އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި ދުޅަވުން
އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން(އިނގިރޭސި ބަހުން: Hydrocele testis) އަކީ ބައެއް މީހުންނަށް ކުރިމަތިވާ ޞިއްޙީ ޙާލަތެކެވެ. ބައެއް ކުދިންނަށް އުފަންވާއިރު ވެސް މިމައްސަލަ ދިމާވެފައިވާކަން ފާހަގަ ކުރެވެއެވެ. ފިރިހެން ކުދިންގެ އޮށް އުފެދެނީ ކުއްޖާގެ ބަނޑުގެ ތެރޭގައެވެ. އުރަވަޅި ގެ ތެރެއަށް އޮށް ފައިބަނީ ކުއްޖާ އުފަންވާތާ ދުވަސްކޮޅެއް ކުރިންނެވެ. އޮށުގެ ވަށައިގެންވާ ދުލިފަށް ތަކަކީ ބަނޑުގެ އެތެރެއާއި ގުޅިފައިވާ ދުލިފަށްތަކަކަށް ވުމާއެކު، ބަނޑުގެ އެތެރޭގައި ވާ ފެން އުރަވަޅީގެ ތެރެއަށް އެއްވުމަކީ ނަމަވެސް އޮށް އުރަވަޅީގެ ތެރެއަށް ފޭބުމާއެކު، އޭގެ ވަށައިގެންވާ ދުލިފަށްތައް ބަންދުވުމުގެ މަސައްކަތް ފެށެއެވެ. މިމަސައްކަތް ނިމުމަކަށް އަންނަނީ އުމުރުން 18 މަސްވާ ފަހުންނެވެ. މިދުލިފަށްތައް ބަންދުވުމަށްފަހު ބަނޑުގެތެރެއާއި، އޮށް އޮންނަ އުރަވަޅި އާއި ދެމެދުގައިވާ ހަމައެކަނި ގުޅުމަކީ އޮށަށް ބޭނުންވާ ލޭ ފޯރުކޮށްދޭ ލޭހޮޅިތަކާއި، މަނީގެ ފަނި ދަތުރުކުރާ ނާރުފަދަ ހޮޅިތައް އެކުލެވޭ ސްޕަމެޓިކް ކޯޑް އެކަންޏެވެ. ވުމާއެކު އޮށުގެ ވަށައިގެންވާ ދުލިފަށްތަކުގައި ފެން އުފެދުމުގެ ޖާގަ ތަބީޢީގޮތުން ހަނިވެ ބަންދުވެއެވެ.
ބައެއް ފިރިހެންކުދިން އުފަންވާއިރު ކުރިން މިބުނި ދުލިފަށްތައް ބަންދުނުވުމުގެ ސަބަބުން އުފަންވާއިރު އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން ކުރިމަތި ވެއެވެ. މިއީ ކޮންމެ 100 ކުދިންގެ ތެރެއިން އެއްކުއްޖަކަށް ނުވަތަ 2 ކުއްޖަކަށް ދިމާވެދާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.
އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން ގެ ދެވައްތަރެއް ވެއެވެ.
- ފުރަތަމަ ވައްތަރަކީ ބަނޑުގެ ތެރޭގައިވާ ފެން އުރަވަޅީގެ ތެރެއަށް ފައިބައިފައި ވަނިކޮށް މިދުލިފަށް ބަންދުވެ، ބަނޑުތެރެއާއި އުރަވަޅި އާއި ދެމެދުގައިވާ ގުޅުންކެނޑި އުރަވަޅީގައި ފެން އުފެދި ދުޅަވުން (އިނގިރޭސި ބަހުން: Non- communicating Hydrocele) (އެތާގައި ފެންހަރުލާގޮތްވުން) އެވެ.
- ދެވަނަ ވައްތަރަކީ ބަނޑުތެރެއާއި އުރަވަޅިއާއި ދެމެދު ގުޅުންހުރުމުގެ ސަބަބުން އުރަވަޅީގައި ފެން އުފެދި ދުޅަވުން (އިނގިރޭސި ބަހުން: Communicating Hydrocele)އެވެ.
ފިރިހެންކުދިންގެ އޮށް ދުޅަވެފައިވާނަމަ އެކަން އާންމުގޮތެއްގައި އުފަންވުމަށްފަހު ފާހަގަކުރެވޭނެ އެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަނެއްގައި އުފަންވާ ކުދިންގެ މިފަދަ މައްސަލައެއް ހުރިތޯ ކުޑަކުދިންގެ ޑޮކްޓަރު ބަލާނެއެވެ. އަދި އެފަދަ ކަމެއް ފާހަގަ ކުރެވޭނަމަ އެކަން މައިންބަފައިންގެ ސަމާލުކަމަށް ޑޮކްޓަރުން ގެންނާނެއެވެ. އާންމު ގޮތެއްގައި އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި ދުޅަވުން ކުރިމަތި ވުމަކީ ތަދު އިހްސާސްވާ ކަމެއް ނޫނެވެ. ވުމާއެކު ތުއްތު ދަރިފުޅު އެކަމުގައި އެއްވެސް އުދަގުލެއް އިހްސާސެއް ނުކުރާނެއެވެ. ބައެއް ފަހަރު ރޯން ފެށުމުން، ނުވަތަ ބަނޑަށް ބާރުލައި ހެދުމުން އެދުޅައިގެ ސައިޒު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޮށޯވެ އޮންނައިރު އޭގެ ( އުރަވަޅީގެ ) ސައިޒު ކުޑަވުމަކީ ވެދާނެ ގޮތެކެވެ. ތުއްތު ކުދިންގެ އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި ދުޅަވުން އަކީ ވަގުތުން އޮޕަރޭޝަން ކުރަންޖެހޭ ކަމެއް ނޫނެވެ. ކުރިންވެސް ބުނެވުނުހެން އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި ދުޅަވުން އަކީ ބަނޑު ތެރޭގައިވާ ފެން އޮށުގެ ވަށައިގެންވާ ދުލިފަށަލައިގެ ތެރެއަށް ޖަމާވުން ކަމަށްވުމާއެކު އެދުލިފަށް ބެނދި އޮށް އޮންނަ އުރަވަޅި އާއި، ބަނޑުތެރެއާއި ދެމެދުގައިވާ ގުޅުން ކެނޑުމުގެ ފުރުޞަތު ދޭންޖެހޭނެއެވެ. ކުއްޖާގެ އުމުރުން 18 މަސް ވަންދެން އޮޕަރޭޝަން ނުކޮށް މަޑުކުރަން ޖެހެނީ އޮޕަރޭޝަން އަކާއި ނުލައި މިމައްސަލަ ހައްލުވުމުގެ ފުރުޞަތު ބޮޑުވީމައެވެ.
މިލިޔުމުގައި ދުވަހު ނޫސް ހަވީރުގައި މާރޗް 2010 ގައި ޑރ ޢަބުދުﷲ ޢުބައިދު ލިޔުއްވާފައިވާ ލިޔުމެއްގެ ބައެއް ހިމެނެއެވެ. |
އިރުޝާދުތައް
އުނިއިތުރު ގެންނަވާދަރިފުޅު އެންމެ ކުޑައިރު އޮށް ދުޅަވެފައިވާކަން ފާހަގަ ކުރެވޭނަމަ ތިރީގައި މިވާގޮތަށް ޢަމަލުކުރާށެވެ.
- ޑޮކްޓަރަށް ދައްކައި އެއީ ކޮންކަމެއްކަން ދެނެގަންނަން ވާނެއެވެ. ފިރިހެން ކުދިންގެ އުރަވަޅި އަށް އަންނާނެ އެފަދަ ދުޅަތަކުގެ ތެރޭގައި ވައިފޭބުން (އޮށް ތިރިއަށް ފައިބާ މަގުން ގޮހޮރުގެ ބައެއް ތިިރިއަށް އައިސްފައިއޮތުން)، އޮށް ދުޅަވެ އެއަށް ލޭފޮނުވައިދޭ ލޭހޮޅިތައް ބެދުން(އިނގިރޭސި ބަހުން: Testicular Torsion) ފަދަ މައްސަލަތައް ހިމެނެއެވެ. ވުމާއެކު ކުރިމަތި ފަރާތުގައިވާ ދުޅަ އަކީ އެފަދަ ނުރައްކާތެރި ކަމެއް ނޫންކަން ދެނެގަތުން މުހިއްމު އެވެ.
- އޮށުގެ އަލްޓްރާ ސައުންޑް ސްކޭނެއް ހަދައިގެ އޮށުގެ ވަށައިގެން އުރަވަޅީގެ ތެރޭގައި ޖަމާވެފައިވަނީ ފެންތޯ ނުވަތަ އެހެން އެއްޗެއްތޯ ބަލައި ދެނެގަންނަންވާނެއެވެ.
- އޮށުގެ ވަށައިގެންވާ ދުލިފަށަލައިގެ ތެރޭގައި ފެން ޖަމާވުމުގެ ސަބަބުން އޮށަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. ނަމަވެސް އެފެނުގައި ޖަރާސީމް އަޅައި ދޮސް ގަނެފިނަމަ އެއީ ނުރައްކާތެރި ކަމެކެވެ. އެފަދަ ކަމެއް ވެއްޖެނަމަ ދަރިފުޅު ހުންއައުމާއެކު، އެތަނަށް ތަދުވުމާއި ކުލަ ބަދަލުވެ ރަތްވުން ފަދަ އަލާމާތްތައް ފާހަގަކުރެވޭނެ އެވެ.
- ކުރިމަތި ފަރާތުގައިވާ ދުޅައަކީ އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން ކަމަށްވާނަމަ ކޮންމެ 6 މަހުން އެއްފަހަރު ޑޮކްޓަރަށް ދައްކައި އެކަން ބަލަމުން ގެންދަންވާނެއެވެ. ދުޅަ އިތުރުވުމާއި ތަދުވާން ފެށުމާއެކު ތަނުގެ ކުލަ ބަދަލުވާން ފަށާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވާނެއެވެ.
- ކުއްޖާގެ އުމުރުން ދޮޅު އަހަރުގެ ތެރޭގައި ދުޅަ ތިރިވެ، އާދައިގެ ޙާލަތަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ދޮޅު އަހަރުވެ ދިޔައިރުވެސް އެކަން ރަގަޅު ނުވިނަމަ ދެން ޑޮކްޓަރު އިރުޝާދު ދޭނީ އޮޕަރޭޝަން ކުރާށެވެ.
- އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން ކުރިމަތިވެގެން އޮޕަރޭޝަން ކުރާނަމަ އެންމެ ރަގަޅުވާނީ ކުއްޖާގެ އުމުރުން 2 އަހަރުވުމުން އޮޕަރޭޝަން ކުރާށެވެ.
- އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން ކުރިމަތިވެގެން އޮޕަރޭޝަން ކުރަނީ ހޭނައްތައިގެން ކަމަށް ވިޔަސް މިއީ ވަރަށް ކުޑަ އޮޕަރޭޝަނެކެވެ. އަދި އޮޕަރޭޝަނަށްފަހު އަލުން އެމައްސަލަ ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ވައިފޭބުން އަދި އޮށް ދުޅަވުން ފަދަ މައްސަލަތަކަކީ ފަހުން ވެސް ދިމާވެދާނެ ކަންތައްތަކެވެ.