ޔުނިޓަރީ ނިޒާމާއި ފެޑެރަލް ނިޒާމުގެ ސަރުކާރު

ދުނިޔޭގެ ގިނަ ގައުމުތަކުގެ ޢާއްމު ސަރުކާރުގެ ތެރޭގައި އިތުރު ސަރުކާރުތަކެއް ހިމެނިގެން ވެއެވެ. މި އިން ކޮންމެ ސަރުކާރަކަށް ހިންގުމުގެ ޤާނޫނީ ބާރާއި އަމިއްލަ ޤާނޫނުތަކެއް ލިބިގެންވެއެވެ. ދުނިޔޭގައި މިއަދު ދެ ނިޒާމެއްގެ ސަރުކާރުތައް ހިނގަމުން ދެއެވެ. އެ ދެނިޒާމަކީ ޔުނިޓަރީ ނިޒާމާއި ފެޑެރަލް ނިޒާމެވެ. މި ނިޒާމުތަކުގެ ސަރުކާރުތަކުގައި ހިމެނިގެންވަނީ މުޅި ޤައުމަށް ފެތުރިފައިވާ މަރުކަޒީ ސަރުކާރަކާއި ގައުމުގެ އެކި ސަރަޙައްދު ތަކުގެ ސަރުކާރު ތަކެވެ. މީގެ ތެރޭގައި ސްޓޭޓް ސަރުކާރު ތަކާއި ޕްރޮވިންސް ސަރުކާރު ތަކާއި ޑިސްޓްރިކްޓް ސަރުކާރު ތަކާއި ސިޓީ ތަކުގެ ސަރުކާރެވެ. މި ހުރިހާ ސަރުކާރުތަކެއް ވެސް ހިނގަނީ ކަނޑައެޅިފައިވާ ވަކި ރޭވުން ތަކެއްގެ ދަށުންނެވެ. ގިނަ ގައުމުތަކުގެ ސަރުކާރު ހިންގުމުގައި ބޭނުން ކުރެވެނީ އެހެންޏާ ޔުނިޓަރީ ނޫނީ ފެޑެރަލް ނިޒާމެވެ.

ޔުނިޓަރީ ނިޒާމް

އުނިއިތުރު ގެންނަވާ

ޔުނިޓަރީ ނިޒާމުގައި މައިގަނޑު ހުރިހާ ބާރުތަކެއް ދެވިފައިވަނީ މަރުކަޒީ ސަރުކާރަށެވެ. ސްޓޭޓް ސަރުކާރާއި ޕްރޮވިންސް ސަރުކާރާއި ރަށްފުށުގެ އިދާރާތައް އުފައްދަނީ މަރުކަޒީ ސަރުކާރުންނެވެ. ލާ މަރުކަޒީ ސަރުކާރުތަކަށް ލިބެނީ މަރުކަޒީ ސަރުކާރުގެ ފަރާތުން އައްޔަން ވެގެން ލިބޭ ބާރެކެވެ. ފަރަންސޭސި ވިލާތާއި އިޓަލީ ވިލާތާއި ޖަޕާނާއި އިނގިރޭސިވިލާތުގައި އޮންނަނީ ޔުނިޓަރީ ނިޒާމުގެ ސަރުކާރެވެ. ޔުނިޓަރީ ނިޒާމު އޮތް ކަމުގައި ވިޔަސް މި އިން ކޮންމެ ގައުމަކުން ވެސް ބާރުތައް މަރުކަޒީ ކުރުމާއި ލާ މަރުކަޒީ ކުރުމުގައި އަމިއްލަ ހަމަ ތަކެއް ގެންގުޅެއެވެ. ސީނުކަރައާއި އުތުރު ކޮރެއާ އާއި ކިއުބާ ފަދަ ކޮމިއުނިސްޓް ގައުމުތަކުގައި ވެސް އޮންނަނީ ޔުނިޓަރީ ނިޒާމުގެ ސަރުކާރުތަކެވެ.