ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު

ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު އަކީ އަކީ މީލާދީން 1691 ން 1692 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1102 ން 1103 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1102 ވަނަ އަހަރުއެވެ.

ވަނަވަރު އުނިއިތުރު ގެންނަވާ

  • ނަންފުޅު: އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު
  • ކޮލީ ނަންފުޅު: ސިރީނާކިރީ ސުންދަރަ މަހާރަދުން
  • އެހެނިހެން ނަންތައް: އަދުލުވެރި ރަސްގެފާނު
  • ނިސްބަތްވާ ދަރިކޮޅު: އުތީމު ދަރިކޮޅު
  • ބައްޕާފުޅު: ޙަސަން ފާށަނާ ކިލެގެފާނު
  • މަންމާފުޅު: ފ.ދަރަބޫދޫ ކަދީދާ ދިޔޯ
  • ބޭފުޅުން:
  • ރަސްކަންކުރެއްވީ: 1102ހ - 1103ހ ( 1691މ - 1692މ ) މުއްދަތު: 11 މަހާއި 26 ދުވަސް

ނަސަބު އުނިއިތުރު ގެންނަވާ

ފުރިހަމަ ނަންފުޅަކީ އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު ( ނުވަތަ މުޙައްމަދު ފާމުލަދޭރި ކިލެގެފާނު ) ސިރީނާކިރީ ސުންދަރަ މަހާރަދުންނެވެ. ބައެއް ލިޔުންތަކުގައި މިރަދުންގެ ކޮލި ނަންފުޅުގެ ގޮތުގައި ސިރީ ކުލަ ރަންމަނި މަހާރަދުން ލިޔުއްވާފައި ވެއެވެ. މިއީ އިސްކަންދަރު ރަސްގެފާނުގެ އަޚު ޙުސައިން ފާމުލަދޭރި ކިލެގެފާނު ނުވަތަ ސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު އާއި ކަނބާ ޢާއިޝާ ގެ ދަރިކަލުން ޙަސަން ފާށަނާ ކިލެގެފާނު އާއި ފ.ދަރަބޫދޫ ކަދީދާ ދިޔޯ ގެ ދަރިކަލުންނެވެ.

އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު މިރަދުންގެ ނަމުގެ ފަހަތަށް އަލްޢާދިލު ރަދުންގެ ނަމާއި ގުޅުވައިގެން ކިޔާފައިވަނީ، ރަދުންގެ ޢަދުލުވެރިކަމާއި، އިންޞާފަށް ލޯބިކުރެއްވުން ހުރިގޮތާއި، އިސްލާމީ ޝަރީޢަތް ގާއިމްކުރެއްވޭތޯ ގަދައަޅުއްވައި، ކުރެއްވި އަގުހުރި މަސައްކަތްޕުޅުގެ ސަބަބުންނެވެ.

ރަސްކަމުގެ ދުވަސްވަރު އުނިއިތުރު ގެންނަވާ

އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު ރަސްކަމަށް އިސްވެވަޑައިގަތީ، ރާއްޖޭގެ ތާރީޚް ދެކިފައިނުވާ ވަރަށް ފާސިގުކަމާއި ލާދީނީ ކަންތައްތައް، ފެތުރިފައިވާ ދުވަސްވަރެއްގައެވެ. އެއީ މީލާދީން 1691 ވަނަ އަހަރު އެވެ. އެރަދުން ރާއްޖޭގެ ރަސްކަމަށް އިސްވިއިރު ރާއްޖެވަނީ އެއްވެސް ލާދީނީ ބާރެއްގެ މަޖުބޫރު ކަމެއްނެތި، ކުރިން ހުންނެވި ތުއްޕުޅު ރަދުންގެ މަންމާފުޅު، އެނދި މަރިޔަމްގެ ބާރުގައި އިސްލާމްދީންގެ އަސްލުތައް އުވިދިޔުމާއި ހަމައިގައެވެ.

އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު ރަސްކަމަށް އިސްވެ ވަޑައިގަތީ ކުރިން ހުންނެވި ރަދުން، ކުޑަ މުޙައްމަދު ރަސްގެފާނު އަވަހާރަވުމުންނެވެ. ދިވެހިރާއްޖޭގެ ދީނީ ޙާލަތު ބަދަލުވެފައި ވަނިކޮށް، އަލުން އިސްލާމީ ނިޒާމް ގާއިމުކުރައްވައި، އަދުލު އިންޞާފާއި ޞުލްޙަ ހިންގަވައި، ޢިލްމުވެރިންގެ ނަޞޭޙަތާއި އިރުޝާދު ލިބިގަނެ، އަލުން ގައުމު ނެގެހެއްޓެވި ޢަދުލުވެރި ރަސްކަލެކެވެ.

މިރަދުންނަކީ ވަރަށް ދީންވެރި ޢިލްމަށް ލޯބިކުރެއްވި ބޭފުޅެކެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު މިރަދުންގެ އެންމެ އިސް ޢަމަލުފުޅެއްކަމުގައި ވީ އޭރު އަރުވާލައްވާފައި ހުންނެވި ޝައިޚް ޙަސަން ތާޖުއްދީން މާލެ ގެންނަވައި، އެކަށީގެންވާ ގަދަރެއްގެ މަތީގައި ބެހެއްޓުމެވެ.އގޮތުން މަހަކު 50 ލާރި ޙަސަން ތާޖުއްދީންއަށް ދެއްވި އެވެ. އަދި ފުނަދޫ ޚަޠީބު ތަކުރުފާނުގެ ލަފާގެ މަތީން ދީނުގެ ވަރަށް ގިނަ އަމުރުތައް އާކުރެއްވި އެވެ. ފަސް ވަގުތު ނަމާދު ކުރުމަށާއި، ޒަކާތްދިނުމަށާއި، ރޯދަ ހިފުމަށާއި، ރާނުބޯށާއި، ބަނގުނުކާށާއި، ޒިނޭނުކުރުމަށާއި، އަންހެނުން މޫނުބުރުގާ އެޅުމަށް އަމުރު ކުރެއްވި އެވެ. އަދި ފިރިހެނުން ގަމީސްލައި، ފަގުޑިއަޅައި، ފައިވާނަށް އެރުމަށް ހުއްދަ ދެއްވައި، ޙައްޖަށްދާނޭ މީހަކު ޙައްޖަށް ދިއުމަށް ހުއްދަ ދެއްވި އެވެ.

މިރަދުންނަކީ ރައްޔިތުންގެ މައްޗަށް ވަރަށް އޯގާވެރި ވެރިއެކެވެ. އެގޮތުން ރައްޔިތުންނަށް ލުއިކުރެއްވުމަށް ވާރުން ވެސް އެތަން ތަނެއް ކެނޑުއްވި އެވެ. ޝަރުޢީ އަދި މަދަނީ އަމުރުތައް ހިންގެވުމުގައި ދެރަމީހުންނާއި، މުއްސަދިން ހަމަހަމަ ކުރެއްވި އެވެ. މުޙައްރަމް މަހުގެ ތެރޭގައި އެތައް ހާސް ލާރިއެއް ފަގީރުންނަށް ބެއްސެވި އެވެ.

ދިވެހިރާއްޖޭގައި ނާއިބުކަމާ ހިނގުން ( ހިޖުރައިން 1102 ރަޖަބު މަހުގެ 6 ވަނަ ދުވަހު ) ފެއްޓެވީ ވެސް ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު އެވެ. މިރަދުން ރަސްކަންކުރެއްވީ 11މަހާއި 26 ދުވަހު އެވެ. ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު ރަސްކަން ކުރެއްވި އަހަރަކީ ރައްޔިތުން އުފާފާގަތިކަމުން ފުރުނު އަހަރެކެވެ.

ދަންނަބޭކަލަކު މާލެ ގެންނެވުން އުނިއިތުރު ގެންނަވާ

ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު ރަސްކަމަށް އިސްވެ ވަޑައިގަތުމާއެކު ބަންގާޅުގައި ހުރި ދަންނަ ބޭކަލަކު، އެބުރި މާލެއައުން އެދިވަޑައިގެން އޭނާ އަށް ސިޓީއެއް ލިޔުއްވި އެވެ. މިދެންނެވި ކަލޭގެފާނަކީ އިސްކަންދަރު ރަސްގެފާނު ރަސްކަމުގެ ފަހުކޮޅު ވެސް ރާއްޖެ ވަޑައިގެން ހުންނެވި ސައްޔިދު ކަލޭގެފާނު އެވެ. އޭނާގެ ނަމަކީ އައްޝައިޚް މުޙައްމަދު ޝަމްސުއްދީނު އަލްޙަމަވީ ( ފަހުން ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު) އެވެ. ރަދުންގެ އެދިވަޑައިގަތުމަށް މިކަލޭގެފާނު މާލެވަޑައިގެންނެވި އިރު ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު އުޅުއްވަނީ ވަރަށް އާލާސްކަން ފުޅާއެވެ.

އަވަހާރަވުން އުނިއިތުރު ގެންނަވާ

އައްޝައިޚް މުޙައްމަދު ޝަމްސުއްދީނު އަލްޙަމަވީ ( ފަހުން ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު) މާލެ ދުރުވިތާ 3 ވަނަ އަށްވީ ދުވަހު ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު އަވަހާރަވެއްޖެއެވެ.އެއީ 30 ޖުމާދިލް އޫލާ 1103ހ ގައެވެ. ރަސްކަން ކުރެއްވީ 11 މަހާއި 26 ދުވަސް ވަންދެނެވެ. އެރަދުން ފަސްދާނު ލެވިފައިވަނީ ކުޑަ މުޙައްމަދު ރަސްގެފާނުސުލްޠާން ކުޑަ މުޙައްމަދުގެ ގަބުރު ކައިރީގައި ހުކުރު މިސްކިތުގައެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ފަތްތޫރަ - މެއި 1980 -ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ފަތްތޫރަ - އޮކްޓޫބަރު 1989 -ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ފަތްތޫރަ 105 - މާރޗް 1988 -ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ފަތްތޫރަ 131 - ފެބުރުއަރީ 1990 -ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ

ކުރިން ހުންނެވީ:
ސުލްޠާން ކުޑަ މުޙައްމަދު
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު