ޢަލީ އިޙްސާން
ޢަލީ އިޙްސާނަކީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ) އެވެ.
ޢަލީ އިޙްސާން ވަނީ އެމެރިކާގެ މިލިޓްރީ އެކަޑަމީގައި، ޑިފެންސް ސްޓްރެޓެޖިކްގެ ރޮނގުންނާ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވައިފައެވެ. އަދި ނަންޔަންގް ޓެކްނޮލޮޖީ ޔުނިވަރސިޓީގައި، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓަރސް ޙާޞިލްކުރައްވައިފައެވެ. ޢަލީ އިޙްސާނަކީ ޔުނައިޓެޑް ސްޓޭޓްސް ކޯޕްސް އޮފް ކެޑޭޓްސްގެ ބްރިގޭޑް އެގްޒެކެޓިވް އޮފިސަރަކަށް އައްޔަންކުރި އެމެރިކާ ނޫން އެހެން ޤައުމަކަށް ނިސްބަތްވާ ފުރަތަމަ މީހާއެވެ.
ޢަލީ އިޙްސާން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގައި ކެޕްޓަން ރޭންކުގައި 11 އަހަރު ޚިދުމަތްކުރައްވައިފައެވެ. ސިފައިންގެ ޚިދުމަތުން އަމިއްލަފުޅަށް ވަކިވެވަޑައިގެންނެވީ 2017 ވަނަ އަހަރުއެވެ. ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގެންއިރު އިޙްސާން ހުންނެވީ ސިފައިންގެ އާމަރީގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި، ޑެޕިއުޓީ ސްޕޯކްސް ޕާސަންގެ މަޤާމުގައެވެ. އޭގެ ފަހުން ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާ އޮޑިޓް ކޮމިޓީގެ މެންބަރުކަން ޢަލީ އިޙްސާން ކުރެއްވިއެވެ.