އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ 1982 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ދިވެހިރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ. މި މަރުކަޒު ޢިމާރާތްކޮށް ނިމުމުން ހުޅުއްވައިދެއްވީ ވެސް އެ މަނިކުފާނެވެ. އިސްލާމީ މަރުކަޒު ހުޅުވީ ބިންގާ އެޅިތާ ބަރާބަރު ދެ އަހަރު ފުރުނު ދުވަހު (11 ނޮވެންބަރު 1984) ގައެވެ.

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)

އިސްލާމީ ޤައުމުތަކުން ދެއްވި އެހީފުޅުތައް

އުނިއިތުރު ގެންނަވާ

އިސްލާމީ މަރުކަޒު ބިނާކުރެއްވުމަށް އެހީ ލިބޭތޯ އިސްލާމީ ޤައުމުތަކަށް ރާއްޖޭގެ އޭރުގެ ސަރުކާރުން ހުށަހެޅުއްވިއެވެ. މި ކަމާ ބެހޭގޮތުން އެ ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުތައް ކުރެއްވިއެވެ. މި ދަތުރުފުޅުތައް ހިމެނުނީ ވަރަށް ކާމިޔާބު ދަތުރުފުޅުތަކެއް ކަމުގައެވެ. ވަރަށް ގިނަ އިސްލާމީ ޤައުމުތަކެއްގެ އެހީ މި ކަމަށް ލިބުނެވެ. އޭގެތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ އޭރުގެ ރަސްގެފާނު ޖަލާލަތުލް މަލިކު ފަހްދު ބިން ޢަބްދުލްޢަޒީޒާއި، ބްރޫނާއީ ދާރުއް ސަލާމުގެ ރަސްގެފާނު ޙަސަން އަލްބުލްޤިޔާ އާއި، މެލޭޝިޔާގެ އޭރުގެ ބޮޑުވަޒީރު ދާތޯސެރީ ޑޮކްޓަރ މަހާތިރު ބިން މުޙައްމަދާއި، ޕާކިސްތާނުގެ އޭރުގެ ރައީސް ޖެނެރަލް މުޙައްމަދު ޟިޔާއުލް ޙައްޤު ވެދެއްވި އެހީފުޅުތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. މި ބޭފުޅުންގެ އިތުރުން އަލްޢިމާރާތުލް ޢަރަބިއްޔަތުލް މުއްތަޙިދާ (ޔުނައިޓެޑް ޢަރަބް އެމިރޭޓްސް) ގެ އޭރުގެ ރައީސް ޞާޙިބުލް ފަޚާމާ ޒާޔިދު ބިން ސުލްޠާން އާލްނަހްޔާނާއި، މިޞްރުގެ އޭރުގެ ރައީސް ޞާޙިބުލް ފަޚާމާ މުޙައްމަދު ޙުސްނީ މުބާރަކާއި، ކުވައިތުގެ އަމީރު ޞާޙިބުއް ސުމުއްވު ޖާބިރުލް އަޙްމަދުއް ޞަބާޙްގެ ފަރާތްޕުޅުން ވެސް ދީލަތި އެހީފުޅުތައް ލިބިފައިވެއެވެ. އަދި ދިވެހި ސަރުކާރުން ވެސް ބޮޑު ޚަރަދެއް މި ކަމަށް ކުރައްވައިފައިވެއެވެ.

އިސްލާމީ މަރުކަޒު ބިނާކުރުން

އުނިއިތުރު ގެންނަވާ
 
އިސްލާމީ މަރުކަޒުގެ ބާނީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް

އިސްލާމީ މަރުކަޒުގެ ނަމޫނާ ތައްޔާރުކޮށް ކޮންސަލްޓިންގ އާރކިޓެކްޓެއްގެ މަސައްކަތް ކުރީ މެލޭޝިޔާގެ ޓުއާން ޙާޖީ ޙާޖީދާރު ބިން ޙާޖީ ޢަބްދުލްމަޖީދެވެ. އޭނާ ވަނީ މަސައްކަތުގެ އަގުން ބައެއް ދިވެހި ސަރުކާރަށް ހަދިޔާކުރައްވައިފައެވެ. އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ވަކި މަޝްރޫޢެއްގެ ގޮތުގައި ހަމަޖައްސަވައި، އެ މަޝްރޫޢުގެ ކަންތައްތައް ހިންގަވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާ އެ ކަމަށް ކަނޑައެޅުއްވި އަލްފާޟިލް ޢަލީ ޢުމަރު މަނިކާއި، އަލްފާޟިލް އިލްޔާސް އިބްރާހީމާއި، އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީންގެ ބެއްލެވުމުގެ ދަށުން ޑިޕާޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރގެ ފަރާތުންނެވެ. މަރުކަޒު ޢިމާރާތް ކުރުމުގެ މަސައްކަތްކުރީ ސަރުކާރުން ކޮންޓްރެކްޓް ކުރައްވައިގެން ގެންނެވި މެލޭޝިޔާގެ ބަޔެކެވެ. މައިގަނޑު މަސައްކަތްތައް ކުރީ ހަތަރު ކުންފުންޏަކުންނެވެ. އިސްލާމީ މަރުކަޒުގައިވާ މިސްކިތުގައި ހަރުކޮށްފައިވާ ލަކުޑި ދޮރުތަކާއި، ދޮރުފަތްތައް ޖެހުމާއި، އެ ނޫންވެސް ވަޑާމުގެ މުހިންމު މަސައްކަތްތަކާއި، ފުރާޅު ހިޔާކުރުމުގެ މަސައްކަތްކޮށްފައިވަނީ ދިވެހީންނެވެ. މިސްކިތުގެ އެތެރެ ޒީނަތްތެރިކުރުމަށް ޓަކައި ކުރެހުންތަކާއި ލިޔުންތައް ކަނޑައިނަގައި، ކީހައި، ތަތްކުރުމުގެ މަސައްކަތްކުރީ ރާއްޖޭގެ ޒުވާން ފަންނާނުންގެ ބަޔެކެވެ. މިސްކިތުގައި ހަރުކޮށްފައިވާ ލިޔުންތަކުގެ އަޞްލުތައް ލިޔުއްވައިފައި ވަނީ ވެސް ރާއްޖޭގެ ލިޔުންތެރީންނެވެ. މި ދެންނެވި ބުރަ މަސައްކަތް ކުރެއްވި ފަންނާނުންގެ ނަންފުޅުތަކާއި، ލިޔުންތައް ލިޔުއްވި ބޭފުޅުންގެ ނަންފުޅުތައް އިސްލާމީ މަރުކަޒު ހުޅުވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ފޮތުގައި ލިޔުއްވައިފައިވެއެވެ. މިސްކިތުގެ ނަމާއި މިޙްރާބުގައިވާ ލިޔުންތައް ލިޔުއްވައިފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ.

އިސްލާމީ މަރުކަޒާއި އެ ތާނގައިވާ މިސްކިތުގެ ޢިމާރާތް

އުނިއިތުރު ގެންނަވާ

އިސްލާމީ މަރުކަޒުގެ އެންމެ ތިރީބައިގެ ބޮޑުމިނަކީ 27066 އަކަފޫޓެވެ. ޢިމާރާތުގެ އެންމެ ތިރީބައިގައި ވަނީ ދީނީ ތަޢުލީމު ދިނުމަށް ޚާއްޞަކޮށްފައިވާ 5 ކުލާހާއި، ލައިބުރަރީއެވެ. އަދި ތަފާތު ކަންތައްތަކަށް ބޭނުންކުރެވޭ 78×52 ފޫޓުގެ ކޮންފަރެންސް ހޯލާއި، މަރުކަޒުގެ އިދާރީބައި ހިންގާ އޮފީހާއި، މިސްކިތުގެ އިމާމުގެ އޮފީހެވެ. މީގެއިތުރުން ފިރިހެނުން ވުޟޫކުރާނޭ ދެ ތަނާއި، އަންހެނުން ވުޟޫކުރާނޭ ތަނެއް ވެސް ތިރީބައިގައިވެއެވެ. ފިރިހެނުން ވުޟޫކުރާ ތަނުގައި އެއްފަހަރާ 160 މީހުންނަށް އަދި އަންހެނުން ވުޟޫކުރާ ތަނުގައި 89 މީހުންނަށް ވުޟޫކުރެވޭނެއެވެ.

ދެވަނަބުރިއަކީ ނަމާދުކުރާ ބޮޑު ބައެވެ. މި ބައި ބަހައިލެވިފައިވަނީ ވެސް ތިން ބަޔަކަށެވެ. އެއީ އުތުރުފިޔަ އާއި ދެކުނުފިޔަ އާއި ބޮޑު ހޯލެވެ. މި ހޯލުގެ ބޮޑުމިނަކީ 6084 އަކަފޫޓެވެ. މި ބައިގެ ދެކުނުފިޔަ ޚާއްޞަކޮށްފައިވަނީ އަންހެނުންނަށެވެ.

ތިންވަނަބުރީގައި ވަނީ ވެސް ނަމާދުކުރާ ތަނެވެ. މި ދެބުރީގައި އެއްފަހަރާ 4500 މީހުންނަށް ނަމާދުކުރެވޭނެއެވެ.

 
އިސްލާމީ މަރުކަޒުގެ މިޙްރާބު

މިސްކިތުގެ އެންމެ ޚާއްޞަ އެއްތަނަކީ އެ ތާނގެ ބޮޑުހޯލާ ދިމާ މަތީގައިވާ ޤުއްބެވެ. އެ ތާނގެ އުސްމިނަކީ އެތެރެއިން ½ 80 ފޫޓެވެ. ބޭރުން ހަނދުފަޅިއާ އެކު 104 ފޫޓެވެ. އަނެއްތަނަކީ މިސްކިތުގެ ޙަރިންމަ ތެރޭގައި ދެކުނުފިޔައާ ދިމާގައި ހުރި 133 ފޫޓުގެ އުސް މުންނާރެވެ.

މިސްކިތުގެ ނަމަކީ مسجد السلطان محمد تكرفان الأعظم (މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް) އެވެ. މިސްކިތުގެ ނަން ނިޞްބަތްވަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކޮށްދެއްވި ޤައުމީ ބަޠަލު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަށެވެ. ދިވެހީންގެ ތެރެއަށް މަޝްހޫރު ނަމުން ނަމަ ބޮޑު ތަކުރުފާނަށެވެ.

އިސްލާމީ މަރުކަޒު ހުޅުވުމުގެ ތައްޔާރީތައް

އުނިއިތުރު ގެންނަވާ

އިސްލާމީ މަރުކަޒު ހުޅުވާ ދުވަސްކަމުގައި ކަނޑައެޅުއްވި 11 ނޮވެންބަރު 1984 އަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. އެހެންކަމުން މި ދުވަހަށް ޓަކައި ސަރުކާރުން ކަންތައްތައް ތައްޔާރުކުރައްވަމުންގެންދެވީ ވަރަށް މަތީ ފެންވަރެއްގައެވެ. ކަންތައްތައް އިންތިޒާމުކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ބޮޑެތި ގިނަ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ބައްލަވައި އިރުޝާދު ދެއްވަމުން ގެންދެވިއެވެ. މި ދުވަހާ ގުޅޭ މަސައްކަތްތަކުގައި އުޅުއްވި އެންމެ އިސް ބޭފުޅުންނަކީ:

  1. މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްއުސްތާޛު ފަތުޙުﷲ ޖަމީލް
  2. މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރޓީގެ ނާއިބު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ މެނޭޖިންގ ޑިރެކްޓަރއަލްފާޟިލް އިލްޔާސް އިބްރާހީމް
  3. މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުﷲ ޖަމީލް
  4. މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސް އަދި މާލޭ މުނިސިޕަލްޓީގެ ރައީސްގެ ބަދަލުގައި ހުންނެވި އަލްފާޟިލް ޢުމަރު ޒާހިރު
  5. މިނިސްޓްރީ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް އަލްފާޟިލް ޢައްބާސް އިބްރާހީމް
  6. ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން
  7. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ވާރކްސް ކޮންސަލްޓަންޓް އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރގެ ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން
 
އިސްލާމީ މަރުކަޒުގައިވާ ލަކުޑީގެ ވަޑާމާއި ޢަރަބި ލިޔުމުގެ ބައެއް މަސައްކަތް


ކުރެވެމުންދިޔަ ތައްޔާރުތަކުގެ ތެރޭގައި އިސްލާމީ މަރުކަޒު އެ ދުވަހަށް ނިންމުމުގެ މަސައްކަތާއި މާލެއާއި، ހުޅުލެ ޒީނަތްތެރިކުރުމުގެ މަސައްކަތް ހިނގަމުންދިޔައެވެ. މަސައްކަތް ހިންގުމުގައި ވާނުވާ ބަލައި، ދިމާވާ މައްސަލަތައް ހަމަޖައްސައި ކަންތައްތައް ފުރިހަމަކުރުމަށް ޓަކައި ޙަރަކާތްތެރިވާނޭ ޚާއްޞަ ވަގުތީ ޔުނިޓެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވިއެވެ. މި ޔުނިޓު ހިނގަމުންދިޔައީ އިސްލާމީ މަރުކަޒުގެ އިދާރީ އޮފީހުގައެވެ.

 
މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ނަމާދުކުރާ ބައި

އިސްލާމީ މަރުކަޒު ހުޅުވަން ކައިރިވެގެން އައި ދުވަސްވަރު އެ ތަނުގައި ހުއްޓުމެއްނެތި މަސައްކަތް ހިނގަމުންދިޔައެވެ. ޚާއްޞަކޮށް މިސްކިތުގެ އެތެރޭގައި ހަރުކުރެވޭ ލިޔުންތަކާއި ކުރެހުންތައް ކަނޑައިނަގައި، ކީހައި، ހަރުކުރުމުގެ މަސައްކަތެވެ. އަދި ބޭރުފާރު ޑިޒައިންކޮށްގެން ތައްޔާރުކުރުމުގެ މަސައްކަތެވެ. މީގެއިތުރުން އިސްލާމީ މަރުކަޒުގައި ހުންނަ އިސްލާމީ ކުތުބުޚާނާއަށް ފޮތް އެރުވުމާއި އެކަމާބެހޭ މަސައްކަތްތައް ވެސް ހިނގަމުންދިޔައެވެ.

ޖުމްހޫރީ ދުވަސް ކައިރިވެގެން އައި އިރު ސަރުކާރުގެ ތަންތަނާއި އަމިއްލަ މީސްމީހުންގެ ޢިމާރާތްތަކާއި ގޭގޭގެ ފާރުތައް ދޮވެ، ކުލަލައި ހެދުމުގެ މަސައްކަތާއި މަގުމަތީގައި ދަމާނޭ ލިޔުންތައް ފޮތީގައި ލިޔުމާއި އެކިއެކި ތަންތާނގައި ބަހައްޓާނޭ ގިޑިގެތައް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް މާލޭގައި ހިނގަމުންދިޔައެވެ. އަދި ވާރޭވެހި ފެންހެދުމުންނާއި ދުއްވާ އެއްޗެހީގެ ސަބަބުން އަޑިގުޑަންވެ އަބަދު ހަލާކުވޭވޭ އޮންނަ މާލޭގެ މަގުތައް ހަދައި އެއްވަރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންގެންދެވިއެވެ. އަދި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބޭއްވޭ ރަސްމިއްޔާތަށް ޓަކައި އެ ދަނޑު ވެސް ތައްޔާރުކުރިއެވެ.

ރާއްޖެއިން ބޭރުން ވަޑައިގަންނަވަން ހަމަޖެހިފައިވާ ޢިއްޒަތްތެރި މެހެމާނުންނަށް މަރުޙަބާ ދެންނެވުމަށް ޓަކައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުޅުލެ ޒީނަތްތެރިކުރުމާއި ގިޑިގެ ހެދުމުގެ މަސައްކަތްހުޅުލޭގައި ކުރަމުންދިޔައެވެ.

ބޭރުގެ ޢިއްޒަތްތެރީން މާލެ ވަޑައިގަތުން

އުނިއިތުރު ގެންނަވާ

އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަކީ ރާއްޖޭގައި މިހައިތަނަށް ބޭއްވި އިސްލާމީ ޤައުމުތަކުގެ އެކި ފެންވަރުގެ މަތީ ދަރަޖައިގެ ބޭފުޅުން އެންމެ ގިނައިން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެވެ. އެ ބޭފުޅުންގެ ތެރޭގައި މިޞްރުގެ ޖާމިޢުލް އަޒްހަރުގެ ޝައިޚުލް އަޒްހަރު ފަޟީލަތުލް އިމާމުލް އަކްބަރު އައްޝައިޚް ޖާދުލް ޙައްޤު ޢަލީ ޖާދުލް ޙައްޤާއި، މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯސެރީ ޑޮކްޓަރ މަހާތިރު ބިން މުޙައްމަދުގެ ދެ ކަނބަލުންނާއި، ބްރޫނާއީ ދާރުއް ސަލާމުގެ ޕްރިންސް ޖަޢުފަރު ބުލްޤިޔާ އާއި، މައްކާގެ ޙަރަމްފުޅުގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް މުޙައްމަދު އައްސުބައްޔިލާއި، މިޞްރުގެ ޖާމިޢުލް އަޒްހަރުގެ ނާއިބު ރައީސް އައްޝައިޚް މުޙައްމަދު ޢަބްދުއްރަޙްމާން އަލްކުރްދީ ހިމެނިވަޑައިގެންފައިވެއެވެ. އަދި ޝައިޚުލް އަޒްހަރުގެ އޮފީހުގެ ޑިރެކްޓަރ އައްސައްޔިދު މުޙައްމަދު އަމީން ބަދްވީ، ކުވައިތުގެ މިނިސްޓަރ އައުޤާފު މިސްޓަރ އަޙްމަދު ސަޢުދުލް ޖާސިރާއި، ޕާކިސްތާނުގެ މިނިސްޓަރ އޮފް ރިލިޖަސް އެފެއާޒް މިސްޓަރ ރާޖާ މުޙައްމަދު ޡަފަރުލް ޙައްޤު، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ މުޙައްމަދު މުޚްތާރާއި، ދުނިޔެއަށް މަޝްހޫރު މިޞްރުގެ ޤާރީ އައްޝައިޚް ޢަބްދުލްބާސިޠު ޢަބްދުއްޞަމަދު ފަދަ ބޭފުޅުންނާއި އަދިވެސް އިސްލާމީ ޤައުމުތަކުގެ ބައެއް މިނިސްޓަރުންނާއި ރަޙްމަތްތެރި ބައެއް ޤައުމުތަކުގެ އެކިފެންވަރުގެ ބޭފުޅުންނާއެކު، 55 ބޭފުޅުން މި ރަސްމިއްޔާތަށް މާލެ ވަޑައިގަތެވެ. މީގެތެރެއިން ބައެއް ބޭފުޅުން ވަޑައިގެންނެވީ އެކިއެކި ވަފުދުގެ ގޮތުގައެވެ. ރަސްމިއްޔާތަށް ވަޑައިގެންނެވި ނޫސްވެރީންނާއެކު ރާއްޖެ ވަޑައިގެންނެވި ބޭފުޅުންގެ މުޅި ޖުމުލައަކީ 59 އެވެ.

އިސްލާމީ މަރުކަޒާއި މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ހުޅުވުމުގެ ޖަލްސާ

އުނިއިތުރު ގެންނަވާ
 
މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ނަމާދުކުރާ ބައި

އިސްލާމީ މަރުކަޒާއި މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ރާއްޖޭގެ ޖުމްހޫރީ ދުވަސްކަމުގައިވާ 11 ނޮވެންބަރު 1984 ވީ އާދީއްތަ ދުވަހު އެ މަރުކަޒުގައެވެ. އެއީ 18 ޞަފަރު 1405 އެވެ. ވިހާ ނަކަތުން 11 ވަނަ ދުވަހެވެ. ހުޅުވުމުގެ ޖަލްސާ އަޑުއެހުމަށާއި މިސްކިތުގައި މެންދުރު ނަމާދުކުރުމަށް ޢާންމުންގެ ތެރެއިން ހަތަރު ހާހެއްހައި މީހުން އައެވެ.

ޖަލްސާ ފެށީ އެ ދުވަހުގެ ހެނދުނު 10:45 ގައި ކީރިތި ޤުރްއާނުގެ ބަރަކާތުންނެވެ. ކިޔަވައިވިދާޅުވީ މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ މިޞްރުގެ ޤާރީ އައްޝައިޚް ޢަބްދުލްބާސިޠު ޢަބްދުއްޞަމަދެވެ. އެ ބޭފުޅާ ކިޔަވައިވިދާޅުވީ سورة الفتح ގެ 27 ވަނަ އާޔަތުން ފެށިގެން 29 ވަނަ އާޔަތުގެ ނިޔަލަށެވެ.

 
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޖަލްސާއެއް ކުރިއަށްދަނީ

މި ރަސްމިއްޔާތުގައި ފަޟީލަތުލް އިމާމުލް އަކްބަރު އައްޝައިޚް ޖާދުލް ޙައްޤު ޢަލީ ޖާދުލް ޙައްޤާއި، މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯސެރީ ޑޮކްޓަރ މަހާތިރު ބިން މުޙައްމަދު ވާހަކަފުޅު ދެއްކެވިއެވެ. އެއަށްފަހު ވާހަކަފުޅު ދެއްކެވީ ދިވެހިރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ. އެ މަނިކުފާނު ވާހަކަފުޅު ދައްކަވަން ހުންނެވި ޕޯޑިއަމުގައި ހަރުކޮށްފައި ހުރި ދެ ސުވިޗަށް އޮބައިލެއްވުމާއެކު އިސްލާމީ މަރުކަޒާއި މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ނަމުން ނަންދެވުނު ބޮޑު މިސްކިތް އެ ދުވަހުގެ 11:30 ގައި ރަސްމީގޮތުން ހުޅުވުނެވެ. ހަމަ އެ ވަގުތު މިސްކިތުގެ މޫނުމަތީގައި ހަރުކޮށްފައިވާ ނަންބޯޑުގެ ފަރުދާ ކެހިގެންދިޔައެވެ. އަދި ހަމަ އެ ވަގުތު އެ ޢިމާރާތުގެ ތެރޭގައި ބަހައްޓައިފައިހުރި ހަނދާނީ ލިޔުމުގެ ބޯޑުގެ ފަރުދާ ވެސް ކެހިގެންދިޔައެވެ.

ރައީސުލްޖުމްހޫރިއްޔާއަށްފަހު ވާހަކަފުޅު ދެއްކެވީ މައްކާގެ ޙަރަމްފުޅުގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް މުޙައްމަދު އައްސުބައްޔިލެވެ. އިމާމުގެ ވާހަކަފުޅު ނިންމަވައިލެއްވީ ވަރަށް އަސަރުގަދަ އަދި ވަރަށް ފުރިހަމަ ދުޢާއެއް ކޮށްދެއްވަމުންނެވެ. އިމާމުގެ ވާހަކަފުޅަށްފަހު އަނެއްކާ ވެސް ކީރިތި ޤުރްއާން ކިޔެވުމެވެ. ކިވައިވިދާޅުވީ އައްޝައިޚް ޢަބްދުލްބާސިޠު ޢަބްދުއްޞަމަދެވެ. ކިޔަވައިވިދާޅުވީ سورة الشرح އާއި سورة النصر އެވެ. ޤުރްއާން ކިޔަވައިވިދާޅުވުން ނިމުމާއެކު މި ޖަލްސާ ނިމިގެންދިޔައެވެ.

އިސްލާމީ މަރުކަޒުގެ ނިޝާނާއި ދިދަ

އުނިއިތުރު ގެންނަވާ

އިސްލާމީ މަރުކަޒުގެ ނިޝާނަކީ ހަނދުފަޅިއެއްގެ ތެރޭގައި ޑިޒައިންކޮށްފައި ހުރި ކުރެހުމަކުން ހުރި އެ މަރުކަޒުގެ ޤުއްބާއި މުންނާރެވެ. އިސްލާމީ މަރުކަޒުގެ ދިދައިގައި ވަނީ އެ ނިޝާނެވެ. ދިދައިގައި ހަނދުފަޅި ހުންނަނީ ހުދުކުލައިންނެވެ. ޤުއްބާއި މުންނާރާއި ޑިޒައިންގައިވާ އިތުރު ރޮނގުތައް ހުންނަނީ ރަންކުލައިންނެވެ.

އެންމެ ފުރަތަމަ ކުރި ނަމާދު

އުނިއިތުރު ގެންނަވާ
 
އިސްލާމީ މަރުކަޒުގައި އެންމެ ފުރަތަމަ ޖަމަޢާތުގައި ކުރި ނަމާދަށް ބަންގިދެއްވި މިޞްރުގެ ޤާރީ އައްޝައިޚް ޢަބްދުލްބާސިޠު ޢަބްދުއްޞަމަދު
 
އިސްލާމީ މަރުކަޒުގައި އެންމެ ފުރަތަމަ އިމާމުވެ ނަމާދުކުރެއްވި މިޞްރުގެ ޖާމިޢުލް އަޒްހަރުގެ ޝައިޚުލް އަޒްހަރު ފަޟީލަތުލް އިމާމުލް އަކްބަރު އައްޝައިޚް ޖާދުލް ޙައްޤު ޢަލީ ޖާދުލް ޙައްޤު

11 ނޮވެންބަރު 1984 ވީ އާދީއްތަ ދުވަހުގެ މެންދުރު 11:54 ގައި އިސްލާމީ މަރުކަޒުގެ ތާޅަފިލިތަކުން އިވިގެންދިޔައީ ދުވަހުގެ މެންދުރު ނަމާދު ވަގުތުގެ ބަންގީގެ އަޑެވެ. ބަންގިދެއްވީ މިޞްރުގެ ޤާރީ އައްޝައިޚް ޢަބްދުލްބާސިޠު ޢަބްދުއްޞަމަދެވެ. މެންދުރު ނަމާދު އިމާމުވެ ކުރެއްވީ މިޞްރުގެ ޖާމިޢުލް އަޒްހަރުގެ ޝައިޚުލް އަޒްހަރު ފަޟީލަތުލް އިމާމުލް އަކްބަރު އައްޝައިޚް ޖާދުލް ޙައްޤު ޢަލީ ޖާދުލް ޙައްޤެވެ. މި ޖަމާޢަތުގައި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަޑައިގެން ތިއްބެވި ޢިއްޒަތްތެރި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި ޙުރުމަތްތެރިވެގެންވާ މައްކާގެ ޙަރަމްފުޅުގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް މުޙައްމަދު އައްސުބައްޔިލް ހިމެނިވަޑައިގަންނަވާކަމީ ވެސް ބަޔާންކުރަން ދަތި އަސަރެއް އެ ކަމުގައި އެކުލެވިގެންވާ ކަމެކެވެ.

އިސްލާމީ މަރްކަޒު. (1986). އިސްލާމީ މަރްކަޒު ބިނާކުރުމާއި ހުޅުވުން. މާލެ.