އަލްފާޟިލް ޤާސިމް އިބްރާހީމް ނުވަތަ ބުރުމާ ޤާސިމް އަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކެއް ބައިވެރިވެގެން ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އެވެ. އަދި ގާސިމް އިބްރާހީމް އަކީ ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރި ސިލްސިލާ ވިލާ ގުރޫޕްގެ ހުރިހާ ކުންފުނިތަކެއްގެ ބާނީ އަދި ވެރިފަރާތް ވެސް މެއެވެ.

އަމަލީ ދިރިއުޅުން އުނިއިތުރު ގެންނަވާ

1969 ވަނަ އަހަރު ތަޢުލީމީ މަރުޙަލާ ނިންމުމަށްފަހު ޤާސިމް އިބްރާހީމް އިބްރާހީމް ސަރުކާރުގެ ޚިދުމަތަށް ވެދެވަޑައިގެންނެވި އެވެ. އެގޮތުން ސަރުކާރާއި ގުޅިލެއްވީ މާލޭގައި ހުރި ގަވަރުމަންޓް ހޮސްޕިޓަލްގެ ކާތިބެއްގެ ވަޒީފާއިންނެވެ. އެކައުންޓެންސީގެ ދާއިރާއިން ޕްރޮފެޝަނަލް ކޯހެއް ފުރިހަމަކުރުމުން 1972 ވަނަ އަހަރު ޤާސިމް އިބްރާހީމް އިބްރާހީމް ގެ މަގާމް އެކައުންޓެންޓެއްގެ މަގާމަށް ބަދަލު ކުރެވުނެވެ.

1973 ވަނަ އަހަރު ސަރުކާރުގެ ވަޒީފާ ދޫކޮށްލުމަށްފަހު އެލިޔާ ފަރުނީޗަރ މާރޓްގެ މެނޭޖަރެއްގެ ވަޒީފާއަށް ބަދަލު ވިއެވެ. އޭގެ ފަހުން ކުޑަ ދުވަސްކޮޅަކު ކްރެސެންޓް ގައި ވެސް މަސައްކަތްކޮށްފައި ވެއެވެ. 1974 ވަނަ އަހަރު ސަރުކާރުގެ ބޮޑު ސްޓޯރ އާއި ގުޅުނެވެ. އެއީ މިހާރުގެ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ނުވަތަ އެސްޓީއޯ އެވެ. އެސްޓީއޯގައި ޤާސިމް އިބްރާހީމް މަސައްކަތްކުރައްވާފައިވަނީ ފިހާރައެއްގެ މެނޭޖަރެއްގެ ގޮތުގައެވެ.

ވިޔަފާރީގެ ތަފާތު މާޙައުލުތަކުގައި މަސައްކަތް ކުރައްވައި ހޯދި ތަޖުރިބާގެ ނަތީޖާއެއްގެ ގޮތުން 1976 ވަނަ އަހަރު 15 ހާސް ރުފިޔާގެ ބަޖެޓަކާއެކު ޤާސިމް އިބްރާހީމް އޭނާގެ އަމިއްލަ ވިޔަފާރި ފެއްޓެވި އެވެ. 4 އަހަރު ދުވަހުގެ ވިޔަފާރި އަށްފަހު 14 އެޕްރީލް 1986 ގައި ޤާސިމް އިބްރާހީމް ގެ ވިޔަފާރި ކުންފުނި ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ލިމިޓެޑް ގެ ނަމުގައި އުފެއްދި އެވެ. މިއީ ވިލާ ގުރޫޕްގެ މައި އަދި އަސާސީ އަދި އެންމެ ބޮޑު ކުންފުނި ވެސް މެއެވެ. މިކުންފުނީގެ ދަށުން ތަފާތު ދާއިރާގައި ވިލާ ގުރޫޕަށް ނިސްބަތްވާ އެތައް ކުންފުނިތަކާއި އެތަކެއް ތަންތަނެއް ވަނީ އުފެދިގެން ގޮސްފައެވެ. މީގެ އިތުރުން ރާއްޖޭގައި އަގްފާ ފޮޓޯ އަދި ސެލް ގެ ހަމައެކަނި އެޖެންޓަކީ ވެސް ވިލާ ގުރޫޕެވެ.

1991 ވަނަ އަހަރު ގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ވިލާ ޝިޕިންގެ ހިއްޞާވާ ކުންފުންޏެއް ވިލާ ޝިޕިންގ ސިންގަޕޯރ ގެ ނަމުގައި ސިންގަޕޫރު ގައި އުފެދިގެން ދިޔައެވެ. އަދި 1996 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ވިލާގެ ރެޕްޒެންޓޭޓިވް އޮފީހެއް ޖަރުމަނުގެ ފްރަންކްފާރޓް ގައި ހުޅުވުނެވެ. 23 ޖުލައި 1997 ގައި ޖަރުމަނުގައި ވިލާ ހޮލިޑޭސް ޓޫރިސްޓިކް ގެ ނަމުގައި ކުންފުންޏެއް ގާއިމް ކުރެވުނެވެ. 2001 ވަނަ އަހަރު ވިލާ ހޮޓެލްގެ އޮފީހެއް ޖަޕާން ގައި ހުޅުވުނެވެ. އަދި 2002 ވަނަ އަހަރު ވިލާ ހޮޓެލްގެ އޮފީހެއް ހޮންކޮންގ ގައި ވެސް ހުޅުވުނެވެ. މިއޮފީސް ތަކަކީ ޔޫރަޕާއި އޭޝިޔާ ޕެސިފިކްގެ ގައުމުތަކުން ފަތުރުވެރިން ދިވެހިރާއްޖޭގައި ހުރި ވިލާ ހޮޓެލްގެ ރިސޯޓްތަކަށް އައުމަށް މަގުފަހިކޮށް އެހީތެރިވުމަށް އުފެއްދި އޮފީސް ތަކެކެވެ.

ދިވެހި ސަރުކާރުގައި އުނިއިތުރު ގެންނަވާ

ދިވެހި ސަރުކާރުގެ ތަފާތު ވަޒީފާތައް ޤާސިމް އިބްރާހީމް އެކިދުވަސްވަރު އަދާކުރައްވާފައި ވެއެވެ. އެގޮތުން 1969 ވަނަ އަހަރު ތަޢުލީމީ މަރުޙަލާ ނިންމުމަށްފަހު ޤާސިމް އިބްރާހީމް އިބްރާހީމް ސަރުކާރުގެ ޚިދުމަތަށް ވެދެވަޑައިގެންނެވި އެވެ. އެގޮތުން ސަރުކާރާއި ގުޅިލެއްވީ މާލޭގައި ހުރި ގަވަރުމަންޓް ހޮސްޕިޓަލްގެ ކާތިބެއްގެ ވަޒީފާއިންނެވެ. އެކައުންޓެންސީގެ ދާއިރާއިން ޕްރޮފެޝަނަލް ކޯހެއް ފުރިހަމަކުރުމުން 1972 ވަނަ އަހަރު ޤާސިމް އިބްރާހީމް އިބްރާހީމް ގެ މަގާމް އެކައުންޓެންޓެއްގެ މަގާމަށް ބަދަލު ކުރެވުނެވެ. 1973 ވަނަ އަހަރު ސަރުކާރުގެ ވަޒީފާ ދޫކުރައްވައި އަމިއްލަ މަސައްކަތުގެ ދާއިރާއަށް ވެދެވަޑައިގެންނެވި އެވެ.

2005 ވަނަ އަހަރު ދިވެހި ސަރުކާރުގެ ކެބިނެޓުން ޤާސިމް އިބްރާހީމް އަށް ޖާގަ ލިބިވަޑައިގެންނެވި އެވެ. އެގޮތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ މަގާމް 18އޮގަސްޓް 2005 ން ފެށިގެން 2008 ގެ ޖުލައި އަށް ކޮށްފައިވެއެވެ. ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ 10 ޖުލައި 2008 ގައެވެ.

ޤާސިމް އިބްރާހީމް ވަނީ 1 ނޮވެންބަރު 2018 އިން 27 މެއި 2019 ގެ ނިޔަލަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައެވެ.

އަދާކުރެއްވި ބައެއް މަގާމްތައް އުނިއިތުރު ގެންނަވާ

  • ކާތިބު: ގަވަރުމެންޓް ހޮސްޕިޓަލް
  • ރައީސް : ސާރކް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީ
  • ރައީސް : މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީ
  • ފައުންޑަރ މެންބަރ : މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީ
  • ފައުންޑަރ މެންބަރ : މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)
  • ނައިބު ރައީސް އަދި ބޯޑް މެންބަރ : މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)
  • ބޯޑް މެންބަރ : މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ
  • ބޯޑް މެންބަރ : ބޭންކް އޮފް މޯލްޑިވްސް
  • މެންބަރ : ރައްޔިތުން ޚާއްޞަ މަޖުލީސް (އަރިއަތޮޅު ދެކުނުބުރީގެ މެންބަރު)
  • ރައީސް : ރައްޔިތުންގެ ޚާއްޞަ މަޖުލިސް
  • މިނިސްޓަރ : މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުން އުނިއިތުރު ގެންނަވާ

ޤާސިމް އިބްރާހީމް ވަނީ ދިވެހި ސަރުކާރުގެ ފިނޭން މިނިސްޓަރުކަން ދެއަހަރެއްވަރު އަދާކުރައްވާފައެވެ. ޤާސިމް އިބްރާހީމް ފިނޭންސް މިނިސްޓަރުކަމާއި ޙަވާލުވެ ވަޑައިގަތީ 2005 ވަނަ އަހަރު އެވެ. ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ 10 ޖުލައި 2008 ގައެވެ. ފިނޭންސް މިނިސްޓަރު ކަމުން ޤާސިމް އިބްރާހީމް އިސްތިއުފާ ދެއްވީ 2008 ގެ ބަޖެޓް ރިޕޯޓް އޮޑިޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ރައްޔިތުންގެ މަޖުލީހަށް ހުށަހެޅުއްވިތާ އެންމެ 24 ގަޑިއިރުވެސް ނުވަނީހެވެ.

ދިވެހި ރައްޔިތުންގެ ޕާޓީއިން ވަކިވެވަޑައިގަތުން އުނިއިތުރު ގެންނަވާ

ޤާސިމް އިބްރާހީމް އަކީ ދިވެހި ރައްޔިތުންގެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި އިންތިޚާބު ކުރެވުނު އެޕާޓީގެ 4 ނައިބު ޒަޢީމުންގެ އެއްތެރެއިން އެއްނައިބު ޒަޢީމެވެ. ޤާސިމް އިބްރާހީމް ވަނީ އެޕްރީލް 2006 ން ފެށިގެން ޖުލައި 2008 ގެ 13 ވަނަ ދުވަހާއި ހަމައަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ނައިބު ޒަޢީމުކަން ކުރައްވާފައެވެ. 10 ޖުލައި 2008 ގައި ސަރުކާރުގައި އަދާކުރައްވަމުން ގެންދިޔަ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު 13 ޖުލައި 2008 ގައި ޤާސިމް އިބްރާހީމް ވަނީ ދިވެހި ރައްޔިތުންގެ ޕާޓީގެ ނައިބު ޒަޢީމު ކަމުންނާއި އަދި އެޕާޓީގެ މެންބަރުކަމުން ވެސް ވަކިވެ ވަޑައިގެންފައެވެ.

ޖުމުހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުން އުނިއިތުރު ގެންނަވާ

ޤާސިމް އިބްރާހީމް ސަރުކާރުން އިސްތިއުފާ ދެއްވުމާއި، އަދި ދިވެހި ރައްޔިތުންގެ ޕާޓީ އިން އިސްތިއުފާ ދެއްވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސްފަހުން ގިނަ ވިޔަފާރިވެރިން ތަކެއް އިސްވެގެން އުފެއްދި ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ 7 އޮގަސްޓް 2008 ގައެވެ. އަދި އެޕާޓީގެ ފުރަތަމަ ކޮންގްރެސް ގައި ޕާޓީގެ ލީޑަރަކަށް ޤާސިމް އިބްރާހީމް ހޮވައި، 2008 ވަނަ އަހަރު ބާއްވާ ގިނަ ޕާޓީތައް ބައިވެރިވާ ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް އިބްރާހީމް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ރިޔާސީ ކެމްޕޭން އުނިއިތުރު ގެންނަވާ

ޤާސިމް އިބްރާހީމް ގެ ރިޔާސީ ކެމްޕޭން ލޯންޗު ކުރުމާއި ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުން ޤާސިމް އިބްރާހީމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރެއްވީ 29 އޮގަސްޓް 2008 ދުވަހުގެ ރޭ ހެދިގޮނޑު ދޮށުގައި އެކަމަށްޓަކައި ޖުމުހޫރީ ޕާޓީގެ ފަރާތުން ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ. މިހަފްލާގައި ޤާސިމް އިބްރާހީމް ވަނީ އޭނާގެ މެނިފެސްޓޯ އިޢުލާން ކުރައްވާފައެވެ.

ޤާސިމް އިބްރާހީމް ގެ މެނިފެސްޓޯ އުނިއިތުރު ގެންނަވާ

ޤާސިމް އިބްރާހީމް ގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ނުކުތާތައް ތިރީގައި މިވަނީއެވެ.

  • އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއެއް އުފެއްދެވުން
  • ކެބިނެޓް އާއި ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުން ހަރުދަނާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުން
  • ހުޅުމާލޭގައި އަހަރަކު މަދުވެގެން 1000 ފްލެޓް ބިނާކޮށްދެއްވުން
  • މާލެއަށްވަރު ފެންވަރު ރަގަޅު 5 ސަހަރައްދެއް ތަރައްގީކުރުން
  • ދިވެހިރާއްޖޭގެ މަސްކަނޑުތައް މަސްވެރިންގެ މިލްކިއްޔާތަކަށް ހަދައިދިނުމާއި، ބޭރުގެ ބޯޓް ފަހަރުން ދާއަޅައިގެން މަސްހިފުން ހުއްޓުވުން
  • ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނު މަޖުލީހަށް ހުށަހަޅުއްވައި 4 ސަރަހައްދެއް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި ތަރައްގީ ކުރެއްވުން
  • އިގްތިޞާދީ ތަރައްގީގެ ބޭންކެއް ދެއަހަރު ދުވަހުގެ ތެރޭގައި އުފެއްދެވުން
  • 1.5 ބިލިއަން ރުފިޔާގެ ރިވޯލްވިންގ ( ދައުރުވާ ) ފަންޑެއް ގާއިމްކުރުން
  • އެއްއަހަރަކު ނިމުމުގެ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ފެންވަރު ރަގަޅު ހެލްތު އިންޝޫރެންސް ސްކީމެއް ގާއިމްކޮށްދެއްވުން
  • 5 ސަރަހައްދެއްގައި ރަގަޅު ފެންވަރުގެ ހޮސްޕިޓަލް ގާއިމް ކުރައްވައި، ޚާއްޞަ ހޮސްޕިޓަލް 2 އަހަރު ދުވަހުގެ ތެރޭގައި ގާއިމް ކުރެއްވުން
  • އަހަރަކު 500 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނު ކުރުމުގެ ފުރުޞަތު ހުޅުވާލުން
  • ޓީޗަރުންގެ މުސާރަބޮޑުކޮށް ކިޔަވައިދިނުމުގެ ފެންވަރު ރަގަޅުކުރުމަށް ޓީޗަރުންނަށް ޑިމާންޑް ކުރުން
  • ޔުނިވަސިޓީ ހެދުމަށް ބޭނުންވާ ގާނޫނު އެއް މަސް ދުވަހުގެ ތެރޭގައި މަޖުލީހަށް ހުށަހަޅައި 5 އަހަރު ތެރޭގައި މިޔުނިވަސިޓީ އަކީ މިސަރަހައްދުގެ މަގުބޫލް ތަނަކަށް ހެއްދެވުން
  • ލޯ އިންފޯސްމަންޓުގެ ދާއިރާއިން ފުލުހުންނާއި ސިފައިންނަކީ ތަމްރީން ލިބިފައިވާ ޤާބިލް މިނިވަން މުއައްސަސާއަކަށް ހައްދަވައި އަދި ޤާޒީންނާއި ވަކީލުން ފުރަތަމަ އަހަރުން ފެށިގެން ތަމްރީނުކުރަން ފެއްޓެވުން
  • ޑްރަގު ވިޔަފާރި ކުރުމަށް ހުޅުވިފައިވާ ދޮރުތައް 6 މަސް ދުވަހުގެތެރޭގައި ބަންދު ކުރައްވައި ، ޑްރަގް ވިޔަފާރިކޮށް ބޭނުންކުރާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ދެއްވުން
  • ކޮޕީ ރައިޓްސްގެ ގާނޫނު 3 މަސް ދުވަހުގެ ތެރޭގައި މަޖުލީހަށް ހުށަހެޅުއްވުން
  • 15 އިންސައްތައިގެ ކޯޕަރޭޓިވް ޓެކްސްގެ ގާނޫނު އެއްމަސް ދުވަހުގެ ތެރޭގައި މަޖުލީހަށް ހުށަހެޅުއްވުން
  • ޓުއަރިޒަމް ދާއިރާއިން 3 މަސް ދުވަހުގެ ތެރޭގައި ޖީއެސްޓީ ޓެކްސް ނަގަން ފެށުން
  • އުތުރު ސަރަހައްދުގައި ތެޔޮހުރި ކަމުގެ މައުލޫމާތެއް ލިބިފައިވާތީ 3 މަސް ދުވަހުގެ ތެރޭގައި ތެޔޮ ނެގުމުގެ މަސައްކަތް ފެއްޓެވުން

ކެމްޕޭން ދަތުރުތައް ފެއްޓެވުން އުނިއިތުރު ގެންނަވާ

ޤާސިމް އިބްރާހީމް އިބްރާހީމް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރެއްވުމަށްފަހު ޤާސިމް އިބްރާހީމް ކުރެއްވި ފުރަތަމަ ކެމްޕޭން ދަތުރު އޮތީ މާލެ އަތޮޅަށެވެ. އެގޮތުން މާލެ އަތޮޅު ކާށިދޫ، މާފުށި، ގުޅި، ގުރައިދޫ ފަދަ ރަށްތަކަށް ވަޑައިގެން ކެމްޕޭން ކުރައްވާފައި ވެއެވެ. ފުރަތަމަ ކެމްޕޭން ދަތުރުފައްޓަވާފައިވަނީ ސެޕްޓެމްބަރު 1، 2008 ގައެވެ.

މާލެއަތޮޅުގެ ބައެއް ރަށްރަށަށް ޤާސިމް ކުރެއްވި ދަތުރުފުޅުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ގއ އަތޮޅު މެމްބަރު, ޢަބްދުﷲ ޖާބިރާއި ޕާލަމެންޓް ގްރޫޕްލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ޏ. އަތޮޅު މެމްބަރު މުޙައްމަދު އިބްރާހީމް ދީދީއާއި ރައްޔިތުންގެ މަޖިލީހުގެ ތ އަތޮޅު މެމްބަރު ސެންކޯ ޝަރީފު އަދި ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރާކަން ރަސްމީގޮތުން އިޢުލާން ކޮށްފައިވާ އަދާލަތާއި އެމްއެންސީގެ ބައެއް އިސްބޭފުޅުންވެސް ބައިވެރިވެ ވަޑައިގަތެވެ.

ޤާސިމް އިބްރާހީމް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ބޭއްވި ދެވަނަ ދަތުރު އޮތީ 8 ސެޕްޓެމްބަރު 2008 ވީ ހޯމަ ދުވަހު ގައެވެ. މިދަތުރުގައި ކެމްޕޭން ކުރެއްވުމަށް ޤާސިމް އިބްރާހީމް ވަޑައިގަތީ ދިވެހިރާއްޖޭގައި އޮތް އެންމެ ކުޑަ އެއް އަތޮޅު ކަމުގައިވާ ވ.އަތޮޅަށެވެ. މިދަތުރުގައި ވ.އަތޮޅުގެ ރަށްތަކުގެ މީހުންނާއި ބައްދަލުކޮށް ޤާސިމް އިބްރާހީމް ގެ މެނިފެސްޓޯ ހާމަކޮށް އޭނާގެ ސިޔާސަތު ހާމަކޮށްދީފައި ވެއެވެ.

ރަނިންމޭޓަކު ކަނޑައެޅުއްވުން އުނިއިތުރު ގެންނަވާ

2008 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވޭ ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވާ ފުރަތަމަ ރިޔާސީ އިންތިޚާބުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުން ޤާސިމް އިބްރާހީމް ވާދަކުރައްވާއިރު އޭނާގެ ރަނިން މޭޓަކަށް ކަނޑައެޅުއްވީ ކުރިން ސިޔާސީ މައިދާނުގައި ހަރަކާްތްތެރިވެފައިނުވާ ޑރ އަޙްމަދު އަލީ ސަވާދެވެ. ޑރ އަޙްމަދު އަލީ ސަވާދު އޮނަރަބަލް ޤާސިމް އިބްރާހީމް ގެ ރަނިންމޭޓް ކަމުގައި ހަމަޖެއްސެވީ 6 ސެޕްޓެމްބަރު 2008 ވީ ހޮނިހިރު ދުވަހުގެ އޮތް ޖުމުހޫރީ ޕާޓީގެ ކައުންސިލްގެ ޖަލްސާގައެވެ.