ފަޟީލަތުލް ޢައްލާމަތުއްޝައިޚް އިބްރާހިމް ތަކުރުފާނު އައިސާބީގެ ދަރު ދޮންބެއްޔާ(1828-1916)އަކީ ދިވެހިރާއްޖޭގެ ތަޢުލީމުގެ އެއްބާނީއެވެ. އެތަކުރުފާނަކީ ދިވެހި ޢިލްމީ މުޖައްދިދުންގެ ތެރެއިން އެއް މުޖައްދިދެވެ. މިޒަމާނުގެ ތަޢުލީމުގެ ޙަރަކާތުގެ ތާރީޚް ފެށުނީ އައްޑޫގައި އެތަކުރުފާނުފެއްޓެވި ޢިލްމީ ތަޙްރީކުންނެވެ. އެކަލޭގެފާނަކީ ޢިލްމާއި ހުނަރުގެ އަދި އަޚްލާޤުގެ ނަމޫނާ ޝަޚްސިއްޔަތެކެވެ. ވާދޫ ދަންނަ ކަލޭގެފާނުގެ ޢިލްމީ ޙަރަކާތަށް އާދިރުމެއް ގެންނވައި އެޢިލްމު މިޒަމާނުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދެއްވި ރާއިދަކީ އެތަކުރުފާނުއެވެ. އެތަކުރުފާނުގެ ޢިލްމީ ސަނަދު އެކަލޭގެ ފާނުގެ ކާފައިކަލުނަވި އލްޢައްލާ މުޙައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނާގެ މަގުން އަލްޢައްލާމަތު މުޙައްމަދު ޖަމާލުއްދީން ވާދޫ ދަންނަ ކަލޭގެ ފާނާ ގުޅިފައވެއެވެ. އެތަކުރުފާކީ ސ. މީދޫ އައިސާބީގެ ދަރު އަލްޚަޠީބު އައްޝައިޚް ޙުސައިން ތަކުރުފާނުގެ ދަރިކަލުންނެވެ. އަލްޤާޟީ މޫސާބަދުރުއްދީނު ފަނޑިޔާރު ތަކުރުފާނަކީ އެކަލޭގެފާނުގެ ބޭބޭފުޅެވެ. ޝައިޚް އިބްރާހިމް ތަކުރުފާނުގެ ދަރިވަރުންގެ ތެރޭގައި ޝައިޚް ޙުސައިން ސަލާޙުއްދީން، ޝައިޚް ޢަބްދުއްރަޙްމާނު، ޝައީކް އިބްރާހިމް ލުޠްފީ،އެތަކުރުފާނުގެ ދަރިކަލުން އަޙްމަދުދީދީ ފަދަ ފުންނާބު އުސް ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.