ޝަވިއޭ ރޮމޭރޯ-ފްރިއަސް
ޝަވިއޭ ރޮމޭރޯ-ފްރިއަސް (1954) އަކީ ސުޕޭނުގެ ރައްޔިތެކެވެ. މީނާއަކީ އެންތުރޮޕޮލޮޖިސްޓެކެވެ. އަދި މީނާއަކީ ލިންގުއިސްޓެއްވެސް މެއެވެ. މީނާ ވަނީ 13 އަހަރު ދުވަހު ދިވެހިރާއްޖޭގައި ދިރިއުޅުން ހޭދަކުރައްވާފައެވެ. އެއީ 1979 އަކާއި 1991 ވަނަ އަހަރާއި ދެމެދުގައެވެ. ދެކުނު އޭޝިޔާގައި އޭނާ މުޅިއެކު 30 އަހަރު ދިރިއުޅުން ހޭދަކުރައްވާފައި ވެއެވެ.
ޝަވިއޭ ރޮމޭރޯ-ފްރިއަސް ދިވެހިރާއްޖެގައި އެނގިފައިވާގޮތުން ޝަވި، ދިވެހި ބަސް ވަރަށް ފުރިހަމައަށް ދަސްކުރެއްވިއެވެ. އަދި ދިވެހި ބަސް ދަސް ކުރެއްވުމަށް ފަހު އޭނާ ދިވެހިރާއްޖެ އާއި ބެހޭ އެންތުރޮޕޮލޮޖީ އާއި، އެތުނަގުރަފީ، އަދި ދިވެހިރާއްޖެ އާއި މަލިކު އަތޮޅުގެ ބސްތަކާއި މެދު ހޯއްދެވުންތައް ހޯއްދަވައި ހެއްދެވިއެވެ. ޝަވިއޭ ރޮމޭރޯ-ފްރިއަސް، އަކީ ދިވެހި ބަހާއި މެދު ހޯއްދެވުންތައް ހޯއްދަވާފައިވާ ރާއްޖެއިން ބޭރު މީހުންގެ ތެރެއިން، ދިވެހި ބަސް އެންމެ ރަނގަޅަށް ދަންނަ ދިވެހި ބަހުގެ ތަޖުރިބާކާރު މަަހިރުވެސް މެއެވެ.
1999 ވަނަ އަހަރު ޝަވިއޭ ރޮމޭރޯ-ފްރިއަސް، ދިވެހިރާއްޖޭގައި އަނގަބަހުން ކިޔެމުން އައި ވާހަކަތައް އެއްކޮށް އެ ވާހަކަތައް ތަފްސީލާއިއެކު ބަޔާންކޮށް ވަނީ ފޮތެއް ވެސް ނެރުއްވާފައެވެ. އޭނާ އެ ވާހަކަތައް ހޯދައި ރިކޫޑުކުރީ ދިވެހިރާއްޖޭގެ އެކި ހިސާބު އަތޮޅުތަކުގެ ރަށްރަށުންނެވެ. ޝަވިއޭ ރޮމޭރޯ-ފްރިއަސް މިއިން ކޮންމެ ރަށެއްގައިވެސް މުސްކުޅިންނާއިއެކު ވަގުތު ހޭދަކޮށް ރަށްޓެހިކަން ގާއިމު ކުރެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެ މީހުން އެތައް ޒަމާނަކުއްސުރެ އަނގަބަހުން ކިޔަމުން އައި ވާހަކަތައް އެމީހުން އޭނާއަށް ކިޔައިދިނެވެ، އަދި އޭނާ މިވާހަކަތައް ރިކޫޑު ކުރެއްވިއެވެ. ޝަވިއޭ ރޮމޭރޯ-ފްރިއަސް މިކަން ކުރެއްވުމުގެ ކުރިން މިފަދަ ވާހަކަތަކުގެ ތެރެއިން ވަރަށް މަދު ވާހަކައެއް ފިޔަވައި ލިޔެވި ޗާޕު ކުރެވިފަކައި ނުވެއެވެ. މި ވާހަކަތައް ރައްކައު ކުރެވިފަވީ ހަމައެކަނި ރާއްޖެތެރޭގެ ދުވަސްވީ މީހުންގެ ހިތުގައެވެ. ޝަވިއޭ ރޮމޭރޯ-ފްރިއަސް ކުރެއްވި މި މަސައްކަތުގެ ސަބަބުން މިހާރު އެވާހަކަތައް އެވަނީ ދިވެހި ޤައުމުގެ މުސްތަގުބަލަށްޓަކައި ރައްކައުކުރެވިފައެވެ. ދިވެހިންގެ މެދުގައި މި ވާހަކަތަކަކީ ހަމައެކަނި މުނިފޫހި ފިލުވުމަށް މުސްކުޅިން ކިޔާ އުޅޭ ވާހަކަތަކެއް ކަމުގައި ދެކެވުނުނަމަވެސް، ހަޤީގަތަކީ ދިވެހި ސަޤާފަތާއި މިވާހަކަތަކާއި ވަރަށް ބޮޑު ގުޅުމެއް ވާކަމެވެ. އެހެންކަމުން ޝަވިއޭ ރޮމޭރޯ-ފްރިއަސް އެކުރެއްވި މަސައްކަތަކީ ދިވެހި ސަޤާފަތަށްޓަކައި ވަރަށް އަގުހުރި މަންފާހުރި މަސައްކަރެކެވެ.
ސުރިލަންކާގެ އާކިޔޮލޮޖީ ޑިޕާޓްމެންޓުގެ ޑިރެކްޓަރު (1992 - 1983) ޑރ. ރޯލަންޑު ސިލްވާ، ބުނުއްވާފައިވާގޮތުން ޝަވިއޭ ރޮމޭރޯ-ފްރިއަސް، ދިވެހިބަހާއި ސަޤާފަތަށް ކުރެއްވި މަސައްކަތަކީ، އިނގިރޭސިވިލާތުގެ މަޝްހޫރު އެންތުރޮޕޮލޮޖިސްޓު އެޗް. ޕާކަރު ކުރެއްވި މަސައްކަތަކާއި އެއްފަދް ކަމެއް ކަމުގައެވެ. އެޗް. ޕާކަރު ވަނީ 1910 ވަނަ އަހަރު ސުރީލަންކާގެ ކުދިކުދި އަވަށްތަކުގައި ކިޔެމުން ދިޔަ ވާހަކަތައް އެއްކޮށް ޗާޕުކޮށްފައެވެ.
އަދި ސުރީލަންކާގެ ތަޖުރިބާކާރު ސަގާފީ އިލްމުގެ މާހިރެއް ކަމުގައިވާ ރޫހަން ގުނަރަތުނާ ވަނީ ޝަވިއޭ ރޮމޭރޯ-ފްރިއަސް އާއި އިގިރޭސިވިލާތުގެ މަޝްހޫރު ތަޖުރިބާކާރު މާހިރެއް ކަމުގައިވާ އެޗް. ސީ. ޕީ. ބެލް އާއި އެއްގޮތް ކުރައްވާފައެވެ.
އިތުރު ފާލަންތައް
އުނިއިތުރު ގެންނަވާ- Xavier Romero-Frias Academia.edu
- Xavier Romero-Frias, The Maldive Islanders, A Study of the Popular Culture of an Ancient Ocean Kingdom. Barcelona 1999, ISBN 84-7254-801-5
- Xavier Romero-Frias, (2012) Folk tales of the Maldives, NIAS Press, ISBN 978-87-7694-104-8, ISBN 978-87-7694-105-5