އެކްރޯމެގަލީ
އެކްރޯމެގަލީ(އިނގިރޭސި ބަހުން: acromegaly) ގެ މާނަ އަކީ ހަށިގަނޑުގެ އަތްފައި އާދަޔާ ޚިލާފަށް ބޮޑުވުމެވެ. ލަފުޒީ ގޮތުން ބަލާއިރު އެކްރޯ މާނައަކީ އަތްފައި ނުވަތަ ހަށިގަނޑުގެ މައި ޖިސްމާއި ވަކިވެފައިވާ ބައެވެ. އަދި މެގަލީ ގެ މާނަ އަކީ ބޮޑުވުމެވެ. އެހެން ކަމުން މިބައްޔަށް ''އަތްފައި ބިޔަވާ ބަލި މިހެން ކިޔަމާ ހިގާށެވެ. މިބަލި ޖެހެނީ އެޕިފީސަލް ޕްލޭޓް ބަންދު ވުމަށްފަހުގައި ޕިޓޫއިޓަރީ ގްލޭންޑް އިން އާދަޔާ ޚިލާފަށް ގިނައިން ގްރޯޘް ހޯރމޯން އުފައްދަން ފެށުމުންނެވެ. ވަރަށް ގިނަ ސަބަބު ތަކާ ހެދި މިބަލި ޖެހިދާނެއެވެ. ނަމަވެސް އެންމެ އާންމު ސަބަބަކީ ޕިޓޫއިޓަރީ އެޑިނޯމާ އޭ ކިޔާ ޓިއުމަރުގެ ވައްތަރެކެވެ.
އެކްރޯމެގަލީ އެންމެ އާންމުކޮށް ޖެހެނީ މެދު އުމުރުގެ މީހުންނަށެވެ. ބަލި އުފެދޭގޮތް ރަގަޅަށް ދެނެގަންނަން ނޭގުމާއި، އަދި ބަލި ބޮޑުވަމުން އަންނަގޮތް ލަސްކަމުން ބަލީގެ ކުރީކޮޅު ބަލި ދެނެގަތުން އޮންނަނީ އުދަގޫ ކަމަކަށް ވެފައެވެ. އެކްރޯމެގަލީ ޖެހުމުން އަތްފައި ބޮޑުވުމުގެ އިތުރުން މޫނު، ނޭފަތް، ކަންފަތް، ތުންފަތް ފަދަ ގުނަންތައް ވެސް ބޮޑުވެގެން ދެއެވެ.