ސުލްޠާން އިބްރާހީމް (ތިންވަނަ) ނުވަތަ ސުލްޠާން އިބްރާހީމް (ތިންވަނަ) އަކީ މީލާދީން 1585 ން 1609 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 993 ން 1017 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި 993 ވަނަ އަހަރު ގައެވެ. ދިވެހިތާރީޚްގައި މިރަދުން މަޝްހޫރު ވެފައިވަނީ ކަލާފާނުގެ ނަމުންނެވެ.

ވަނަވަރު އުނިއިތުރު ގެންނަވާ

ނަންފުޅު: އައްސުލްޠާން އިބްރާހީމް (ތިންވަނަ) / (ކަލާފާނު) ކޮލި ނަންފުޅު: ސިރީސުއްދަ ސުވަރުދަ ލޯކަ މަހާރަދުން ތާރީޚްގައި މަޝްހޫރު ވެފައިވަނީ : ކަލާފާނު ރަސްގެފާނު ބައްޕާފުޅު: އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ނުވަތަ ބޮޑު ތަކުރުފާނު މަންމާފުޅު: ބާރަށު ފާތިމާ ދިޔޯ ރަސްކަންކުރެއްވީ: 993ހ - 1017ހ ( 1585 – 1609 )

ނަސަބު އުނިއިތުރު ގެންނަވާ

ކަލާފާނު ރަސްގެފާނުގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާން އިބްރާހީމް 3 ވަނަ ސިރީސުއްދަ ސުވަރުދަ ލޯކަ މަހާރަދުންނެވެ. ބައްޕާފުޅަކީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ނުވަތަ ބޮޑު ތަކުރުފާނު އެވެ. މަންމާ ފުޅަކީ ބާރަށު ފާތިމާ ދިޔޯ އެވެ. ތާރީޚްގައި މަޝްހޫރު ބޯށިވަލު ބުޅާ ފާތިމާ ރެހެންދި އެވެ.

ޝަޚްޞިއްޔަތު އުނިއިތުރު ގެންނަވާ

ކަލާފާނު އަކީ ވިސްނުންތެރިކަމާ ބުއްދީގެ ޙިކްމަތާއެކު ސީދާ ސިޔާސަތެއް ގެންގުޅުއްވި އަދުލުވެރި ރަސްކަލެކެވެ. ޢިލްމު ފެތުރުމަށް މަސައްކަތް ކުރައްވައި، ދީނީ ޢިލްމް އުގެނުމަށް މީސްތަކުންނަށް އަމުރުކުރެއްވި ރަސްކަލެކެވެ. ޙަސަން ތާޖުއްދީނުގެ ތާރީޚްގައި ބަޔާންކުރައްވާފައިވަނީ މިރަދުންނަކީ ހައިބަވަންތަވެރި، ބުއްދިވެރި، ޢަދުލުވެރި، ޢިލްމުވެރި ބޭފުޅެއްކަމަށެވެ. ދަންނަ ބޭކަލުންނަށް ލޯބިކުރައްވާ، ޢިލްމު އުނގެނުމަށް އަމުރުކުރައްވާ، ޢިލްމުވެރީންނަށް ވާގިދެއްވާ، ގިނަގިނަ ކަންކަމުގައި އެމީހުންނާ މުޝާވަރާ ކުރައްވާ ރަސްކަލެއް ކަމަށެވެ. ރައްޔިތުންގެ ތަދުމަޑު ހާލު ބައްލަވައި، ޢަދުލަށް ރަސްކަންކުރެއްވި ރަސްކަލެއް ކަމަށެވެ.

ކަލާފާނުގެ ރަސްކަމުގައި މާލެދިޔަ ފަރަންސޭސީ ޕިރާޑް ކަލާފާނާއި ބެހޭގޮތުން ލިޔެފައިވަނީ މުޅިން އެހެން ވާހަކަތަކެވެ. ޕިރާޑްގެ ނަޒަރުގައި ކަލާފާނު އަކީ އަޚްލާގު ނުބައި، އަނިޔާވެރި ރަސްކަލެކެވެ. ކަލާފާނުގެ އަނބިންނާމެދު ވަރަށް އިހާނެތިކޮށް، ގޯސްކޮށް ކަންތައްކުރެއްވި ކަމަށް ވެއެވެ. އޭނާ ކައިވެނި ބައްލަވައިގަތް މީހުންގެ ތެރޭގައި ޢާއިޝާ ބިބީ ކަމަނާ، މީދޫ ކަނބާ، ނާޞިރާ ކަމަނާ ފަދަ ބޭބޭފުޅުން ހިމެނެއެވެ. މީގެ ތެރެއިން މީދޫ ކަނބާ އަކީ ބޮޑު ތަކުރުފާނު ކައިވެނި ބައްލަވައިގެންނެވި ބޭކަނބަލެކެވެ. އެހެންކަމުން މީދޫ ކަނބާއަކީ ކަލާފާނުގެ ދޮންމަންމަ އެކެވެ.

ޕިރާޑްގެ ވާހަކަ ތެދުކަމުގައިވާނަމަ، ކަލާފާނުގެ ރަސްކަމުގައި މުޅިރާއްޖެއަށް ޚާއްޞަކޮށް ފުރަމާލެއަށް ޢާންމުވަމުން ދިޔައީ ވަރަށް ވެސް ދޯދިޔާ ބަދު އަޚްލާޤީ ޙަޔާތެކެވެ. މާލޭގައި މުނިފޫހި ފިލުވުމަށް ކުޅެމުން ގެންދިޔައީ ދީނާއި ދުނިޔޭގެ ހަމަތަކާއި މުޅިން ދިމާ އިދިކޮޅު ކުޅިވަރު ތަކެވެ.

ރަސްކަމުގެ ދުވަސްވަރު އުނިއިތުރު ގެންނަވާ

ކަލާފާނަކީ މާއްދީ ގޮތުންނާއި، އަދަބީގޮތުން ރަސްކަމުގެ ހައިބަތު ކުރިއެރުއްވި ބޭފުޅެކެވެ. ރަދުންގެ ކިތައްމެ އަރިސް ބޭފުޅަކު ނަމަވެސް ކުށެއް ކޮށްފިނަމަ ފަނޑިޔާރު ގޭގައި ޝަރީޢަތް ހިންގެވި އެވެ.

ބޭހުގެ ގޮތުންނާއި ބޭސްވެރިކަމުގެގޮތުން ފަގީރުންނަށް އެހީވެދޭ ފަންޑުގެ ޚިދުމަތް ފުރަތަމަ ފެށިގެން އައީ ވެސް ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރު ކަމުގައި ބުނެވެއެވެ. އަދި ފަގީރަކު މަރުވެއްޖެނަމަ އެމީހަކު ވަޅުލުމުގެ ހުރިހާކަމެއް ގަނޑުވަރުން ބަޔަކު ފޮނުއްވައިގެން ކުރެއްވި އެވެ.

އަމިއްލަ ފުދުންތެރިކަން ކުރިއަށް ނެރުއްވުމަށް ކަލާފާނު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެއްކަމަކީ ކަލާފާނު އާއި ބައްދަލުކުރުމަށް ގަނޑުވަރަށް އަންނަ ކޮންމެ މީހަކުވެސް ދިވެހި ރާއްޖޭގައި ވިޔެފައިވާ ހެދުމެއް އަޅައިގެން އަންނަން ޖެހޭގޮތަށް އޮތުމެވެ.

ހޮޅިން ރާއްޖެއާއި ތޮޅެންއައުން އުނިއިތުރު ގެންނަވާ

ޙަސަން ތާޖުއްދީނުގެ ތާރީޚްގައިވާ ގޮތުން ކަލާފާނުގެ ރަސްކަމުގައި ހޮޅިންގެ ބަޔަކު ރާއްޖެއާއި ދެކޮޅުވެރި ގޮތުގައި އައެވެ. މިބުނި ހޮޅިން އަންނަ ވާހަކަ އަޑުއިވުމުން ރަދުން، ވަޒީރުންނާއި، އަމީރުންނާއި، ފަނޑިޔާރަކަށް ހުންނެވި މުޙައްމަދު ފަނޑިޔާރު ކަލޭގެފާނު އެއްކުރައްވައި ހަދާނެ ގޮތަކާއި މެދު މަޝްވަރާ ކުރެއްވިއެވެ. ފަނޑިޔާރު މަނިކުފާނު ފަތުވާ ދެއްވީ ހަނގުރާމަ ކުޅައުމަށްވުރެ ފިލައިގެން ދިއުން މޮޅު ކަމުގައެވެ. އެހެންކަމުން ރަދުން ބައެއް ވަޒީރުން ގޮވައިގެން ގުރާބެއްގައި ރާއްޖޭގެ ދެކުނަށް ދަތުރުކުރަންވަން ފެއްޓެވިއެވެ. އެކަން އެގިގެން ދުޝްމިނުންގެ ގުރާބުތައް ރަދުންގެ ގުރާބުތަކާ ދިމާލަށް މިސްރާބު ޖަހައިފިއެވެ. ދެލަޝްކަރު ދިމާވީ އަރިއަތޮޅު ހަންޏާމީދޫ ކައިރިންނެވެ. ދެފަރާތުން ގަދަ ހަނގުރާމަ ފެށިއްޖެއެވެ. އެހިނދު ރަސްގެފާނު ގުރާބުގައި ތިބި މީސްތަކުން ކަނޑަށް ފުންމާލައިގެން ގޮސް ފަތާފައި ކައިރީގައި އޮތް ފަޅުރަށަކަށް އެރި އެވެ. ގަދަ ހިތްވަރުފުޅާއެކު ހަނގުރާމަ ކުރަމުން ގެންދިޔައީ ކަލާފާނު އާއި، އޭނާގެ އަރިހުގައި ހުރި ޖަމާލު ކަލޯއާއި ދެކަލުންނެވެ. އެންމެ ފަހުން ދެކަލުން ޝަހީދުވީއެވެ.

ދުޝްމިނުން ގުރާބަށް އަރައި އޭގެހުރި ހަތިޔާރުތައް ނެގުމަށްފަހު ގުރާބު ދޫކޮށްލުމުން ގުރާބު ގޮސް ލައްވީ ހަންޏާމީދޫ އަށެވެ. ހަންޏާމީދު މީހުންނަށް އެދެކަލުން ޝަހީދުވެފައި ތިބިތަން ފެނުމުން ގެންގޮސް ހަންޏާމީދޫ މިސްކިތްދޮށުގައި ފަސްދާނު ލެއްވީ އެވެ.

މަލާބާރީން އެބުރި މާލެގޮސް ރަސްކަމުގެ ކޯލުތެރޭގައި ހުރި މުދާތައް ފޭރި އެތާގައި ތިބި މީސްތަކުންނަށް އަނިޔާކޮށް ހެދިއެވެ. އަދި މަލާބާރީން ދަމުން ދިޔައީ ކަޅުތުއްކަލާ، (ފަހުންސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ)) ގޮވައިގެންނެވެ.

އަވަހާރަވުން އުނިއިތުރު ގެންނަވާ

ކަލާފާނު ޝަހީދުކުޅައީ ނުވަތަ އަވަހާރަވީ 1017 ވަނަ އަހަރުގެ ޝައްވާލު މަހުގެ 28 ވީ ބުދަ ދުވަހު އެވެ. ފަސްދާނު ލެވިފައިވަނީ އދ. ހަންޏާމީދޫ ގައެވެ. ކަލާފާނުގެ މަހާނައިގައި ޒިޔާރަތެއް ހެދިފައިވެއެވެ. މިއީ ރާއްޖޭގެ ޒިޔާރަތްތަކުގެ ތެރެއިން މަޝްހޫރު ޒިޔާރަތެކެވެ. ކަލާފާނު ރަސްކަން ކުރެއްވީ 24 އަހަރާއި 2 މަސް ދުވަހު އެވެ.

ހަދާންތަކާއި ބިނާތައް އުނިއިތުރު ގެންނަވާ

ކަލާފާނު އަވަހާރަވުމުން ފަސްދާނު ލެވުނު ތާގައި އދ. ހަންޏާމީދު ގައި ކަލާފާނުގެ ޒިޔާރަތް ހެދިފައި ވެއެވެ. މިއީ ރާއްޖޭގެ ޒިޔާރަތްތަކުގެ ތެރެއިން މަޝްހޫރު ޒިޔާރަތެކެވެ. މާލޭގައި ސަރުކާރުން ހައްދަވާފައިވާ ޕްރައިމަރީ ސުކޫލް ތަކުގެ ތެރެއިން ކަލާފާނު ސުކޫލް ނިސްބަތްވަނީ ވެސް ކަލާފާނު ރަސްގެފާނު އަށެވެ. އަދި ކަލާފާނު ސުކޫލްގެ އެއްފަރާތެއްގައިވާ ކަލާފާނު ހިނގުން ވެސް ނިސްބަތްވަނީ ކަލާފާނު ރަސްގެފާނު އަށެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • މަޢުލޫމާތު: ފަތްތޫރަ - މެއި 1989
  • ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ

ކުރިން ހުންނެވީ:
ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު