ޝޯގްރެންޒް ސިންޑްރޯމް
ޝޯގްރެންޒް ސިންޑްރޯމް (އިނގިރޭސި ބަހުން: Sjogren's Syndrome)އަކީ ލޯ އަދި އަނގަ ހިކޭ ބައްޔެކެވެ.ޝޯގްރެންޒް ސިންޑްރޯމް ނުވަތަ ސިކާ ސިންޑްރޯމް އަކީ ކްރޮނިކް އިންފްލެމޭޓަރީ ޑިސްއޯޑަރެކެވެ. މި ސިންޑްރޯމް ޖެހުމުން އަނގަ އިން ކުޅުބޭރުވުން މަދުވުމުގެ އަނގަ ހިކި، އަދި ލޮލުން ކަރުނަ އުފައްދާ ތަނުން ކަރުނަ އުފެއްދުން މަދުވުމުގެ ސަބަބުން ލޯ ހިކޭގޮތް ވެއެވެ. އަނގަ އަދި ލޯ ހިކުމުގެ އިތުރުން ، ނޭފަތް، އަރުތެރެ، އަޑު ފޮށި، ވައިނޮޅި، އަދި ވައިނޮޅީގެ ކަފި ފަދަ ބައިތަކުގެ އެތެރެ ހިކޭގޮތް ވެއެވެ.
ޝޯގްރެންޒް ސިންޑްރޯމް ޖެހޭ މީހުންނަށް ކޮންމެވެސް ބާވަތެއްގެ ކަނެކްޓިވް ޓިޝޫގެ ބަލި ތަކުގެ ތެރެއިން ބައްޔެއް ޖެހިފައި ހުރުމަކީ ވެދާނެ ގޮތެކެވެ. މިގޮތުން ޖެހިދާނެ ކަމަށް ބެލެވޭ ބަލިތަކުގެ ތެރޭގައި ރޫމަޓޮއިޑް އާތްރައިޓިސް، ޕޮލިމަޔޯސައިޓިސް، ސްކެލީރޯޑާރމާ، ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސަސް ފަދަ ބަލިތައް ހިމެނެއެވެ. މިސިންޑްރޯމް ގިނައިން ޖެހެނީ އަންހެނުންނަށް ކަން ފާހަގަ ކުރެވެއެވެ.
ޝޯގްރެންޒް ސިންޑްރޯމް ޖެހިފައިވާ ދެބައިކުޅަ އެއްބައި މީހުންނަށް ކުޅުބޭރުކުރާ ގޮށް އެއް ކަމުގައިވާ ޕެރޮޓިޑް ގްލޭންޑް އަދި އެހެނިހެން ކުޅުބޭރުކުރާ ގޮށް ތައް ދުޅަވެ ބޮޑުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މިހެން ދިމާވަނީ ކުޅުބޭރުކުރާ ގޮށް ތަކުގެ ތެރެއަށް ލިމްފަސައިޓް، އަދި ޕްލާޒްމާ ސެލް ތައް ވަދެ ޖަމާވާގޮތް ވުމުންނެވެ. މީގެ އިތުރުން ހުންކޮށި ބޮޑުވުން، ލޭގެ ހުދު ސެލްތައް މަދުވުން، އިގިލިތަކުގައި ލޭދައުރުނުވުމުގެ ސަބަބުން އިގިލިތައް ކަޅުވުން، ލޭހޮޅިތައް ދުޅަވުން ، އަދި ފައިގައި ފާރުގަނޑު އުފެދުން ފަދަ ކަންތައްތައް ވެސް މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. މީގެ އިތުރުން ތައިރޮއިޑް ދުޅަވުން (ހަޝިމޯޓޯ ތައިރޮއިޑައިޓިސް)، ފުރަމޭ ބޮޑުވުން، އަދި ޗިސްމޭ ދުޅަވުން އަކީވެސް ކުރިމަތިވެދާނެ ކަންކަމެވެ.
މިބަލީގައި މާގިނަ ދުވަސް ވެއްޖެނަމަ ރެޓިކިޔުލަމް ސެލް ސާރކޯމާ ކިޔާ ކެންސަރުގެ ބާވަތެއް ޖެހުމަކީ ވެދާނެ ގޮތެކެވެ. އަދި ލޭގައި މޮލިކިޔުލަރ ބަރުދަން މަތި ގްލޯބިއުލިން ހުރުމަކީ ވެދާނެ ގޮތެކެވެ.
ޢާންމު ގޮތެއްގައި މިބައްޔަށް ދެވެނީ ބައްޔާއި ގުޅިގެން ފެންނަ އުދަގޫތައް ކުޑަކުރުމަށް ދެވޭ ފަރުވާ އެކެވެ. އެގޮތުން ލޯ ހިކުން ކުޑަކުރުމަށްޓަކައި ޞިނާޢީ ކަރުނަ (ލޮލަށް ޖައްސާ ފެނެއް) ލޮލަށް އަޅަން ޖެހެއެވެ. ބައެއް ފަހަރު ކޯޓިކޯސްޓީރޮއިޑް އަދި އިމިޔުނޯސަޕްރެސިވް ބޭސްތައް ވެސް ބޭނުން ކުރެވެއެވެ.