ޑރ. ޢަބްދުﷲ ޖަމީލް ފުރަތަމަ ޑިގުރީ ހާސިލުކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ މަދީނާގެ އިސްލާމީ ޔުނިވަރސިޓީން ޙަދީޘާއި އިސްލާމިކް ސްޓަޑީޒްގެ ރޮނގުންނެވެ. ޝަރީޢާއިން މާސްޓަރޒް ޑިގްރީ ހާސިލުކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. އެއަށްފަހު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ޙަދީޘުން ޕީއެޗްޑީ ހާސިލުކުރެއްވިއެވެ.

ޑރ. ޢަބްދުﷲ ޖަމީލް ހުކުރު ޚުޠުބާ ދެއްވަނީ

ކިޔަވައިވިދާޅުވެގެން ރާއްޖެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ދިވެހިރާއްޖޭގެ އަޑުގައެވެ. ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތް ކުރެއްވި އިރު ދީނީ ޕްރޮގްރާމްތައް ޑރ. ޖަމީލް ވަނީ ތައްޔާރުކޮށްދެއްވައިފައެއެވެ. ޑރ. ޖަމީލަކީ ހުކުރު ޚުޠުބާ ލިޔުއްވާ ބޭފުޅެކެވެ. އަދި އެ މަނިކުފާނަކީ ނުބަލައި ޚުޠުބާ ކިޔުމުގެ ހުއްދަ އޮންނަ މަދު ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ޑރ. ޢަބްދުﷲ ޖަމީލް އަދާކުރެއްވި އެހެނިހެން މަޤާމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގައި ސީނިއަރ ލެކްޗަރަރއެއްގެ މަޤާމާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ ޑީންކަން ހިމެނެއެވެ.