމުން އިސްތިއުފާ ދެއްވިއެވެ. އަދި 4 އަހަރުވަންދެން 1828 ވަނަ އަހަރުގެ އިންތިޚާބުގައި ޖޯން ކުއިންސީ އެޑަމްސް ބަލިކުރެއްވުމަށް ސަޕޯޓް ހޯއްދެވުމުގައި މަސައްކަތް ކުރެއްވި އެވެ. އެގޮތުން ފާޅުގަޔާއި ސިއްރުގައި ތަފާތު ކެމްޕޭންތައް އެންޑްރޫ ޖެކްސަން ކުރެއްވި އެވެ.

1828 ވަނަ އަހަރުގެ އިންތިޚާބުގައި ޖޯން ކުއިންސީ އެޑަމްސް އަށް ނާކާމިޔާބު ލިބިލެއްވި އިރު ކާމިޔާބު ހޯއްދެވުނީ ބައްޕާފުޅު ޖޯން އެޑަމްސް ވެސް ފަހު އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ސިޓީ ތަކުންނެވެ. އެއީ ނިއު އިންގްލޭންޑް، ނިއު ޖާޒީ، އަދި ޑެލްވެއަރ އެވެ.

ކޮންގްރެސް މޭން

އުނިއިތުރު ގެންނަވާ

ވެރިކަމުން ދުރުވެ ވަޑައިގަތުމަށް ފަހު 1831 ވަނަ އަހަރުން ފެށިގެން ނިޔާވުމާއި ހަމައަށް ޖޯން ކުއިންސީ އެޑަމްސް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި މަސައްކަތް ކުރެއްވި އެވެ. މާނައަކީ 17 އަހަރުވަންދެން އެތަނުގައި ކޮންގްރެސް މޭން އެއްގެ ގޮތުގައި އުޅުއްވި އެވެ. ކޮންގްރެސް ގައި އިންޑިއަން އެފެއާރޒް، ފޮރިން އެފެއާރޒް، މަނުފެކްޗަރ ކޮމިޓީ، ގެ ޗެއާރމަން ކަން ކުރެއްވި އެވެ. 1836 ވަނަ އަހަރު ޖޯން ކުއިންސީ އެޑަމްސް ވަނީ ކޮންގްރެސް އަށް އަޅުވެތިކަން ނެތިކޮށްލުމަށް ގޮވާލައި ތަފާތު ޕެޓިޝަންތައް ހުށަހަޅާފައެވެ.

21 ފެބުރުއަރީ 1848 ގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވް ގައި ތަގްރީރު ކުރަންވަން ތައްޔާރުވަމުން ދަނީ ސިކުނޑި އަށް ލޭހިލުމުގެ މައްސަލަ ޖޯން ކުއިންސީ އެޑަމްސް އަށް ކުރިމަތިވެ ވަޑައިގެންނެވި އެވެ. އޭގެ ދެދުވަސްފަހުން 23 ފެބުރުއަރީ 1848 ގައި ޖޯން ކުއިންސީ އެޑަމްސް ނިޔާވި އެވެ. ޖޯން ކުއިންސީ އެޑަމްސް ފަސްދާނު ލެވިފައިވަނީ ކްއިންސީގައިވާ އެއާއިލާގެ މަގްބަރާގައެވެ.

ޖޯން ކުއިންސީ އެޑަމްސް ގެ ފިރިހެން ދަރި ޗާލްސް ފްރެންސިސް އެޑަމްސް ވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރި ވެފައި ވެއެވެ. 1870 ވަނަ އަހަރު ޗާލްސް ވަނީ އެމެރިކާގެ ތާރީކްގައި ފުރަތަމަ ފަހަރަށް މެމޯރިއަލް ޕްރެޒިޑެންޝަލް ލައިބްރަރީ އެއް އުފައްދަވާފައެވެ. މިލައިބްރަރީ ހަދާފައިވަނީ ޖޯން ކުއިންސީ އެޑަމްސް ގެ ޝަރަފްގައެވެ. މިލައިބްރަރީގައި 12 ބަހަކުން ލިޔެފައިވާ 14 ހާހަށްވުރެ ގިނަ ފޮތް ހުރެއެވެ. މިލައިބްރަރީ ހުންނަނީ އެމެރިކާގެ މާސަޗޫސެޓްސްގެ ކްއިންސީގައިވާ އެޑަމްސް ނޭޝަނަލް ހިސްޓަރިކަލް ޕާރކް ގައެވެ.

ޖޯން ކުއިންސީ އެޑަމްސް އަދި ލުއިޒާ ކެތަރީން އެޑަމްސް ވަނީ އެމީހުންގެ ދަރިއަކަށް ޖޯޖް ވޮޝިންގޓަންގެ ނަންދެއްވާފައެވެ. 1811 ވަނަ އަހަރު ލިބުނު އަންހެން ދަރިޔަކު އެއާއިލާ ރަޝިޔާގައި އުޅެނިކޮށް ބަލިވެގެން ނިޔާވެފައި ވެއެވެ. އެމެރިކާގެ އެކްޓްރެސް މޭރީ ކޭ އެޑަމްސް އަށް މިއާއިލާއަށް ނިސްބަތްވާ ފަރާތެކެވެ.

އަދިވެސް ބައްލަވާ ލައްވާ

އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް

އުނިއިތުރު ގެންނަވާ