ސ. މީދޫ އައިސާބީގެ ދަރު އަޙްމަދުދީދީގެ މަޝްހޫރު ބޭސް ފޮތް (ޠިއްބުލް ފުޤަރާއި ފީ ޙިކްމަތިލް އުމަރާއި) 2008 މާރޗް މަހު ނޮވެލޓީން ޗާޕުކުރައްވައި އަލުންޝާއިޢު ކުރައްވާފައި ވެއެވެ. މިފަހަރު މިފޮތުގެ ފަހަތަށް އިތުރުކުރެވިފައިވާ މުލްޙަޤު ގައި ދިވެހި ބޭސްވެރިކަން އައިގޮތް ބަޔާންވެފައިވެއެވެ. ލިޔުއްވާފައިވަނީ އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ ޢިލްމީ ގަލަން ކޮޅުންނެވެ.


ޢަބްދުﷲ ސަޢީދު ލިޔުއްވައެވެ."ދިވެހިންގެ އެންމެ އެވޭލާ ބޭސްވެރިކަމަކީ ދެވަނަ މިލެނިޔަމް ކުރީކޮޅާ ހަމައަށް ރުޖޫއުވާ ފަތްޕިލާވެލީގެ ބޭސްވެރިކަމެކެވެ. ދިވެހި ތަހްޛީބަށް ސިންދާއި ހިންދުގެ ރަށްވެހިކަމުގެ ނުފޫޒު ފޯރާފައިވުމާއެކު، ހިންދުކަރައިގެ އާޔުރްވޭދާ ބޭސްވެރިކަމުގެ އަސަރު ދިވެހިބޭސްވެރިކަމަށް ފޯރާފައިވާކަން އެނގެއެވެ. ނަމަވެސް އެކަށީގެންވާ ދިރާސާތަކެއްނެތި އެވޭލާ ދިވެހިބޭސްވެރިކަން ބިނާވެފައިވަނީ ހަމައެކަނި އާޔުރްވޭދާ ބޭސްވެރިކަމުގެ މައްޗަށް ކަމަށް ނިންމުމަކީ އިންސާފުވެރި ނިންމެއްކަމުގައި ނުވާނެއެވެ. ދިވެހިބޭސްވެރިކަން ދިރާސާކުރާ ކޮންމެމީހަކަށް ވަންހަނާވެގެން ނުވާނޭ އެއްހަގީގަތަކީ، ދިވެހިބޭސްވެރި ކަމުގައި ބޭނުންކުރެވޭ ފަތްޕިލާވެއްޔާއި އެނޫން މާއްދާތަކުގެ ތެރޭގައި ގިނައަދަދަކަށް ރާއްޖޭގެ ވެއްޓާއި މާހައުލުގައިވާ ތަކެތި ހިމެނޭކަމެވެ. އޭގެތެރޭގައި ރާއްޖޭގެ ބިމާއި ކަނޑާއި ފަޅާއި ފަރުގައި ހިމެނޭ ދިރޭ ތަކެއްޗާއި އެނޫން ތަކެތި ހިމެނެއެވެ. ޝައްކެއްނެތް ގޮތުގައި އެވޭލާ ދިވެހިބޭސްވެރިކަމަކީ ދިވެހިންގެ އަމިއްލަ ތަޖްރިބާތަކާއި ހޯދުންތަކާއި ދިރާސާތަކުން އުފެދި ތަރައްޤީ ވީ އިލްމަކާއި ފަންނެކެވެ. އަދި ދިވެހިރަށްވެހިކަމުގެ އަގުހުރި ތަރިކައެކެވެ.


އިހުޒަމާނުގައި، ދިވެހިބޭސްވެރިކަން ހިގަމުން ނަގުލުވަމުން އައީ އެހެން އިލްމުތަކެކޭ އެއްފަދައިން އިލްމުވެރި އެދުރުންގެ ފަންތީގެ ތެރޭގައެވެ. އެދުރުން ވާރުތަކަމެއްގެ ގޮތުގައި މިއިލްމު އުގަންނައި ދެމުން އައީ އެއެދުރުންގެ ދަރީންނަށް ނުވަތަ އާއިލާގެ މީހުންނަށް ނުވަތަ ގާތް ދަރިވަރުންނަށެވެ. މިގޮތުން ބޭހުގެ އެކިދާއިރާތަކަށް ޚާއްޞަވެފައިވާ އާއިލާތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުފެދުނުކަން ފާހަގަ ކުރެވެއެވެ. އެއީ، ރުއްގަލުބޭސްވެރިކަން ކުރާ އާއިލާތަކާއި، ލޮލުބޭސްވެރިކަން ކުރާ އާއިލާތައްފަދަ ބޭސްވެރި އާއިލާތަކެވެ. ލިބިފައިވާ ހެކިތަކުގެ މައްޗަށް ވިސްނާއިރު، ދިވެހިރާއްޖެ އިސްލާމްވުމާއެކު ނުވަތަ އޭގެވެސް ކުރީއްސުރެން ފެށިގެން ދިވެހި ބޭސްވެރިކަމުގެ ތެރެއަށް އަރަބި-ޔޫނާނީ މެޑިސިންގެ އަޘަރު ފޯރަން ފަށާފައިވާކަމަށް ފެނެއެވެ. އެބޭސްވެރިކަން ރާއްޖެއަށް އައިސްފައިވަނީ ތަބްރީޒާއި ޝީރާޒް ފަދަ ފާރިސްކަރައިގެ ރަށްތަކާއި، އޮމާނުގެ ޞޫރުއާއި ޔަމަނުގެ ޒަބީދާއި، ޙަޟްރަމައުތުފަދަ އަރަބި ކަރައިގެ ރަށްތަކުންނެވެ. އަދި ބައެއްފަހަރު މަލަބާރު ފަދަ އުތުރުކަރައިގެ ސަރަހައްދުތަކާއި އޮޅުދޫކަރަފަދަ ތަންތަނުންނެވެ. މިދެންނެވިފަދަ ތަންތަނުން ރާއްޖެއަށް އިލްމުތައް ގެންނެވި އިލްމުވެރިންގެ ތެރޭގައި މައުލާނާ އައްޝައިޚް ޔޫސުފު ޝަމްސުއްދީނުއްތަބްރީޒީއާއި، އައްޝައިޚް އަލްފަޤީހު ސުލައިމާނުލްމަދަނީ، އަލްޢައްލާމަތު ނޫރުއްދީނުއް ޒައިދާނީއާއި އަލްޤާޟީ ހަސަންޝީރާޒީއާއި އަލްޤާޟީ ޢީސާއަލްޔަމަނީއާއި އައްރައްޙާލަތު އަލްޢައްލާމަތު މުޙައްމަދު އިބްނުބަޠޫޠާއާއި އައްސުލްޠާނު އައްސައްޔިދު މުޙައްމަދު ޝަމްސުއްދީނުލް ޙަމަވީ ( ސައްޔިދު ރަސްގެފާނު)އާއި އަދި މިނޫން ކިތަންމެ ބޭކަލުންނެއް ހިމެނެއެވެ. މިބޭކަލުންގެ ތެރޭގައި އަލްޢާލިމުލް ކާމިލު އައްތަޤިއްޔުއްޞާލިޙް އަލްވަރިޢުއްޒާހިދު އަލްފަޤީހު ޔޫސުފުނާއިބު އިބްނު އީސާޤާދިރު އިބްނު ޞޫރުޤާދިރު އިބްނު ސުލައިމާންޤާދިރަކީ ފާހަގަކުރެވޭބޭކަލެކެވެ. އައްޑުއަތޮޅާއި ފުވައްމުލަކަށް އިސްލާމްދީނުގެ ނޫރާއި އިލްމުގެ ހިދާޔަތް ގެނެސްދެއްވީ އެކަލޭގެފާނެވެ. އެކަލޭގެފާނު ފަސްދާނު ލެވިފައިވަނީ ކޯގަންނު މެދުޒިޔާރަތުގައެވެ. އޭނާގެދަރިކަލުން ޔަހްޔާނާއިބުކަލޭގެފާނުގެ ޒިޔާރަތްހުރީ ފުވައްމުލަކު ގެން މިސްކިތް ދޮށުގައެވެ. މައުލާނާާޔޫސުފުނާއިބު މިކަލޭގެފާނު ގެންނެވި އިލްމަށް ހީނަރުކަން އައިސްފައިވަނިކޮށް އައްޑުއަތޮޅު މީދޫގައި އިލްމީ ތަޖްދީދުގެ އާދައުރެއް ފެށުނީ އައްޝައިޚު އަލްޢައްލާމަތު އަލްޙިބްރުލްފައްހާމަތި މުހައްމަދު ޖަމާލުއްދީނުލްމަހައްލީ ވާދޫ ދަންނަކަލޭގެފާނު ވާދުއަށް ދުރުވުމުގެ ކުރިން މީދޫގައި ހުންނެވި ހުންނެވުމުގައްޔާއި އެކަލޭގެފާނުގެ އެންމެއިސް ދަރިވަރެއް ކަމަށްވި މުހައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރުތަކުރުފާނާއި އެކަލޭގފާނުގެ ދަރިކޮޅުގެ އިލްމުވެރިންގެ އިލްމީ ހަރާކާތާއި ގުޅިގެންނެވެ. (رحمهم الله ونفعنا بهم آمين)


ވާދޫދަންނަކަލޭގެފާނުގެ އިލްމީހަރަކާތަކީ ރާއްޖެއާއި މުޅިއެތެރެވަރީގެ ހުރިހާ ކަންކޮޅުތަކަށް ފެތުރިގެން ދިޔަ އިލްމީ ހަރަކާތެކެވެ. އަދި އެއީ މިއަދާ ހަމައަށްވެސް ދިވެހި އިލްމާއި ޘަޤާފަތުގެ ކޯރު އެމަންބަޢަކުން ދެމިގެން އަންނަ ޢިލްމީ މަންބަޢެވެ. ވާދޫދަންނަކަލޭގެފާނަކީ އިލްމު ހޯއްދެވުމައްޓަކައި ޔަމަނުކަރައާއި ހިޖާޒުކަރައިގައި ތިރީސްއަހަރުވާނދެން، ހިންގަވައި އެޒަމާނުގައި ތިއްބެވި ބޮޑަތިބޮޑަތި އިމާމުވެރިންނާއި ބައްދަލުވެ އިލްމުގެ އެކިއެކި ރޮނގުތަކުން އިލްމުތައް ވަރަށްމައްޗަށް އުނގެނިގެން ރާއްޖެއަށް ދުރުވި ރާއްޖޭގެ މަތިވެރި އިލްމުވެރިޔާއެވެ. މިއަދާ ހަމައަށްވެސް ދިވެހި ތަޢުލީމުގެ ސަނަދު އެއިލްމުވެރިއެއްގެ އިލްމުތަކުން ފެށޭ އަސްލަކީ ވާދޫދަންނަކަލޭގެފާނެވެ. ރާއްޖެ ސަލާމަތުން އޮންނާން އޮތްހާ ހިނދަކު އައްޑޫ މީދޫގައި ފިޤްހުޢިލްމު، ފުވައްމުލަކުގައި ޤާރީވެރިކަން، މާލޭގައި އިސްލާމީވެރިކަން ލެހެއްޓެވުމަށް އެތަކުރުފާނު މާތްﷲށް ދުޢާ ކުރެއްވިކަމަށް ބުނެވެއެވެ. މާތްﷲ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އެދުރުންނާއި ދަރިވަރުންނަށް ރަހްމަތް ލައްވައި އެއެންމެ ބޭކަލުންގެ ނަފާ ދިވެހިންނަށް އިތުރުކުރައްވައި ދަމަހައްޓަވާށިއެވެ. އާމީން. ޔޫނާނީ- އަރަބި ބޭސްވެރިކަން އެނގި ދަސްވިނަމަވެސް، ޒަމާންވީ ދިވެހި ބޭސްވެރިކަން ދިވެހިން ދުލެއް ނުކުރިއެވެ. މިފޮތުގެ މުޞައްނިފުފަދަ ދިވެހި ޙަކީމުން މަސައްކަތްކުރެއްވީ، އަރަބި-ޔޫނާނީ ބޭސްވެރިކަމުގެ އަލީގައި ދިވެހިބޭސްވެރިކަން އަލުން ތަރައްޤީ ކުރެއްވުމަށެވެ.


ދިވެހިބޭސްވެރިކަން ދިރާސާކުރައްވައި އެބޭސްވެރިކަން އާލާކުރެއްވުމަށް އެންމެބޮޑަށް މަސައްކަތް ކުރެއްވީ މިފޮތުގެ (ޠިއްބުލްފުޤަރާއި ފީ ޙިކްމަތިލް އުމަރާއިގެ)މުޞައްނިފު ފަޟީލަތުއްޝައިޚް އަޙްމަދުދީދީ (ސ.މީދޫ އައިސާބީގެ ދަރު އަޙްމަދު ދީދީ) ފިޔަވައި އެހެންބޭފުޅެއްނޫނެވެ. ހަމައެހެންމެ، އިބްނުސީނާއާއި އަބޫބަކުރުއްރާޒީފަދަ މުސްލިމު ސައެންސްވެރިންގެ ބޭސްވެރިކަން ދިވެހިރާއްޖޭގައި ހަރުދަނާގޮތެއްގައި ހިންގަވައި އެކަމުގެ ބިނާ ވަރުގަދަކުރެއްވީ އޭނާއެވެ. އޭނާ ދިރާސާކުރެއްވިއިރު އިހުގެ ދިވެހިބޭސްވެރިކަމުގެ ހަމަތަކާއި އުސޫލުތަކުން ވަރަށްބޮޑުބައެއް ނޭނގުމުގެ ތެރެއަށް ގޮސް ގެއްލިފައިވާކަން ފާހަގަކުރެއްވިއެވެ. ވުމާއެކު، އަރަބި- ޔޫނަނީ ބޭސްވެރިކަމުގެ ޤާނޫނާއި ތަރަހައަށް ފެތޭ ދިވެހިބޭސްތައް މިފޮތުގައި ޖަމާކުރެއްވިއެވެ. ހަށިގަނޑަށް ދިނުން އެއްގޮތަކަށްވެސް ހެޔޮނުވާނޭ ބޭސްތައް ނުހިމަނައި ދޫކޮށްލެއްވިއެވެ. އަދި އެއުނިކަން ފޫބެއްދެވުމަށް އިބްނުސީނާގެ ޤާނޫނުފަދަ ފޮތްފޮތުން ބޭސްތައް ތަރުޖަމާކުރައްވައި މިފޮތުގައި ހިމެނުއްވިއެވެ. އެގޮތުން، ދިވެހިބޭސްވެރިކަން އާލާކުރައްވައި، އެބޭސްވެރިކަމަށް ފުރިހަމަކަން ގެންނެވިއެވެ. އިހުޒަމާނުގެ ދިވެހިބޭހުގެ އެދުރުންގެ ތެރޭގައި މާތޮޑާ މުޢައްލިމް މުޙައްމަދުމަނިކުފާނުގެ ނަން މިފޮތުގެ މުޞައްނިފު ފާހަގަކުރައްވާފައިވެއެވެ.


މީލާދީ ސަނަތުން 20 ވަނަޤަރްނު ފެށުނުއިރު ދިވެހިބޭސްވެރިކަމުގެ އެންމެއިސް ދެހަކީމުންގެ ގޮތުގައި ތިއްބެވީ އަލްޢައްލާމާ އައްޝައިޚް އަލްޙާފިޡު އިބްރާހިމްތަކުރުފާނު (ދޮންބެއްޔާ)އާއި އަލްޢައްލާމާ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން (ނާއިބުތުއްތު)އެވެ. މިދެބޭކަލުންނަކީ ދިވެހި، އަރަބި-ޔޫނާނީ ބޭހުގައި ވަރަށް ފުންނާބު އުސް ދެހަކީމުންނެވެ. މިދެބޭކަލުންގެ ތެރެއިންވެސް ބޭސްވެރިކަމުގައި މަޝްހޫރުކަންބޮޑީ، އަދި އަރާހުންނެވީ ދޮންބެއްޔާއެވެ. ފަހެ، އެކަލޭގެފާނަކީ ދިވެހިރާއްޖޭގެ ރަދުންގެ ޚާއްޞަ ޑަކްޓަރެވެ. މިދެބޭކަލުންނަކީ މިފޮތުގެ މުޞައްނިފުގެ ދެ އުސްތާޛުންނެވެ. މިދެބޭކަލުންގެ ބައެއް ބޭސް ނުސްޚާތައް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނު ލިޔުއްވި ފޮތެއްގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ. އަރަބި-ޔޫނާނީ ބޭހުގެ އަރަބިފޮތްފޮތުން މިދެބޭކަލުން، ބޭސް ކުރެއްވިނަމަވެސް މިދެބޭކަލުން މިރޮނގުގައި ދިވެހިބަހުން އެއްވެސް ފޮތެއް ލިޔުއްވިކަން އެނގޭކަށް ނެތެވެ. މިފޮތުގެ (ޠިއްބު ބަރަޞްގެ ބާބުގައި نمشއާއި بهق وضعއާއި اثرއާއި كلف މިބަސްތަކުގެ މާނަ މުޞައްނިފު ބަޔާންކުރެއްވުމަށްފަހު ލިޔުއްވާފައިވެއެވެ. "މިއީ އަޅުގަޑުގެ ބައްޕަ الشيخ الفاضل الحافظ إبراهيم މިތަކުރުފާނު ތަރުޖަމާ ކުރެއްވި އެތިކޮޅެއްގައި އޮއްވައި އަޅުގަޑު ދުށް ތަންކޮޅެކެވެ." އަދި ބޭސް މިނެކިރުމުގެ ބާބުގައި އެއްތަނެއްގައި ނާއިބުތުއްތުއާއި ހަވާލާދެއްވާފައިވެއެވެ. މުޞައްނިފުގެ މިދެބަޔާނަށް ބަލާއިރު އެދެބޭކަލުން ކޮންމެވެސް ވަރަކަށް ބޭހުގެ މައުލޫމާތު ދިވެހިބަހުން ލިޔުއްވައި ނޯޓުކުރެއްވިކަމާއި، ނަމަވެސް އެރޮނގުގައި ފޮތެއް ނުލިޔުއްވާކަން ދޭހަވެއެވެ. މިހެނީ، އިހުގެ ދިވެހި ހަކީމުން ޤަބޫލުކުރެއްވި ގޮތުގައި ބޭސްވެރިކަން ކުރަންވާނީ އަރަބި-ޔޫނާނީ ބޭސްވެރިކަމުގެ ފޮތްތައް މުޠާލަޢާކުރެވޭ ފެންވަރަށް ރަނގަޅަށް އަރަބިބަސް އުނގެނި، އިތުބާރުކުރެވޭ ޕްރޮފެޝަނަލް ޝައިޚެއްގެ އަރިހުން ބޭސްވެރިކަން ދަސްކޮށް މޮޅުވެ، ކިޔަވައިދެއްވި ޝައިޚްގެ ސަނަދާއި ހުއްދަލިބިފައިވާ ޕްރޮފެޝަނަލް މީހުންނެވެ. މިފޮތުގެ މުޞައްނިފު މިފޮތް ދިވެހިބަހުން ލިޔުއްވީ މިނުކުތާގައި އެއްވެސް މިންވަރަކަށް އިހުގެ ހަކީމުންނާ ޚިޔާލު ތަފާތުވެގެނެއް ނޫނެވެ. އަދިކީއްތޯއެވެ؟ މިފޮތް ލިޔުއްވީ ވަޅުޖެހެމުން ދިޔަ އެވޭލާ ދިވެހިބޭސްވެރިކަން ކުރި އަރާފައިވާ އަރަބި-ޔޫނާނީ ބޭސްވެރިކަމުގެ އަލީގައި، އާލާކުރައްވައި، ހިމާޔަތްކުރެއްވުމަށާއި، ޕްރޮފެޝަނަލް ބޭސްވެރިންނަށް ދިވެހިބޭސްކުރުމުގެ މަގު ކޮށާދެއްވުމަށެވެ. ޕްރޮފެޝަނަލްނޫން މީހުން ބޭސް ކުރުމަށް ދޮރުހުޅުއްވާލެއްވުމަކަށް ނޫނެވެ. މިވާހަކަ ވަރަށްސާފުކޮށް މިފޮތުގެ މުޤައްދިމާގައި ބަޔާން ކުރެއްވިއެވެ. އަދި މިފޮތް ނިންމަވާލެއްވީ މިރޮނގުގައި އަރަބިބަހުން ހުރި ބޮޑެތިފޮތްތައް ދިރާސާކުރުމަށް އިޝާރާތް ކުރައްވަމުންނެވެ.


އިނގިރޭސިވިލާތާއި ޔޫރަޕްގައި ބާރު ދުވެއްޔެއްގައި ބޭސްވެރިކަމުގެ ސައެންސް ކުރިއަރަން ފެށި ދުވަސްވަރު، އަވަށްޓެރިޤައުމުތަކާއި ދެކުނުއޭޝިއާގެ ބޮޑުބައެއް އޮތީ، އިނގިރޭސިންގެ އިސްތިއުމާރު ދަށުގައި، އެމީހުންގެ އެކިކަންކަން ހިންގާ މުހިންމު ސަރަހައްދެއްގެ ގޮތުގައި ކަމަށް ވުމުން، ބޭހުގެ ސައެންސު މިސަރަހައްދުގެ މީހުންނާއެކު ދިވެހިންނަށް ތައާރަފުވާކަށް އެތަކެއް ޒަމާނެއް ނުނަގައެވެ.

އަށާރަވަނަޤަރްނުގެ ފަހުކޮޅުގައި، ވިލާތުގެ މުރައްކަބުބޭސް ރާއްޖެއަށް، އެތެރެކުރެވެން ފެށިއެވެ. މިފޮތުގެ މުޞައްނިފު ފަދަ ދިވެހިހަކީމުންވެސް، އޮޅުދޫކަރައިގެ ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރައްވައި، ޑަކްޓަރުންނާއި ބައްދަލުކުރެއްވިކަން އެނގެއެވެ. އެގޮތުން މިފޮތުގެ މުސައްނިފު އޭނާގެ ދަރިކަލުން މުހައްމަދުދީދީ ތުއްޕުޅުއިރު އޮޅުދޫކަރައަށް ގެންދަވައި އެތާގެ ހޮސްޕިޓަލެއްގައި އޭނާއަށް ބޭސް ފަރުވާ ހޯއްދެވިއެވެ.

ރާއްޖޭގެ ޒަމާނީ ބޭސްވެރިކަމުގެ ސައެންސާ އެއްގޮތަށް ފުރަތަމަ ތަހްލީލެއް ކުރެވުނީ 1909 ވަނަ އަހަރު ގެ ތެރޭގައި އިނިގރޭސި މަނަވަރަކުން މާލެއަށް އައި އިނގިރޭސި ސަރޖަނަކު މާލޭގެ ފެން ތަހްލީލު ކުރެއްވުމުންނެވެ. މި ތަހްލީލުން މާލޭގައި ފެން ނަޖިހާއެއްވެ ތަޣައްޔަރުވަމުން ދާކަން އެނގުނެވެ.


1932 ވަނަ އަހަރު ދިވެހި ދައުލަތް ދުސްތޫރީ ދައުލަތަކަށްވުމުގެ ކުރިން ދިވެހިބޭސްވެރިކަން ކުރުމާއި އެކަން ކުރިއެރުވުން އޮތީ މުޅީން އަމިއްލަކަމެއެއްގެ ގޮތުގައެވެ. ރާއްޖޭގައި ޤާނޫނުއަސާސީ 1932 ޑިސެމްބަރ 22 ވީ ބުރާސްފަތިދުވަހު ފާސްވުމާއި ގުޅިގެން އެއީ ދިވެހި ދައުލަތުގެ ފަރާތުންކުރައްވާކަމަކަށް ވެގެން ހިގައްޖެއެވެ. އެދުވަހު އުފެދުނު ވުޒާރާތަކުގެތެރޭގައި ސިއްހަތާއި ބެހޭ ވުޒާރާއެއް އުފެދިއްޖެއެވެ. ވަޒީރުއްސިއްހާ އަކަށް އައްޔަންކުރެވުނީ އަލްފާޟިލު އިބްރާހިމް އަލިދީދީއެވެ. އެއަށްފަހު ވަޒީރުއްސިއްހާ ހުށަހެޅުއްވި ސިއްހަތުގެ ބިލެއް 1933 މާރޗް 27 ގައި ޤާނޫނު ހަދާ މަޖިލީހުން ފާސްވިއެވެ. މިބިލް ތަސްދީޤުވީ 1933 މެއި 8 ގައެވެ. މިޤާނޫނު ފާސްވުމަށްފަހު މާލޭގައި ޑަކްޓަރީބޭސް ލިބޭނޭ ނިޒާމް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން 1934 އެޕްރީލު 7ގައި ޑިސްޕެންސަރީއެއް ހުޅުވިއެވެ. މިޑިސްޕެންސަރީގައި މަސައްކަތްކުރީ އޮޅުދޫކަރައިގެ އެޕޮތޮކަރީއެއް ކަމަށްވާ މިސްޓަރ އަރުމަނަޔާގަމްއެވެ. ބަލިމީހުން ބައި ތިއްބައިގެން ފަރުވާދޭ ޑޮކްޓަރު ގެއެއް މާލޭގައި ޤާއިމްކުރެވި 1948 ޖެނުއަރީ 11 ވީ އާދީއްތަދުވަހު ހުޅުވާލެވުނެވެ. މިތަން ހުރީ ކަނބާފާނުގަނޑުވަރު ހުރި ތާނގައެވެ. މިތަނުން ދެމުން އައި ޚިދްމަތް ދެން ބަދަލުވީ އިނގިރޭސި ސަރުކާރުގެ އެހީގައި ހ.ވައިލެޓްފެހީގައި އިމާރާތްކުރެވުނު ހޮސްޕިޓަލަށެވެ. އެއީ 1967 އޮކްޓޯބަރ7 ވީ ހޮނިހިރުދުވަހުއެވެ. މިތަން ފުރަތަމަ ހިގަމުން އައީ ގަވަރންމެންޓް ހޮސްޕިޓަލް މިނަމުގައެވެ. އޭގެފަހުން ސެންޓްރަލްް ހޮސްޕިޓަލް މިނަމުގައެވެ. މިހޮސްޕިޓަލުން ސަރުކާރުން ދެމުން އައި ބޭހުގެ ޚިދްމަތް ދެން ބަދަލުވީ އިންޑިއާ ސަރުކާރުގެ އެހީގައި އެޅުނު އިންދިރާގާނދީ މެމޯރިއަލްހޮސްޕިޓަލަށެވެ. އެއީ 31 ޑިސެމްބަރ 1994 މިތާރީޚްގައެވެ. 12 މާރޗް 1964 ގައި ޅ.ނައިފަރުގައި އަތޮޅު ސިއްހީމަރުކަޒެއް ހުޅުވުނެވެ. ރާއްޖޭގައި ސިއްހީ މަރުކަޒު ނިޒާމް ތައާރަފުކުރެވި އެޚިދްމަތް ފެށުނީ އެހައިތަނުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައިވެސް މިނިޒާމުގެ ދަށުން ސިއްހީ ޚިދްމަތް މިހާރު ލިބޭން އެބަހުއްޓެވެ. ރާއްޖޭގައި ސަރަހައްދީ ހޮސްޕިޓަލެއް އެންމެ ފުރަތަމަ ހުޅުވުނީ 1 މާރޗް 1982 ގައި ހދ. ކުޅުދުއްފުށީގައެވެ. މިހައިރަށް އައިއިރު ރާއްޖޭގެ ގިނަ ސަރަހައްދުތަކެއް ގައި ސަރަހައްދީ ހޮސްޕިޓަލްތަކެއް ޤާއިމްވެފައިވެއެވެ. ޒަމާނީ ސައެންސާ އެއްގޮތަށް ބޭސްވެރިކަން ކުރުމަށް ދިވެހިން އަހްލުވެރިކޮށް ތަމްރީން ކުރުމުގެ މަސައްކަތް 1950ގެ އަހަރުތަކުގައި ފެށިފައިވެއެވެ. މިރޮގުން ކިޔަވަން ބޭރުޔުނިވަރސިޓީތަކަށާއި އިންސްޓިޓިޔުޓްތަކަށް ދިވެހިދަރިން ފޮނުއްވަން ދައުލަތުން ފެއްޓެވީ އެދުވަސްވަރުއެވެ. 19 ޖުލައި 1973 ގައި މިނިސްޓްރީ އޮފް ހެލްތުގެ ދަށުން، އެލައިޑް ހެލްތު ސާރވިސަސް ޓްރޭނިން ސެންޓަރު ހުޅުވުމާއި ގުޅިގެން ހެލްތުސައެންސުގެ ރޮގުން ދިވެހިން ތަމްރީން ކުރަން ރާއްޖޭގައި ފެއްޓުނެވެ. އެތަން ފަހުން ހިނގަމުން އައީ އިންސްޓިޓިޔުޓް އޮފް ހެލްތު ސައެންސްގެ ނަމުގައެވެ. މިހާރު އެތަން ހިނގަމުން އަންނަނީ މޯލްޑިވްސް ކޮލެޖް އޮފްހަޔަރ އެޑިޔުކޭޝަނުގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސްގެ ގޮތުގައެވެ. ދިވެހިރާއްޖެ ފުރިހަމަ މިނިވަން ޤައުމަކަށްވުމަށްފަހު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މެމްބަރަކަށްވީ 5 ނޮވެމްބަރ 1965 ގައެވެ. ނަމަވެސް ހަގީގަތުގައި 1959އިން ފެށިގެން އެޖަމްއިއްޔާގެ އެހީތައް ރާއްޖެއަށް ލިބެމުން އައިސްފައިވެއެވެ.


1957-1976އަށް އައްޑުއަތޮޅުގައި އިނގިރޭސިން ތިބިއިރު ގަމު ރޮޔަލް އެއަރފޯރސް ހޮސްޕިޓަލުން ދިވެހިންގެ ތެރެއިން ގިނަބަޔަކަށް ބޭސްފަރުވާގެ ޚިދްމަތް ލިބުން ހިމެނުނީ މިޒަމާނުގެ ބޭސްވެރިކަން އެނިގި ފަރިތަވެގެން ދިޔަ ކަމަކަށެވެ.


މިދެންނެވި ގޮތަށް ބޭސްވެރިކަމުގެ ސައެންސް ރާއްޖެއާއި ދުނިޔޭގައި ކުރިއަރަމުން އައިސްފައިވާއިރު، ބައިނަލްއަޤްވާމީ ފެންވަރުގައްޔާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ފެންވަރުގައި އަންނަނީ ފަތްޕިލާވެލީގެ ބޭސްވެރިކަމާއި ތަޤްލީދީ ބޭސްވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމަށް ބާރު އަޅަމުންނެވެ. ހަމައެހެންމެ، ކުރިން ދިވެހި ޙަކީމުންނާއި އެދުރުންް އަމިއްލަ ކަމެއްގެ ގޮތުގައި އަދި ފަރުޟުކިފާޔަތެއްގެ ގޮތުގައި ކުރަމުން އައި ދިވެހި ބޭސްވެރިކަން ޤައުމީ ކަމެއްގެ ގޮތުގައި އުވިޔަނުދީ ދެމެހެއްޓުމަކީ ދިވެހި ދައުލަތުގެ ސިޔަސަތަކަށްވެފައިވެއެވެ. ސުމުއްވުލްްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނަކީ ހަކީމީ ބޭސްވެރިކަމުގެ އިލްމުގައި ފުންނާބުއުސް ހަކީމެކެވެ. މިފޮތުގެ މުޞައްނިފު، އަލްޢައްލާމާ އައްޝައިޚު އަޙްމަދުދީދީ އަށްފަހު، ރާއްޖޭގައި ދިވެހިބޭސްވެރިކަން ތަރައްޤީކުރައްވަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅަކީ އެކިލެގެފާނެވެ. 1956ގައި، އޭނާގެ ބޮޑުވަޒީރުކަމުގެ ދައުރުގައި، އޭނާގެ ސިޔާސަތަކަށް ވެގެން ދިޔައީ ރާއްޖޭގައި ދިވެހިބޭސްވެރިކަމުގެ ކޯސް ހިންގަވައި، ރާއްޖޭގެ ގިނަ ދަރިވަރުންތަކަކަށް ބޭހުގެ އިލްމު އުނގަންނަވައި ދެއްވުމެވެ. ރާއްޖޭގައި އޭރު ތިއްބެވި ބޭސްވެރިން މާލެ ގެންނަވައި ރާއްޖޭގެ އެކި އަތޮޅުތަކުން ދިވެހިބޭސްވެރިކަން އުނގެނޭނޭ ދަރިވަރުން ގެންނަވައި މާލޭގައި ދެ އަހަރެއްހައި ދުވަހުގެ ކޯހެއް ހިންގެވިއެވ.ެ އެދުވަސްވަރު، ރާއްޖޭގައި ހަކީމީ ބޭހުގައި އެންމެ އަރާތިއްބެވީ، އިބްރާހިމް ފާމުލަދޭރިކިލެގެފާނާއި، އައްޝައިޚް އަލްޢާލިމް މުހައްމަދު މަނިކުފާނު (ކުދުރަނިޔަގެ ބެއްޔާ) އާއި ނައިފަރު އަލްޚަޠީބު އަބްދުލްހަކީމް ކާންނާކަލޭފާނުއެވެ. މިތިން ބޭފުޅުންވެސް އެކުލާހުގައި ކިޔަވައިދެއްވިއެވެ. މުހައްމަދުމަނިކުފާނު މިއިލްމު ހާސިލުކުރެއްވީ އޭނާގެ މައިފުށުގެ ކާފަ އައްޝައިޚުލްޙާފިޡު އިބްރާހިމްތަކުރުފާނު (ދޮންބެއްޔާ)އާއި އޭނާގެ މައިފުށުގެ ބޮޑުބޭބެ (މިފޮތުގެ މުޞައްނިފު) އަލްޢައްލާމާ އައްޝައިޚް އަޙްމަދުދީދީއާއި ދެބަފައިކަލުންގެ އަރިހުންނެވެ. ނައިފަރު އަލްޚަޠީބު ޢަބްދުލްޙަކީމު ކާންނާކަލޭފާނަކީ އިބްރާޙިމް ފާމުލަދޭރި ކިލެގެފާނުގެ ދަރިވަރެކެވެ.


ސުމުއްވުލްއަމީރު މުހައްމަދުއަމީނު ދޮށިމޭނާކިލެގެފާނުގެ ދައުރުގައި އޭނާ ދިވެހިބޭސްވެރިކަން ދިރުއްވައި އާލާކުރައްވަން މަސައްކަތްކުރެއްވިއެވެ. އަދި މިފަންނު ކިޔަވައިދޭނޭ ކްލާހެއް އުފެއްދެވިއެވެ. އެކުލާހުގައި ކިޔަވައި ދެއްވި ބޭފުޅުންގެ ތެރޭގައި އިބްރާހިމް ފާމުލަދޭރިކިލެގެފާނާއި އަހްމަދު ކާމިލުދީދީފަދަ ބޭފުޅުން ހިމެނުނެވެ. އަޙްމަދު ކާމިލުދީދީ ޔޫނާނީ އަރަބި ބޭހުގެ އިލްމު ހާސިލުކުރެއްވީ އިންޑިއާއިންނެވެ. މިރޮގުގައި އަހްމަދު ކާމިލުދީދީއަށް ގިނަ އަދަދެއްގެ ދިވެހި ދަރިންތަކެއްދަރިވަރުވިއެވެ. އޭގެ ތެރޭގައި ސ.މީދޫ ފެންނާމަނިކުފާނުގެ އަލްފާޟިލު އަލްމަރްހޫމް އަބްދުﷲ ބާޤިރަކީ ފާހަގަކުރެވޭ ބޭސްވެރިއެކެވެ.