އަތް ކަމުގައި ބެލެވެނީ ކޮނޑުން ފެށިގެން ގޮސް އަތުގެ އިގިލިތަކުގެ ކޮޅާއި ހަމައަށް ވާ ބައެވެ. އަތުގެ ކޮނޑު އިން ފެށިގެން އުޅަބޮށި އާއި ހަމައަށްވާ ބަޔަށް ކިޔަނީ މުލައްދަނޑި(އިނގިރޭސި ބަހުން: Arm) އެވެ. އަދި އުޅަބޮށި އިން ފެށިގެން ކުޑަ ހުޅު އާއި ދެމެދުގައިވާ ބަޔަށް ކިޔަނީ އަތްދަނޑި(އިނގިރޭސި ބަހުން: Forearm) އެވެ. އާންމު ގޮތެއްގައި އިގިރޭސި ބަހުން Arm މިލަފުޒު ނިސްބަތްކުރެވެނީ މުލައްދަނޑި އަށް ކަމަށް ވިޔަސް މުޅި އަތަށް ނިސްބަތް ކޮށްވެސް މިލަފުޒު ބޭނުންކުރާ ކަން ފާހަގަ ކުރެވެއެވެ.

އަތުގެ ބައިތައް

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުލައްދަނޑި

މުލައްދަނޑި(އިނގިރޭސި ބަހުން: Arm) އަކީ އަތުގެ ކޮނޑުހުޅުން ފެށިގެން އުޅަބޮށިހުޅާއި ދެމެދުގައިވާ ބަޔެވެ. މުލައްދަނޑި ހިމެނޭ ހިސާބުގައި އެތެރޭގައި ވާ ކަށިގަނޑަށް ކިޔަނީ މުލައްދަނޑި ކަށިގަނޑު އެވެ. މަތިން މިކަށިގަނޑު އިންނަނީ ބޮބިފަޅި ކަށިގަނޑު އަދި ކޮނޑުހުޅާއި ގުޅިފައެވެ. ތިރިން އިންނަނީ ރޭޑިއަސް ކަށިގަނޑު އަދި އަލްނާ ކަށިގަނޑު އާއި ގުޅިފައެވެ. ތިރިން މިބުނި ކަށިގަނޑު ތަކާއި މުލައްދަނޑި ކަށިގަނޑު ގުޅިގެން އުޅަބޮށި ހުޅު އުފެދިގެން ދެއެވެ. މުލައްދަނޑި ކަށިގަނޑު އަކީ އެހާ ފަސޭހައިން ބިއްދައިގެންދާނެ ކަށިގަނޑެއް ނޫނެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އުޅަބޮށި

އުޅަބޮށި(އިނގިރޭސި ބަހުން: Elbow) އަކީ އަތުގެ މުލައްދަނޑި އާއި، އަތުކުރި ގުޅުވައިދޭ ހުޅެވެ. މިހުޅު އުފެދިފައިވަނީ މައިގަނޑު 3 ކަށިގަނޑެއް ގުޅޭ ތަނުގައެވެ. އެއީ އަތުގެ މަތީގައިވާ މުލައްދަނޑީ ކަށިގަނޑު އާއި އަތުގެ ތިރީގައި ނުވަތަ އަތުކުރީގައިވާ މައި ދެކަށިގަނޑު ކަމުގައިވާ ރޭޑިއަސް ކަށިގަނޑު އަދި އަލްނާ ކަށިގަނޑު ގުޅޭ ތަނުގައެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަތްދަނޑި

އަތްދަނޑި(އިނގިރޭސި ބަހުން: Forearm) އަކީ އަތުގެ އުޅަބޮށި ހުޅުން ފެށިގެން ކުޑަ ހުޅު އާއި ދެމެދުގައިވާ ބަޔެވެ.އަތްދަނޑީގައި ހިމެނެނީ މައިގަނޑު ދެކަށިގަނޑެވެ. އެއީ ރޭޑިއަސް ކަށިގަނޑު އާއި އަލްނާ ކަށިގަނޑު އެވެ. މިބުނި ދެކަށިގަނޑުގެ ދެމެދުގައި އިންޓަރޯސިއަސް މެންބްރޭން ކިޔާ ފުޅާ ތުނި ފައިބަރަސް ޓިޝޫގެ ފަށަލަ އެއް ވެއެވެ. އާންމު ގޮތެއްގައި އަތްދަނޑީގެ ކުރިމައްޗަށްވުރެ ފަހަތު ގައި އިސްތަށި ގިނަވާނެއެވެ. ތަފާތު ހަރަކާތްތައް ކުރުމުގައި އެހީތެރިވެދޭ އެތައް މަސްގަނޑު ތަކެއް އަތްދަނޑި ހިމެނޭ ހިސާބުގައިވެއެވެ. މިމަސްތަކުގެ ހަރަކާތް ކޮންޓްރޯލް ކުރަނީ މައިގަނޑު 3 ނާރަކުންނެވެ. އެއީ މީޑިއަން ނާރު، ރޭޑިއަލް ނާރު، އަދި އަލްނާ ނާރު އެވެ. މިހިސާބަށް ލޭ ފޯރުކޮށްދެނީ ރޭޑިއަލް އާޓަރީ އަދި އަލްނާ އާޓަރީ އިންނެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުޑަ ހުޅު

ކުޑަ ހުޅު(އިނގިރޭސި ބަހުން: Wrist) އަކީ އަތްތިލަ އާއި އަތް ގުޅުވައިދޭ ހުޅެވެ.މިހުޅު ހިމެނޭ ހިސާބަށް އަތުކުރި އޭ ވެސް ކިޔައި އުޅެއެވެ. އަތުކުރީގައި ދެ ސަފަކަށް އެތުރިފައި ހުންނަ ޖުމްލަ 8 ކަށިކޮޅު ވެއެވެ. މިކަށިކޮޅު ތަކަށް ކިޔަނީ ކާޕަލް(Carpals) އެވެ. މިގޮތުން އަތުކުރީގައި ހިމެނޭ 8 ކަށިކޮޅުގެ ނަން ތިރީގައި މިވަނީ އެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަތްތިލަ

އަތްތިލަ (އިނގިރޭސި ބަހުން: Hand)އަކީ ކޮންމެ އަތެއްގެ ނިމޭތާގައި އިގިލިތައް އެއިން ނިކުމެފައިވާ ބައެވެ. އަތްތިލަ އާއި އަތް ގުޅޭ ހިސާބު ގައިވާ ހުޅަށް ކިޔަނީ ކުޑަ ހުޅު އެވެ. ހަމަމިހެން އަތްތިލަ އާއި އަތް ގުޅޭ ހިސާބަށް އަތުކުރި އޭ ވެސް ކިޔައެވެ. ނަމަވެސް އާންމު ގޮތެއްގައި އަތުކުރި ކިޔަނީ އަތްތިލަ އާއި އުޅަބޮށި އާއި ދެމެދުގައިވާ ބަޔަށެވެ. އަތްތިލައިގައި އަތުގެ އިގިލި ތަކާއި، އަތުގެ ބޮޑުވައި އިގިލި ވެސް ހިމެނެއެވެ.

އަތުގެ އިނގިލި

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަތުގެ އިނގިލި

އިންސާނެއްގެ އަތުގައި 5 އިގިލި(އިނގިރޭސި ބަހުން: Fingers) ވެއެވެ. މިގޮތުން އިންނަ ފުރަތަމަ އިގިއްޔަކީ ބޮޑުވައި އިނގިލި އެވެ. ދެވަނަ އިގިއްޔަކީ ޝަހާދަތް އިނގިލި އެވެ. ތިންވަނަ އިގިއްޔަކީ މެދު އިނގިލި އެވެ. ހަތަރުވަނަ އިގިއްޔަކީ ކަށި އިނގިލި އެވެ. އަދި އެންމެ ފަހުން އިންނަ އިގިއްޔަކީ ކުޑަވައި އިނގިލި އެވެ. ބައެއް ފަހަރު އިގިލި ތައް ކިޔާއިރު 4 އިގިލި ކިޔާފައި ބޮޑުވައި އިގިލި ވަކިން ވެސް ކިޔައި އުޅެއެވެ.

ބޮޑުވައި އިނގިލި

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބޮޑުވައި އިނގިލި

ބޮޑުވައި އިނގިލި (އިނގިރޭސި ބަހުން: Thumb)އަކީ އަތުގައިވާ 5 އިގިލީގެ ތެރެއިން އިގިއްޔެކެވެ. ބޮޑުވައި އިގިލި އުފެދިފައިވަނީ މައިގަނޑު 3 ކަށިކޮޅެއް ގުޅިގެންނެވެ. އަދި ބޮޑުވައި އިގިލީގެ ހަރަކާތްތައް ކުރުމުގައި ތަފާތު 8 މަސްކޮޅެއް ބައިވެރި އޭގެ ދައުރު އަދާކުރެއެވެ.