ކުޝިންގ ސިންޑްރޯމް
ކުޝިންގ ސިންޑްރޯމް (އިނގިރޭސި ބަހުން: Cushing's syndrome) އަކީ ހޯރމޯން އަށް ބަދަލެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.ކުޝިންގ ސިންޑްރޯމް އަކީ އެޑްރީނަލް ކޯޓެކްސް ގެ މަސައްކަތް ހަލުވިވެ، އިތުރުވުމާއި ގުޅިގެން ކުރިމަތިވާ ބައްޔެކެވެ. ގިނަ ފަަހަރު އެޑްރީނަލް ކޯޓެކްސްގެ މަސައްކަތް ހަލުވިވެ، އިތުރުވަނީ އެހެން ކޮންމެ ވެސް ބައްޔެއްގެ ސަބަބުންނެވެ. އެޑްރީނަލް ކޯޓެކްސްގެ މަސައްކަތް ހަލުވިވެއްޖެނަމަ ކޯޓިޒޯމް ނުވަތަ ހައިޑްރޯކޯޓިޒޯން ދޫކުރާ މިންވަރު އިތުރުވެގެން ދެއެވެ. އަދި މިބަލި ކުރިމަތި ކުރުވައެވެ. މިބުނި ގޮތަށް އެޑްރީނަލް ކޯޓެކްސްގެ މަސައްކަތް ހަލުވިވެ، އިތުރުވެގެން ދިޔައީ ޕިޓޫއިޓަރީ ގްލޭންޑް ގެ ޓިއުމަރެއްގެ ސަބަބުން ނަމަ، މިބައްޔަށް ކުޝިންގ ބަލި މިހެން ކިޔައެވެ.
ކުޝިންގ ސިންޑްރޯމް ޖެހުމުން ފެނިދާނެ އުދަގޫ ތަކުގެތެރޭގައި ، ހަށިގަނޑުގެ މެދުހަށި (ބުރަކަށި އަދި ބަނޑާއި މޭމަތި ހިމެނޭބައި ) މާބޮޑަށް ފަލަވުން، މަސްތައް ދޫވެބާރުނެތިފައި ހުރުން، ލޭމައްޗަށްދިއުން ، ހަންގަނޑު ދޫވެ ހިނދުން ކުރިމަތިވުމުން ބަނޑުގައި ރޫޖެހި، ލޭނާރުތައް ފެންނަން ހުރުން، ކަށި ފީވުން، ހަކުރު ބަލި، ޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި މޫނުމަތި ފަލަވެ ހަނދެއްގެ ސިފަޔަށް(އިނގިރޭސި ބަހުން: Moon Face) ބަދަލު ވެއެވެ. އަދި ދެކޮނޑު ދޭތެރެއިން ބުރަކަށީގައި ސަރުބީ ޖަމާވެ، ބަފަލޯ ހަމްޕް(އިނގިރޭސި ބަހުން: Buffalo Hump) އޭ ކިޔޭ ސިފަޔަކަށް ހުރެއެވެ. މާނައަކީ ބަފަލޯގެ ބުރަކަށިމަތި ހުންނަ ސިފަޔަށް ހުރުމެވެ. މީގެ އިތުރުން ބޮޑެތި ލޭހޮޅި ތަކުގައި ސަރުބީ ޖަމާވެ، ލޭހޮޅިތައް ހަރުވުން، އަދި ގުރުދާގެ ލޭހޮޅީގައި ކެލްސިއަމް ނުވަތަ ސަރުބީ ޖަމާވުން ހިމެނެއެވެ.
ކުޝިންގ ސިންޑްރޯމް ފުރަތަމަ ހޯދާފައިވަނީ 1932 ވަނަ އަހަރު އެމެރިކާގެ ނިއުރޯސާޖަން އެއްކަމަށްވާ ހާރވޭ ކުޝިންގ އެވެ. އަންހެނުންނަށް މިބަލިޖެހޭ މިންވަރު މައްޗެވެ. އަދި މާބަނޑު ދުވަސްވަރު އަދި ވިހެއުމާއި ގުޅިގެން ވެސް މިބަލި އަންހެނުންނަށް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ކޮންމެ އުމުރެއްގެ މީހުންނަށް ވެސް މިބަލި ޖެހިދާނެއެވެ. ނަމަވެސް 60-30 އަހަރާއި ދެމެދުގެ މީހުންނަށް މިބަލިޖެހޭ މިންވަރު އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.
ކުޝިންގ ސިންޑްރޯމް ޖެހެނީ އެޑްރީނަލް ގްލޭންޑް އިން ކޯޓިޒޯލް ދޫކުރާ މިންވަރު އިތުރުވެގެން ކަމަށްވިޔަސް އާންމު ނަޒަރަކުން ބަލާއިރު އެޑްރީނަލް ގްލޭންޑް އިން ގުލޯކޮކޯޓިކޮއިޑް ހޯރމޯންތައް ދޫކުރާ މިންވަރު އިތުރުކުރާ ކޮންމެ ކަމެއްގެ ސަބަބުން ވެސް ކުޝިންގ ސިންޑްރޯމް ޖެހިދާނެއެވެ. މިސާލަކަށް އެޑްރީނަލް ގްލޭންޑް ގައި ޓިއުމަރު އުފެދުން، އެޑްރީނޯކޯޓިކޯޓްރޮޕިކް ހޯރމޯން މާގިނައިން އުފެއްދުން ފަދަ ކަންތައްތައް ހިމެނެއެވެ. ކޯޓިކޯސްޓީރޮއިޑް ހިމެނޭ ބޭސްތައް ބޭނުންކުރުމަކީ ވެސް ކުޝިންގ ސިންޑްރޯމް ގެ އަލާމާތްތައް ފެނުން ގާތްކަމެކެވެ.