ފިތުގައި ހިލައުފެދުން
ފިތުގައި ހިލައުފެދުން (އިނގިރޭސި ބަހުން: Cholelithiasis) އަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ މައްސަލަ އެކެވެ. ބިލިއަރީ ނިޒާމް ގެ ކޮންމެ ހިސާބެއްގައި ވެސް ހިލަ އުފެދިދާނެއެވެ. އެގޮތުން ފިތް، ބައިލް ޑަކްޓް، ކޮމަން ބައިލް ޑަކްޓް އަދި މިނޫން ބައިތަކުގައި ވެސް ހިލަ އުފެދިދާނެއެވެ. ބިލިއަރީ ނިޒާމްގައި ހިލަ އުފެދި ބެދުމަކީ ރީނދޫވުން ކުރިމަތި ކުރުވާނެ ކަމެކެވެ.
އިންސާނުންގެ ގެ ފިތް އަކީ ފުރަމޭގަނޑުގައި އުފައްދާ ހަޖަމުކުރުމަށް ބޭނުންވާ ދިޔައެއް ފަހުން ބޭނުންކުރުމަށްޓަކައި ރައްކާކޮށްފައި ބަހައްޓާ ތަނެކެވެ. ފުރަމޭ ގަނޑާއި ހިމަގޮހޮރު ފެށޭ ހިސާބާއި ގުޅިފައިވާ ހޮޅި ކޮމަން ބައިލް ޑަކްޓް ގައި ހަރުކުރެވިފައިވާ މިފިތަކީ ތުނިކޮތަޅެއްގެ ސިފައިގައިވާ އެއްޗެކެވެ. ފިތުގައި ހިލަ އުފެދުމަކީ މިކޮތަޅުގެ ތެރޭގައި ހަރުވެލިފުށް ތަކެއް ފަދަ އަދި ބައެއް ފަހަރު ގޮލްފް ބޯޅައެއް ވަރުގެ ހިލަކޮޅުކޮޅު އުފެދުމެވެ.
ސައިޒް
އުނިއިތުރު ގެންނަވާފިތުގައި ހިލަ އެކި ވަރަށް އެކި ސައިޒަށް އުފެދެއެވެ. އެގޮތުން ކުދި ވެލިފުށް ވަރުގެ ހިލައިން ފެށިގެން ގޮސް ކުދި ބޯޅަ ވަރުގެ ހިލަ ވެސް އުފެދެއެވެ. ފިތުގައި ބޮޑު އެއްހިލަ ކުދި ގިނަ ހިލަތަކެއް ވެސް އުފެދިދާނެ އެވެ. އެގޮތުން މިފަދަ ހިލަ ބިލިއަރީ ނިޒާމް ގެ ކޮންމެ ހިސާބެއްގައި ވެސް އުފެދިދާނެ އެވެ.
މިލިޔުމުގައި 22 ސެޕްޓެމްބަރު 2009 ގެ ހަވީރު ނޫހުގައި ޑރ ޢަބުދުﷲ އުބައިދު ލިޔެފައިވާ ލިޔުމެއްގެ ބައެއް ހިމެނެއެވެ. |
ސަބަބުތައް
އުނިއިތުރު ގެންނަވާނިސްބަތުން ބަލާއިރު ފިތުގައި ހިލައުފެދުމަކީ ދިވެހިރާއްޖޭގައި ވެސް ޢާންމު ކަމެކެވެ. މިމައްސަލަ ގިނައިން ދިމާވަނީ މެދުއުމުރުގެ އަންހެނުންނަށެވެ. އެމީހުންނަށް މިބަލި ޖެހުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ ދެގުނަ އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ. މީގެ ސަބަބެއް ކަމުގައިވަނީ އަންހެން ހޯރމޯން އެސްޓްރޯޖަން އަކީ ފުރަމޭ ގަނޑުން ނެރޭ ކޮލެސްޓްރޯލް ގިނަކުރާ އެއްޗަކަށްވާއިރު، ކޮލެސްޓްރޯލް އަކީ ފިތުގައި އުފެދޭ ހިލައިގެ އެކުލެވުމަކަށް ( ހިމެނޭ އެއްޗަކަށް ) ވާތީ އެވެ. ފިތުގައި ހިލައުފެދުމަށް ސަބަބުވެރިކުރުވާ ގިނަ ކަންތައްތަކެއް ވާކަން ވަނީ ފާހަގަ ކުރެވިފައެވެ.
- ފިތުގެ އެތެރޭގައިވާ ދިޔަ ފުރިހަމައަށް ބޭނުން ނުކުރެވުމުގެ ސަބަބުން އޭގެ ތެރޭގައި ދިޔަ އޮލަވެ ގަނޑު އެތިކޮޅަކަށް ބަދަލުވެ، އެންމެ ފަހުން ހިލައަކަށް ބަދަލުވެއެވެ. މާބަނޑު އަންހެނުންނަށް މިމައްސަލަ ދިމާވާ މިންވަރު އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.
- ލޭއަޅާ ބަލި އަދި ލޭގެ ސެލްތައް ހަލާކުކުރާ ލޭމަދުވުން ގެ ވައްތަރު ތަކުގެ ސަބަބުން ވެސް ފުރަމޭގައި ބިލިރޫބިން އުފެދުން އިތުރުވެ، ފިތުގައި ހިލައުފެދުމަށް ބާރުއަޅައެވެ.
- ފުރަމޭ ގެ ބަލިތަކުގެ ސަބަބުން ފިތް ގައި ޖަރާސީމް އަށަގަނެ ހިލަ އުފެދުމަށް ބާރުއަޅައެވެ.
- ހަކުރު ބަލި ގެ ސަބަބުން ވެސް ފިތުގައި ހިލައުފެދުން އިތުރުކޮށްދެއެވެ.
- ކަށީގެ މަދު ބަދަލުކުރުން، އަދި ގުރުދާ ބަދަލުކުރުން އަކީ ވެސް ފިތުގައި ހިލަ އުފެދުމަށް ބާރުއަޅައިދޭ ކަންކަމެވެ.
- ކެލޮރީ މަދުން އެކުލެވޭ ކާނާ ކެއުން، އަދި ކުއްލިއަކަށް ބަރުދަން ލުއިވުން އަކީ ވެސް ފިތުގައި ހިލަ އުފެދުން މެދުވެރިވެދާނެ ސަބަބެކެވެ.
އަލާމާތްތައް
އުނިއިތުރު ގެންނަވާފިތުގައި ހިލަ އުފެދޭ މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަކީ އޭގެ ސަބަބުން އެއްވެސް ޝަކުވާއެއް ކުރާ ބައެއް ނޫނެވެ. އެމީހުންގެ ފިތުގައި ހިލަ އުފެދިފައިވާކަން އެނގެނީ އެހެން ކޮންމެވެސް ކަމެއްގައި ބަނޑުގެ ސްކޭނެއް ހެދުމުން ނުވަތަ އެކްސްރޭއެއް ނެގުން ފަދަ ކަމެއް ކުރުމުންނެވެ. ފިތުގައި ހިލަ އުފެދުމުން އާންމުކޮށްކުރާ ބައެއް ޝަކުވާތައް ނުވަތަ ފެންނަ އަލާމާތްތައް ތިރީގައި މިވަނީ އެވެ.
- ބަނޑުގެ ކަނާތްފަރާތުން މަތީބައިގައި ރިއްސުން : މިތަދު ބައެއް ފަހަރު ރަގަޅުވެފައި އަނެއްބައި ފަހަރު ބޮޑުވެއެވެ. ބައެއް ފަހަރު ތޫނު ތަދެެއްގެ ގޮތުގައި އައިސް އަނެއް ބައި ފަހަރު ސިފަކުރަން ނޭގޭކަހަލަ ގޮތަކަށްވާ އުދަގުލެއް ފަދަ ތަދަކަށް ވެސް ވެއެވެ. ބައެއް ފަހަރު މިތަދު ބުރަކައްޓާއި ދިމާލަށް ނުވަތަ ކަނާތް ފަރާތު ކޮނޑުހުޅާއި ދިމާލަށް ވެސް ދަތުރުކުރެއެވެ. ގިނަ ފަހަރު ތަދު ބޮޑުވަނީ އެއްޗެއް ކެއުމަށްފަހު ގައެވެ.
- ހުންއައުން
- ރީނދޫވުން: އެގޮތުން ލޯ އަތްފަދަ ގުނަވަންތައް ރީނދޫވުމަކީ ވެދާނެ ގޮތެކެވެ.
- މޭނުބައިކުރުން އަދި ހޮނޑުލުން
ބަލިދެނެގަތުމަށްޓަކައި ހެދޭ ޓެސްޓްތައް
އުނިއިތުރު ގެންނަވާފިތުގައި ހިލައުފެދިފައިވާކަން ޔަގީންކުރުމުގެ ގޮތުން ހަދާ އެންމެ އާންމު ޓެސްޓަކީ ބަނޑުގެ އަލްޓްރާ ސައުންޑް ސްކޭން އެވެ. މިޓެސްޓުން ފިތުގައިވާ ހިލަ އަދި ފިތުގެ ބިތްތަކަށް އައިސްފައިވާ ބަދަލުތައް ދައްކައިދެއެވެ. ބަނޑުގެ ސީޓީ ސްކޭން އަކީ ވެސް ބައެއް ގައުމުތަކުގައި ހަދާ ޓެސްޓެކެވެ. ނަމަވެސް އެފަދަ ޓެސްޓެއް ހެދުން ރަގަޅުވާނީ އަލްޓްރާ ސައުންޑް ސްކޭން އިން ފުރަމޭ ގައި ނުވަތަ އެއާއި ގުޅިފައިވާ ހޮޅިތަކުގައި ދުޅައެއް ހުރިކަމަށް ޝައްކުކުރެވި އެކަން ދިރާސާ ކުރުމަށްޓަކައެވެ. އަދި ހަމަ އެފަދައިން ފިތުގައި ހިލަ އުފެދުމާއެކު އެއާއި ގުޅިފައިވާ ހޮޅިތަކުގެ ތެރޭގައި ހިލަ އުފެދި ނުވަތަ އެނޫންވެސް ސަބަބަކާއި ހެދި އެހޮޅިތައް ބެނދިފައިވާ ނަމަ އިންޑޮސްކޮޕިކް ރެޓްރޯގްރޭޑް ކޮލަންޖިއޯ ޕެންކްރިއެޓޮގްރަފީ ފަދަ ޓެސްޓްތައް ހެދުމަކީ ބޭނުންތެރި ކަމެކެވެ. މީގެ އިތުރުން ފުރަމޭ ގެ މަސައްކަތްތައް ރަގަޅަށްކުރޭތޯ ބަލަން ހަދާ ލޭގެ ޓެސްޓްތަކާއި، ޗިސްމޭ ގެ މަސައްކަތްތައް ހުރިނެތްގޮތް ބެލުމަށް ހަދާ ލޭގެ ޓެސްޓްތައް ހެދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
ފަރުވާ
އުނިއިތުރު ގެންނަވާފިތުގައި އުފެދިފައިވާ ހިލަ ވިރުވާލުމަށް ކާނޭ ބޭހެއްވޭތޯ ވަަރަށް ގިނަ މީހުން ސުވާލުކުރެއެވެ. ތަންކޮޅެއްް ކުރިން މިފަދަ ބޭސް ބޭނުން ކުރެވުނެވެ. ނަމަވެސް އެފަދަ ބޭހެއްގެ ސަބަބުން ވިރިގެންދަނީ ވަރަށް މަދު ހިލަ ކޮޅެކެވެ. އަދި އެފަދަ ބޭހެއް ބޭނުންކުރާނަމަ ދެއަހަރުވަންދެން ހުއްޓާނުލައި ބޭސް ބޭނުންކުރަން ޖެހެއެވެ. ހިލަކޮޅު ވިރިގެން ދިޔަނަމަވެސް އަލުން އުފެދުމުގެ ފުރުޞަތު ވަރަށް ބޮޑަށް އޮވެއެވެ. އެފަދަ ބޭހެއް ބޭނުން ކުރަމުން ދަނިކޮށް ފިތް ދުޅަވެ، ޖަރާސީމް އަޅައި ހޮސްޕިޓަލްގައި އެދުމަތިކުރެވޭ މީހުން ވަރަށް ގިނައެވެ. ނަތީޖާއެއްގެ ގޮތުން ބަލީގެ ނުރަގަޅު އަސަރު މުޅި ހަށިގަނޑަށް ކުރެއެވެ. ވުމާއެކު މިފަދަ ބޭސް ބޭނުންކުރުމަކީ މިހާރު އެއްވެސް ބަޔަކު ކުރާކަމެއް ނޫނެވެ. ގުރުދާގައި އުފެދޭ ބައެއް ވައްތަރުގެ ހިލަތައް ގޮއްވާލައި އެއެއްޗެތި ކުޑަކަމުދާ ތަކެއްޗާއި އެކު ނެރެއެވެ. މިފަދަ ހުނަރެއް ފިތުގައި އުފެދޭ ހިލައަށް ބޭނުންކުރުމަކީ ނުރައްކާތެރި ކަމެކެވެ. އަދި ބައެއް ބަލި މީހުންނަށް މިފަދަ ފަރުވާ ބޭނުންކުރުމަކީ ނުވެސްކުރެވޭނެ ކަމެކެވެ. ވުމާއެކު އެފަދަ ފަރުވާއެއް ފިތުގައި އުފެދޭ ހިލައަށް އެއްވެސް ބަޔަކު ބޭނުމެއްނުކުރެއެވެ. ފިތުގައި ހިލަ އުފެދުމުން ދެވޭ ރަގަޅު ފަރުވާ އަކީ ހިލަ އާއިއެކު ފިތްވެސް ނެގުމަށް އޮޕަރޭޝަން ކުރުމެވެ. މިއޮޕަރޭޝަންގެ ނަމަކީ ކޮލެސިސްޓެކްޓޮމީ އެވެ. ކުރިން ބަނޑު ހުޅުވާލައިގެން ކުރަމުން އައި އޮޕަރޭޝަން މިހާރު ކުރަމުންދަނީ ބަނޑުގައި ތިން ހަތަރު ލޯވަޅު އަޅައިގެންކުރާ ލެޕަރޮސްކޯޕިކް އޮޕަރޭޝަނެއްގެ ގޮތުގައެވެ. މީގެ ސަބަބުން ހޮސްޕިޓަލްގައި އޮންނަންޖެހޭ މުއްދަތު ކުރުވެފައި ކުރިން ހުރި ޙާލަތަށް އަނބުރާއަންނަލެއް އަވަސްވެއެވެ.
އެކުލެވޭ މާއްދާ
އުނިއިތުރު ގެންނަވާފިތުގައި އުފެދޭ ހިލަ އެކި ގޮތަށް ހުރެދާނެއެވެ. އެގޮތުން އުފެދޭ ހިލައިގައި ހިމެނޭ މާއްދާ އާއި ގުޅޭގޮތުން ފިތުގައި އުފެދޭ ހިލަ އަންނަނިވި ބައިތަކަށް ބަހާލެވިދާނެއެވެ.
- ކޮލެސްޓްރޯލް ހިލަ: މިވައްތަރުގެ ހިލަ ހުންނަނީ ފެހި، ރީނދޫ ނުވަތަ ހުދު ކުލައިގައެވެ. ފިތުގައި އުފެދޭ ހިލައިގެ 80 އިންސައްތަ އަކީ ކޮލެސްޓްރޯލް ހިލައެވެ.
- ޕިގްމެންޓް ހިލަ: މިއީ ކުދިކޮށް އަދިރި ކުލައިގައި ހުންނަ ހިލަތަކެކެވެ. މިވައްތަރުގެ ހިލައިގައި ހުންނަނީ ކެލްސިއަމް ސޯލްޓް އަދި ބިލިރޫބިން އެވެ.