ކަރުބަލާ ހަނގުރާމަ
ކަރުބަލާ ހަނގުރާމަ | |||||||
---|---|---|---|---|---|---|---|
Abbas Al-Musavi's Battle of Karbala, Brooklyn Museum | |||||||
| |||||||
ހަނގުރާމަވެރިން | |||||||
އުމަވީ ދައުލަތް | ބަނީ ހާޝިމް ވަންހައިގެ ޙުސައިން އިބުނު ޢަލީ | ||||||
ކޮމާންޑަރުން އަދި ލީޑަރުން | |||||||
Ubayd Allah ibn Ziyad Umar ibn Sa'ad Shimr ibn Thil-Jawshan Al-Hurr ibn Yazid al Tamimi (left his army and joined Hussein during the battle) †[A] |
Hussein ibn Ali † Al-Abbas ibn Ali † Habib ibn Muzahir † Zuhayr ibn Qayn † | ||||||
ލިބުނު ގެއްލުން | |||||||
88 killed, plus some wounded.[1] | 72 casualties of Hussain's army | ||||||
^A Hurr was originally one of the commanders of Ibn Ziyad's army but changed allegiance to Hussein along with his son, slave and brother on 10 Muharram 61 AH, October 10, 680 AD |
ކަރުބަލާ ހަނގުރާމަ ހިނގީ ހިޖުރައިން 61 ވަނަ އަހަރުގެ މުހައްރަމް މަހުގެ 10 ވަނަ ދުވަހު (10 އޮކްޓޯބަރ 680 މ.) ކަރުބަލާ (މިހާރުގެ އިރާގް) ގައެވެ. ހަނގުރާމަ ކުރެވުނީ މުސްލިމުންގެ ރަސޫލާ މުޙައްމަދުގެފާނުގެ ކާފަ ދަރިކަލުން ޙުސައިން އިބްނު ޢަލީ (ޙުސައިންގެފާނު)ގެ ތިމާގެ މީހުން އަދި ތަބާވީ މީހުންނާ ދެކޮޅަށެވެ. ހަނގުރާމައިގެ އަނެއް ކޮޅަކީ އުމަވީ ދައުލަތުގެ ޔަޒީދުގެ ލަޝްކަރެވެ. ޙުސައިންގެފާނާއި އާއިލާގެ އަދި ތަބާވީ ވަރަށް ގިނަ ބަޔަކު މި ހަނގުރާމައިގައި ޝަހީދު ވިއެވެ. ޙުސައިންގެފާނުގެ 6 މަހުގެ ދަރިކަލުން ޢަލީ އަލް އަޝްގަރް އިބްން ޙުސައިން ވެސް މި ހަނގުރާމައިގައި ޝަހީދުވިއެވެ. ހަނގުރާމައިގައި ޝަހީދުވީ އެންމެންނަކީ ވެސް ޝަހީދުން ކަމުގައި މުސްލިމުންގެ އެންމެ ބޮޑު ދެ ޖަމާއަތް ކަމުގައި ވާ ސުންނީ އަދި ޝީޢީން ގަބޫލުކުރެއެވެ. އަދި މި ހިތާމަވެރި ހާދިސާ އަކީ ޝީޢީންގެ ތާރީހާއި ސަގާފަތުގެ ތެރޭގައި ވަކިން ހާއްސަ މަގާމެއް ދެވިފައިވާ ކަމެކެވެ. އަދި ޝީޢިންގެ މުހިއްމު ލިޔުންތަކުގައި މި ހާދިސާ ތަކުރާރުކޮށް ބަޔާންކޮށްފައި ވެއެވެ.
ސިޔާސީ ފަސްމަންޒަރު
އުނިއިތުރު ގެންނަވާމުސްލިމުންގެ 3 ވަނަ ޚަލީފާ އުޘްމާނުގެފާނުގެ ޚިލާފަތު ނިމުނީ ވަރުގަދަ ދެކޮޅުވެރިކަމަކުންނެވެ. މި ހަމަނުޖެހުމުގައި އުޘްމާނުގެފާނު ޝަހީދުކޮށްލެވުނެވެ. އަދި ދެކޮޅުވެރިވީ ފަރާތްތަކުން މަދީނާ ހިސާރުކޮށްގެން އެތައް ދުވަހަކު ތިއްބެވެ. މި ހާދިސާތަކާ ގުޅިގެން މުސްލިމު އުއްމަތުގެ ވަރަށް ބޮޑު ތާއިދާއެކު ޢަލީގެފާނު ޚަލީފާކަމަށް އިސްކުރެވުނެވެ. އަދި ޢަލިގެފާނަށް ވަރަށް ގިނަ ބަޔަކު ތާއީދުކޮށް ބައިއަތު ހިފިއެވެ. ޢަލީގެފާނުގެ ފުރަތަމަ މަސައްކަތަކަށް ހެއްދެވީ މުސްލިމު އުއްމަތް އެކުވެރި ކުރެއްވުމެވެ. އަދި ކަންތައްތައް ހަމައަކަށް ނޭޅެނީސް ދެކޮޅުވެރިންނާ ހަމަލާ ނުދިނުމަށް ޢަލީ އަމުރު ކުރެއްވިއެވެ. އޭރު ސީރިޔާގެ ގަވަރުނަރަކަށް ހުންނެވީ މުއާވިޔަތެވެ. އޭނާ އަކީ ޝަހީދުކޮށްލެވުނު އުޘްމާންގެފާނުގެ ތިމާގެ ބޭފުޅެކެވެ. މީނާ ޢަލިގެފާނަށް ބައިއަތުހިފަން ދެކޮޅުހެދިއެވެ. އަދި ޢަލީގެފާނާއި މުއާވިޔަތު އާ ދެމެދު ދެކޮޅުވެރިކަން އުފެދި ހަމަނުޖެހުން ހިނގަން ފެށިއެވެ. މިކަމުގެ ސަބަނުން މުސްލިމުން ބައިބައިވެގެން ދިޔައެވެ. ޢަލީގެފާނު ޝަހީދުވުމަށް ފަހު، ޙަސަންގެފާނު ވެރިކަމާ ހަވާލުވެ ލެއްވިއެވެ. އެހެންނަމަވެސް ދާދި އަވަހަށް ހަސަންގެފާނު ވެރިކަމުން ދުރަށް ވަޑައިގެން މުއާވިޔަތާ ހަވާލުކުރެއްވިއެވެ. ބޭނުމަކީ މުސްލިމުންގެ މެދުގައި އިތުރު ގަތުލު ހިނގިޔަ ނުދިނުމެވެ.
މުއާވިޔަތާމެދު އެންމެ ބޮޑަށް ފާޑުކިޔުނު އެއް ކަމަކީ އޭނާގެ ދަރި ޔަޒީދު ވެރިކަމަށް ގެނައުމަށް ނިންމި ނިންމުމެވެ.
ޔަޒީދު ވެރިކަމަށް އައްޔަން ކުރި ކުރުމަކީ މަދީނާގައި ތާއިދު އޮތް ކަމެއް ނޫނެވެ.
ސަހީހުލް ބުހާރީގެ ވޮލިއުމް 6 ގެ 60 ވަނަ ފޮތުގައި ޔޫސުފް ބިން މަހަކް ކިބައިން ރިވާ ކުރައވާފައި ވެއެވެ.
އިބްން ތަޘީރު އޭނާގެ ފޮތް އަލް ބިދާޔާ ވައް ނިހާޔާ ގައި ލިޔުއްވާފައި ވެއެވެ. ހިޖުރައިން 56 ވަނަ އަހަރު މުއާވިޔަތު، އޭނާއަށް ފަހު ޚަލީފާކަމަށް ޔަޒީދު އައްޔަން ކުރުމަށް ބައިއަތު ހިފުމަށް، މީސްތަކުން ކިބައިން އެދުނެވެ. ގިނަ މީހުން އެކަމާ އެއްބަސް ވިއެވެ. ނަމަވެސް އަބްދުއްރަހްމާން އިބްން އަބޫބަކުރު (އަބޫބަކުރުގެފާނުގެ ދަރިކަލުން)، އަބްދުﷲ އިބްން އުމަރު (އުމަރުގެފާނުގެ ދަރިކަލުން)، ޙުސައިންގެފާނު (ޢަލީގެފާނުގެ ދަރިކަލުން)، އަބްދުﷲ ބިން ޒުބައިރު (އަބޫބަކުރުގެފާނުގެ ކާފަ ދަރިކަލުން) އަދި އަބްދުﷲ އިބްން އައްބާސް (ޢަލީގެފާނުގެ ދެބެންގެދެދަރި) ދެކޮޅު ހެއްދެވި އެވެ. އަދި މައްކާގައި އުމުރާ ވުމަށް ފަހު، މުއާވިޔަތު މި ފަސް ބޭކަލުންގެ ގާތަށް ގޮސް ސުވާލު ކުރައްވާ ބިރު ދެއްކެވިއެވެ. މިކަމާ މުއާވިޔަތާ އެންމެ ހަރުކަށިކޮށް ރަށްދު ދެއްވީ އަބްދުއްރަހްމާން ބިން އަބު ބަކުރެވެ. އަދި އެންމެ މަޑުމައިތިރިކޮށް ޖަވާބު ދެއްވީ އަބްދުﷲ ބިން އުމަރެވެ.
އެއަށް ފަހު މުއާވިޔަތު މުސްލިމުންނަ ތަގްރީރު ކުރެއްވިއެވެ. ތަގްރީރަށް ފަހު މީސްތަކުންގެ ޔަޒީދަށް ބައިއަތު ހިފި އެވެ. މި މަންޒަރު ފެނި ނި ފަސް ބޭފުޅުން ހިމޭނުން ތިއްބެވިއެވެ. އުޘްމާނުގެފާނުގެ ދަރިކަލުން ސައީދު ވެސް މުއާވިޔަތުގެ ދަރި ޔަޒީދަށް ވެރިކަން ހަވާލުކުރުމާ ދެކޮޅު ހެއްދެވިއެވެ. އެބޭކަލުން މުއާވިޔަތު ބަލައިގަތަސް ޔަޒީދުއަށް ތާއިދެއް ނުކުރެއެވެ.
މުއާވިޔަތު ވަނީ މި ފަސް ބޭފުޅުންނާމެދު އަމަލުކުރާނެ ގޮތް ލިޔުމުން ޔަޒީދަށް އަންގާފައެވެ. ވަކިން ހާއްސަކޮށް ޙުސައިންގެފާނު އާ މެދު ސަމާލުވުމަށް ބުނެފައި ވެއެވެ. ސަބަބަކީ އެކަލޭގެފާނަކީ ރަސޫލުﷲގެ ފާނާ ލޭގެގުޅުން އޮތް ހަމައެކަނި ފަރާތް ކަމަށް ވުމެވެ. އަބްދުﷲ އިބްން އައްބާސް އަދި އަބްދުﷲ އިބްން އުމަރު އިތުރު ހަމަނުޖެހުމެއް ހިނގުމަށް ނޭދޭތީ ހިމޭނުން ތިއްބެވީއެވެ. އަބްދުﷲ އިބްން ޒުބައިރު ފާޅުގައި ދެކޮޅު ހައްދަވައި ޙުސައިންގެފާނާ އެކު މައްކާއަށް ވަޑައިގެންނެވިއެވެ.
ރަސޫލާގެ ހަދީސް
އުނިއިތުރު ގެންނަވާހަނގުރާމައިގެ ކުރީގެ ހާދިސާތައް
އުނިއިތުރު ގެންނަވާމުއާވިޔަތް 1 އަވަހާރަވީ ހ. 60 ވަނަ އަހަރުގެ ރަޖަބް 22 ގައެވެ. އަދި މުސްލިމުންގެ ޚަލީފާކަން ނަގުލުވާ ސަގާފަތާއި، މުއާވިޔަތު އާއި ޙަސަންގެފާނާއި ވެފާވާ އެއްބަސްވުމާ ވެސް ހިލާފަށް އޭނާގެ ދަރި ޔަޒީދު ވެރިކަމަށް އައްޔަން ކުރިއެވެ. އެހެންކަމުން ޚަލީފާކަން ވިރާސީ ވެރިކަމަކަށް ބަދަލުވީއެވެ. މި ބަދަލަށް މުސްލިމުންގެ ތެރޭގައި ނުރުހުން އުފެދުނެވެ. މި އުފެދުނު ވިރާސީ ވެރިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޙުސައިންގެފާނު ކަމުގައި އެމީހުން ދެކުނެވެ. ސަބަބަކީ އޭނާ އަކީ މުޙައްމަދުގެފާނުގެ ހަމައެކަނި ދިރިހުރި ކާފަދަރިކަލުންނަށް ވުމެވެ. އެހެންކަމުން ޔަޒީދުގެ ގަވަރުނަރު ވަލީދު މަދީނާއަށް ފޮނުވައިގެން ޙުސައިންގެފާނުގެ ބައިއަތު ޔަޒީދަށް ހޯދުމަށް މަސައްކަތް ކުރިއެވެ. މިކަމާ ޙުސައިންގެފާނު ދެކޮޅު ހެއްދެވިއެވެ. އަދި ޙުސައިންގެފާނުގެ އާއިލާގެ އެއްވެސް މީހަކު، ޔަޒިދުގެ އާއިލާގެ އެއްވެސް މީހަކީ ވެރިއެއް ކަމުގައި ގަބޫލު ނުކުރާނެ ކަމުގައި ދެންނެވިއެވެ. އޭގެ 2 ދުވަސް ފަހުން ޙުސައިންގެފާނު މަދީނާއިން މައްކާއަށް ދަތުރުކުރެއްވި އެވެ. އަދި ޝައުބާން މަހުން ފެށިގެން ޒުލްގައިދާ މަހާ ހަމައަށް މައްކާގައި ހުންނެވިއެވެ.
މައްކާގައި ހުންނެވި ދުވަސްވަރު ކޫފާއިން އެމީހުންގެ ތާއީދު އެކަލޭގެފާނަށް އޮތްކަން އަންގައި ސިޓީ ފޮނުވިއެވެ. އަދި ވެރިކަން ގަބޫލުކޮށްދެއްވުމަށް އެދިފައި ވެއެވެ. އެހެންކަމުން އެތަނުގެ ހާލަތު ދެނެގަތުމަށްޓަކައި އަދި ރައްޔިތުންގެ ހިޔާލު ހޯއްދެވުމުގެ ބޭނުމުގައި އެކަލޭގެފަނުގެ ދެބެންގެދެދަރި މުސްލިމް ބުނު އަގީލް ފޮނުވިއެވެ.
ޙުސައިންގެފާނު ކޫފާއަށް ފޮނުވި މުސްލިމް އިބްން އަގީލް އަށް ކޫފާއިން ހޫނު މަރުހަބާއެއް ކިއެވެ. އަދި އެތާގެ ގިނަ މީހުން އޭނާއަށް ބައިއަތު ހިފިއެވެ. އަގީލަށް ފުރަތަމަ ފެނުނު މަންޒަރަށް ބަރޯސާވެ އޭނާ ޢަލީގެފާނަށް ފުރިހަމަ ތާއީދު އޮތް ކަމަށް ސިޓީ ލިޔެ އެންގިއެވެ. އެހެން ނަމަވެސް، އާ ގަވަރުނަރު އުބައްޔަދުﷲ ބިން ޒިޔާދު ހަވާލުވުމާ ހަމައިން މަންޒަރު ބަދަލުވިއެވެ. މުސްލިމް އިބްން އަގީލާއި އޭނާގެ ހަވާލުދާރު ޙާނީ އިބްން އުރުވާ، 9 ޛުލްހައްޖު 60ހ. ގައި ގަތުލު ކުރެވުނެވެ. އަދި މި ކަމާ މާބޮޑު ނުރުހުންތެރިކަމެއް ކޫފާއިން ފާޅެއް ނުވެއެވެ. މި ހާދިސާއަށް ފަހު މީހުންގެ މެދުގައި ޔަޒީދަށް ތައިދު އިތުރުވެ ޙުސައިންގެފާނާ ދެކޮޅުވުން ފެށުނެވެ. އޭގެ ފަހުން އަމްރު ބުނު ސާދު ބުނު އާސް އިސްކޮށް ހަނގުރާމަ ގާފިލާއެއް ތައްޔާރުކޮށް، ހައްޖު މޫސުމުގައި ޙުސައިންގެފާނު ޝަހީދުކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު އެކަލޭގެފާނަށް ލިބިލެއްވި އެވެ. އެހެންކަމުން ހައްޖުދުވަހުގެ ކުރީ ދުވަހު، ޛުލްހައްޖު މަހުގެ 8 ގައި، އުމުރާވެވަޑައިގެން، މައްކާ ދޫކުރައްވާ ވަޑައިގެންނެވިއެވެ. އެއީ ރޭވެމުން މިދާ ހަދިސާގެ ސަބަބުން ކައުބާގެ ހުރުމަތް ކުޑަވެގެން ހިނގައިދާނެ ކަމަށްޓަކައެވެ.
މައްކާ ދޫކުރައްވާ ވަޑައިގެންނެވުމުގެ ކުރިން ޙުސައިންގެފާނު ކައުބާގައި ތަގްރީރު ކުރެއްވިއެވެ. އަދި ކައުބާގެ ހުރުމަތް ކެނޑޭފަދަ އެއްވެސް ކަމެއް ހިނގިޔަދޭން ނޭދޭކަމަށާއި، އެކަލޭގެފާނުގެ އަދުއްވުން އެވަނީ ދީނުގެ ހައްދުތައް ފަހަނަގޮސް ކަމުގައި ފާހަގަކުރެއްވިއެވެ.
ޙުސައިންގެފާނު ކޫފާއަށް ދަތުރު ކުރެއްވުމަށް ނިންމެވުމާ ގުޅިގެން އަބްދުﷲ ބުން އައްބާސް އާއި އަބްދުﷲ ބުން ޒުބައިރު ޙުސައިންގެފާނާއި ބައްދަލްކޮށް އެ ދަތުރު ނުކުރެއްވުމަށް ހިޔާލުދެއްވި އެވެ. އަދި ދަތުރު ކުރައްވާ ނަމަވެސް، ދަތުރުގައި އަންހެނުންނާއި ކުޑަކުދިން ނުގެންދިއުމަށް ލަފާދެއްވި އެވެ. ނަމަވެސް ޙުސައިންގެފާނު ނިންމެވީ ކުރިންވެސް ނިންމާފައިވާ ގޮތަށް ދަތުރުކުރެއްވުމަށެވެ. އަދި ދަތުރު ކުރެއްވުމުގެ އެއް ދުވަސް ކުރިން މުސްލިމުންނަށް ޚުތުބާއެއް ދެއްވިއެވެ. އެ ޚުތުބާގައި ފާހަގަ ކުރެއްވީ:
ގާފިލާ ކޫފާއަށް ދަތުރުކުރުމުގެ މަގުމަތީގައި މުސްލިމް ބުން އަގީލް ޝަހީދުކޮށްލެވުނު ހަބަރު ލިބުނެވެ. އެހެންނަމަވެސް ޙުސައިންގެފާނު ނިންމެވީ ދަތުރު ކުރިއަށް ގެންދުމަށެވެ. އަދި ގައިސް ބުނު މުސާހިރު އައް ސައިދަވީ ކޫފާގެ ވެރިންނާ ބައްދަލުކުރުމަށް ފޮނުވިއެވެ. ނަމަވެސް ގައިސް ހައްޔަރުކޮށް ޝަހީދުކޮށްލެވުނެވެ.
ހަނގުރާމައިގެ ހާދިސާތައް
އުނިއިތުރު ގެންނަވާޙުސައިންގެފާނުގެ ގާފިލާ ކޫފާއާ ދެދުވަހުގެ މުއްދަތަށް ކައިރި ވެފައި ވަނިކޮށް ޔަޒީދުގެ ލަޝްކަރާ ބައްދަލް ވިއެވެ. ލަޝްކަރުގެ ވެރިއަކީ ހޫރް ބުން ރައިހީ އެވެ. އެމީހުން ތިބީ ޙުސައިންގެފާނާ އެއް ކޮޅަށްތޯ ނުވަތަ ދެކޮޅަށްތޯ ސުވާލުކުރިއެވެ. އެމީހުންގެ ޖަވާބަކީ ޙުސައިންގެފާނާ ދެކޮޅުކަމެވެ. އަދި އެހިސާބުން އެނބުރި ދިއުމަށް ޙުސައިންގެފާނު ހިޔާލު ކުރެއްވި އެވެ. ނަމަވެސް ޙުސައިންގެފާނު އެނބުރި މަދީނާއަށް ދިއުމަށް ހޫރް ހުރަސް އެޅިއެވެ. މުޙައްމަދުގެފާނުގެ އާއިލާގެ ބޭފުޅުންނަށް ކަރުބަލާ އަށް އާދެވުނީ 2 މުހައްރަމް 61ހ. ގައެވެ. އެމީހުން އެބިމުގައި މަޑުކޮށްގެން ތިބުމަށް ހޫރު އަމުރުކުރިއެވެ.
ހަނގުރާމައިގެ ލީޑަރަކަށް އައްޔަން ކުރެވުނީ އުމަރު ބުން ސައާދެވެ. ފުރަތަމަ އޭނާ އިންކާރުކުރިއެވެ. ނަމަވެސް އިންކާރު ކޮށްފިނަމަ އޭނާއަށް ހަވާލުކޮށްފައި އޮތް ގަވަރުނަރުކަން އަތުލާނެ ކަމުގެ ބިރު ދެއްކުމުން އެންމެ ފަހުން އެއްބަސް ވީއެވެ. އޭނާއަށް އަމުރު ކުރެވުނީ މުހައްރަމް 6 ވަނަ ދުވަހު ހަނގުރާމަ ފެށުމަށެވެ. އޭނާގެ ލަޝްކަރު ކަރުބަލާގެ މައިދާނަށް ދިޔައީ 3 މުހައްރަމް 61ހ. ގައެވެ.
ހަނގުރާމައިގެ ކަން ކުރަންވީ ގޮތް އަނގާ ޒިޔާދް، އުމަރު ބުން ސައުދަށް ފޮނުވި ސިޓީގައި ވަނީ ޙުސައިންގެ ފާނުގެ ގާފިލާ ބޯފެން ލިބޭނެ މަގުތައް ބަންދުކުރުމަށް އަންގާފައެވެ. އެހެންކަމުން 5،000 އަސްވާރުން ފޮނުވައިގެން [[ފުރާތު ކޯރު]] ސަރަހައްދު ބަންދު ކުރިއެވެ. ޙުސައިންގެފާނުގެ ގާފިލާއިން މިކަމާ މަޝްވަރާ ކުރުމުންވެސް ފެނުގެ ފެން ލިބޭނެ ގޮތެއް ނުވިއެވެ. މުހައްރަމް މަހުގެ 10 ވަނަ ދުވަހު، ހަނގުރާމަ ފެށުމާ ހަމައަށް ވެސް ފެން ލިބުން ވަނީ ބަންދުވެފައެވެ.
ލަސްނުކޮށް ހަނގުރާމަ ފެށުމަށް ޒިޔާދު ސައާދަށް އަމުރު ކުރިއެވެ. އެހެންކަމުން މުހައްރަމް 9 ވަނަ ދުވަހު މެންދުރު ފަހު ޙުސައިންގެފާނުގެ ގާފިލާއާ ކައިރި ކުރިއެވެ. ނަމަވެސް ޙުސައިންގެފާނުގެ ފަރާތުން އައްބާސް ބުން ޢަލީ ފޮނުވައި ސައާދުއާ ވާހަކަ ދައްކައިގެން ހަނގުރާމަ ފެށުން ޖެހިގެން އަންނަ ދުވަހުގެ ހެނދުނާ ހަމައަށް ފަސްކުރުމަށް އެދުނެވެ. އެއީ ރޭގަނނޑު އަޅުކަމުގައި ދެމިތިބުމުގެ ބޭނުމުގައެވެ. މިކަމާ ސައާދު އެއްބަސްވިއެވެ.
އެރޭގައި، ޙުސައިންގެފާނު މީސްތަކުން އެއްކުރައްވައި، ބޭނުން މީހަކު މިރޭގެ އަނދިރި ކަމުގައި ފިލައިގެން ދިއުމަށް އިޒުނަ ދެއްވި އެވެ. އަދި ޙުސައިންގެފާނާ އެކު މައިދާނުގައި މަޑުކޮށްފި ނަމަ ހަނގުރާމައިގައި މަރުވެދިއުމުގެ ފުރުސަތު ބޮޑުކަމުގައި އެންގެވިއެވެ. ނަމަވެސް އެއްވެސް މީހަކު އެރޭގައި ޙުސައިންގެފާނު ދޫކޮށް ދާކަށް ބޭނުމެއް ނުވިއެވެ. ދެން އެންމެން މުޅި ރޭގައި ނަމާދުކޮށް ދުއާ ކުރުމުގައި ދެމިތިބީ އެވެ.
ހަނގުރާމަ ހިނގި ދުވަސް
އުނިއިތުރު ގެންނަވާމުޙައްރަމް 10 ވަނަ ދުވަހު، ނުވަތަ އާޝޫރާ ދުވަހު ޙުސައިންގެފާނުގެ އަސްހާބުންނާ އެކު ފަތިސް ނަމާދު ކުރައްވައި ހަނގުރާމައިގެ ލަޝްކަރު ރުކުރުވާލެއްވިއެވެ. ލަޝްކަރުގެ ކަނާތްފަރާތު ލީޑަރަކަށް ހަމަޖެއްސެވީ ޒުހައިރު ބުން ގައިން އެވެ. އަދި ވާތް ފަރާތަށް ހަބީބް ބުން މުޒާހިރެވެ. ލަޝްކަރުގެ ވެރިއަކަށް ހުންނެވީ އައްބާސް ބުން ޢަލީ އެވެ. ޙުސައިންގެފާނުގެ ލަޝްކަރުގެ އަދަދަކީ 32 އަސްވާރުންނާއި، 40 ހަނގުރާމަވެރިންނެވެ. ޙުސައިންގެފާނު ސަވާރުވެގެން އިންނެވީ ޒުލްޖަނާ އެވެ ކިޔުނު އަސްކޮޅަށެވެ.
ޙުސައިންގެފާނު މީސްތަކުންގެ ކިބައިން އެދުނީ މާތް ﷲ ގެ ރަސްކަންފުޅަށްޓަކައި އެކަލޭގެފާނާ ބައިވެރި ވުމަށެވެ. އަދި މުހައްމަދުގެފާނުގެ އާއިލާ ރައްކާތެރި ކޮށްދިނުމަށެވެ. ޙުސައިންގެފާނުގެ މި ޚުތުބާގެ ސަބަބުން، ތަމީމް އަދި ހަމްދާން ވަންހައިގެ ކޮމާންޑަރު ހޫރް އަށް ފުން އަސަރު ކޮށް، އޭނާ ސައާދުގެ ލަޝަކަރު ދޫކޮށް ޙުސައިންގެފާނާ ގުޅިވަޑައިގަތެވެ.
އަދި ޔަޒީދު، އޭނާގެ އެންމެ އިސް ކޮމާންޑަރު، ޝިމްރް ބުން ތިލްޖައުޝާން ފޮނުވައި، އުމަރު ބުން ސައާދުގެ ބަދަލުގައި ހަމަޖެއްސި އެވެ.
ޙުސައިންގެފާނުގެ ޚުތުބާ
އުނިއިތުރު ގެންނަވާހަނގުރާމަ ފެށުމުގެ ކުރިން ޙުސައިންގެފާނު އަހަށް ސަވާރުވެވަޑައިގެން، ހަތިމް އަތަށް ނަންގަވައި، މީސްތަކުން ކުރިމައްޗަށް ވަޑައިގެން، ހުތުބާ ދެއްވި އެވެ. ދީނުގެ ވާޖިބުތައް އަދާކުރުންމަތީ ދެމި ތިބުމަށް ގޮވާލައްވައި ވިދާޅުވިއެވެ."ޔާ ﷲ! އިބަ ކަލާނގެއީ، ދަތި އުނދަގޫ ހާލަތްތައް ކުރިމަތިވާ ހިނދު، ތިމަންގެ ނަފްސުގެ އިތުބާރާއި އުއްމީދު އާކޮށްދޭ އިލާހެވެ. ހަމަކަށަވަރުން އިބަ އިލާހަކީ މި ދުނިޔެ އުފައްދަވައި، މިތަނަކީ ފަނާވުމާއި ނެތިދިއުމުގެ ގޮވަތި ކަމުގައި ލެއްވި ކަލާނގެއެވެ. މިދުނިޔޭގައި މީސްތަކުން އެއްހާލަތުން އަނެއް ހާލަތަށް ބަދަލް ކުރަައްވައެވެ. ކާމިޔާބު ލިބިގެންވާ މީހާއަކީ، މިދުނިޔެއަށް ހެއްލިގެން ނުދާ މީހާއެވެ. އަދި ގެއްލެނިވެގެންވާ މީހަކީ، ދުނިޔޭގެ އަރާމަށް ހެއްލިފައިވާ މީހާއެވެ. އެހެންކަމުން ދުނިޔެ ތިބާ ހެއްލުންތެރި ކުރިޔަ ނުދޭށެވެ. އެނގިފާޅުވެގެންވާ ގޮތުގައި ތިޔަބައިމީހުން ތިތިބީ މާތްﷲ ނުރުއްސަވާ ކަމަކައިގެން އެއްބަސްވެގެންނެވެ. ތިޔަބައިމީހުން ވަނި ޝައިތާނާގެ ހެއްލުންތެރިކަމުގައި، ﷲ ހަނދުމަކުރުން ހަނދާން ނައްތާލާފައެވެ. އެހެންކަމުން، ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުން ކުރަން ތިއުޅޭ ކަންތަކަށް ހަލާކު ހުއްޓެވެ. އަހަރެމެން މިލްކުވެގެންވަނީ މާތްﷲގެ ހަޒްރަތަށެވެ. އަދި އަހަރެމެން އެނބުރިދާހުށީ އެކަލާނގެ ހަޒްރަތަށެވެ. މިއީ އީމާންވުމަށް ފަހު ކާފަރުވެގަތް މީހުންނެވެ". އެއަށްފަހު ޙުސައިންގެފާނުގެ ހުތުބާގައި، އެކަލޭގެފާނުގެ އާއިލާގެ މަތިވެރިކަން ހަނދާންކޮށްދީ ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ރަސޫލާގެ ދަރިކަލުންގެ ދަރިކަލުން ނޫންހެއްޔެވެ؟ އަދި ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ރަސޫލާގެ ދެބެންގެ ދެދަރި އަހާގެ ދަރި ނޫންހެއްޔެވެ؟ ހަމްޒާގެފާނު (ސައްޔިދުއް ޝުހުދާ) އަކީ ތިމަންގެ ބޮޑުބޭބެ ނޫން ހެއްޔެވެ؟ ސުވަރުގޭގައި އުދުހިވަޑައިގަންނަވާނޭ، ޖައުފަރު އަކީ ތިމަންގެ ބޮޑުބޭބެ ނޫންހެއްޔެވެ؟ އެކަލޭގެފާނާއި އެކަލޭގެފާނުގެ އާއިލާއަށް ހެއު ރަހުމަތް ލެއްވުމަށް ތިޔަބައިމީހުންގެ ރަސޫލާ ހަދީސްކުރެއްވި އަޑު ނާހަމުހެއްޔެވެ؟ ތިމަންކަލޭގެފާނު ބަސް ތިޔަބައިމީހުން ގަބޫލު ކުރަމު ހެއްޔެވެ؟ ހަމަކަށަވަރުން ތިމަން ކަލޭގެފާނު ދުވަހަކުވެސް ދޮގެއް ނަހަދެމެވެ. އެހެނީ ދޮގަކީ މާތްﷲ ރުހިވޮޑިގެން ނުވާ އަމަލެކެވެ. އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ބަސް ތެދުކަމުގައި ގަބޫލުނުކުރާނަމަ، ރަސޫލުﷲގެފާނުގެ އަސްހާބުން ކުރެން އަހާށެވެ. އެބޭކަލުން ހަމަ މިބަސްތައް ތިޔަބައިމީހުންނަށް ބުނެދޭނެއެވެ.
ހަނގުރާމަ ފެށުން
އުނިއިތުރު ގެންނަވާހަނގުރާމައިގެ ފުރަތަމަ ދުނި އެއެްލީ އުމަރު ބުން ސައާދެއެވެ. އެއަށް ފަހު ސައާދުގެ ލަޝްކަރުން ދުނި ޖަހަން ފެށިއެވެ. މި ހަމަލާތަކުން ޙުސައިންގެފާނުގެ ލަޝްކަރުގެ މަދު މީހަކު މެނުވީ ސަލާމަތެއް ނުވިއެވެ. ދެ ފަރާތުންވެސް ހަމަލާ ބަދަލު ކުރެވި އެންމެ ފަހުން ޙުސައިންގެފާނުގެ ސަހާބީން ޝަހީދުވިއެވެ.
ފުރަތަމަ ހަމަލާ ބަދަލު ކުރެވުނީ ޙުސައިންގެފާނުގެ ލަޝްކަރުގެ ކަނާތްފަޅިން އަދި އިދިކޮޅު ލަޝްކަރުގެ ވާތްފަޅިން ސީރިޔާ ހަނގުރާމަވެރިންނާ ދެމެދުއެވެ. ހަމަލާ ފެށުމާ އެކު، ޒުހައިރު ބުން ގައިންގެ ސަފުތަކުން ބައެއް މީހުން ފަހަތަށް ޖެހުނެވެ. އަދި ސީރިޔާ ލަޝްކަރަށް ދިން ހަމަލާއާ އެކު އެމީހުންގެ ތަރުތީބު ގެއްލި މެދު ސަފުތަކާ ފުށުއެރި އެވެ. އެއަށް ފަހު ސީރިޔާގެ ލަޝްކަރުން ކުރިން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ލޮންސިއާއި ދުނިދަނޑިން ހަމަލާ ދޭން ފެށިއެވެ. ހަނގުރާމައިގެ ކުރިން، ޙުސައިންގެފާނުގެ ބައެއް ސަހާބީންނާ އެކު، ހަނގުރާމައިގައި ދުނިދަނޑިއާއި ލޮންސި ބޭނުން ނުކުރުމަށް ވަނީ އެއްބަސް ވެފައެވެ. އުމަރު ބުން ސައާދު، އޭނާއަށް އަމްރު ބުން ހައްޖާޖު އަންގާފައިވާ ފަދައިން، އެއްވެސް މީހަކު މައިދާން ދޫކޮށްފައި ނުދިއުމަށާއި، ޙުސައިންގެފާނުގެ ލަޝްކަރަށް އެކީގައި ހަމަލާ ދިނުމަށް އަމުރު ކުރިއެވެ.
ޙުސައިންގެފާނުގެ ލަޝްކަރުގެ ކަނާތްފަރާތު ސަފުތަކަށް ހަމަލާ ދިނީ އަމްރު ބުން ހައްޖާޖެވެ. ޙުސައިންގެފާނުގެ ލަޝްކަރު މައިދާނުގައި ސާބިތިވެ ތިއްބެވެ. މިކަމުން ހައްޖާޖުގެ ލަޝްކަރުގެ އަސްތައް ޖެހިލުން ކުރުވިއެވެ. އަދި އަސްވާރުން ކުރިއަށް ޖެހިލުމުން، ޙުސއިންގެފާނުގެ ލަޝްކަރުން ދުނިދަނޑިން ހަމަލާ ދީ، ބައެއް މީހުން ޝަހީދު ކުރިއެވެ. އަދި ބައެއް މީހުން ޒަހަމް ކުރިއެވެ. އަމްރު ބުނު ހައްޖާޖު އޭނާގެ ލަޝްކަރަށް ބުނަމުން ދިޔައީ، "ދީނަށް ފުރަގަސް ދިން މީހުންނާއި، ޖަމާއަތުން ވަކިވި މީހުންނާ ހަނގުރާމަ ކުރާށެވެ". މި އަޑު އިވި، ޙުސައިންގެފާނު ވިދާޅުވިއެވެ. "އޭ އަމްރެވެ. ކަލެއަށް ހަލާކު ހުއްޓެވެ. ކަލޭ ތިގޮވަނީ މީސްތަކުން މަށާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ހެއްޔެވެ؟ އަހަރެމެންނަކީ ދީނަށް ފުރަގަސްދިން މީހުން ހެއްޔެވެ؟ ކަލޭމެންނަކީ ދީނަށް ނަސްރުދޭ މީހުން ހެއްޔެވެ؟ އަހަރެމެންގެ ފުރާނަ ހަށިގަނޑުން ވަކިވުމުން، އަހަރެމެންގެ ތެރެއިން، ނަރަކައަށް ވަންނާނީ ކާކުކަން ކަލެއަށް އެނގޭނެއެވެ".
އަންހެނުންނާއި ކުޑަކުދިން ބައިތިއްބާފައި ތިބި، ޙުސައިންގެފާނުގެ ފޭލިގޭއަށް ހަަމަލާތައް އަންނަން ފެށުމުން، ޙުސައިންގެފާނުގެ ބައިވެރިން ވަކިވަކިން ހަމަލާއަށް ނުކުންނެވިއެވެ. މި ހަމަލާތަކުގައި، ބުރައިރު ބުން ޚުދައިރު އާއި، މުސްލިމް ބުން އައުސާޖާއި ހަބީބް ނުން މުޒާހިރު ޝަހީދުވިއެވެ. މި ބޭފުޅުން މަސައްކަތް ކުރަމުން ދިޔައީ ޙުސައިންގެފާނު ދިފާއުކުރުމަށް އިންސާނީ އައްޑަނައެއް ފަދައިންނެވެ. ލަޝްްކަރުގެ އަދަދު މަދުކަމުން، އެންމެ މީހަކު ޝަހީދު ވުމަކީވެސް ލަޝްކަރަށް ލިބޭ ފޫނުބެއްދޭ ވަރުގެ ދެރައެކެވެ. ދެން ޙުސައިންގެފާނުގެ ސަހާބީން، ފަހަރަކު ބޭފުޅަކު އައިސް ޙުސައިންގެފާނަށް އަލްވަދާއު ކިޔަމުން ދިޔައެވެ. ދުނިދަނޑިއާއި ލޮންސީގެ ހަމަލާތަކުގައި ޙުސައިންގެފާނުގެ ހުރިހައި ސަހާބީން ޝަހީދުވިއެވެ.
ޙުސައިންގެފާނުގެ ސަހާބީން ޝަހީދުވުމަށް ފަހު، އެކަލޭފާނުގެ ތިމާގެ ބޭފުޅުން ހަނގުރާމައަށް ނުކުތުމުގެ އިޒުނައަށް އެދުނެވެ. މުޙައްމަދުގެފާނާއި ޢަލީގެފާނުގެ ދަރިކޮޅު ކަމުގައިވާ ބަނޫ ހާޝިމް ވަންހައިގެ މީހުން ފަހަރަކު މީހަކު ޙުސައިންގެފާނާ ބައްދަލް ކުރަމުން ދިޔައެވެ. ހާޝިމް ވަންހައިގެ ތެރެއިން ހަނގުރާމައަށް ނުކުތުމުގެ އިޒުނަ ފުރަތަމަ ލިބުނު ބޭފުޅަކީ ޙުސައިންގެފާނުގެ ދަރިކަލުން ޢަލީ އަލް އަކްބަރު ބުނު ޙުސައިން އެވެ.
މި ހަނގުރާމައިގައި ޝަހީދުވި ހާޝިމް ވަންހައިގެ ބޭފުޅުންނަކީ، ޢަލީގެފާނުގެ ދަރީންނާއި، ޙަސަންގެފާނުގެ ދަރިންނާއި، ޙުސައިންގެފާނުގެ ދަރިންނާއި، ޢަބްދުﷲ ބުން ޖައުފަރުގެ ދަރިންނާއި، އަގީލް ބުނު އަބޫ ތާލިބްގެ ދަރިންނާއި މުސްލިމް ބުން އަގީލްގެ ދަރިންނެވެ. ޙުސައިންގެފާނާ އެކު ހާޝިމް ވަންހައިން ޖުމުލަ 72 ބޭފުޅުން ހަނގުރާމައިގައި ޝަހީދު ކުރެވުނެވެ.
އައްބާސް ބުން ޢަލީ ޝަހީދުވުން
އުނިއިތުރު ގެންނަވާއައްބާސް ބުން ޢަލީ ފުރާތު ކޯރު ސަރަހައްދުން އިދިކޮޅު ލަޝްކަރަށް ހަމަލާދީ، ކުރިއަށް ދިއައެވެ. އަދި އިބްނު ސައާދުގެ ލަޝްކަރަށް ހަމަލާ ދެއްވި އެވެ. އޭރު ދުޝްމަނުން ދިޔައީ ދުނިދަނޑިން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ހަމަލާތަކުން ގިނަ ބަޔަކު ޒަހަމްވެސް ވިއެވެ. ނަމަވެސް ކޯރުގެ އައްސޭރިއާ ހަމައަށް ދެވުުމުން، ހަމަށް ފެން ފުރުއްވަން ފެއްޓެވިއެވެ. އައްބާސް އޭރު ހުންނެވީ ނުހަނު ބޮޑަށް ކަރު ހިއްކާފައި ކަމަށް ވިއަސް، ޙުސައިންގެފާނަށް އިހްލާސްތެރިވުމުގެ ގޮތުން ފެން ބުއިމުން މަހުރޫމުވަޑައިގަތެވެ. އަދި ފެން ހަން ކަނާތު ކޮންޑުގައި ބާއްވައި، ފޭލިގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ފެން ލިބޭނެ މަގު ތަނަވަސް ވެއްޖެ ނަމަ، ޙުސައިންގެފާނުގެ ލަޝްކަރު ބަލި ނުކުރެވޭނެ ކަމަ ބުނެ، އައްބާސް ބުން ޢަލީއަށް ވަރުގަދަ ހަމަލާއެއް ދިނުމަށް، އުމަރު ބުން ސައާދު އަމުރު ކުރިއެވެ. އަދި ގިނަ އަދަދެއްގެ ހަނގުރާމަވެރިން އެކަލޭގެފާނު ވަށާލައި، ހުއްޓުވިއެވެ. އަދި ހަމަލާދީ އައްބާސްގެ ކަނާއަތް ބުރިކޮށްލިއެވެ. ދެން އައްބާސް ފެންހަން ވާތު ކޮނޑަށް ލައި ކުރިއަށް ހިނގައިގަތެވެ. ނަމަވެސް ދެވަނަ ހަމަލާގައި ވާއަތް ވެސް ބުރިކޮށްލިއެވެ. ދެން ފެެންހަން ދަތުން ހިފައިގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރިއެވެ. އެވަގުތު ދުޝްމަނުން ދުނިދަނޑީގެ ހަމަލާ ދޭން ފެށި އެވެ. އަދި ފެން ހަމަށް ދުންޏެއް ޖެހި، ހަމުން ފެންތައް ފައިބަން ފެށިއެވެ. އެހިސާބުން އައްބާސް އަސް އަނބުރާލައި، ދުޝްމަނުންގެ ލަޝްކަރާ ދިމާއަށް ދާންފެށުމުން، ދުޝްމަނުން އެއްލި ތީރެއް އައްބާސްގެ ލޮލަށް އަމާޒު ވިއެވެ. އަދި އެ ވަގުތުގައި ގުރުޒަކުން އެކަލޭފާނުގެ އިސްތަށިފުޅަށް ހަމަލާ ދިނެވެ. އެކަލޭގެފާނުގެ ހަށިކޮޅު ފޭލިގެއަށް ނުގެންދިއުމަށް އައްބަސް ވިދާޅުވިއެވެ. އެއީ ޙުސައިންގެފާނުގެ ދަރިކަނބަލުން ސަކީނާ އަރިހު ވައުދުވީ ފަދައިން ފެންފޮދު ގެންގޮސް ނުދެވުނީތީ އެވެ. އައްބާސް ޝަހީދުވުމަކީ ޙުސައިންގެފާނުގެ މައިބަދަ ބިނދުން ފަދަ ކަމެއް ކަމުގައި ޙުސައިންގެފާނު ވިދާޅުވިއެވެ.
ޙުސައިންގެފާނު ޝަހީދުވުން
އުނިއިތުރު ގެންނަވާޔަޒީދުގެ ގާފިލާއަށް ޙުސައިންގެފާނު ދެންނެވީ، އެކަކާ އެކަކު ކުރިމަތިލުމަށެވެ. މިކަމަށް ދެފަރާތުންވެސް އެއްބަސްވިއެވެ. އަދި ޙުސައިންގެފާނާ ކުރިމަތިލީ ކޮންމެ މީހަކު ޝަހީދު ކުރެވުނެވެ. އަދި އެތައް ފަހަރަކު ދުޝްމަނުން ފަހަތަށް ޖެއްސިއެވެ. ޙުސައިންގެފާނާއި، ދަރިކަލުން ޢަލީ އަލް އަކްބަރް އާ ދެބަފައިކަލުން ހަނގުރާމައިގައި ކުރިއަށް ވަޑައިގެން، ދުޝްމަނުންގެ ސަފުތައް ރޫޅާ ލެއްވިއެވެ.
ސީރިޔާ ލަޝްކަރުގެ ވަރަށް އެތެރެއަށް ޙުސައިންގެފާނު ގޮސްފައި ވަނިކޮށް، ދުޝްމަނުން އެކަލޭގެފާނާއި ފޭލިގެއާ ދެމެދުގައި ވާތީ ފެނި ގޮވާލެއްވި އެވެ.
ދެން ދުޝްމަނުން އެނބުރި އެކަލޭގެފާނާ ކުރިމަތި ލިއެވެ. އަދި އެކަލޭގެފާނަށް އެތައް ޒަހަމެއް ލިބިވަޑައިގެން، ވަރުބަލިކަމުގައި ހިނދުކޮޅެއް ހިމޭންވެލެއްވިއެވެ. އެވަގުތުގައި ދުޝްމަނުންގެ މީހަކު ހިލަޔަކުން އެކަލޭގެފާނުގެ ނިތްކުރިފުޅުގައި ޖަހައި ޝަހީދު ކޮށްލިއެވެ. އެޒަހަމުން ނުކުތް ލޭ ސާފުކުރަމުން ދަނިކޮށް މީހަކު އެކަލޭގެފާނުގެ މެއަށް ތީރެއް ޖެހިއެވެ. ދެން އެކަލޭގެފާނު މޫނުފުޅު އުފުލާލެއްވިއެވެ. އަދި ވިދާޅުވިއެވެ. މާތްރަސްކަލާކޮ! އެމީހުން އެ ޝަހީދުކުރީ މާތްﷲގެ ރަސޫލާގެ ދަރިކަނބަލުންގެ ދުނިޔޭގައި ހުރި ހަމައެކަނި ދަރިކަލުން ކަން އިބަ ރަސްކަލާންގެ ދެނެވޮޑިގެން ވެއެވެ. އަދި މެއަށް ހެރިފައިވާ ތީރު އުފުރާލެއްވިއެވެ. އެއާ އެކު ލޭތައް ހޯސްލާފައި ފައިބާގަތެވެ.
މި ހަމަލާއާ އެކު އެކަލޭގެފާނު ވަރަށް ބޮޑަށް ބަލިފުޅުވެ ވަޑައިގެން، ހަމަލާދެއްވުން ހުއްޓަވާލެއްވިއެވެ. އެއާ އެކު ދުޝްމަނު ހަނގުރާމަވެރިންވެސް ހަމަލާދިނުން ހުއްޓާލިއެވެ. ނަމަވެސް އެތަނުން އެކަކު ޙުސައިންގެފާނާ ހަމައަށް ގޮސް، ކަނޑިން، އެކަލޭފާނުގެ އިސްތަށިފުޅަށް ހަމަލާ ދިނެވެ.
ދެންވެސް ދުޝްމަނުން ހަމަލާ ދިނުމަށް ފަސްޖެހުނެވެ. ނަމަވެސް އެކަލޭގެފާނު ވަށާލައިގެން ތިބީއެވެ. އެހިނދު، އަބްދުﷲ ބުން ހަސަން ފޭލިގޭން ނުކުމެ ދުވެފައި އައެވެ. ދުޝްމަނުންގެ ހަނގުރާމަވެރިޔަކު ޙުސައިންގެފާނު ޝަހީދުކުރުމަށް ކަނޑި މަޅައިގަތުމުން އަބްދުﷲ އަތް އުފުއްލަވައި ހަމަލާއަށް ހުރަސް އެޅުއްވުމުން، އޭނާގެ އަތް ބުރިކޮށްލިއެވެ. އެހިނދު ޙުސައިންގެފާނު އަބްދުﷲ ގެ ހަށިކޮޅުގައޮ ބައްދާލެއްވިއެވެ. ނަމަވެސް އޭރު އަބްދުﷲގެ ހަށިކޮޅަށް ވަނީ ތީރެއް ޖަހާފައެވެ.
ޙުސައިންގެފާނު އަހަށް ސަވާރުވެ އެނބުރި ދިއުމަށް މަސައްކަތް ކުރެއްވުމުން ޔަޒީދުގެ ލަޝްކަރުން ހަމަލާ ދިނެވެ. އަދި މާ ބޮޑަށް ޒަހަމްވުމުން އަހުން ފައިބަންނަވާ، ގަހެއްގައި ލެނގިވަޑައިގެން އިންނެވިއެވެ.
ދެން އުމަރު ބުން ސައާދު އޭނާގެ ހަނގުރާމަވެރިއަކަށް، ޙުސައިންގެފާނު ޝަހީދުކުރުމަށް އަމުރު ކުރިއެވެ. ޚުވާލީ އިބްން ޔަޒީދު އަލް އަސްބަހީ އެކަމަށް ޖެހިލުން ވިއެވެ. އެއަށް ފަހު ޝިމްރު އިބްން ދިލްޖައުޝަން އަހުން ފައިބާ، އޭނާގެ ކަނޑިން ޖަހައި ޙުސައިންގެފާނުގެ ކަނދުރާ ވަކިކޮށްލިއެވެ. ކަނދުރާ ވަކިކޮށްލުމުގެ ކުރިން، ޙުސައިންގެފާނު ޝިމްރު ކުރެން "މިއަދު ނަމާދު ކުރިންތޯ" ސުވާލު ކުރެއްވިއެވެ. މި ސުވާލުން އޭނާއަށް ސިހުން ލިބުނެވެ. އެއީ އެފަދަ ބެކަލަކު އެފަދަ ހާލަތެއްގައި އަހާފާނެ ސުވާލެއްކަމަށް ހީވެފައި ނެތީމައެވެ. އަދި އިމާމް ހުސައިންގެފާނު އަސްރު ނަމާދު ކުރުމުގެ އިޒްނައަށް އެދުނެވެ. ޝިމްރު އެ ހުއްދަ ދިނުމުން ޙުސައިންގެފާނު ނަމާދު ފެއްޓެވިއެވެ. އަދި ސަޖިދައަށް ތިރިވެވަޑައިގަތުމުން، ޝިމްރު ކަނޑި މަލައިގެންފައި ބުންޏެވެ. "މަތް ﷲ ގަންދީ ބުނަމެވެ. ތިއަބޭކަލަކީ އުއްމަތުގެ ނަބިއްޔާ މުހައްމަދުގެފާނުގެ ކާފަދަރިކަލުންކަމާއި، އަދި ތިޔައީ މައިފުށުންނާއި ބަފައި ފުށުން އެންމެ މާތް ބޭފުޅުން ކަން ދެނެހުރެ، ކަލޭގެފާނުގެ އިސްތަށިފުޅު ކަނދުރާއިން ވަކިކުރަމެވެ". އަދި އޭނާ ޙުސައިންގެފާނުގެ އިސްތަށިފުޅު އުފުލާލިއެވެ. އެއަށް ފަހު އިބްނު ސައާދުގެ ލަޝްކަރުގެ މީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި ހުރި އަގުބޮޑު ގަހަނާތައް އަތުލައިގަތެވެ.
ހަނގުރާމައިގެ ފަސް
އުނިއިތުރު ގެންނަވާއާޝޫރާ ދުވަހުގެ މެންދުރު ފަހު، އިބްނު ސައާދު، ޙުސައިންގެފާނުގެ އިސްތަށިފުޅު އިބްން ޒިޔާދަށް ފޮނުވިއެވެ. އަދި ހަނގުރާމަވެރިންގެ ބޯތައް ކަނދުރާއިން ވަކިކޮށް ކޫފާއަށް ފޮނުވަން ޒިޔާދު އަމުރު ކުރިއެވެ. ޖެހިގެން އައި ދުވަހުގެ މެންދުރާ ހަމައަށް އިބްން ސައާދު ކަރުބަލާގައި ހުއްޓެވެ.
އިބްނު ސައާދުގެ ލަޝްކަރު ކަރުބަލާއިން އެނބުރި ދިއުމުން، ބަނޫ އަސްއަދު ގަބީލާގެ މީހުން އައިސް މަރުވެފައިވާ މީހުންތައް ވަޅުލިއެވެ. ޙުސައިންގެފާނު ފިޔަވާ އެއްވެސް މީހެއްގެ މަހާނަ ފާހަގަ ވާނެ ގޮތެއް ނަހަދައެވެ. ޙުސައިންގެފާނުގެ މަހާނައިގައި ގަހެއް އިންދާފައި ހުއްޓެވެ. އޭގެ ފަހުން ޙުސައިންގެފާނުގެ ދަރިކަލުން ޢަލީ ކަރުބަލާއަށް ގޮސް ޙުސައިންގެފާނުގެ މަހާނަ ފާހަގަކުރިއެވެ. ހޫރް ވަޅުލެވިފައި ވަނީ ހަނގުރާމަ ހިނގި މައިދާނާ ދުރުގައެވެ. ހަނގުރާމައިގެ އަސީރުން ދިމިސްގްގައި އަހަރެއް ވަންދެއް ހައްޔަރުކޮށްފައި ބޭތިއްބި އެވެ. މި މުއްދަތުގެ ތެރޭގައި ބައެއް އަސީރުން ހިތާމައިން މަރުވިއެވެ. އޭގެ ތެރޭގައި ސުކައިނާ ބިންތް ޙުސައިން ހިމެނެއެވެ. މި ދުވަސްވަރު ދިމިސްގްގެ މީހުން ޖަލަށް ޒިޔާރަތް ކުރެއެވެ. ޒައިނަބާއި ޢަލީ އިބްން ޙުސައިން މި ފުރުސަތުގެ ބޭނުން ހިފައި، ޙުސައިންގެފާނުގެ ވާހަކަ މީހުންނަށް ކިޔައިދިނެވެ. އަދި ހުސައިންގެފާނު އިސްވެ ނުކުންނަވަން ޖެހިވަޑައިގަތް ސަބަބު އޮންޅުންފިލުވައިދެއްވި އެވެ. އަދި ސީރިޔާއާއި އިރާގުގެ ބައެއް ސަރަހައްދުތަކުގައި ޔަޒީދާ ދެކޮޅުވެރި ހިޔަލުތައް ފެތުރެން ފެށުމުން، އެންމެ ފަހުން، އަސީރުން ދޫކޮށްލައި، މަދީނާއަށް ފޮނުވިއެވެ.
ރިފަރެންސް
އުނިއިތުރު ގެންނަވާ- ↑ Tabari, The History of al-Tabari, volume 19, translated by IKA Howard, pub State University of New York Press, p163.