ޒާލް އަކީ ފާރިސްކަރައިގެ "ރާދަވަޅި" ނުވަތަ ޝާހްނާމާ ގައި ތަސްވީރުކޮށްދީފައިވާ މަޝްހޫރު ހަނގުރާމަވެރިއެވެ.

ޒާލް އުފަންވީއިރު ބޮލުގެ އިސްތަށިތައް ހުދެވެ. އޭނާއަށް "ޒާލް" މި ނަން ދެވުނީ އޭނާ އުފަންވީ އިރު އަލްބީނޯ (ހުދު) ވީމައެވެ. ފާރިސީ ބަހުން ޒާލް ނިސްބަތް ކުރެވެނީ ހުދު މީހުންނަށެވެ. ޒާލްގެ ބައްޕަ އަކީ ސާމް އެވެ ކާފަ އަކީ ނަރިމާން އެވެ. މި ދެމީހުންނަކީ ވެސް އީރާންޝަހަރްގެ ދިފާއުގައި ވަރުގަދަ ހަނގުރާމަވެރިންނެވެ. ޒާލްގެ ކިބައިގައި އެ ބަލި ހުރުމުގެ ސަބަބުން އޭނާއަށް އަހަރެއް ވެސް ނުވަނީސް އޭނާގެ ބައްޕަ އޭނާ ދަމާވަންދު ފަރުބަދަ މައްޗަށް ދޫކޮށްލީއެވެ. މިއީ މުޅި އީރާނުގައި ވެސް އެންމެ އުސް ފަރުބަދަ އެވެ. އަދި ސިމާގު (ވަރަށް ބޮޑު ދޫންޏެއް) އަށް އޭނާ ފެނިގެން ނަގައިގެން ގެންގޮސް އެސޮރުގެ ހާލީގައި ބެލެހެއްޓިއެވެ. އޭގެ ދުވަސްތަކެއް ފަހުން ކޮންމެވެސް އިއްޒަތްތެރިއަކު އަސްގާޑިޔަލެއްގައި ދަތުރުކުރަމުން ދަނިކޮށް ވަރުގަދަ ޒުވާނަކު ދޫނީގެ ހާލީގައި ހުއްޓާ ފެނިއްޖެ އެވެ. އަދި މި ހަބަރު ޝަހަރުގައި ފެތުރި ސާމާ ހިސާބަށް ފޯރުމުން އެކަމާ ބޮޑެތި މީހުންނާ މަޝްވަރާ ކުރުމަށް ފަހު އެތަނަށް ދިޔައެވެ. އެ ހާލިން އޭނާއަށް ފެނުނީ އޭނާގެ އަމިއްލަ ދަރި އެވެ. އެކަމަކު އެ ހާއްޔާ ހިސާބަށް މައްޗަށް އެރޭނެ ގޮތެއް ނުފެނުނެވެ. އެހެންކަމުން އޭނާގެ ކުށަށް އަފޫ ކުރެއްވުމަށާއި އެހީތެރިކަށް އެދި ކަލާނގެ ކިބަފުޅުން އެދުނެވެ. އެ މަންޒަރު ސިމާގަށް ފެނުމުން އޭނާ އައިސް އެހުރީ ޒާލް ބަލައި ކަން އެނގުނެވެ. އަދި އެ އިހްސާންތެރި ދޫނި ގައިން ފަތެއް އުފުރާލާފައި ޒާލް އަށް ދީފައި ބުންޏެވެ. "އަހަރެންގެ އެހީއަކަށް ބޭނުންވެއްޖެ ނަމަ މި ފަތް އަންދާލާ. އަދި އަހަރެން ދިން ލޯތްބާއި އެހީތެރިކަން ހަނދާން ނައްތާނުލާތި."

ޒާލް އަށް އިހްސާންތެރިވި އެ ބިޔަ ދޫނި އޭނާއަށް ނުރައްކާތެރި ކަމެއް މެދުވެރި ވެއްޖެ ނަމަ އަންދާލުމަށް މީގެ ތިން ފަތް ދިނެވެ. އެއިން ފަތެއްގައި ރޯކޮށްލާ އިރަށް އެތަނަކަށް ސިމާގް ހާޒިރުވާނެއެވެ.

ޒާލްއާއި ރުދަބާ

އުނިއިތުރު ގެންނަވާ

ޒާލް ގޮވައިގެން އެނބުރި ގެއަށް އައުމަށް ފަހު އޭނާގެ ބައްޕަ ސާމް ކުރީގައި ޒާލްއާ ދޭތެރޭ ކަން ކުރެވުނު ދެރަ ގޮތްތަކުގެ މައްޗަށް ހިތާމަކޮށް ދެން އެފަދަ ދެރަ ގޮތެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި ވަރަށް ފުރިހަމަ އެހީތެރިކަމާ އެކު އޭނާ ބެލެހެއްޓިއެވެ. މަނޫޝެހެރް ވެސް މި ޒުވާން ކުއްޖާއަށް ހެޔޮކޮށް ހިތިއެވެ. ސާމް، އުސްތަމާން މާޒަންދަރާން އަށް ހަނގުރާމައަށް ނުކުތުމުން، ސާމްގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުގެ ރަސްކަން ޒާލް އާ ހަވާލުކުރެވުނެވެ.

ރަސްކަމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމުގައި ގިނަގިނައިން ވަޒީރުން އެއްކުރައްވައެވެ. މިފަދަ އެއްވުންތަކުގައި ޝަރާބާއި މިއުޒިކުގެ ކުޅިވަރު އޮވެއެވެ. އަދި ކާބުލްގެ ކުރީގެ ޖައްބާރު ރަސްގެފާނު ޒަހާގު ގެ ދަރިކޮޅުން ރަސްކަލެއް ކަމުގައިވާ މިހްރާބަށް ހެޔޮކޮށް ހިއްތަވައި ގިނަ އަދަދަކަށް އަހާއި އަޅުން ހަދިޔާ ކުރެއްވިއެވެ.

މިހްރާބް ގެ ރީތި އަންހެން ދަރި ރުދަބާ ފެނިފައި ޒާލްގެ ހިތް އޭނާއަށް ލެނބުނެވެ. އޭނާ ދެކެ ލޯބި ވެވުނެވެ. އެހެންނަމަވެސް މި ގުޅުން ކުރިއަށް ގެންދަން ޖެހުނީ ދަތިތަކާ އެކުއެވެ. އެއް ފަހަރެއްގައި ޒާލް ރުދަބާގެ ގަނޑުވަރު ކައިރިއަށް ދިއުމުން ރުދަބާ އޭނާގެ ދިގު އިސްތަށިގަނޑު ޒާލް މައްޗަށް އަރަން ވަލެއްގެ ގޮތުގައި ބޭނުންކުރިއެވެ. ޒާލް ގަނޑުވަރުގެ މައްޗަށް އެރި އިސްތަށިގަނޑުގައި އެލިގެންނެވެ.

ޒާލް ރުދަބާ އާ ގުޅުމަށް ޒާލް ގެ ބައްޕަ އާއި މަނޫޝަހަރް ހިތްނުރިދާނެ ކަމުގައި އޭނާ ދުއްޓެވެ. އެއީ ރުދަބާ ގުޅެނީ ޒަހަގް ގެ ދަރިކޮޅާ ކަމަށް ވާތީ އެވެ. މިހްރާބް ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމަކާ އެކު ނަމަވެސް މި ގުޅުމަށް ރުހުނެވެ. އެެހެންކަމުން ޒާލް އޭނާގެ ބައްޕަ މި ކައިވެންޏާ މެދު ހިތްހަލާލު ކޮށް އެއްބަސް ވުމަށް އެދުނެވެ. އަދި ޒާލްގެ ބައްޕަ ޒާލްގެ އެދުންތައް ފުރިހަމަ ކޮށްދިނުމަށް ވެފައިވާ ވައުދުގެ މަތިން ހަނދާންކޮށްދިނެވެ.

ނަމަވެސް ސާމަށް ރުދަބާގެ ބައްޕަ އަދި ކާބުލް ގެ ރަސްގެފާނަކީ ޒަހަގު ގެ ދަރިކޮޅުން އައި ބާބިލެއް ކަން އެނގި އެކައިވެންޏާ ދެކޮޅު ހެދިއެވެ.

އެންމެ ފަހުން ސާމް، ޒާލާއި ރުދަބާ ކައިވެނި ވުމުން އެ ދެމީހުންގެ ދިރިއުޅުން އުފާވެރި ވެ އުޖަލާ ވާނެތޯ ނުޖޫމީއިލްމުވެރިން ގާތު އެއްސެވެ. އެމީހުންގެ ޖަވާބަކަށް އައީ އެ ކައިވެނިން އަންނަ ދަރިކޮޅަކީ މުޅި ދުނިޔެ ފަތަހަކުރާނެ ފާތިހުން ކަމެވެ. އެހެންކަމުން ޒާލް މަނޫޝެހެރް ގެ މަޖިލީހަށް ގެނެސް ހެޔޮކޮށް ހިތައި ސާމްގެ ރުހުން ދިންކަން އިއްވައި ރަސްގެފާނުވެސް އެކަމާ ގަބޫލު ވެއްޖެއެވެ.

ކައިވެނީހެ ހަފްލާ އޮތީ ޒަލް އާއި ރުދަބާ ފުރަތަމަ ބައްދަލް ވި ތަނުގައެވެ. އަދި ކައިވެންޏަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފާރިސްކަރަ ފަހުރުވެރިވާ ވަރުގަދަ ފާތިހް ރުސްތުމް އުފަންވިއެވެ.

ރުސްތުމް ވިހެއުމުގެތެރޭގައި އޭނާގެ މަންމަ ރުދަބާ އަށް އުނދަގޫތަކެއް ކުރިމަތިވެ ދިގުދެމިގެން ދިޔައެވެ. އަދި ވިހެއުމުގެ އުނދަގޫތަކަށް ކެތް ނުކުރެވިގެން ރުދަބާ މަރުވެދާނެކަމަށް އޭނާގެ ފިރި ޒާލް ދުއްޓެވެ. އެހައި ހިސާބުން ޒާލް ސިމާގު ގެ އެހީއަށް އެދުނެވެ. ދެން ސިމާގް ހާޒިރުވެ "ރުސްތުމްޒާދު" (ކަފާލައިގެން ދަރިފުޅު ނެގުން) ކުރާނެ ގޮތް ކިޔައިދީ ދެމައިންގެ ފުރާނަ ސަލާމަތް ކޮށްދިނެވެ.

އިތުރަށް ބެލުމަށް

އުނިއިތުރު ގެންނަވާ