ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނަކީ ބ. ހިތާދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ޝަހާދާ ޘާނަވިއްޔާ އާއި މަތީ ތަޢުލީމު ހާސިލުކުރެއްވީ ޕާކިސްތާނުގެ އަލްޖާމިޢަތުއް ސަލަފިއްޔާއިންނެވެ. 1989 ވަނަ އަހަރު އަލްޖާމިޢަތުއް ސަލަފިއްޔާއިން ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ޢަރަބިކް ލެންގުއޭޖް ހާސިލުކުރައްވައިފައިވެއެވެ. 1995 ވަނަ އަހަރު ތަފްސީރާއި ޙަދީޘުން މާސްޓާރސް ހާސިލުކުރައްވައިފައިވެއެވެ. ޕީއެޗްޑީ ހާސިލުކުރެއްވީ ތަފްސީރާއި ޢުލޫމުލް ޤުރްއާނުން ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އިސްލާމްއާބާދުގައި 2001 ވަނަ އަހަރެވެ.

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން މިވަގުތު ހުންނެވީ ދިވެހި ރާއްޖޭގެ ޤައުމީޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންގެ މަޤާމުގައެވެ. މީގެއިތުރުން އަމީނިއްޔާ ސްކޫލާއި، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ އާއި، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައި ކިޔަވައިދެއްވައިފައިވެއެވެ. އަދި ފިޤުހު އެކަޑަމީގެ މެންބަރުކަން ވެސް ކުރައްވައިފައިވެއެވެ.

ޑރ. ޢަބްދުއްސައްތާރު ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި تاريخ التشريع الإسلامي(އިސްލާމީ ޝަރީޢަތުގެ ތާރީޚު) ، القواعد الفقهية (އިސްލާމިކް ލީގަލް މެކްސިމްސް) ، الحدود (ޙައްދުތައް) ، الجنايات (އަނިޔާތައް) ، الأحوال الشخصية 1،2،3 ، وسائل الإثبات (މައްސަލަތައް ޘާބިތު ކުރުމުގެ ވަސީލަތްތައް. ހަތަރު މަޛުހަބު ޝާމިލް ވާގޮތަށް) ހިމެނެއެވެ.

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނަކީ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މިހާރުގެ ނާއިބު ރައީސެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަމަށް އެ މަނިކުފާނު ޢައްޔަން ކުރެވުނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހު އެވެ.

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ޕީއެޗްޑީ ހާސިލުކުރައްވައިފައިވާތީ 2004 ވަނަ އަހަރު ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންފައިވެއެވެ.