ޤުދުސް އޮންނަނީ ފަލަސްތީނުގައެވެ. ވަށައިގެން ވާދީތައް ވާ ޤުދުސްގެ ބޮޑުމިނުގައި 19.331 އަކަކިލޯމީޓަރު ހުރެއެވެ.

- ޤުދުސް އަށް އައުރު ޝަލީމް އޭ ވެސް ކިޔެއެވެ. މީލާދީގެ 1000އަހަރު ކުރިން ދާއޫދުގެ ފާނު ޤުދުސްއަށް ވެދެވަޑައިގަތެވެ. މީލާދީގެ 975 އަހަރު ކުރިން ސުލައިމާނުގެ ފާނުގެ ހައިކަލް ޤުދުސްގައި ބިނާކުރެއްވިއެވެ. އެއާގުޅިގެން މަދީނަތުލް މުޤައްދަސާ އޭ ކިޔުނެވެ.

- ޤުދުސް ފަތަހަ ކުރެއްވީ ހިޖުރައިން 16ވަނަ އަހަރުގައި ޢުމަރުގެ ފާނުއެވެ.

- އުމަވީންނާއި، ޢައްބާސީންނާއި، އަދި ފާޠިމީންގެ ދުވަސްވަރު ޤުދުސްއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި މިސްކިތްތައް ބިނާކުރެއްވިއެވެ.

- މީލާދީން 1099 ވަނަ އަހަރުގައި ޤުދުސް ޞަލީބީންގެ އަތްދަށަށް ދިޔައެވެ. އެއަށްފަހު މީލާދީން 1187ވަނަ އަހަރު ޞަލާހުއްދީނުލް އައްޔޫބީ ޤުދުސް ޙިއްޠީން ހަގުރާމައިގައި މިނިވަންކުރަންދެން ޤުދުސް އޮތީ ޞަލީބީންގެ ބާރުގެ ދަށުގައެވެ.

- މީލާދީން 1262ވަނަ އަހަރު މިސްރުގެ ވެރިކަމުގައި ހުންނެވި ބައިބަރަސް ޤުދުސްއަށް ވަޑައިގެންނެވި އެވެ.

- ޝާމްކަރައިގައި ކުރެވުނު މަރަޖު ދާބިޤު އޭ ކިޔުނު ހަގުރާމައަށް ފަހު ޤުދުސް ޢުޘްމާނީންގެ އަތްދަށަށް ދިޔައެވެ. ޢުޘްމާނީންގެ ދުވަސްވަރު ޤުދުސްއަކީ މުހިއްމު ރަށެއްކަމުގައި ބެލެވުނެވެ.

- ޔޫރަޕުގެ ގައުމުތަކުން ޔަހޫދީންނަށް ޤުދުސްއަށް ހިޖުރަކުރުމަށް އެހީތެރިވެދިނެވެ. ނަމަވެސް ޢުޘްމާނީން އެކަމާއި ދެކޮޅުހައްދަވައި، ޤުދުސްއަށް ޔަހޫދީން ހިޖުރަކުރުން މަނާކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އޭރު ގުދުސްގައި ތިބި ޔަހޫދީންތައް ޤުދުސް އިން ފައްސާ ބޭރުކޮށްލެވުނެވެ.

- މީލާދީން 1918ގައި ފުރަތަމަ ބޮޑުހަގުރާމަ ނިމުމަށްފަހު ޤުދުސްއާއި، ފަލަސްތީނުގެ އެހެން ރަށްތައް ދިޔައީ އިގިރޭސީންގެ އަތްދަށަށެވެ. އެއާއި ގުޅިގެން ޤުދުސްއާއި ފަލަސްތީނުގެ ރަށްތަކަށް ޔަހޫދީން ހިޖުރަ ކުރާ މިންވަރު އިތުރުވެގެން ދިޔައެވެ.

- 1948ގައި ފަލަސްތީނުގައި ޔަހޫދީ ދައުލަތެއް ގާއިމުކުރިއެވެ. އެއާއި ވިދިގެން ޤުދުސް ދެބަޔަކަށް ބަހާލެވުނެވެ.

- 1967ގައި މުޅި ޤުދުސް އެއްކޮށް ޔަހޫދީންގެ ބާރުގެ ދަށަށް ދިޔައެވެ.

- ޤުދުސްގައިވާ މުހިއްމު އާޘާރުތަކުގެ ތެރޭގައި މުސްލިމުންގެ ފުރަތަމަ ޤިބުލާކަމުގައިވާ މަސްޖިދުލް އަޤްޞާއާއި، އުމަވީ ދައުލަތުގެ ޚަލީފާ ޢަބުދުލް މަލިކް ބިން މަރުވާން ބިނާކުރުމަށް އަމުރުކުރެއްވި މަސްޖިދު ޤުއްބަތިއް ޞަޚްރާއުއާއި، މީލާދީން 1517ވަނަ އަހަރު ބިނާކުރެވުނު މަސްޖިދު އައްޠޫރު އާއި، އަލް އަފުޟުލް ބިން ޞަލާޙުއްދީނުލް އައްޔޫބީ ބިނާކުރެއްވި މަސްޖިދުލް ޢުމްރީ ހިމެނެއެވެ. މީގެ އިތުރުން ބައެއް ޞަޙާބީންނާއި ތާބިޢީން އަދި ކުރީގެ ބައެއް ޢިލްމު ވެރިން ފަސްދާނު ލެވިފައި ވަނީ ޤުދުސްގެ ބިމުގައެވެ.