ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ

ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ އަކީ ދިވެހިރާއްޖޭގެ ރަސްކަން ނުވަތަ ރަނިކަން ކުރެއްވި ބޭފުޅެކެވެ.

އައްސުލްޠާނާ ރެހެންދި ޚަދީޖާ ނުވަތަ އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި އަކީ އައްސުލްޠާނު ޢުމަރު ވީރު ރަސްގެފާނުގެ ދޮށީ ދަރިކަނބަލުންނެވެ. ސުލްޠާން އަޙްމަދު ޝިހާބުއްދީނު އަކީ ރެހެންދި ޚަދީޖާގެ އެއްބަފާ ކޮއްކޯފުޅު އެވެ. ރަނިކަމަށް އިސްވެ ވަޑައިގަތުމަށްފަހު ރެހެންދި ޚަދީޖާ ކައިވެނި ބައްލަވައިގެން އިންނެވީ އަލްޚަޠީބު ޖަމާލުއްދީނު އާއެވެ. އަލްޚަތީބު ޖަމާލުއްދީންއަކި ފަހުން ރަސްކަމަށް އިސްވެ ވަޑައިގެން ސުލްޠާން މުޙައްމަދު އަލްޖަމީލް އެވެ.

ރަނިކަން ކުރެއްވި މުއްދަތު

އުނިއިތުރު ގެންނަވާ

ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ 3 ފަހަރު މަތީން 35 އަހަރު ވާންދެން ރާއްޖޭގެ ރަނިކަން ކުރެއްވި އެވެ. ފުރަތަމަ ފަހަރު ރަނިކަން ކުރެއްވީ މީލާދީން 1342 ން 1362 އަށެވެ. އެއީ ހިޖުރައިން 742 ން 764 އަށެވެ. ފުރަތަމަ ފަހަރު 22 އަހަރު ވަންދެން ރަނިކަން ކުރެއްވި އެވެ. ދެވަނަ ފަހަރު ރަނިކަން ކުރެއްވީ މީލާދީން 1363 ން 1374 އަށެވެ. އެއީ ހިޖުރައިން 765 ން 775 އަށެވެ. ދެވަނަ ފަހަރު 10 އަހަރު ވަންދެން ރަނިކަން ކުރެއްވި އެވެ. ތިންވަނަ ފަހަރު ރަނިކަން ކުރެއްވީ މީލާދީން 1377 ން 1380 އަށެވެ. އެއީ ހިޖުރައިން 778 ން 781 އަށެވެ. ޖުމްލަ އެކު ކުރިންވެސް ބުނެވުނު ހެން 35 އަހަރު ވަންދެން ދިވެހިރާއްޖޭގެ ރަނިކަން ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ކުރައްވާފައި ވެއެވެ.

ރަސްކަމުގެ ދުވަސްވަރު

އުނިއިތުރު ގެންނަވާ

ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ 3 ފަހަރު މަތީން 35 އަހަރު ވާންދެން ރާއްޖޭގެ ރަނިކަން ކުރެއްވި އެވެ.

ފުރަތަމަ ފަހަރު

އުނިއިތުރު ގެންނަވާ

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ފުރަތަމަ ފަހަރަށް ރާއްޖޭގެ ރަނިކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 742 ވަނަ އަހަރު އެވެ. އެއީ އެކަމަނާގެ ކޮއްކޯފުޅު ސުލްޠާން އަޙްމަދު ޝިހާބުއްދީނު ރަދުން ގަތުލު ކުރެއްވުމަށްފަހު ނުވަތަ އަވަހާރަވުމަށްފަހު ގައެވެ. ރަނިކަމަށް އިސްވެ ވަޑައިގަތުމަށްފަހު ރެހެންދި ޚަދީޖާ ކައިވެނި ބައްލަވައިގެން އިންނެވީ އަލްޚަޠީބު ޖަމާލުއްދީނު އާއެވެ.

ރެހެންދި ޚަދީޖާ ރަނިކަމަށް އިސްވެ ވަޑައިގަތުމަށްފަހު، އެކަމަނާގެ ފިރިކަލުން ވަޒީރެއް ކަމުގައިވެ، އަމުރުވެރިއަކު ކަމުގައި ވެއްޖެއެވެ. އަދި އޭނާގެ ދަރިކަލުން މުޙައްމަދު އޭނާގެ ބަދަލުގައި ޚަޠީބުކަމަށް އިސްކޮށްފިއެވެ. އަމުރުވެރިޔަކީ އަލްވަޒީރު ޖަމާލުއްދީން ކަމުގައި ވިޔަސް އަމުރުތައް ހިންގައި ހަދަނީ ހަމައެކަނި އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ނަންފުޅުގެ މަތީންނެވެ. އަމުރުތައް ލިޔެފައި ހުންނަނީ ފަންވަތުގައި، ފިޔޮއްސެއްގެ ސިފައިގައި ގުދުކޮށްފައި އޮންނަ ދަނގަޑުކޮޅަކުންނެވެ. ކަރުދާހުގައި ލިޔަނީ ހަމައެކަނި ގުރުއާން އާއި އިލްމީ ފޮތްފޮތެވެ.

ޚަޠީބު މީހާ ކޮންމެ ހުކުރު ޚުޠުބާ އަކާއި އެފަދަ އެހެން ކަމުގެ ޚުޠުބާގައި ރަނިކަމަނާގެ ނަންގަނެއެވެ. އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ރަނިކަން ކުރައްވާތާ 22 އަހަރު ވީތަނާ އޭނާގެ ފިރިކަލުން ސުލްޠާން މުޙައްމަދު އަލްޖަމީލު ނުވަތަ ރީތި މުޙައްމަދު އެކަމަނާ ރަސްކަމުގެ ތަޚުތުން ދުރުކުރައްވައި ރަސްކަމަށް އިސްވެ ވަޑައިގެންފި އެވެ. މިކަން ހިނގީ ހިޖުރައިން 764 ވަނަ އަހަރު އެވެ.

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ދެވަނަ ފަހަރަށް ރާއްޖޭގެ ރަނިކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 765 ވަނަ އަހަރު އެވެ. ބުނެވޭގޮތުގައި އެއީ އޭނާގެ ފިރިކަލުން ސުލްޠާން މުޙައްމަދު އަލްޖަމީލު ސިރީ ބަވަނަ ސޫޖަ މަހާރަދުން ގަތުލުކުރެއްވުމަށް ފަހުގައެވެ. ނުވަތަ އެރަދުން ގުދުރަތީގޮތުން އަވަހާރަވުމަށް ފަހުގައެވެ. އެފަހަރު 10 އަހަރު ވަންދެން ރާއްޖޭގެ ރަނިކަން ކުރެއްވި އެވެ.

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ރަނިކަން ކުރައްވާތާ 10 އަހަރުވީތަނާ އެކަމަނާގެ ދެވަނަ ފިރިކަލުން އަލްވަޒީރު ޢަބްދުﷲ ބިން މުޙައްމަދު އަލްޙަޟްރަމީ، ރަސްކަމުގެ މައްޗަށް ވެރިވެ ވަޑައިގަތެވެ. މިއަލްވަޒީރު ޢަބްދުﷲ އަކީ ރެހެންދި ޚަދީޖާގެ އެއްބަފާ ކޮއްކޯފުޅު ސުލްޠާން އަޙްމަދު ޝިހާބުއްދީނު ގެ ދޮންބައްޕާފުޅެވެ. ސުލްޠާން އަޙްމަދު ޝިހާބުއްދީނު އާއި، އަލްވަޒީރު ޢަބުދުﷲ އާއި ދެމެދު ހިނގި އޮޅުންތަކެއްގެ ނަތީޖާއެއްގެ ގޮތުން ހުވަދު އަތޮޅަށް އަރުވާލެވިފައި ވަނިކޮށް، އަލްވަޒީރު ޢަބްދުﷲ މާލެގެންނެވީ، މުޙައްމަދު ޖަމާލުއްދީން ގެ ބޮޑު ވަޒީރު ކަމުގައެވެ.

އަލްވަޒީރު ޢަބުދުﷲ އާއި ރެހެންދި ޚަދީޖާ ކައިވެނި ބައްލަވައިގަތީ އެކަމަނާގެ ފުރަތަމަ ފިރިކަލުން ސުލްޠާން މުޙައްމަދު އަލްޖަމީލު ދުނިޔެއިން ވަކިވެވަޑައިގަތުމަށް ފަހުގައެވެ. ރެހެންދި ޚަދީޖާގެ މައްޗަށް އަލްވަޒީރު ޢަބުދުﷲ ގަދަވެވަޑައިގެން ރަސްކަން އަތުލެއްވީ ހިޖުރައިން 775 ވަނަ އަހަރުގައެވެ.

ތިންވަނަ ފަހަރު

އުނިއިތުރު ގެންނަވާ

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ތިންވަނަ ފަހަރަށް ރާއްޖޭގެ ރަނިކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 778 ވަނަ އަހަރު އެވެ. އެއީ އޭނާގެ ފިރިކަލުން ސުލްޠާން ޢަބްދުﷲ(އަލްވަޒީރު ޢަބުދުﷲ) ގަތުލުކުރެއްވުމަށްފަހު ގައެވެ. އެފަހަރު ރާއްޖޭގެ ރަނިކަން 3 އަހަރު ވަންދެން ކުރެއްވި އެވެ.

އިބްނި ބަޠޫޠާ ދިވެހިރާއްޖެއަށް ވަޑައިގަތުން

އުނިއިތުރު ގެންނަވާ

މަޣްރިބު ކަރައިގެ މަޝްހޫރު ދަތުރުވެރިޔާ އިބްނު ބަޠޫޠާ ފުރަތަމަ ފަހަރު ދިވެހިރާއްޖެ އަށް ދުރުވީ މިކަމަނާގެ ފުރަތަމަ ރަސްކަމުގެ ދެވަނަ ދައުރު ގައެވެ.އެއީ ހިޖުރައިން 744 ވަނަ އަހަރު އެވެ. އެފަހަރު ރާއްޖެއިން އެބުރި ވަޑައިގަތީ ހިޖުރައިން 745 ވަނަ އަހަރުއެވެ. އިބްނު ބަޠޫޠާ ދިވެހިރާއްޖެ އަށް ދުރުވުމުން ރެހެންދި ޚަދީޖާގެ ފަރާތުން އޭނާއަށް ވަރަށް ހޫނު ތަރުޙީބެއް ލިބިލެއްވި އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން އިބްނި ބަޠޫޠާ ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު ގެ ހުވަފަތް އަނބިކަބަލުންނާއި ކައިވެނި ބައްލަވައިގެންފި އެވެ. މިކާވެނި ކުރެއްވުމާއެކު އަލްވަޒީރު ޖަމާލުއްދީންގެ ޚާއްޞަ އެދުންފުޅެއްގެ މަތީން އިބްނު ބަޠޫޠާ ރާއްޖޭގެ ފަނޑިޔާރުކަމާ ޙަވާލުވެ ވަޑައިގެންނެވި އެވެ. އިބްނު ބަޠޫޠާ ދެވަނަ ފަހަރު ވެސް ރާއްޖެ ވަޑައިގަތީ ހަމަ ރެހެންދި ޚަދީޖާގެ ރަސްކަމުގެ ދުވަސް ވަރުގައެވެ.

އިބްނު ބަޠޫޠާ ދިވެހިރާއްޖޭގައި ހުންނެވި ހުންނެވުމުގައި އެގިލެއްވި އެނގިލެއްވުމެއްގެ މައްޗަށް ބިނާކުރައްވައި، އޭނާގެ ދަރިވަރެއް ކަމުގައިވި، އިބްނު ޖަޒްޔު ގެ ގަލަން މެދުވެރި ކުރައްވައިގެން ދިވެހިރާއްޖޭގެ ވަރަށް ގިނަ ޚަބަރުތައް އޭނާ ބަޔާން ކުރައްވާފައި ވެއެވެ.

ރެހެންދި ޚަދީޖާ އަކީ ވަރަށް ހިތްވަރުގަދަ ހިކުމަތްތެރި ބޭކަނބަލެކެވެ. ވަރުގަދަ ޝަޚްޞިއްޔަތެއްގެ ވެރިއެކެވެ. ދިވެހިރާއްޖޭގެ މާޒީގެ ބަޠަލާއިންގެ ތެރެއިން އެންމެކެރޭ އެންމެ ހިތްވަރުގަދަ ބަތަލާވެސް މެއެވެ. އެހެނީ ފުރަތަމަ ދެފަހަރު އޭނާ ރަސްކަމަށް އިސްވެވަޑައިގަތީ އޭނާގެ ދެފިރިކަލުންނަށްވުރެ ކުރި ހޯއްދަވައިގެންނެވެ.

ރެހެންދި ޚަދީޖާގެ ދިރިއުޅުއްވުމަށް ބަލާއިރު އެކަމަނާ އަކީ މާތް އަޚްލާޤެއްގެ ވެރި ޝަޚްޞިއްޔަތެކޭ ދެންނެވޭކަން ނެތެވެ. ސަބަބަކީ އެކަމަނާގެ ދެފިރިކަލުންމެ ގަތުލު ކުރެއްވީ ޚުދު އެކަމަނާ ކަމުގައި ވުމެވެ. ނަމަވެސް އިބްނި ބަޠޫޠާގެ ލިޔުއްވުމުގައި ރެހެންދި ޚަދީޖާގެ މައްޗަށް އެއްވެސް ދަޢުވާއެއް ކުރައްވާފައެއް ނުވެއެވެ. އަދި ކިއެއްތަ އޭނާގެ ހުރިހާ ލިޔުމެއްގައި ހެންހުރީ ޖަމާލުއްދީން ރަދުން ގުދުރަތީގޮތަކުން ފުރައުއްތަވީ ކަމުގައެވެ.

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ އަވަހާރަވީ ހިޖުރައިން 781 ވަނަ އަހަރު އެވެ.

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ފަތްތޫރަ - އޯގަސްޓް 1989
ކުރިން ހުންނެވީ:
ސުލްޠާން އަޙްމަދު ޝިހާބުއްދީނު
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން މުޙައްމަދު އަލްޖަމީލު
ކުރިން ހުންނެވީ:
ސުލްޠާން މުޙައްމަދު އަލްޖަމީލު
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޢަބްދުﷲ
ކުރިން ހުންނެވީ:
ސުލްޠާން ޢަބްދުﷲ
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާނާ ރާދަފަތިކިލެގެ