ލަޑިމިއަރ ޕޫޓިން
ލަޑީމިއާރ ލަޑީމިރޮވިޗް ޕޫޓިން (ރޫސީބަހުން:Влади́мир Влади́мирович Пу́тин) އުފަންވީ 7 އޮކްޓޯބަރ 1952 ގައެވެ. ލަޑީމިއާރ ޕޫޓިން އަކީ ރޫސީ ސިޔާސީ ލީޑަރެކެވެ. ޔުނައިޓެޑް ރަޝާ ޕާޓިގެ ލީޑަރެވެ. އަދި 7 މޭއި 2012 އިން ފެށިގެން ރޫސީވިލާތުގެ ރައީސެވެ. ޕޫޓިން ކުރީގައިވެސް ރޫސީވިލާތުގެ ރައީސްކަން 1999 އިން 2008 އަށް ކުރައްވާފައިވެއެވެ. އަދި ރޫސީވިލާތުގެ ބޮޑުވަޒީރު ގެ މަޤާމް 1999 އިން 2000 އަށް އަދި 2008 އިން 2012 އަށް ފުރުއްވާފައިވެއެވެ.
ލަޑީމިއާރ ޕޫޓިން
Владимир Путин | |
---|---|
ރޫސީވިލާތުގެ 4 ވަނަ އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ | |
ރައިސްކަން ލިބިވަޑައިގެންނެވީ | 7 މޭއި 2012 |
ބޮޑު ވަޒިރު | ޑިމިޓްރީ މެޑްވެޑޭވް |
ކުރިން ރައީސްކަން ކުރެއްވީ | ޑިމިޓްރީ މެޑްވެޑޭވް |
_________________________________ | |
ފުރިހަމަ ނަންފުޅު | ލަޑީމިއާރ ލަޑީމިރޮވިޗް ޕޫޓިން |
އުފަންވީ | ލެނިންގްރެޑް ، ސޯވިއެޓް އިއްތިހާދު (މިހާރުގެ ) ސެއިންޓް ޕީޓާސްބާރގް، ރޫސީވިލާތް |
އުފަންވީ ތާރީޚް | 7 އޮކްޓޯބަރ 1952 |
ސިޔާސީ ޕާޓީ | ޔުނައިޓެޑް ރަޝާ |
އަނބިކަނބަލުން | ލުޑްމީލާ ޕޫޓީނާ |
ދަރިކަނބަލުން | ޔެކަޓެރީނާ މާރިޔާ |
ކިޔަވާ ވިދާޅުވީ | ލެނިންގްރެޑް ސްޓޭޓް ޔުނިވާރސިޓީ |
ދީން | ރަޝަން އޯތަޑޮކްސް |
ސޮއި | |
ވެބްސައިޓް | ރަސްމީ ވެބްސައިޓް |
16 އަހަރު ވަންދެން ޕޫޓިން ސޯވިއެޓް އިއްތިހާދުގެ ދައުލަތުގެ ދިފާޢީ ކޮމިޓީ (ކޭ.ޖީ.ބީ.) ގައި އޮފިސަރަކަށް އުޅުއްވިއެވެ. އެއަށްފަހު 1991 ވަނަ އަހަރު ސެއިންޓް ޕީޓާސްބާރގްގައި ސިޔާސީ ދާއިރާއަށް ވަޑައިގަތެވެ. 1996 ވަނަ އަހަރު މޮސްކޯއަށް ވަޑައިގެން އޭރުގެ ރައީސް، ބޮރީސް ޔެޓްސިންގެ ސަރުކާރާއި ގުޅިވަޑައިގަތެވެ. އެތާނގައި ޕޫޓިން ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔައެވެ. އެގޮތުން 31 ޑިސެމްބަރ 1999 ގައި ޔެޓްސިން ކުއްލިގޮތުގައި އިސްތިއުފާ ދެއްވުމުން ވަގުތީ ގޮތުން ރައީސްކަމާ ހަވާލުވެލެއްވިއެވެ. 2000 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2004 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕޫޓިން ކާމިޔާބު ކުރެއްވިއެވެ. ނަމަވެސް ޤާނޫނީ ގޮތުން ޖެހިޖެހިގެން 3 ދައުރަށް ކުރިމަތި ނުލެއްވޭތީ 2008 ވަނަ އަހަރުގެ އިންތިޚާބަށް ފަހު ޑިމިޓްރީ މެޑްވެޑޭވްއަށް ރައީސްކަން ލިބުނެވެ. އަދި ލަޑީމިއާރ ޕޫޓިން ބޮޑުވަޒީރަކަށް އިސްކުރެވުނެވެ. ސެޕްޓެމްބަރ 2011 ގައި ޕޫޓިން 2012 ގެ އިންތިޚާބަށް ކުރިމަތި ލައްވާނެކަން ޢިއުލާންކުރެއްވިއެވެ. މިކަމާ ގުޅިގެން ރޫސީވިލާތުގެ ވަރަށް ގިނަ ޝަހަރު ތަކުގައި ބޮޑެތި މުޒާހަރާ ކުރެވުނެވެ. ނަމަވެސް މާރިޗް 2012 ގެ އިންތިޚާބު ވެސް ޕޫޓިން ކާމިޔާބު ކުރެއްވިއެވެ.
1991 ވަނަ އަހަރުގެ އިންޤިލާބަށް ފަހު ރޫސީވިލާތަށް ހަމަޖެހުން ގެނައި ބޭފުޅަކީ ލަޑީމިއާރ ޕޫޓިން ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. ޕޫޓިން ގެ ވެރިކަމުގެ ދުވަސްވަރު (1999–2008) ރޫސީވިލާތުގެ އިޤްތިޞާދު ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔައެވެ. ފަޤީރުކަމާއި ވަޒިފާ ނެތުމުގެ މައްސަލަ ވަރަށް ބޮޑުތަން ރަނގަޅުކުރެވުނެވެ.
ރޫސީވިލާތުގެ ބޮޑުވަޒީރަކަށް ޕޫޓިން ހުންނެވިއިރު އަސްކަރިއްޔާ އަށާއި ފުލުހުންގެ ދާއިރާ އަށް ޕޫޓިން ބޮޑެތި ބަދަލުތައް ގެންނެވިއެވެ. ޕޫޓިންގެ ހަކަތައިގެ ސިޔާސަތާ ގުޅިގެން ރޫސީވިލާތްވަނީ ހަކަތައިގެ ދުނިޔޭގެ ބޮޑު ބާރަކަށްވެފައެވެ. މީގެ އިތުރުން ޕޫޓިން ނިއުކްލިއާރ އަދި ދިފާޢީ ކަންކަމުގައި ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރުމަށް ތާޢީދު ކުރެއެވެ. ބޭރުގެ ފަރާތްތަކުންގެ އިންވެސްޓްމެންޓްގެ ސަބަބުން ވަރަށްގިނަ ދާއިރާތަކަށް ކުރިއެރުން ލިބުނެވެ. ޕޫޓިން ގެ ވެރިކަމުގައި ހިންގި މަޝްރޫޢު ތަކުގެ ތެރޭގައި ހޮޅި ބޭނުންކޮށްގެން މުދާ ދަތުރުކުރާ ނިޒާމް ތަޢާރަފް ކުރުމާއި ބޮޑެތި އިންފްރާސްޓްރަކްޗާރ މަޝްރޫޢުތައް ހިމެނެއެވެ.
ރަޝާގައި ޕޫޓިން އަކީ ވަރަށް މަޤުބޫލު ވެރިއެކެވެ. ނަމަވެސް ޕޫޓިންގެ ބައެއް ޢަމަލުތަކަކީ ދިމިޤްރާޠީ އުސޫލުތަކާ ޚިލާފު ކަންކަން ކަމަށް ބުނެ ރައްޔިތުން އަޑުއުފުލާފައިވެއެވެ. ބައެއް ހުޅަނގުގެ މީހުންނާއި ޖަމާޢަތްތަކުން ވެސް ވަނީ ޕޫޓިން އަށް ފާޑުކިޔާފައެވެ. ބައެއް ބޭފުޅުން ޕޫޓިން އަކީ ޚުދުމުޚުތާރީ ވެރިއެއްކަމަށް ވެސް ސިފަކުރައްވާފައިވެއެވެ.
ލަޑިމިއަރ ޕޫޓިން އަކީ ކުޅިވަރަށް ވަރަށް ޝަޢުޤުވެރިކަން ހުންނަވާ ބޭފުޅެކެވެ. ހެވިކަމުގެ ކުޅިވަރު ކުޅުއްވާ ބޭފުޅެކެވެ. 2014 ގެ ފިނިމޫސުމުގެ އޮލީމްޕީކްސް، ރޫސީވިލާތުގެ ޝަހަރެއް ކަމުގައިވާ ސޯޝީ ގައި ބޭއްވުމަށް ޕޫޓިން އެހީތެރިވެދެއްވާފައިވެއެވެ.
ޢާއިލާ
އުނިއިތުރު ގެންނަވާޕޫޓިން އުފަންވެ ވަޑައިގަތީ 7 އޮކްޓޯބަރ 1952 (ހިޖުރީގޮތުން 17 މުޙައްރަމް 1372)ވީ އަންގާރަ ދުވަހުއެވެ. އެއީ އޭރުގެސޯވިއެޓް އިއްތިހާދުގެ ލެނިންގްރެޑްގައެވެ. މިހާރުގެ ރޫސީވިލާތުގެ ސެއިންޓް ޕީޓާސްބާރގް ގައެވެ. ބައްޕާފުޅަކީ ލަޑިމިއާރ ސްޕިރިޑޮނޮވިޗް ޕޫޓިންއެވެ. މަންމާފުޅަކީ މާރިއާ އިވަނޯވާ ޕޫޓީނާއެވެ. މާރިއާ އިވަނޯވާ ޕޫޓީނާ މަސައްކަތް ކުރީ ކާރުޚާނާއެއްގައެވެ. ލަޑިމިއާރ ސްޕިރިޑޮނޮވިޗް ޕޫޓިން އަކީ ސޯވިއެޓް އިއްތިހާދުގެ ކަނޑުގެ އަސްކަރިއްޔާ ގައި މަސައްކަތް ކުރި މީހެކެވެ. ޕޫޓިން އަށްވުރެ އުމުރުން ދޮށީ ދެބޭފުޅުން މާރިއާ ޕޫޓީނާ އަށް ލިބުނެވެ. އެކަކު މަރުވީ އުފަންވީތާ މަސްތަކެއްވީ ފަހުންނެވެ. އަނެއް ބޭފުޅާ މަރުވީ ދެވަނަ ބޮޑު ހަނގުރާމައގެ ތެރޭގައެވެ.
ތަޢުލީމު
އުނިއިތުރު ގެންނަވާ1 ސެޕްޓެމްބަރ 1960 ގައި ޕޫޓިން ކިޔަވާ ވިދާޅުވުމަށްޓަކައި އޭނާގެ ގޭ ކުރިމަތީގައި ހުރި ސްކޫލަކަށް ދާންފެށިއެވެ. ހަވަނަ ގްރޭޑްގައި ޕޫޓިން ކުޅިވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭން ފެށިއެވެ. އެއީ ޖޫޑޯ އާއި ސަމްބޯ ފަދަ ހެވިކަމުގެ ކުޅިވަރުތަކެވެ.
ޕޫޓިން ލެނިންގްރެޑް ސްޓޭޓް ޔުނިވާރސިޓީ ގެ ޤާނޫނާ ބެހޭ ގޮފިން 1975 ވަނަ އަހަރު ގްރެޖުއޭޓްވެ ވަޑައިގެންނެވިއެވެ. ޔުނިވަރުސިޓީ ގައި އުޅުއްވަމުން ސޯވިއެޓް އިއްތިހާދުގެ ކޮމިއުނިސްޓް ޕާޓީއާ ގުޅިވަޑައިގެންނެވިއެވެ. އަދި އެ ޕާޓީ 1991 ވަނަ އަހަރުގެ ޑިސެމްބަރުގައި އުވެންދެން އެ ޕާޓީގެ ގެ މެމްބަރެއްގެ ގޮތުގައި ހުރިއެވެ.
ކޭ.ޖީ.ބީ. ގައި
އުނިއިތުރު ގެންނަވާޕޫޓިން ކޭ.ޖީ.ބީ (ކޮމިޓެޓް ގޮސުޑާރސްޓްވެނޯއި ބެޒޯޕަސްނޯސްޓީ) ނުވަތަސޯވިއެޓް އިއްތިހާދުގެ ދައުލަތުގެ ދިފާޢީ ކޮމިޓީ އާއި ގުޅިވަޑައިގަތީ 1975 ވަނަ އަހަރުގައެވެ. އެއި ޔުނިވަރުސިޓީ އިން ގްރެޖުއޭޓްވުމަށް ފަހުއެވެ. މިތަނާ ގުޅިވަޑައިގަތުމަށްފަހު އެއް އަހަރު ދުވަހުގެ ޓްރެއިނިންގ ހެއްދެވިއެވެ.