ޒިންކް
ޒިންކް(އިނގިރޭސި ބަހުން: Zinc) އަކީ އިންސާނުންނާއި، ޖަނަވާރުންނާއި އަދި ގަސްގަހާ ގެއްސަށް ވެސް މުހިއްމު ޓްރޭސް އެލިމެންޓް އެކެވެ. އާދައިގެ ބޮޑުމީހެއްގެ ހަށިގަނޑުގައި 3-1.5 ގްރާމް އާއި ދޭތެރޭގެ މިންވަރަކަށް ޒިންކް ހުރެއެވެ. މީގެ ތެރެއިން %60 ހުންނަނީ މަސް އަދި ކަށި ތަކުގައެވެ. %20 ހުންނަނީ ހަންގަނޑު ގައެވެ. ނިސްބަތުން ފިރިހެނުންގެ ގައިގައި އެންމެ ގިނައިން ޒިންކް ހުންނަނީ މަނި އަދި ޕްރޮސްޓޭޓް ގްލޭންޑް ގައެވެ. ޒިންކް އަކީ ހަށިގަނޑުގެ މަސައްކަތްތަކަށާއި، ދިފާޢީ ބާރު ގަދަކުރުމަށާއި، އަދި ހޯރމޯންތައް އުފެއްދުމަށް ބޭނުންވާ އެއްޗެކެވެ. ހަމަ މިގޮތަށް ކަށި، ދަތް، ހަން، އަދި ސިކުނޑި ފުރިހަމަ ކުރުމަށް ޒިންކް ބޭނުންވެއެވެ. 200 އަށްވުރެ ގިނަ އެންޒައިމްގެ މަސައްކަތުގައި ޒިންކް ހަރަކާތްތެރި ވެއެވެ. ޒިންކް އަކީ ކުޑަކުދިން ހެދިބޮޑުވުމަށް ވެސް ވަރަށް ބޭނުންތެރި މާއްދާ އެކެވެ. އަދި ގައިގާ ހެދޭ ފާރުގަނޑު ފަދަ ތަންތަން އަވަހަށް ފަސޭހަވުމަށް ވެސް ޒިންކް އަކީ ވަރަށް ބޭނުންތެރި މާއްދާ އެކެވެ. ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ޒިންކް އިން ހަށިގަނޑަށް ނަގައިދެނީ ހަމައެކަނި %20 އެވެ. މިހެން ދިމާވަނީ ވެސް ކެވޭ ބާވަތަކުންނެވެ. ކަނޑުމަހާއި އެއްގަމުމަހުގައި ހިމެނޭ ޒިންކް މޭވާ އާއި ތަރުކާރީގައި ހިމެނޭ ޒިންކް އަށްވުރެ ހަށިގަނޑަށް ނެގޭލެން ގިނައެވެ. ހަށިގަނޑުން ޒިންކް މަދުވުމުން ދިމާވެދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި، ހަމުގެ ބަލިތައް ޖެހުން، ދަރިވެހިވުމުގެ މައްސަލަތައް ޖެހުން، ލިބޭކުދިން ޢައިބުވުން، ލޮލުގެ މައްސަލަތައް ޖެހުން، އަދި ކަށީގެ މައްސަލަ ޖެހުން ހިމެނެއެވެ. ޒިންކް އެންމެ ގިނައަދަދަކަށް ބޭނުންވަނީ ހެދިބޮޑުވަމުން އަންނަ ކުދިންނަށާއި، މާބަނޑު އަންހެނުންނަށާއި، އަދި ގާތުންކިރުދޭ މައިންނަށެވެ. ޒިންކް ހަށިގަނޑުގައި މަސައްކަތްކުރަނީ ދަގަނޑު އާއި އެއްގޮތަކަށެވެ. ކޮންމެ އިންސާނަކަށް ވެސް ގާތްގަނޑަކަށް ދުވާލަކު 6-4 މިލިގްރާމް އާއި ދެމެދުގެ އަދަދަކަށް ޒިންކް ބޭނުންވެއެވެ. ޒިންކްގެ ކެލަމިން (އިނގިރޭސި ބަހުން: Recommanded Dietary intake)(ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު) އަކީ ފިރިހެނުންނަށް 15 މިލިގްރާމް، އަދި އަންހެނުންނަށް 12 މިލިގްރާމް އެވެ. ޒިންކް ހިމެނޭ ކާބޯތަކެތީގެ ތެރޭގައި ކަނޑުފަޅުގައި އުޅޭ ތަކެތި، އެއްގަމުމަސް، ނުކަނޑާހުރި ގޮވާން ހިމެނެއެވެ.ޒިންކް ބޭހެއްގެ ގޮތުގައި ވެސް ލިބެން ހުރެއެވެ. މިބައި ގިނަވެގެން ދިމާވާ ކަންތައްތަކުގެ ތެރޭގައި ހޮނޑުލެވުން އަދި ބޭރަށްހިންގުން ހިމެނެއެވެ.
ރިފަރެންސް
އުނިއިތުރު ގެންނަވާ- ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003