ސިކުނޑި ދުޅަވުން
ސިކުނޑި ދުޅަވުން(އިނގިރޭސި ބަހުން: encephalitis) އަކީ ސިކުނޑީގެ ޓިޝޫ ދުޅަވެ ފުއްޕުމެވެ. އާންމު ގޮތެއްގައި ސިކުނޑި ދުޅަވުން ކުރިމަތިވާއިރު އެއާއެކު، ސްޕައިނަލް ކޯޑް ދުޅަވުން ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. މާނައަކީ ސިކުނޑިއާއި، ސްޕައިނަލް ކޯޑް ދުޅަވުން އެވެ. ހަމަމިހެން ބައެއް ފަހަރު ސިކުނޑި ދުޅަވުން ކުރިމަތިވާއިރު އެއާއެކު، ސިކުނޑީގެ ދުލިފަށް ދުޅަވުން ކުރިމަތިވެއެވެ. މާނައަކީ ސިކުނޑިއާއި، ސިކުނޑީގެ ދުލިފަށް ދުޅަވުން އެވެ.
ސިކުނޑި ދުޅަވުން ކުރިމަތިވަނީ ބައެއް ކަހަލަ ޖަރާސީމް ތަކާއި، އަދި އެހެނިހެން ބައެއް މާއްދާތަކުގެ ސަބަބުންނެވެ. އެހެނިހެން ބައެއް މާއްދާތަކުގެ ތެރޭގައި ހިމެނެނީ، ތިމަރަ، ދިރޭރަހަ، އާރސެނިކް ފަދަ މާއްދާ ތަކެވެ. ސިކުނޑި ދުޅަވުން ކުރިމަތި ކުރުވާ ޖަރާސީމް ތަކުގެ ތެރޭގައި، ބައެއް ކަހަލަ ބެކްޓީރިޔާ، ވައިރަސް، ޕަރަސައިޓް، ފަދަ ޖަރާސީމްތައް ހިމެނެއެވެ.
ސިކުނޑި ދުޅަވުން ކުރިމަތިކުރުވާ ވައިރަސް ދެގުރޫޕަކަށް ބަހާލެވެއެވެ. ފުރަތަމަ ވައްތަރަކީ ހަށިގަނޑަށް ވައިރަސް ވާޞިލްވުމަށްފަހު، ސިކުނޑީގެ ނާރު ސެލް ތަކާއި ހަމައަށް ދިއުމުގެ ކުރިން ގެއްލުމެއް ކުރިމަތި ނުކުރުވާ ވައިރަސް ތަކެވެ. މީގެ މިސާލަކީ ރެބީޒް ވައިރަސް އަދި އާތްރޮޕޯޑް-ބޯން ވައިރަސް ތަކެވެ. ދެވަނަ ވައްތަރަކީ ހަށިގަނޑަށް ވައިރަސް ވާޞިލްވުމަށްފަހު، ނާރުތަކުގެ ނިޒާމް ނޫން ބައިތަކަށް ގެއްލުންދީ އަދި އޭގެ ފަހުން ސިކުނޑީގެ ނާރު ސެލްތަކާއި ހަމައަށް ފޯރައި ގެއްލުން ދޭވައްތަރެވެ. މީގެ މިސާލަކީ ހާރޕީޒް ސިމްޕްލެކްސް ޖައްސާ ވައިރަސް، ހާރޕީޒް ޒޮސްޓަރ ޖައްސާ ވައިރަސް، ޑެންގީ ހުން ޖައްސާ ވައިރަސް، އެއިޑްސް ބަލި ޖައްސާ ވައިރަސް، އަދި ރީނދޫ ހުން ޖައްސާ ވައިރަހެވެ.
ސިކުނޑި ދުޅަވުން ކުރިމަތިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ހުންއައުން، ބޮލުގައި ރިހުން، ތާއްޔަށް ޖެހުން، ކޯމާއަށް ދިއުން، ކަރުހަރުއެރުން، ނުވަތަ ކަރުގެ މަސްތައް ކުރުގެޅުން، ފަދަ ކަންތައްތައް ހިމެނެއެވެ. ކުޑަކުދިންނަށް ބައެއް ފަހަރު ފިޓްޖެހުން މެދުވެރިވެއެވެ. މީގެ އިތުރުން އަތްފައިގެ ވަރުދެރަވެ، ގައިގެ ބާރުދޫވާގޮތް ވެއެވެ.