ޖެނިޓަލް ހާރޕީޒް

އުނިއިތުރު ގެންނަވާ

މިއީ ހާރޕީޒް ސިމްޕްލެކްސް ވައިރަސް (Herpes simplex virus) ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިވައިރަސްގެ ދެވައްތަރެއް ވާއިރު އާންމު ގޮތެއްގައި ޖެނިޓަލް ހާރޕީޒް ޖެހެނީ ދެވަނަ ވައްތަރުގެ ވައިރަސްގެ ސަބަބުންނެވެ.


ޖެނިޓަލް ހާރޕީޒް ޖެހުން

އުނިއިތުރު ގެންނަވާ

މިބަލި ޖެހެނީ ބަލި ޖެހިފައިވާ މީހަކާއި އެއްވެސް ސިފައެއްގައި ޖިންސީ ގުޅުން ހިންގުމުންނެވެ.

ޖެނިޓަލް ހާރޕީޒް ޖެހުމުން ފެނިދާނެ ޢަލާމާތްތައް

އުނިއިތުރު ގެންނަވާ

މިބަލި ޖެހުމުން ފެނިދާނެ ޢަލާމާތްތަކުގެ ތެރޭގައި ހުންއައުން، ގައިގައި ރިއްސުން، އުނަގަނޑު މައްޗަށް ތަދުވުން، ވަރުބަލިވުން، ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްލުން، އަދި ޖިންސީ ގުނަވަނާއި އޭގެ ވަށައިގެންވާ ހިސާބު ހިރުވައި ފޮޅުނެގުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ފަހަރު މިފޮޅުތައް ފަޅައިގެން ދިއުމުން ފާރުވެ، ކުޑަކަމުދާއިރު ރިއްސައި ތަދުވާގޮތް ވެއެވެ.

އަންހެނުންނަށް މިބަލި ޖެހުމުން ފަރުޖުން ނުބައި ވަސް ހުންނަ ދިޔައެއް ބޭރުވެއެވެ. މާބަނޑުވެފައިވާ މީހަކަށް މިބަލި ޖެހި، ރަހިމުގެ ކަރަށް ބަލީގެ އަސަރު ފޯރައިފި ނަމަ، ރަހިމުގައިވާ ކުޑަދަރިފުޅަށް އޭގެ އަސަރު ފޯރައި، ބައިގެން ދިއުން ފަދަ ކަމެއް މެދުވެރިވުމަކީ ވެސް ގާތްކަމެކެވެ.

 
ޖެނިޓަލް ހާރޕީޒް ޖެހިފައިވާ ފިރިހެނާގެ ޖިންސީ ގުނަވަން

ފިރިހެނުންނަށް ޢާންމުކޮށް މިބަލީގެ އަސަރު ފޯރަނީ ފިރިހެން ހަށި އަދި އޭގެ ބޯކޮޅަށެވެ. ބައެއް ފަހަރު ކުޑަކަމުދާ ހޮޅިއަށް ބަލީގެ އަސަރު ފޯރައި، ކުޑަކަމުދާން އުދަގޫވެ، ފެންފަދަ ދިޔައެއް ކުރިމަތި ފަރާތުން ބޭރުވާ ގޮތްވެއެވެ. މިބަލީގެ އަލާމާތްތައް ދޭތެރެ ދޭތެރެއިން ފެންނާނެއެވެ.

ޖެނިޓަލް ހާރޕީޒް އިން ރައްކާތެރިވުން

އުނިއިތުރު ގެންނަވާ

ޖެނިޓަލް ހާރޕީޒް އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

  • އިސްލާމީ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
  • ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
  • ބަލި ޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
  • ރާބުއިން އަދި މަސްތުވާ ތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންތައްތަކުގެ ސަބަބުން ޣައިރު ޝަރުޢީ ގުޅުންތަކަށް މަގުފަހިކުރުވާތީއެވެ.
  • މާބަނޑު ދުވަސްވަރު ޖެނިޓަލް ހާރޕީޒް ޖެހިފައިވޭތޯ ބަލައި ދެނެގަނެ ލަސްނުކޮށް ފަރުވާކުރުން
  • ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން