އަލްއުސްތާޛް ޢަބްދުﷲ ސަޢީދު
އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދަކީ ރާއްޖޭގެ މަޝްހޫރު ދިޔަމިގިލީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ ސ. މީދޫގައި، 1964 ސެޕްޓެމްބަރ 25 ވަނަ ދުވަހުއެވެ. އެހެންމެ، އެމަނިކުފާނަކީ ރާއްޖޭގެ ތަޢުލީމާއި ޢިލްމުވެރިކަން ފެތުރުމުގެ އިސްދައުރެއް އަދާކުރައްވާފައިވާ މަޝްހޫރު ފަނޑިޔާރުންގެ ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއްމެއެވެ. މިދެންނެވި ޢިއްޒަތްތެރި ފަނޑިޔާރުންގެ ޢާއިލާއިން ސޯޅަވަނަ ޤަރުނުންފެށިގެން ރާއްޖޭގެ އިންޞާފުގެ ގޮނޑި ފުރުއްވެވި 14 ޢިލްމުވެރިން ފަސޭހަކަމާއެކު ފާހަގަކުރެވެން އެބައޮތެވެ. މިދެންނެވި ޢިއްޒަތްތެރި ޢިލްމުވެރި ފަނޑިޔާރުންގެ ތެރޭގައި އަލްޢައްލާމާ މުޙައްމަދު ޝަމްސުއްދީން އަލްކަބީރު (އައްޑޫ ބޮޑުފަނޑިޔާރު) އާއި އަލްޢައްލާމާ އަލްޤާޟީ އިބްރާހީމް މަޖުދުއްދީން އާއި އަލްޢައްލާމާ އަލްޤާޟީ މޫސާ ބަދުރުއްދީން އާއި އަލްޢައްލާމާ އަލްޤާޟީ އިސްމާޢީލް ބަހާއުއްދީން އާއި އަލްޢައްލާމާ އަލްޤާޟީ ޢަލީދީދީ އާއި އަލްޢައްލާމާ އަލްޤާޟީ ޙުސައިން ޢަފީފުއްދީން (އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ) ހިމެނިވަޑައިގަންނަވައެވެ. އަދި އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ޢިއްޒަތްތެރި ހޫރު ކާފަ އަލްޢައްލާމާ އައްޝައިޚު އިބްރާހީމް ތަކުރުފާނު (ސ. މީދޫ އައިސާބީގެދަރު ދޮންބެއްޔާ) އަކީ ރާއްޖޭގައި މިހާރު ހިނގާ ތަޢުލީމުގެ އެންމެ އިސް އެއް ބާނީއެވެ. މަޝްހޫރު މުއައްރިޚު އަލްޢައްލާމާ އަލްޤާޟީ ޙަސަން ތާޖުއްދީނާއި އަލްޢައްލާމާ އަލްޤާޟީ ޙުސައިން ޞަލާޙުއްދީނާއި ދިވެހިރާއްޖޭގެ ތާރީޚާއި އާޘާރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އެޗް. ސީ. ޕީ. ބެލް ފަދަ މުއައްރިޚުން ސިފަކުރައްވާގޮތުގައި އެއެންމެ ބޭފުޅުންނަކީ ރާއްޖޭގެ ތަޢުލީމަށާއި އަދުލު އިންސާފަށް ނުހަނު މަތިވެރި ޚިދްމަތްތަކެއް އަދާކުރައްވާފައިވާ ބޮޑެތި އިލްމުވެރިންތަކެކެވެ. އަދި ދިވެހި އުދަރެހުން އެރި ޢިލްމީ ތަރިތަކެކެވެ.
ސ. މީދޫ އަލިވާގޭ އަލްފާޟިލް މުޙައްމަދު ސަޢީދު އާއި އެގޭ އަލްފާޟިލާ ފާތުމަތު މައުމޫނާ މުޙައްމަދު ދީދީ އަށް ލިބިވަޑައިގަތް ފުރަތަމަ ފިރިހެން ބޭފުޅަކީ އަލްއުސްތާޛު ޢަބްދުﷲ ސަޢީދުއެވެ. މުޙައްމަދު ސަޢީދަކީ އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީނުގެ އަލްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ޢާއިޝަތު ދޮށީދީދީގެ އައްނާއިބު ޙަސަންދީދީދެ އަލްޚަޠީބު ޢަބްދުﷲދީދީއާއި އަލްޤާޟީ އިބްރާހިމް މަޖުދުއްދީނުގެ ކަތްދާމަނިކެގެ ދަރިކަލުން ޙުސައިންދީދީގެ މުޙައްމަދު ސަޢީދުއެވެ. އަލްފާޟިލް މުޙައްމަދު ސަޢީދު ސ. މީދޫ ވެރިންގެ ތެރޭގައި އަދި އެރަށުގައި 1970ގެ އަހަރުތެރޭގައި ޤާއިމްވި އިޖްތިމާޢީ ކުލަބެއްގެ މަސްއޫލުވެރިއެއްގެ ގޮތުން އެ ރަށަށް ގިނަގުނަ ޚިދުމަތްކުރެއްވިއެވެ. ފާޠިމަތު މައުމޫނާއަކީ އައްޝައިޚުލް އަލްޙާފިޘު އިބްރާހިމް ތަކުރުފާނު (އައިސާބީގެދަރު ދޮންބެއްޔާ)ގެ ފަޟީލަތުއްޝައިޚް އަޙްމަދުދީދީގެ މުޙައްމަދު ދީދީގެ ދަރިކަނބަލުންނެވެ.
އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ތަޢުލީމީ ބިންގާ އެޅުނީ އައްޑުއަތޮޅު މީދޫގައެވެ. އޭނާގެ ޢުމުރުން ފަސްއަހަރުގެ ތެރޭގައެވެ. އަދި 1976 ފެބްރުއަރީ 22 ގައި ޢަބްދުﷲ ސަޢީދު ތަޢުލީމު ޙާޞިލުކުރެއްވުމުގެ މަތިވެރި ބޭނުންފުޅުގައި އިންޑިޔާއަށް ވަޑައިގަތެވެ. އެވަޑައިގެން ޑާބީލްގައި ހުންނަ އިންޑިއާގެ މަޝްހޫރު ޖާމިޢާ އިސްލާމިއްޔާ އަށް ވެދެވަޑައިގަތެވެ. އެތަނުގައި އިބްތިދާއީ ތަޢުލީމު ފުރިހަމަ ކުރައްވައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވިއެވެ. އަދި އެޖާމިޢާގައި ކިޔަވައިވިދާޅުވި އިރު ޢަރަބި ބަހާއި ފާރިސީބަހާއި އުރުދޫ ބަސް އުނގެނިވަޑައިގަތެވެ. މީގެއިތުރަށް ދީނާއި ދުނިޔޭގެ ގިނަ ޢިލްމުތައް ދަސްކުރެއްވިއެވެ. އޭގެތެރޭގައި ތާރީޚު، ޙަދީޘު، ތަފްސީރު، ކީރިތިރަސޫލާގެ ސީރަތު، ޢަރަބި އަދަބިއްޔާތު، އުރްދޫއަދަބިއްޔާތު، ފާރިސީއަދަބިއްޔާތު ފަދަ މާއްދާތައް ހިމެނެއެވެ.
އިންޑިޔާގައި ތަޢުލީމު ޙާޞިލުކުރެއްވުމުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު 1980 ގެ ތެރޭގައި މާލެއަށް ވަޑައިގެން އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލާ ގުޅިވަޑައިގަތެވެ. އެއީ ސާނަވީ ތަޢުލީމު ފުރިހަމަކުރެއްވުމަށެވެ. އެއަށްފަހު، 1983 ގައި މިޞްރަށް ވަޑައިގެން މަތީ ސާނަވީ ފުރިހަމަކުރެއްވުމަށްފަހު އަލްއަޒްހަރު ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާ ވަލްޤާނޫނު އާ ގުޅިވަޑައިގަތެވެ. އަދި އެމަނިކުފާނު އަލްއަޒްހަރު ޔުނިވަރސިޓީ އިން ޝަރީޢާގެ ރޮގުންނާއި ޤާނޫނުގެ ރޮނގުން އެލްއެލްބީ ޑިގްރީ ޙާޞިލްކުރައްވާފައިވެއެވެ. ލިބިވަޑައިގެންފައި ވަނީ ޝަރަފްވެރި ދަރަޖައެކެވެ. އަލްއަޒްހަރު ޔުނިވަރސިޓީ އިން އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ހާޞިލުކުރެއްވި ޝަރީޢާ އާއި ޤާނޫނުގެ ޑިގްރީ ސަނަދުގެ ސަބަބުން އޭނާއަށް ލިބިވަޑައިގަންނަވާ އިމްތިޔާޒްތަކާއި ޙައްޤުތަކަކީ އިސްލާމީ ޝަރީޢާގެ ރޮގުން އަޒުހަރުން ބީއޭ ހާސިލުކޮށްފައިވާ މީހަކަށް ލިބޭ އިމްތިޔާޒުގެ އިތުރުން ޔޫރަޕްގެ ޔުނިވަރސިޓީތަކުން އެލްއެލްބީ ޑިގްރީން ލިބޭ އެންމެހާ ޙައްޤުތަކާއި އިމްތިޔާޒުތައް ލިބޭކަން މިފުރުޞަތުގައި ފާހަކޮށްލެވެއެވެ.
އިސްލާމީ ޝަރިޢަތާއި ޤާނޫނުގެ ރޮނގުން އަލްއުސްތާޛު ޢަބްދު ﷲ ސަޢީދު ޑިގްރީ ޙާޞިލުކުރެއްވުމަށް ކިޔަވައިވިދާޅުވި ބައެއް މާއްދާތައް ފާހަގަކޮށްލާނަމެވެ. އޭގެ ތެރޭގައި، ޤާނޫނާއި ޙައްޤުގެ އިލްމުގެ މަބާދީތަކާއި ތިއަރީތައް، ދުސްތޫރީ ޤާނޫނާއި ސިޔާސީ ތަންޒީމުތައް، އިދާރީ ޤާނޫނާއި އިދާރީ ޝަރީޢަތްތައް، ޢާއްމު އިދާރީ ހިންގުން، ބައިނަލްއަޤްވާމީ ތަންޒީމުތައް، ޢާންމު ބައިނަލްއަޤްވާމީ ޤާނޫނު، ޚާއްސަ ބައިނަލްއަޤްވާމީ ޤާނޫނު، ޤާނޫނުގެ ތާރީޚު، ކަނޑުގެ ޤާނޫނާއި ކަނޑު މަގުން ކުރާ ވިޔަފާރީގެ ޤާނޫނު، ކުށްތަކާއި ޢުޤޫބާތުގެ ޢިލްމު، ޖިނާއީ ޢާއްމު ޤާނޫނު، ޖިނާއީ ޚާއްސަ ޤާނޫނު، އިލްތިޒާމުތަކާއި ކޮންޓްރެކްޓްތަކާ ބެހޭ ޤާނޫނު(މަދަނީ ޤާނޫނު) ތިޖާރީ ލިޔުންތަކާއި ކުންފުނީގެ ޤާނޫނު، ވަޒީފާގެ ޤާނޫނު، ޖިނާއީ އިޖްރާއާތުތަކާބެހޭ ޤާނޫނު،މަދަނީ އިޖްރާއާތާއި ތަންފީޒުކުރުންތަކާ ބެހޭ ޤާނޫނު، ޝަޚްސީ މަރުކަޒާއި ޢާއިލާއާބެހޭ ޤާނޫނު، އިޤްތިސާދާއި ކޯޕަރޭޓިވްލޯ، ބައިނަލް އަޤްވާމީ ވިޔަފާރިއާއި ސިޔާސީ އިޤްތިސާދު، ދައުލަތުގެ މާލިއްޔާތާއި ޓެކްސްއާއިބެހޭ ޤާނޫނު، ދަނޑުވެރިކަމާބެހޭ ޤާނޫނު،އިސްލާމީ ޤާނޫނުތަކުގެ ތާރީޚު، އުސޫލުލް ފިޤްހު، ފިޤްހު، ފިޤްހު މުޤާރަން ޤުރްއާނާއި ޙަދީޘްގެ ޢިލްމު ފަދަ މާއްދާތައް ހިމެނެއެވެ.
ފުރަތަމަ ޑިގްރީ ސަނަދުގެ ދަރަޖަ ޙާޞިލުކުރެއްވުމަށްފަހު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ރާއްޖެއަށް އެނބުރިވަޑައިގެން ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ 1995 ޖޫން 27 ގައެވެ. ސަރުކާރުން ދެއްވި ވަޒީފާއަކީ އެޓަރނީ ޖެނެރަލް އޮފީހުގެ ސްޓޭޓް އެޓަރނީކަމެވެ. މިވަޒީފާގައި ދަށުކޯޓްތަކާއި ހައިކޯޓްގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރެއްވުމުގެ އިތުރަށް ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުން ޤާނޫނީލަފާ ހޯއްދެވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅުއްވާފައިވާ ގިނަ މައްސަލަތަކެއް ނިންމެވުމުގައި ޢަބްދުﷲ ސަޢީދު ބައިވެރިވެވަޑައިގެންފައިވެއެވެ.
ވަޒީފާގައި އަހަރުތަކެއްގެ ތަޖުރިބާ ހޯއްދެވުމަށްފަހު ޢަބްދުﷲ ސަޢީދު މޯލްޓާ އަށް ވަޑައިގެން އެތާނގައި ހުންނަ އިންޓަރނޭޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓުން 1999 ގައި ޤާނޫނީ ރޮނގުން މާސްޓަރސް ޑިގްރީއެއް ޙާޞިލްކުރައްވާފައިވެއެވެ. އަދި އިންޑިޔާގެ ޕާރލަމެންޓުގެ ތިރިގެ ލޮކްސަބާގައި ޕާރލަމެންޓްގައި މަސައްކަތް ހިނގާގޮތުގެ ދިރާސާތަކާއި ޤާނޫނުގެ ދެލިކޮޕީ ލިޔުމުގެ ރޮނގުން ތަމްރީން ކޯހެއް ފުރިހަމަކުރައްވާފައިވެއެވެ. އަދި ގިނަ ޢަދަދެއްގެ ސެމިނަރ އާއި މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމުގެ ސަބަބުން އެޓަރނީ ޖެނެރަލްގެ އޮފީހުގައި ޢަބްދުﷲ ސައީދު އަދާކުރައްވާ ވާޖިބުތަކަށް މަގުފަހިވެފައިވެއެވެ.
ޢަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ތަޢުލީމާއި ތަޖުރިބާ އަށް ރިޢާޔަތްކުރެއްވުމަށްފަހު އޭނާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް އެޑިޔުކޭޝަންގެ ފެކަލްޓި އޮފް ޝަރީޢާ އެންޑް ލޯގެ ފުރަތަމަ ޑީންކަމަށް ސަރުކާރުން ޢައްޔަންކުރައްވާފައެވެ. މިމުހިއްމު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ތެރެއިން ރާއްޖޭގެ ޤާނޫނީ ތަޢުލީމުގެ ބިންގާ އަޅުއްވައިދެއްވާފައިވެއެވެ. އަދި މިހާރު ވެސް އެމަނިކުފާނަކީ ރާއްޖޭގައި ހިންގާ ޤާނޫނީ ރޮނގުގެ ސެޓްފިކެޓް ކޯސްތަކާއި ޑިޕްލޮމާ ކޯސްތަކާއި ޑިގްރީ ކޯސްތަކުގައި ކިޔަވައިދެއްވާ ގިނަ ދަރިވަރުންގެ އިޙްތިރާމް ލިބިވަޑައިގެން ހުންނެވި އުސްތާޛެކެވެ.
އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ގިނަގުނަ ޚިދުމަތްތައް ސަރުކާރަށް ދެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވުމަށްފަހު ޕީއެޗްޑީ އަށް ކިޔަވައިވިދާޅުވުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ. އޭރު ހުންނެވީ، އެޓަރނީ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ޕަބްލިކް ޕްރޮސެކިއުޝަންގެ މަޤާމުގައެވެ. އަދި އޭގެ ފަހުގައި އެމަނިކުފާނު އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރަލް އޮރގަނައިޒޭޝަނުގެ ލީގަލް އޮފީހުގައި މަސައްކަތް ކުރައްވައި ތަޖްރިބާ ހޯއަދަވާފައިވެއެވެ. އެހެންމެ، ސަރުކާރުގެ ކިތަންމެ ކޮމިޓީއެއްގައި ބައިވެރވިވެވަޑައިގަންނަވަމުން ގެންދަވާފައިވެއެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖޭގެ ލޯ ކޮމިޝަންގެ މެމްބަރުކަން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާ ބެހޭ ޔުނިޓުގެ ޤާނޫނީ އޮފިސަރުކަން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ މަޖްލިހުގެ މެމްބަރުކަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުގެ ކޮލެޖް ކައުންސިލުގެ މެމްބަރުކަން، މެރިޓައިމް ޓްރެއިނިންގ އެޑްވައިޒަރީ ބޯރޑުގެ މެމްބަރުކަން، ޓެންޑަރ އިވެލުއޭޝަން ބޯރޑުގެ މެމްބަރުކަން، ނާރކޮޓިކްސް ކޮންޓްރޯލް ބޯރޑުގެ އެޑްވައިޒަރީ ކައުންސިލުގެ މެމްބަރުކަން، ހިމެނެއެވެ.
ފުރުއްވި މަގާމްތައް
އުނިއިތުރު ގެންނަވާމިހިސާބުން ސަރުކާރުގައި ޢަބްދުﷲ ސަޢީދު އަދާކުރައްވާފައިވާ މަޤާމުތައް ފާހަގަކޮށްލާނަމެވެ:
- އުއްތަމަ ފަނޑިޔާރު ސްޕްރީމް ކޯޓް 18 ސެޕްޓެމްބަރ 2008 ން
- އެޓަރނީ ޖެނެރަލްގެ ނާއިބް އެޓަރނީ ޖެނެރަލްގެ އޮފީސް 10 ސެޕްޓް 2008 ން 18 ސެޕްޓް 2008 ށް
- ސްޓަޑީ ލީވް ޕީއެޗްޑީ ޕްރޮގްރާމް 11 ސެޕްޓް 2005 ން 10 ސެޕްޓް 2008 ށް
- އޭޑީޖީ، ޕީ.ޕީ. ޢެޓަރނީ ޖެނެރަލްގެ އޮފީސް 16 ޖޫން 2005 ން 11 ސެޕްޓެމްބަރ 2005 ށް
- ޑިރެކްޓަރ ޢެޓަރނީ ޖެނެރަލްގެ އޮފީސް 25 އޭޕްރީލް 2001 ން 16 ޖޫން 2005 ށް
- ޑީން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ 01 ފެބްރުއަރީ 2001 ން 25 އޭޕްރީލް 2001 ށް
- ޑިރެކްޓަރ އިންސްޓިޓިއުޓް އޮފް ޝަރީޢާ އެންޑް ލޯ 02 އޯގަސްޓް 2000 ން 01 ފެބްރުއަރީ 2001 ށް
- ސްޓޭޓް އެޓަރނީ ޢެޓަރނީ ޖެނެރަލްގެ އޮފީސް 08 ޖޫން 1999 ން 02 އޯގަސްޓް 2000 ށް
- ސްޓާޑީ ލީވް މާސްޓަރސް ކޯހުގައި 12 ސެޕްޓެމްބަރ 1998 ން 08 ޖޫން 1999 ށް
- ސްޓޭޓް އެޓަރނީ ޢެޓަރނީ ޖެނެރަލްގެ އޮފީސް 27 ޖޫން 1995 ން 12 ސެޕްޓެމްބަރ 1998 ށް
- ސްޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ރައީސުލްޖުމްހޫރިއްޔާ އިސްކުރެއްވީ 2008 ސެޕްޓެމްބަރ 18
އޮނަރަބްލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ސްޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ރައީސުލްޖުމްހޫރިއްޔާ އިސްކުރެއްވީ 2008 ސެޕްޓެމްބަރ 18 ގައެވެ. ހަމައެތާރީޚުގައި އެމަނިކުފާނަކީ އުއްތަމަ ފަނޑިޔާރުގެ ވާޖިބުތައް އަދާކުރައްވާ ބޭފުޅާކަމުގައި ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މެދުގައި ހަމަޖެހުނެވެ. ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ދާއިރާގެ އެންމެ އިސްވެރިއެއްގެ ގޮތުން އެމަނިކުފާނުގެ ގިނަގުނަ ޚިދުމަތްތައް ދަނީ ތަޢާރުފްވެ ފެންނަމުންނެވެ. އަދި މިދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް އެމަނިކުފާނު ޚިޔާލުކުރައްވައި ތަންފީޛުކުރައްވަމުން ގެންދަވާ އިޞްލާޙުތައް ގިނަމެއެވެ. މިގޮތުން އެއްކަމެއް ފާހަގަކޮށްލާނަމަ، ޝަރީޢަތް ނިމުނުގޮތް ފަސޭހައިން އެނގި ލިބޭގޮތަށް ހަމަޖެއްސެވި ހަމަޖެއްސެވުން ފުދެއެވެ. އަދި އެކިއެކި މައްސަލަތަކުގައި ޢާންމުންނަށް އިލްތިމާސް ކުރުމުގެ މަގު ތަނަވަސްކޮށް ދެއްވުމަށާއި ޝަރީޢަތަށް ވާޞިލުވުން ފަސޭހަކުރެއްވުމަށް މުޅި ނިޡާމަށް ގެންނަވަމުން ގެންދަވާ ބަދަލުތައް ފާހަގަވެއެވެ. އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ތަޢުލީމާއި ތަޖުރިބާ އަށް ބަލާއިރު އެމަނިކުފާނަކީ އުއްތަމަ ފަނޑިޔާރަކަށް ނުހަނު ޤާބިލް ބޭފުޅެއްކަން އަންނަނީ ސާބިތުވަމުންނެވެ.
އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ކާވެނިބައްލަވައިގެން އުޅުއްވަނީ ސ. މީދޫ ބަހާރުގޭ އަލްޚަޠީބު ޢަބްދުﷲ ނާފިޒުގެ ދަރިކަނބަލުން އަލްފާޟިލާ މޫމިނާ ނާފިޒްއާއެވެ. އެދެކަނބަލުންގެ ފިރިހެން ބޭފުޅަކާއި އަންހެންބޭފުޅަކު އެބަތިއްބެވިއެވެ.
އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދަކީ ޤާނޫނީ ރޮނގުން ގިނަ ޢަދަދެއްގެ ދަރިވަރުންނަށް ކިޔަވައިދެއްވާފައި އަދި މިހާރުވެސް ކިޔަވައިދެއްވާ ބޭފުޅެއްކަމުން، ރާއްޖޭގެ ހުރަހަށާއި ދިގަށް އެމަނިކުފާނު ދެނެވަޑައިގަންނަވާ އެކިފެންވަރުގެ މީހުން އެބަތިބިއެވެ. އަދި އެމަނިކުފާނަކީ ޢަރަބިބަހާއި ފާރިސީބަހާއި އުރުދޫ ބަހުގެ އިތުރަށް އިނގިރޭސިބަސް ރަނގަޅަށް ދެނެވަޑައިގަންނަވާ މިޒަމާނުގެ މޮޅު ޢިލްމުވެރިއެކެވެ. ސިވިލް ލޯއާޢި ކޮމަން ލޯ އަދި އިސްލާމީ ޝަރީޢާގެ ރޮނގުގައި މޮޅު މާހިރެކެވެ. އެހެންމެ އެމަނިކުފާނަކީ ތާރީޚުގެ އިލްމަށް ޚާއްސަ ޝައުޤުވެރިކަމެއް ބަހައްޓަވާ އަދި ރާއްޖެއާޢި ދުނިޔޭގެ ތާރީޚުތަކުގެ ދިރާސާތައް ކުރައްވަމުން ގެންދަވާ އެރޮނގުގައި ވަރަށް މައުލޫމާތު ތަނަވަސް ބޭފުޅެކެވެ. އެމަނިކުފާނު ޢިލްމީ ތަޖުރިބާތައް ހޯއްދެވުމަށް ދަތުރުކުރެއްވި ޤައުމުތަކުގެ ތެރޭގައި އިންޑިއާ، މިސުރު، އިނގިރޭސި ވިލާތް، އިޓަލީވިލާތް، މޯލްޓާ، އޮސްޓްރޭލިއާ، މެލޭޝިއާ، ސިންގަޕޫރު ފަދަ ޤައުމުތައް ހިމެނެއެވެ.
އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އަކީ ލިޔުންތެރިއެކެވެ. މަޖައްލާތަކާއި ނޫހުގައި މަޤާލާތައް ލިޔުއްވާހައްދަވައެވެ. އެމަނިކުފާނު މިހާރުވެސް ދެތިން ފޮތެއް ލިޔުއްވުމުގެ މަސައްކަތްޕުޅު ކުރިއަށް އެބަގެންދަވައެވެ. އެމަނިކުފާނުގެ މުނިކާފަ ފަޟީލަތުއްޝައިޚު އަޙްމަދުދީދީގެ މަޝްހޫރު ބޭސް ފޮތް "ޠިއްބުލްފުޤަރާއި ފީޙިކްމަތިލް އުމަރާއި" މިފޮތް ނުސްޚާތަކަކަށް ނަލަކުކުރުމުގައި ހުރި ކުށްތައް ފިލުއްވައި އެއަށް މުލްޙަޤުތަކެއް އިތުރުކުރައްވައި އަލުންއެފޮތް ޝާއިޢުކުރެވޭނޭގޮތް ހައްދަވާފައިވެއެވެ. މިހާރު އެފޮތްވަނީ ނޮވެލްޓީން ޝާއިޢުކުރައްވާފައެވެ. މިއީ ދިވެހި ބޭހާއި ޔޫނާނީ ޢަރަބި ބޭހުގެ ރޮނގުގައި ދިވެހިބަހުން މިހާތަނަށް ލިޔެވިފައިވާ އެންމެ ފުރިހަމަ އަދި އެންމެ ބޮޑު ފޮތެވެ.