ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމް
ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ބައިތައް ތިރީގައި މިވަނީ އެވެ.
އުރަވަޅި
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އުރަވަޅި
ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގެ ބައިތަކުގެ ތެރޭގައި ހިމެނޭ އުރަވަޅި ނުވަތަ(އިނގިރޭސި ބަހުން: Scrotum)އަކީ އޮށް އެއެއްޗެއްގެ ތެރޭގައި އޮންނަ ކޮތަޅެވެ. ފިރިހެނާ ބާލިޣުވުމުން އުރަވަޅީގެ ހަންގަނޑުގައި އިސްތަށި ފަޅައެވެ. އުރަވަޅީގެ ވަޒީފާ އަކީ އޮށުގެ ފިނިހޫނުމިން ވަކި މިންވަރެއްގައި ބެހެއްޓުމެވެ. އާއްމު ގޮތެއްގައި އޮށުގެ ފިނިހޫނުމިން ހަށިގަނޑުގެ އެހެން ހިސާބު ތަކަށްވުރެ ދަށްވާނެއެވެ. އޮށުގައި ހުންނަން ޖެހޭ ނަމޫނާ ފިނިހޫނުމިނެއް ކަމަށް ބެލެވެނީ 34.4 ޑިގްރީ ސެލްޒިއަސް އެވެ. ހަށިގަނޑު ޢާންމު ފިނިހޫނުމިން
އޮށް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އޮށް
އޮށް ނުވަތަ(އިނގިރޭސި ބަހުން: Testis) އަކީ އުރަވަޅީގެ ތެރޭގައި އޮންނަ އެއްޗެކެވެ. ކޮންމެ އުރަވަޅި އެއްގެ ތެރޭގައި ދެ އޮށް އޮވެއެވެ. ދަރިފަނި ނުވަތަ މަނި އުފެދެނީ މިއޮށުގެ ތެރޭގައެވެ. ފިރިހެނެއްގެ އޮށްމަތީގައި ޖެހުމަކީ އެމީހަކަށް ވަރަށް ތަދު އިހްސާސް ވާނޭ ކަމެކެވެ. ސަބަބަކީ އޮށަކީ ވަރަށް ނާޒުކު އެއްޗަކަށް ވާތީއެވެ. އޮށުން ދަރިފަނި އުފައްދަން ފެށުމާއެކު އޮށްވެސް ބޮޑުވާން ފަށައެވެ. ބާލިޣު ވުމަށްފަހު އޮށުގެ ސައިޒު އޭގެ ކުރިން ހުންނަ ވަރަށްވުރެ 500 ގުނަ މަތިވެގެން ދެއެވެ. އެވްރެޖް މީހެއްގެ އޮށުގެ ދިގުމިނުގައި 2 އިންޗި، ފުޅާ މިނުގައި 0.8 އިންޗި، އަދި ވަށަމިނުގައި 1.2 އިންޗި ހުރެއެވެ.
ސާރޓޮލި ސެލް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސާރޓޯލީ ސެލް
ސާރޓޯލީ ސެލް ނުވަތަ(އިނގިރޭސި ބަހުން: Sertoli cell)ތަކަކީ މަނި އުފައްދައިދޭ ކުދިކުދި ހޮޅިތަކުގެ ކައިރިފަށުގައިވާ އެޕިތީލިއަމް ގައި ހުންނަ ސެލްތަކެކެވެ. މިސެލްގެ ބޭރު ފަށަލައިގައި ފޮލިކިއުލާރ ސްޓިމިއުލޭޓިންގ ހޯރމޯން(FSH) އަށް ރިސެޕްޓަރ ތަކެއް ވެއެވެ. އަދި މިބުނި ހޯރމޯންގެ ސަބަބުން މި ސެލްތައް ހީވާގިވެ، މުރާލި ކުރުވައެވެ. ބޮޑުވަމުން އަންނަ ސްޕާރމް ސެލްތަކަށް ކާންދީ ބޮޑުކުރުމުގައި ސާރޓޮލި ސެލްތައް ބައިވެރިވެއެވެ.
މަނި އުފެދޭ ހޮޅިތައް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މަނި އުފެދޭ ހޮޅިތައް
މަނި އުފެދޭ ހޮޅިތައް ނުވަތަ(އިނގިރޭސި ބަހުން: Seminiferous tubules)މިއީ އޮށުގެ ތެރޭގައި ހުންނަ މަނި އުފައްދައިދޭ ކުދިކުދި ހޮޅިތަކެކެވެ. މިހޮޅިތަކުގެ ކައިރިފަށުގައިވާ އެޕިތީލިއަމް ގައިވާ ސާރޓޯލީ ސެލް(Sertoli cell) ހުރެއެވެ. ސާރޓޯލީ ސެލްގެ ދެމެދުގައި ސްޕަމަޓޯޖެނިކް ސެލް(Spermatogenic cell) ތައް ވެއެވެ. އަދި މިސެލްތައް ބައިބައިވަމުން ގޮސް ސްޕާރމް ސެލް ތައް އުފެދެއެވެ. މިހޮޅިތައް ހުންނަނީ އޮށުގެ އަރިމަތިން ފެށިގެން ގޮސް ހުރިހާ ދިމާލަކުން ރީޓީ ޓެސްޓިސް އާއި ގުޅިފައެވެ. ދެވައްތަރެއްގެ މިފަދަ ހޮޅިތައް ވެއެވެ. އެއީ އޮޅިފައިވާ ހޮޅިތަކާއި އަދި ސީދާ ހޮޅިތަކެވެ.
ރީޓީ ޓެސްޓިސް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރީޓީ ޓެސްޓިސް
ރީޓީ ޓެސްޓިސް ނުވަތަ(އިނގިރޭސި ބަހުން: Rete testis) އަކީ އޮށުގެ އެތެރެއިން މެދުގައި ކުދިކުދި ހޮޅިތަކެއް ގުޅިގެން އުފެދިފައިވާ ވިއުގަ އެކެވެ. ރީޓީ ޓެސްޓިސް ހުރަސްކޮށް މަނި އުފެދޭ ހޮޅިތަކުން މަނި އިފެރެންޓް ޑަކްޓްތަކަށް ގެންގޮސް ދެއެވެ. ރީޓީ ޓެސްޓިސްގެ ތެރޭގައި މަނީގެ ކޮންސެންޓްރޭޝަން މަތިވެގެން ދެއެވެ. މަނި ކޮންސެންޓްރޭޓްނުވެ، މަނި ގުދަނަށް ވާޞިލްވެއްޖެނަމަ ދަރިން ލިބުމުގައި މައްސަލަ ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.
އިފެރެންޓް ޑަކްޓް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިފެރެންޓް ޑަކްޓް
އިފެރެންޓް ޑަކްޓް ނުވަތަ(އިނގިރޭސި ބަހުން: Efferent duct)މިއީ އޮށުގެ ތެރޭގައިވާ ރީޓީ ޓެސްޓިސް އާއި މަނި ގުދަން ގުޅުވައިދޭ ކުދިކުދި މަގު ތަކެކެވެ. ނުވަތަ ކުދިކުދި ހޮޅިތަކެކެވެ. މާނައަކީ މަނިގުދަނަށް އޮށުގައި އުފެދޭ މަނި ދަނީ މިއިފެރެންޓް ޑަކްޓް ތަކުގެ އެހީގައެވެ.
މަނި ގުދަން
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މަނި ގުދަން
މަނި ގުދަން ނުވަތަ(އިނގިރޭސި ބަހުން: Epididymis)މިއީ އޮށުގެ ފަހަތުގައި ތަތްވެފައި އިންނަ އޮޅިފައިވާ ހޮޅިއެކެވެ. މަނި ގުދަންއިފެރެންޓް ޑަކްޓްތަކާއި މަނި ހޮޅި ގުޅުވާދެއެވެ. ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ މަނި ގުދަން މައިގަނޑު 3 ބަޔަކަށް ބެހިގެން ވެއެވެ. އެއީ އަންނަނިވި ބައިތަކެވެ.
- ބޯ(Head / Caput)
- ހަށިގަނޑު(Body/Corpus)
- ނިގޫ(Tail/Cauda)
އޮށުގެ ތެރޭގައި އުފެދޭ މަނި އެންމެ ފުރަތަމަ ވަންނަނީ މަނި ގުދަނުގެ ބޮލަށެވެ. އެއަށްފަހު އޭގެ ޖިސްމަށް ވާޞިލްވެ، އެންމެ ފަހުން އޭގެ ނިގުލާ ހަމައަށް ދެއެވެ. މަނި ޚަޒާނާ ކުރެވިފައި ހުންނަނީ މަނި ގުދަނުގެ ނިގުލުގައެވެ. މީގެ އިތުރުން މަނި ގުދަނުގެ ތެރޭގައި މަނި އިތުރަށް ފުރިހަމަވެގެން ދެއެވެ.
މަނި ހޮޅި
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މަނި ހޮޅި
މަނި ހޮޅި ނުވަތަ(އިނގިރޭސި ބަހުން: Vas deferens) އަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި މަނި ދައުރުކޮށްދޭ މަގެކެވެ. ކޮންމެ ފިރިހެނެއްގެ ނަސްލު އުފައްދާ ނިޒާމްގައި މިފަދަ ދެ މަނިހޮޅި ވެއެވެ. ވަށައިގެން މަޑުމަހުގެ ފަށަލައެއް ލެވިފައިވާ މިހޮޅި އަކީ ކަނާތް ފަރާތު އަދި ވާތް ފަރާތުގައިވާ މަނި ހޮޅީގެ ފެށޭބައި(Epididymis) އިޖެކިއުލޭޓަރީ ޑަކްޓް އާއި ގުޅުވައިދޭ މަގެވެ. މާނައަކީ މަނި ހޮޅީގެ ފެށޭ ހިސާބުން ފެށިގެން ގޮސް އިޖެކިއުލޭޓަރީ ޑަކްޓް އާއި ހަމައަށް މަނި ގެންގޮސްދޭ ހޮޅިއެވެ. މަނިހޮޅީގެ ދިގުމިނުގައި ގާތްގަނޑަކަށް 30 ސެންޓިމީޓަރު ހުރެއެވެ.
މަނި ގޮށް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މަނި ގޮށް
މަނި ގޮށް ނުވަތަ(އިނގިރޭސި ބަހުން: Seminal vescile)މިއީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި މަސާނާގެ ފުރަގަހުން ތިރީގައި ފުރަގަސް ފަރާތާއި މަސާނާއި ދެމެދު އިންނަ ދެގްލޭންޑް އެވެ. 5ސެންޓިމީޓަރުގެ ދިގުމިން ހުންނަ މިގްލޭންޑް އިން މަނި ދިޔައިގެ 70 އިންސައްތަ ދޫކުރެއެވެ. މިގޮތުން ދޫކުރާ ނުވަތަ ބޭރުކުރާ ދިޔައިގެ ތެރޭގައި ޕްރޮޓީންތައް، އެންޒައިމްތައް، ފްރަކްޓޯޒް، ދަވަ، ވިޓަމިންސީ، ފްލެވިން، އަދި ޕްރޮސްޓަގްލަންޑިން ފަދަ މާއްދާތައް ހިމެނެއެވެ.
އިޖެކިއުލޭޓަރީ ޑަކްޓް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިޖެކިއުލޭޓަރީ ޑަކްޓް
އިޖެކިއުލޭޓަރީ ޑަކްޓް ނުވަތަ(އިނގިރޭސި ބަހުން: Ejaculatory duct) އަކީ މަނިބޭރުވެގެން ދިއުން(Ejaculation) ކުރިމަތިވާ ހިނދު މަނި ހޮޅި(Vas deferens) ގައި ހުރި މަނި ކުޑަކަމުދާ ހޮޅި އަށް ގެންގޮސްދޭ ޑަކްޓް ނުވަތަ މަގެވެ. ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި މީގެ ދެޑަކްޓް ހުރެއެވެ. އިޖެކިއުލޭޓަރީ ޑަކްޓް އުފެދިފައިވަނީ މަނިހޮޅި އާއި، މަނި ގޮށުން ނިކުމެފައި އިންނަ ޑަކްޓް ގުޅިގެންނެވެ. މިގޮތުން ދެބައި ގުޅިގެން އުފެދޭ ޑަކްޓް ޕްރޮސްޓޭޓް ގްލޭންޑްގެ ތެރެއިން ގޮސް ކުޑަކަމުދާ ހޮޅިއަށް ނިމެއެވެ. އަދި ކުޑަކަމުދާ ހޮޅިން ލާފައި ގޮސް ހަށިގަނޑުން މަނި ބޭރުވެއެވެ.
ޕްރޮސްޓޭޓް ގްލޭންޑް އަށް ކުރިމަތިވާ ބިނައިން ޕްރޮސްޓެޓިކް ހައިޕަޕްލޭސިއާ ރަގަޅު ކުރުމަށް ކުރެވޭ އޮޕަރޭޝަންގެ ތެރޭގައި ބައެއް ފަހަރު މިޑަކްޓަށް ގެއްލުން ލިބޭގޮތް ވެއެވެ. މިގޮތަށް ގެއްލުން ލިބިއްޖެނަމަ، އެތެރެއަށް ވެރުން ނުވަތަ ފަހަތަށް ވެރުން(Retrograde ejaculation) ކުރިމަތި ކުރުވައެވެ.
ޕްރޮސްޓޭޓް ގްލޭންޑް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕްރޮސްޓޭޓް ގްލޭންޑް
ޕްރޮސްޓޭޓް ގްލޭންޑް ނުވަތަ(އިނގިރޭސި ބަހުން: Prostate gland)އަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ގްލޭންޑް އެކެވެ. މިގްލޭންޑް އިންނަނީ މަސާނާގެ ތިރިން، ފުރަގަސް ފަރާތު ގެ ކުރިމައްޗަށް ވާގޮތަށެވެ. މިގްލޭންޑް އިން މަނި ދިޔަ (Seminal fluid) 30 އިންސައްތަ ބޭރުކުރެއެވެ.
ޕްރޮސްޓޭޓް ގްލޭންޑްގައި ކޮންމެވެސް ވަރަކަށް މަޑު މަސް(Smooth muscle) ހުރެެއެވެ. މަނި ބޭރުވެގެންދިއުން ކުރިމަތިވާ ހިނދު މަނިތައް ބޭރަށް ފޮނުވުމުގައި މިމަސްކޮޅުތައް އެހީތެރިވެއެވެ. މިގްލޭންޑް އިންނަނީ ކުރިން ވެސް ބުނިހެން މަސާނާގެ ތިރިން ކުޑަކަމުދާ ހޮޅި ވަށާލާފައެވެ. މާނައަކީ ކުޑަކަމުދާ ހޮޅި ގޮސްފައި އިންނާނީ ޕްރޮސްޓޭޓް ގްލޭންޑް ހުރަސް ކޮށެވެ.
ކުޑަކަމުދާ ހޮޅި
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުޑަކަމުދާ ހޮޅި
ކުޑަކަމުދާ ހޮޅި ނުވަތަ ހީސް ހޮޅި ނުވަތަ(އިނގިރޭސި ބަހުން: Urethra)އަކީ ކުޑަކަމުދާ ނިޒާމްގެ އެންމެ ފަހު ބައެވެ. ނުވަތަ ހަށިގަނޑުން ބޭރަށް ހުޅުވިފައި އިންނަ ކުޑަކަމުދާ ނިޒާމްގެ ބަޔަކީ ވެސް މިއީ އެވެ. މިބައި އިންނަނީ މަސާނާ އިން ފެށިގެން ގޮސް ހަށިގަނޑުގެ ބޭރަށް ހުޅުވިފައެވެ. ފިރިހެނުންގެ ހަށިގަނޑުގައި ކުޑަކަމުދާ ހޮޅި އިންނަނީ ފިރިހެން ހަށީގެ ތެރެއިން ގޮސް ބޭރަށް ހުޅުވިފައެވެ. އަންހެނުންގެ ހަށިގަނޑުގައި މަސާނާ އިން ފެށިގެން ގޮސް ސީދާ ބޭރަށް ހުޅުވިފައެވެ. މިހޮޅިން ކުޑަ ކަމުދާ ތަކެތި ބޭރުކޮށްދެއެވެ. ފިރިހެނުންނަށް ބަލާއިރު ފިރިހެނާގެ ދަރިފަނި ނުވަތަ މަނި ހަށިގަނޑުން ބޭރުވަނީ ވެސް ކުޑަކަމުދާ ހޮޅި ހުރަސް ކޮށެވެ.
ބަލްބޯ ޔުރެތުރަލް ގްލޭންޑް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބަލްބޯ ޔުރެތުރަލް ގްލޭންޑް
ބަލްބޯ ޔުރެތުރަލް ގްލޭންޑް ނުވަތަ(އިނގިރޭސި ބަހުން: Bulbo-urethral gland)ތައް ނުވަތަ ކައުޕާރސް ގްލޭންޑް ތަކަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ކުދިކުދި ގްލޭންޑް ތަކެކެވެ. ނުވަތަ މިނިޒާމްގައި ހިމެނޭ ދެގްލޭންޑް އެވެ. ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމްގައިވާ ކައުޕާރސް ގްލޭންޑް އާ އެއްގޮތްކަމެއް ހުންނަ ގްލޭންޑެއް ކަމަށް އަންހެނުންގެ ހަށިގަނޑުގައި އިންނަނީ ބާރތޮލިން ގްލޭންޑް އެވެ.
ބަލްބޯ ޔުރެތުރަލް ގްލޭންޑްތައް ހުންނަނީ ފިރިހެންހަށީގެ ބުނޑުގައި(ފެށޭ ހިސާބުގައި)، ކުޑަކަމުދާ ހޮޅީގެ ފުރަގަހުން އެއް އަރިމައްޗެއްގައެވެ. މިގްލޭންޑްތަކާ ކުޑަކަމުދާ ހޮޅި ގުޅައިދެނީ ކުޑަ މަގަކުންނެވެ. މިމަގު ދިގުމިނުގައި 2.5 ސެންޓިމީޓަރު ހުރެއެވެ. ކުޑަކުޑަ އޮށެއްގެ ސައިޒަށް ގުޅިފައި އިންނަ މިދެގްލޭންޑް އުމުރުން ދުވަސްވާ ވަރަކަށް އޭގެ ސައިޒުން ކުޑަވެއެވެ.
ފިރިހެން ހަށި
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފިރިހެން ހަށި
ފިރިހެން ހަށި ނުވަތަ(އިނގިރޭސި ބަހުން: Penis)މިއީ ފިރިހެނާގެ ޖިންސީ ގުނަވަނެވެ. ފިރިހެނުން ކުޑަކަމުދާއިރު ކުޑަކަމުދާ ތަކެއްޗާއި، ޖިންސީ ގުޅުން ހިންގާއިރު މަނި ބޭރުވެގެންދަނީ ޖިންސީ ގުނަވަންގެ މެދުން ބޭރަށް ހުޅުވިފައިވާ ކުޑަކަމުދާ ހޮޅީގެ ދޮރުންނެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި އަންހެނާގެ ޖިންސީ ގުނަވަނަށް ފިރިހެނާގެ ހަށިގަނޑުން ވާޞިލްވާ ގުނަވަނަކީ މިއީއެވެ.
ފިރިހެން ކުއްޖަކު ބާލިޣުވާ އުމުރަށް އެޅުމުން އޮށާއި، ފިރިހެން ހަށި އަދި ނަސްލު އުފައްދާ ނިޒާމްގެ އެހެން ބައިތައް ވެސް ހެދިބޮޑުވާން ފަށައެވެ. އެގޮތުން އުމުރުން 18 އަހަރުން ވަންދެން ފިރިހެން ހަށި ދިގުވަމުން ދެއެވެ. ފިރިހެން ހަށި ފުޅާވެ ފަލަވަން ފަށަނީ އުމުރުން 11 އަހަރުން ފެށިގެންނެވެ.
ފިރިހެން ހަށީގެ ބޯ
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފިރިހެން ހަށީގެ ބޯ
ފިރިހެން ހަށީގެ ބޯ ނުވަތަ(އިނގިރޭސި ބަހުން: Glans penis)މިއީ ފިރިހެން ހަށީގެ ކޮޅެވެ. މިތަނަށް ފިރިހެން ހަށީގެ ހެލްމެޓް އޭ ވެސް ކިޔައެވެ.ފިރިހެން ހަށީގެ ބޯ ނިވައިކޮށްދޭ ހަންކޮޅުގެ ސަބަބުން ޚިތާނު ނުކުރާ މީހުންގެ މިބައި އިންނަނީ ކޮންމެވެސް ވަރަކަށް ނޫނީ އެއްކޮށް ފޮރުވިފައެވެ. ޚިތާނު ކޮށްފައި ތިބޭ މީހުންގެ ފިރިހެން ހަށީގެ ބޯ އަބަދުވެސް ފެންނަށް އިންނާނެއެވެ.
ޚިތާނު ނުކޮށް ތިބޭ މީހުން ވެސް ، އަމިއްލައަށް ޖިންސީ އެދުން ފުއްދުން، ޖިންސީ ގުޅުން ހިންގުން، ނުވަތަ ފިރިހެން ހަށި ވަރުޖެހި ސީދާވުން، ފަދަ ޙާލަތްތަކުގައި ފިރިހެން ހަށީގެ ބޯ ރީތިކޮށް ފެންނަން އިންނާނެއެވެ. އެއީ މިފަދަ ޙާލަތްތަކުގައި ބޯ ނިވައިކޮށްދޭ ހަންކޮޅަށް ވާންވެ، ފަހަތަށް ޖެހިގެންދާތީއެވެ.
ފިރިހެން ހަށީގެ ބޯ ނިވައިކޮށްދޭ ހަންކޮޅު
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފިރިހެން ހަށީގެ ބޯ ނިވައިކޮށްދޭ ހަންކޮޅު
ފިރިހެން ހަށީގެ ބޯ ނިވައިކޮށްދޭ ހަންކޮޅު ނުވަތަ(އިނގިރޭސި ބަހުން: Foreskin)މިއީ ހަމާއި، ތެތްދުލިފަށް އެކުލެވިގެން އުފެދިފައިވާ ފަށަލައެވެ. ފިރިހެން ހައްޓަށް ވަރުޖެހި ސީދާ ނުވެ ހުންނަ ހިނދު ކުޑަކަމުދާ ހޮޅީގެ ދޮރު މިހަންކޮޅުގެ ސަބަބުން ނިވައިކޮށްދެއެވެ. ޚިތާނު ކުރުމުގެ ތެރޭގައި މިހަންކޮޅު ވަކިކޮށް ނަގައެވެ. މިހަންކޮޅުގެ ބޭރުން އިންނަނީ ހަމަ ފިރިހެންހަށީގައިވާ ހަމެކޭ އެއްފަދަ ހަންކޮޅެކެވެ. އެކަމަކު އެތެރެ ފުށުން ލެވިފައި އިންނަނީ ތެތް ދުލިފަށެވެ.
ސްޕަމެޓިކް ކޯޑް
އުނިއިތުރު ގެންނަވާ- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސްޕަމެޓިކް ކޯޑް
ސްޕަމެޓިކް ކޯޑް ނުވަތަ(އިނގިރޭސި ބަހުން: Spermatic cord)މިއީ ބަނޑުގެ ތިރިން ފެށިގެން އުރަވަޅި އަށް ފައިބައިފައިވާ ނަސްލު އުފައްދާ ނިޒާމްގެ ބައިތައް ހިމެނޭ ކޯޓެއް ފަދަ އެއްޗެކެވެ. ސްޕަމެޓިކް ކޯޑްގެ ތެރެއިން ތިރިއަށް އުރަވަޅިއާއި ދިމާލަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ތަފާތު ނާރުތައް، ލޭހޮޅިތައް، ލިމްފް ހޮޅިތައް، އަދި މަނި ހޮޅި ހިމެނެއެވެ. ސްޕަމެޓިކް ކޯޑް އުފެދިފައިވާ އިރު އޭގެ ބޭރުން 3 ފަށަލަ ލެވިފައިވެއެވެ. އެއީ އެކްސްޓާރނަލް ސްޕަމެޓިކް ފެޝިއާ، ކްރިމަސްޓެރިކް މަސަލް އަދި ފެޝިއާ، އަދި އިންޓާރނަލް ސްޕަމެޓިކް ފެޝިއާ ހިމެނެއެވެ.