އަބުދުﷲ ވަހީދު (ލިލީމާގެ.ފ.ފީއަލި) އަކީ ކުޅަދާނަ މިއުޒިޝަނެކެވެ. މިއުޒިކީ ތަފާތު އިންސްޓްރުމަންޓް ތައް ބޭނުންކުރަން ދެނެލައްވައެވެ.

ޢަބުދުﷲ ވަހީދު

ޢަބުދުﷲ ވަހީދުގެ ބައްޕަ މަރުހޫމް އުސްމާން މޫސާ އަކީ މިއުޒިކީ މާހިރެކެވެ. ތާރަ ލަވަ ކިޔުމުގެ މަޝްހޫރު މީހެކެވެ. އޭނާގެ މަންމަ މަރުހޫމާ ހައްވާ އިބްރާހީމް އަކީ ވެސް ރަގަނޅު ފެންވަރަކަށް ލަވަކިޔާ އުޅުނު މީހެކެވެ. މިއުޒިކީ ކަފިތަކުގެ ތެރެއިން ޢަބުދުﷲ ވަހީދު އަށް އެންމެ ބޮޑަށް ވަދެވިފައިވަނީ ދެވައްތަރުގެ ބެރުޖެހުމުގެ ތެރެއަށެވެ. އެއީ ބޮޑު ބެރު އަދި ބުން ބެރު އެވެ. އުމުރުން 19 އަހަރުގައި ޒަވާޖީ ހަޔާތެއް ފެށި ޢަބުދުﷲ ވަހީދު ރަށުގައި ބެރުޖެހުމުގައި ހޭދަކޮށްފައިވަނީ 7 އަހަރު އެވެ. ފ.އަތޮޅު މަދަރުސާގެ ޓީޗަރެއްގެ ވަޒީފާ ވެސް އޭނާ އަދާކުރައްވާފައި ވެއެވެ. ޢަބުދުﷲ ވަހީދު އަށް މާލޭގައި މިދާއިރާއިން ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިވީ ބޯކޮށާ އަހުމަދު ވަޙީދުގެ ސަބަބުންނެވެ. އެގޭގައި އަހުމަދު ވަހީދު އާއި އެކު ޢަބުދުﷲ ވަހީދުވަނީ މިއުޒިކްގެ ތިއަރީ ބައި ދަސްކޮށްފައެވެ. އޭގެ ފަހުން ހ.ހިކަނދިގަސްދޮށުގޭ އިބްރާހީމް ރަޝީދު ގެ އަރިހަށް ބަދަލުވެ، ތަފާތު އިންސްޓްރުމަންޓްތައް ކުޅެން ދަސްކުރެއްވި އެވެ. އެގޮތުން ބޮޑުބެރުޖެހުން، ބުންބެރުޖެހުން، އެކޯޑިއަން ޖެހުން، ހަރުމަނިޔާ ޖެހުން، ކީބޯޑް ކުޅުން، ޑްރަމް ޖެހުން، ޑޯލާ ޖެހުން، ބޮންގޯ ޖެހުން، ކޮންގާ ޖެހުން، ގިޓާ ކުޅުން، އަދި ޕެޑް ސެޓްޖެހުން ފަދަ މިއުޒިކީ ހުނަރުތައް ދަސްކުރެއްވި އެވެ. އަބުދުﷲ ވަހީދު ވަނީ މިއުޒިކީ ހުނަރުތައް ދަސްކޮށް ދިނުމަށް ރާއްޖޭގެ ތަފާތު ރަށްތަކަށް ޒިޔާރަތްކޮށްފައެވެ. އެފަދަ ރަށް ރަށުގައި 1 މަހާއި 3 މަހާއި ދެމެދުގެ ވަގުތެއް ހޭދަކުރެއްވައެވެ. އޭނާ ވަނީ މިއުޒިކް ޓްރެކް ހަދަންވެސް ދަސްކުރައްވާފައެވެ. 2005 ވަނަ އަހަރަށް އައިއިރު އޭނާ މިއުޒިކް ޓްރެކް ހަދާތާ 11 އަހަރުވެދާނެ އެވެ.

ޢަބުދުﷲ ވަހީދު އަކީ މޮޅު ލަވަ ކިޔުންތެރި އެކެވެ. އޭނާ ފުރަތަމަ ރިކޯޑް ކުރި ލަވަޔަކީ މުޖޭދުނިޔެ ވާލޯ ރާގަށް ހަދާފައިވާ ދުނިޔެވާ ލޯ އެވެ. ގުލްދަސްތާ އަލްބަމަށް އޭނާ ކިޔާދީފައިވާ އެވާރެޔާ ތެމިފޯވީ، އަދި ލައްކަ އަސަރުކުރޭ މިހާރު ފަދަ ލަވަތަކަކީ އާންމުގެ މަގުބޫލްކަން ލިބި މަޝްހޫރުވެފައިވާ ލަވަތަކެވެ. އޭނާ ވަނީ އަމިއްލަ 9 އަލްބަމަކަށް ލަވަކިޔުމުގެ އިތުރުން އެކި ފަރާތްތަކުގެ 30 ވަރަކަށް އަލްބަމަށް ލަވަކިޔާދީފައެވެ. ތަފާތު 80 އަށްވުރެ ގިނަ އަލްބަމަށް ޢަބުދުﷲ ވަހީދު ބުންބެރު އަޅާދީފައި ވެއެވެ.