ސްޕައިނާ ބިފިޑާ
ސްޕައިނާ ބިފިޑާ (Spina Bifida ) އަކީ މައިބަދަ ބެދިފައި ނުވުމެވެ. މިއީ ނިއުރަލް ޓިއުބު ޑިފެކްޓްގެ ވައްތަރެކެވެ. މިމައްސަލަ ހުންނަ ބައެއް ކުދިންގެ ބޮލު(ސިކުނޑީ)ގައި ފެން އުފެދުން(hydrocephalus) އެކަށީގެން ވެއެވެ. މިއީ އުފަންވާއިރު މައިބަދައިގައި ހުންނަ އުނިކަމެކެވެ. ނިއުރަލް ޓިއުބު ރަގަޅަށް ނުބެދިއްޖެނަމަ، މައިބަދައިގެ ކޮންމެ ހިސާބެއްގައި ވެސް ސްޕައިނާ ބިފިޑާ(ނުބެދި) ހުރެދާނެ އެވެ. މިހެންވުމުން ސްޕައިނަލް ކޯޑު ރަގަޅަށް އުފެދި، ބެދިފައެއް ނުހުންނާނެ އެވެ. މިގޮތަށްވުމުން ސްޕައިނަލް ކޯޑު، އަދި ނާރުތަކަށް ގެއްލުން ލިބޭގޮތް ވެއެވެ.
ސްޕައިނާ ބިފިޑާ (މައިބަދަ ބެދިފައިނުވުން) ގެ ސަބަބުން ޖިސްމާނީ، އަދި ފިކުރީގޮތުން ގެއްލުން ލިބުމަކީ ވެދާނެ ގޮތެކެވެ. ލިބޭ ގެއްލުން ބަރޯސާވަނީ:-
· މައިބަދަނުބެދި ހުރި ހިސާބު، އަދި މައިބަދަ ނުބެދި ހުރި މިންވަރު
· ސްޕައިނަލް ކޯޑު އަދި ނާރުތަކަށް ގެއްލުންވެފައިވާ މިންވަރު
ސްޕައިނާ ބިފިޑާގެ ވައްތަރުތައް
އުނިއިތުރު ގެންނަވާސްޕައިނާ ބިފިޑާގެ އެންމެ އާންމު 3 ވައްތަރު ތިރީގައި މިވަނީ އެވެ.
މެނިންގޯމައިލޯސީލް
އުނިއިތުރު ގެންނަވާމެނިންގޯމައިލޯސީލް ( Meningomyelocele) : މެނިންގޯމައިލޯސީލް އަކީ ސިކުނޑިއާއި، މައިބަދައިގެ ވަށައިގެންވާ ފަށަލަ ބޭރަށް ނިކުމެފައި ހުރުމުގެ އިތުރުން، މައިބަދައިގެ ނާރުތައް އެއްކޮށް، ނުވަތަ އެއިން ބައެއް ބޭރަށް ނިކުމެފައި ހުރުމެވެ. މިއީ ސްޕައިނާ ބިފިޑާގެ އެންމެ ނުރައްކާތެރި ވައްތަރެވެ. މިހާލަތުގައި މައިބަދައިގައި ވަށައިގެންވާ ފަށަލަ އާއި، ނާރުތައް އެއްކޮށް، "ފެންކޮތަޅެއް" ހެން ބުރަކަށިން ބޭރަށް ނިކުމެފައި އިންނާނެ އެވެ. މިކޮތަޅުތެރެއަށް އައިސްފައިވާ ސްޕައިނަލް ކޯޑު ބަޔާއި، ނާރުތަކަށް ގެއްލުންވެފައި ހުންނާނެ އެވެ. މިވައްތަރުގެ ސްޕައިނާ ބިފިޑާގެ ސަބަބުން، އާދައިގެ މިންވަރުން ފެށިގެން ގޮސް، ވަރަށް ބޮޑު މިންވަރަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ކުރިމަތި ކުރުވައިފާނެ އެވެ. އެގޮތުން ފައި ނުވަތަ ފައިތިލައިގައި އިހުސާސް ނުހުރުން، އަދި ފައި ހަރަކާތްކުރަން ނުކުޅެދުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. މިވައްތަރުގެ ސްޕައިނާ ބިފިޑާ ހުންނަ ބައެއް ކުދިންގެ މައިބަދައިން ބޭރަށް ނިކުމެފައިވާ ބައި ހުޅުވި، އެތެރޭގައިވާ ނާރުތައް ބޭރަށް ފެންނަން ހުރުމަކީ ވެދާނެ ގޮތެކެވެ.
މެނިންގޯސީލް
އުނިއިތުރު ގެންނަވާމެނިންގޯސީލް ( Meningocele) : މެނިންގޯސީލް އަކީ ސިކުނޑިއާއި، މައިބަދައިގެ ވަށައިގެންވާ ފަށަލަ ބޭރަށް ނިކުމެފައި ހުރުމެވެ. މިވައްތަރުގައި ބުރަކަށިން މައިބަދައިން ބޭރަށް ނިކުމެފައި އިންނަ ކޮތަޅުގައި މައިބަދައިގެ ނާރުތައް ނިކުމެފައެއް ނުހުންނާނެ އެވެ. އާންމު ގޮތެއްގައި މިވައްތަރުގައި ނާރުތަކަށް ގެއްލުންވާނީ ވަރަށް ކުޑަކޮށެވެ. ނުވަތަ އެއްގޮތަކަށް ވެސް ނާރުތަކަށް ގެއްލުން ނުލިބިދާނެ އެވެ. މިވައްތަރުގެ ސްޕައިނާ ބިފިޑާގެ ސަބަބުން ނުކުޅެދުންތެރިކަން ކުރިމަތި ކުރުވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. މިވައްތަރުގެ ސްޕައިނާ ބިފިޑާގައި އިންނާނީ ބުރަކަށިމަތިން ބޭރަށް ނިކުމެފައި އިންނަ ކޮތަޅެއް ހެންނެވެ.
ސްޕައިނާ ބިފިޑާ އޮކަލްޓާ
އުނިއިތުރު ގެންނަވާސްޕައިނާ ބިފިޑާ އޮކަލްޓާ ( Spina bifida occulta ) : މިއީ ސްޕައިނާ ބިފިޑާގެ އެންމެ އާދައިގެ ވައްތަރެވެ. މިވައްތަރުގައި މައިބަދަ ހުންނާނީ ބެދިފައެވެ. އެހެންކަމުން ބައެއް ފަހަރު މިވައްތަރު "ފޮރުވިފައިވާ ސްޕައިނާ ބިފިޑާ" އޭ ކިޔައި އުޅެއެވެ. މިވައްތަރުގައި މައިބަދައިގައި ބަދަތަކުގެ ދެމެދުގައި ހުސްކަމެއް ހުއްޓަސް، މައިބަދަ ހުޅުވި، (މައިބަދަ ނުބެދި) ބޭރަށް ނިކުމެފައެއް ނުހުންނާނެ އެވެ. މިވައްތަރުގައި އާންމު ގޮތެއްގައި ސްޕައިނަލް ކޯޑު އަދި ނާރުތަކަށް އަސަރެއް ނުކުރާނެ އެވެ. ގިނަ ފަހަރު ސްޕައިނާ ބިފިޑާ އޮކަލްޓާ ދެނެގަނެވޭނީ ފުރާވަރުގައި، ނުވަތަ ޒުވާން ފުރައަށް އަޅާ ފަހުންނެވެ. އާންމު ގޮތެއްގައި މިވައްތަރުގެ ސްޕައިނާ ބިފިޑާގެ ސަބަބުން، ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރިމައްޗެއް ނުވާނެ އެވެ.
ސްޕައިނާ ބިފިޑާ އޮކަލްޓާ ހުންނަ ކުދިންގެ ބުރަކަށިން ތިރި އުނަގަނޑުމަތީގައި އުފަން ލަފެއް، އިސްތަށިފަޅާފަޅާފައިވާ ލަފެއް ފަދަ އެއްޗެއް، ނުވަތަ ޑިމްޕަލް އެއް ފަދަ ކުޑަ އަޑިކޮޅެއް ހުރެދާނެ އެވެ. ގިނަ ފަހަރު މިވައްތަރުގެ ސްޕައިނާ ބިފިޑާ ހުންނަކަން އެނގެނީ ކޮންމެ ވެސް މައްސަލައެއް ދިމާވުމުން އެކްސްރޭ ނެގޭ ހިނދުގައެވެ.
ސްޕައިނާ ބިފިޑާ ކުރިމަތިވާ ސަބަބުތަކާ، މަގުފަހިކުރާ ކަންތައްތައް
އުނިއިތުރު ގެންނަވާސްޕައިނާ ބިފިޑާ ކުރިމަތިވާ ހަގީގީ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނުވަތަ ކުރިމަތިވާ ހުރިހާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ބައެއް ޞިއްޙީ މާހިރުން ވިދާޅުވަނީ ސްޕައިނާ ބިފިޑާ ކުރިމަތިވުމުގެ މައި ދައުރެއް އަދާކުރާ ދޭއްޗަކީ ވިރާސީގޮތުން ވާރުތަވާ ބަހާތަކާއި، ތިމާވެށީގެ ތެރެއިން ހުށަހެޅޭ މާއްދާ ތައް ކަމުގައެވެ. މިސާލަކަށް ސްޕައިނާ ބިފިޑާ ހުރި ކުއްޖެއް ލިބިފައިވާ ދެމަފިރިންނަށް އެފަދަ ދެވަނަ ކުއްޖެއް ލިބުމުގެ ފުރުޞަތު ބޮޑެވެ. ހަކުރު ބަލި އަދި އާދަޔާ ޚިލާފަށް ފަލަވުން ފަދަ ކަމެއް ހުރިނަމަ، ސްޕައިނާ ބިފިޑާ ހުރި ކުއްޖަކު ލިބުމުގެ ފުރުޞަތު ބޮޑެވެ. ވިރާސީ ގޮތުން އަންނަ ބަދަލުތަކާއި، ތިމާވެށީގެ ސަބަބުން އަންނަ ބަދަލުތަކުގެ ސަބަބުން ސްޕައިނާ ބިފިޑާ ކުރިމަތިވުން އަދިވެސް އިތުރަށް ދިރާސާކުރަން ޖެހެއެވެ.
ސްޕައިނާ ބިފިޑާ ފަދަ ނިއުރަލް ޓިއުބު ޑިފެކްޓެއް ހުރި ކުއްޖެއް ލިބުމުގެ ފުރުޞަތު ބޮޑު (މަގުފަހިކުރާ) ހާލަތްތައް
އުނިއިތުރު ގެންނަވާ· ފޯލިކް އެސިޑް މަދުވުން
o ކާނާގައިފޯލިކްއެސިޑް މަދުން ކެވޭ މީހުން
o ފޯލިކް އެސިޑް ސަޕްލިމަންޓުބޭނުން ނުކުރާ މީހުން
· ފިޓްޖެހުމަށްބޭސްކުރަމުން އަންނަ މީހުން : ފިޓުޖެހޭތީ ދޭ ބޭސްތަކުގެ ތެރެއިން ވެލްޕޯރިކް އެސިޑް ބޭނުންކުރާ މީހުން
· ހަކުރު ބަލި ހުންނަ މީހުން
· އެއްވެސް ސަބަބަކާ ހުރެ މެޓްފޯމިން ބޭނުންކުރާ މީހުން
· އާދަޔާ ޚިލާފަށް ފަލަ މީހުން : މާބަނޑުވުމުގެ ކުރިން އާދަޔާ ޚިލާފަށް ފަލަނަމަ، ސްޕައިނާ ބިފިޑާ ހުންނަ ކުއްޖަކު ލިބުމަކީ ވެދާނެ ގޮތެކެވެ.
· ތެލެސީމިޔާ ނުވަތަ ސިކްލް ސެލް އެނީމިޔާ ފަދަ ބައްޔެއް ހުންނަ މީހުން
· ހަޖަމުކުރުމުގެ މައްސަލަތައް (ގޮހޮރުގެ މައްސަލަތައް) ހުރުމުގެ ސަބަބުން އެކަށީގެންވާ ވަރަށް ހަށިގަނޑަށް ފޯލިކް އެސިޑް ނުލިބޭ މީހުން
· ބައެއް ކަހަލަ ބޭސްތައް ބޭނުންކުރާ މީހުން : މިފަދަ ބޭސްތަކުގެ ސަބަބުން ހަށިގަނޑުގައި ފޯލިކް އެސިޑްގެ މިންވަރު މަދުކުރެއެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ފިޓުޖެހޭތީދޭ ބޭސް، މެޓްފޯމިން، ސަލްފަސަލަޒިން، ޓްރައިއެމްޓަރިން، މެތޮޓްރެކްސޭޓް، އަދި ބާބިޓޫރޭޓްސް ފަދަ ބޭސް ތައް ހިމެނެއެވެ.
· އާއިލާ ތެރޭގައި ނިއުރަލް ޓިއުބު ޑިފެކްޓްތައް ދައުރުވަމުން އައުން
o ކުރިން ބަލިވެއިން ފަހަރު ނިއުރަލް ޓިއުބު ޑިފެކްޓެއް ހުރި ކުއްޖަކު ލިބިފައިވުން
o އާއިލާގައި ނިއުރަލް ޓިއުބު ޑިފެކްޓް ހުރި ކުއްޖަކު ހުރުން
· ހަށިގަނޑުގެ ފިނިހޫނުމިން މަތިވުން : މާބަނޑުވާތާ ކުރީކޮޅު ހަށިގަނޑުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މަތިވުމަކީ ސްޕައިނާ ބިފިޑާ ހުންނަ ކުދިންގެ ލިބުމުގެ ފުރުޞަތު އިތުރުކުރާ ކަމެއްކަމަށް ބައެއް ދިރާސާތަކުން ދައްކާފައި ވެއެވެ. ހޫނު ޓަބަށް، ނުވަތަ ސައުނާގައި ހޫނު ފެނުގައި ފެންވެރުމާއި، އަދި ހުންއައުމުގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނު މިން މަތިވުމަކީ ސްޕައިނާ ބިފިޑާ ހުންނަ ކުދިން ލިބުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.
ސްޕައިނާ ބިފިޑާ ހުންނަ ކުދިންގެ ފުށުން ފެނިދާނެ އަލާމާތްތައް
އުނިއިތުރު ގެންނަވާސްޕައިނާ ބިފިޑާގެ އަލާމާތްތައް ބަރޯސާވަނީ ސްޕައިނާ ބިފިޑާ ކުރިމަތިވެފައިވާ ކުޑަ ބޮޑުމިނެއްގެ މައްޗަށެވެ. އެންމެ އާދައިގެ ސްޕައިނާ ބިފިޑާ (ސްޕައިނާ ބިފިޑާ އޮކަލްޓާ) ހުންނަ ކުދިންނަށް އޭގެ ސަބަބުން ގިނަ ފަހަރު އެއްވެސް އުދަނގުލެއް ކުރިމައްޗެއް ނުވާނެއެވެ. ވަރަށް ގިނަ ފަހަރު މެނިންގޯސީލް ހުންނަ ކުދިންގެ ފުށުން ވެސް ހަމައެކަނި މައިބަދައިން ކޮތަޅެއްގެ ސިފައިގައި ބޭރަށް ނިކުމެފައި އިނުން ފިޔަވައި އިތުރު އެއްވެސް އުދަނގުލެއް ކުރިމައްޗެއް ނުވާނެ އެވެ.
ސްޕައިނާ ބިފިޑާގެ އެންމެ ނުރައްކާތެރި ވައްތަރު (މެނިންގޯމައިލޯސީލް) ގައި ސިކުނޑިއާއި، މައިބަދައިގެ ވަށައިގެންވާ ފަށަލަ ބޭރަށް ނިކުމެފައި ހުރުމުގެ އިތުރުން، މައިބަދައިގެ ނާރުތައް އެއްކޮށް، ނުވަތަ އެއިން ބައެއް ބޭރަށް ނިކުމެފައި ހުންނާނެ އެވެ. މިވައްތަރުގެ ސްޕައިނާ ބިފިޑާ ބައެއް ފަހަރު ބޭރަށް ހުޅުވި، އެތެރޭގައިވާ ނާރުތައް ފެންނަން ހުރުމަކީ ވެދާނެ ގޮތެކެވެ. އާންމުގޮތެއްގައި ސްޕައިނާ ބިފިޑާ ނިސްބަތް ކުރެވެނީ ވެސް މިވައްތަރަށެވެ. މިވައްތަރުގެ ސްޕައިނާ ބިފިޑާ ހުންނަ ކުދިންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
· ފައި، ނުވަތަ ފައިތިލައިގައި ވަރަށް ކުޑަކޮށް އިހުސާސްހުރުން، ނުވަތަ އެއްވެސް ވަރަކަށް އިހުސާސް ނުހުރުން : އެހެންކަމުން މިފަދަ ކުދިންނަށް ފައި ހަރަކާތްކޮށް ނުހެދިދާނެ އެވެ. ފައިގެ މަސްތަކުގެ ބާރު ދޫވުމަކީ ވެސް ވެދާނެ ގޮތެކެވެ.
· ބޮޑުކަމު ދިއުމާއި، ކުޑަކަމު ދިއުމުގައި ދިމާވާ މައްސަލަތައް : މިސާލަކަށް ގަޔަށް ފަރުވާ ބޭއިޚްތިޔާރުގައި ލެވިދާނެ އެވެ. ބޮޑުކަމު ދިއުމަކީ އުދަނގޫ ކަމަކަށް ވެދާނެ އެވެ.
· ސިކުނޑީގައި (ބޮލުގައި) ފެންހަރުލުން : މިކަމަށް ފަރުވާ ކުރިނަމަވެސް އޭގެ ސަބަބުން ފިޓުޖެހުން، އުގެނުމުގައި މައްސަލަތައް ދިމާވުން، އަދި ފެނުމުގައި ހީނަރުކަމެއް ހުރުން ފަދަ ކަންތައްތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.
· ކަށީގެ މައްސަލަތައް : މިސާލަކަށް ގުދުލުން، ފައި އައިބުކޮށްހުރުން (ދެފައި އެއްވަރުނުވުން)، އަދި އުކުޅުވަޅު އެއްވަރަކަށް ނުހުރުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.
ސްޕައިނާ ބިފިޑާގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް
އުނިއިތުރު ގެންނަވާ· ބޮލުގައި (ސިކުނޑީގައި) ފެންހަރުލުން
· ބޮޑުކަމުދިއުން ކޮންޓްރޯލް ނުކުރެވުން
· ކުޑަކަމުދިއުން ކޮންޓްރޯލް ނުކުރެވުން (ފަހަރުވާ ނުހިފެހެއްޓުން)
· ފައިގެ ވާގިނެތުން
· ބޮލުގައި (ސިކުނޑީގައި) ފެންހަރުލުން
· ސިކުނޑިއާއި، މައިބަދައިގެ ތެރޭގައިވާ ނާރުފަށުގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން
· ފިޓުޖެހުން
· އުގެނުމުގެ ނުކުޅެދުންތެރިކަން ދިމާވުން
o ވާހަކަ ދައްކަން އުދަނގޫވުން
o ސަމާލުކަން ދޭން ދަތިވުން
o ރަގަޅަށް ކިޔަން އުދަނގޫވުން
o ހިސާބު ގެ ނަންބަރުތައް ހަދަން ނޭގުން
ސްޕައިނާ ބިފިޑާ ހުރިކަން ދެނެގަތުން
އުނިއިތުރު ގެންނަވާސްޕައިނާ ބިފިޑާ އަކީ މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމަށްފަހު ވެސް ދެނެގަނެވިދާނެ ހާލަތެކެވެ. ނަމަވެސް ސްޕައިނާ ބިފިޑާގެ ވައްތަރުތަކުގެ ތެރެއިން ސްޕައިނާ ބިފިޑާ އޮކަލްޓާ ދެނެގަނެވޭނީ ގިނަ ފަހަރު ފުރާވަރުގައި ނުވަތަ ޒުވާން އުމުރު ފުރައަށް އެޅުމަށްފަހުގައެވެ.
މާބަނޑު ދުވަސްވަރު
އުނިއިތުރު ގެންނަވާމާބަނޑު ދުވަސްވަރު ސްޕައިނާ ބިފިޑާއާއި، އެހެނިހެން އުފެދުމުގައި ފާހަގަކުރެވޭ ޢައިބުތައް ހުރިތޯ ބެލުމަށް ސްކްރީން ޓެސްޓުތައް ހެދެއެވެ. އެގޮތުން ލޭގެ ޓެސްޓު (ޓްރިޕަލް ސްކްރީން ޓެސްޓު ނުވަތަ ކްއެޑްރަޕަލް ސްކްރީން ޓެސްޓު) ތަކާއި، ސްކޭން ކުރެވެއެވެ.
(ހ) - މައިމީހާގެ ލޭގައި އަލްފާ ފީޓޯޕްރޮޓީން ހުރިތޯބެލުން : އަލްފާ ފީޓޯޕްރޮޓީން އަކީ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ހަށިގަނޑުން އުފައްދާ ޕްރޮޓީން އެކެވެ. ލޭގެ ޓެސްޓެއްގެ އެހީގައި، ތުއްތު ދަރިފުޅުގެ ހަށިގަނޑުން މައިމީހާގެ ލޭގެ ތެރެއަށް ގޮސްފައިވަނީ ކިހާ އަލްފާ ފީޓޯޕްރޮޓީން އެއްތޯ ދެނެގަނެވިދާނެ އެވެ. މައިމީހާގެ ލޭގައި އަލްފާ ފީޓޯޕްރޮޓީން މަތީ މިންވަރަކަށް ހުރިނަމަ، އެއީ ފަހަރުގައި ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ސްޕައިނާ ބިފިޑާ ހުރުން ކަމުގައި ވެސް ވެދާނެ އެވެ. ނިއުރަލް ޓިއުބު ޑިފެކްޓް ތައް ހުރިތޯ ބެލުމަށް ހެދޭ "ޓްރިޕްލް ސްކްރީން" ޓެސްޓުގެ ތެރޭގައި އާންމު ގޮތެއްގައި އަލްފާ ފީޓޯޕްރޮޓީން ހުރިތޯ ބަލާނެ އެވެ.
(ށ) - ސްކޭން ކުރުން : ސްކޭންކުރުމުން ސްޕައިނާ ބިފިޑާ ހުރިކަން ނުވަތަ ނެތްކަން އެނގޭނެ އެވެ. މީގެ އިތުރުން މައިމީހާގެ ހަށިގަނޑުގައި އަލްފާ ފީޓޯޕްރޮޓީން މައްޗަށް ގޮސްދާނެ އެހެން މައްސަލައެއް ހުރިނަމަ، އެކަމެއް ދެނެގަތުމަށް ވެސް ސްކޭންކުރުން އެހީތެރިވެދޭނެ އެވެ.
ސްކްރީން ޓެސްޓުތަކުގެ ގޮތުގައި ހެދޭ ޓެސްޓުތަކުން އުފެދުމުގައި ނުކުޅެދުންތެރިކަމެއް ނުވަތަ ޢައިބެއް ހުރިކަމަށް ފާހަގަވާނަމަ، ފެންދުލިން ފެންނަގައިގެން ޓެސްޓުކުރެވިދާނެ އެވެ.
(ނ) - ފެންދުލިން ފެންނަގައިގެން ޓެސްޓުކުރުން : މިޓެސްޓު ހެދުމަށްޓަކައި ތުއްތު ދަރިފުޅު އޮންނަ ފެން ދުއްޔަށް ސިރިންޖެއް ފޯރުކޮށްގެން ފެންކޮޅެއް ނެގޭނެ އެވެ. ފެންދުލީގައި ހުންނަ ފެނުގައި އާންމުކޮށް ހުންނަ މިންވަރަށްވުރެ ގިނައިން، އަލްފާ ފީޓޯޕްރޮޓީން ހުރިނަމަ އެއީ ބަނޑުގައިވާ ދަރިފުޅުގެ ހަށިގަނޑުގައި ސްޕައިނާ ބިފިޑާ ހުރުން ކަމުގައި ބެލެވޭނެ އެވެ. ފެންދުލިން ފެންނަގައިގެން ޓެސްޓުކުރުމަކީ ބަނޑުގައިވާ ދަރިފުޅުގެ ހަށިގަނޑުގައި ސްޕައިނާ ބިފިޑާ ހުރިކަން ޔަގީންކޮށްދޭ ޓެސްޓެކެވެ.
ތުއްތު ދަރިފުޅު އުފަންވުމަށްފަހު ކުރެވޭ ޓެސްޓުތައް
އުނިއިތުރު ގެންނަވާބައެއް ހާލަތްތަކުގައި ކުއްޖާއަށް އުފަންވުމަށްފަހު ނޫނީ ސްޕައިނާ ބިފިޑާ ހުރިކަން ދެނެނުގަނެވޭ ހާލަތްތައް އާދެއެވެ. ބައެއް ފަހަރު ކުއްޖާ އުފަންވުމަށްފަހު ބުރަކަށީގެ ތިރިން އުނަގަނޑު މައްޗާއި ހިސާބުގައި، އިސްތަށި ފަޅާފައި ހުންނަ ކަޅުލަފެއް ފަދަ ތަނެއް ހުރެދާނެ އެވެ. މިހާލަތުގައި ބުރަކަށްޓާއި، މައިބަދައިގެ ކަށިތައް ހުރިނެތްގޮތް ބެލުމަށް، އެކްސްރޭ، އެމްއާރުއައި، އަދި ސީޓީ ސްކޭން ފަދަ ޓެސްޓުތައް ހެދިދާނެ އެވެ.
ފަރުވާ
އުނިއިތުރު ގެންނަވާސްޕައިނާ ބިފިޑާ ހުންނަ ކުދިންނަށް ، ކުރިމަތިވެފައިވާ ސްޕައިނާ ބިފިޑާގެ ވައްތަރާއި، ކުއްޖާގެ ޙާލަތަށް ރިޢާޔަތްކޮށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ ބައެއް މީހުންނަށް ސްޕައިނާ ބިފިޑާގެ ސަބަބުން ވަރަށް ބޮޑަށް ޖިސްމާނީ ނުކުޅެދުންތެރިކަން ކުރިމަތިވުމަކީ ވެދާނެ ކަމެކެވެ. އަދި އަނެއްބައި މީހުންނަށް އާދައިގެ ވަރަކަށް ނުކުޅެދުންތެރިކަން ކުރިމަތިވެފައި ހުރެދާނެ އެވެ. ސްޕައިނާ ބިފިޑާ އޮކަލްޓާ އަށްވުރެ މެނިންގޯމައިލޯސީލް އަދި މެނިންގޯސީލް ހުންނަ ކުދިންނަށް ދޭންޖެހޭ ފަރުވާ އިތުރުވެފައި ގިނަވާނެ އެވެ.
އެންމެ އާދައިގެ ވައްތަރުގެ ސްޕައިނާ ބިފިޑާ (ސްޕައިނާ ބިފިޑާ އޮކަލްޓާ) ހުންނަ ކުދިންނަށް ގިނަ ފަހަރު އެއްވެސް ފަރުވާއެއް ދޭކަން ނުޖެހޭނެ އެވެ. އަދި މެނިންގޯސީލް ހުންނަ ކުދިންނަށް ވެސް ފަހަރުގައި ފަރުވާއެއް ބޭނުން ނުވެދާނެ އެވެ. ނަމަވެސް އެންމެ ނުރައްކާތެރި ވައްތަރުގެ ސްޕައިނާ ބިފިޑާ (މައިލޯމެނިންގޯސީލް) ހުންނަ ކުދިން، މައިބަދައިން ބޭރަށް ނިކުމެފައިވާ ބައި ރަގަޅުކުރުމަށް އާންމުކޮށް އޮޕަރޭޝަން ކުރަންޖެހެއެވެ. ބައެއްފަހަރު ތުއްތު ދަރިފުޅު އުފަން ނުވަނީސް ވެސް މިއޮޕަރޭޝަން ކުރެވިދާނެ އެވެ.
ބޮލުގައި ފެންހަރުލާފައި ހުންނަ ކުދިންނަށް ސިކުނޑީގައި ހަރުލާފައިވާ ފެން ބޭރުކުރުމަށްޓަކައި ހޮޅި ލެއްވުމަށް އޮޕަރޭޝަން ކުރަންޖެހެއެވެ. އެންމެ އާންމުކޮށް ލެއްވެނީ ސިކުނޑީގެ ވެންޓްރިކަލް އިން މައިދާއަށް(Ventriculo-peritoneal shunt) ގުޅާލެވޭ ހޮޅިއެކެވެ. މިހޮޅީގެ އެހީގައި ސިކުނޑީގެ ތެރޭގައި ޖަމާވާ ފެންތައް ބަނޑަށް ގެންގޮސްދޭނެ އެވެ. އަދި ފެންހަރުލުމުގެ ސިކުނޑީގައި އިތުރުވެގެންދާ ޕްރެޝަރު ދަށްކޮށްދީ، ފެންހަރުލައި، ސިކުނޑި އިތުރަށް ދުޅަވެ، ސިކުނޑިއަށް ގެއްލުން ލިބުން ކުޑަކޮށްދޭނެ އެވެ.
ސްޕައިނާ ބިފިޑާ ހުންނަ ކުދިންނަށް ފިޒިކަލް ތެރަޕީ، އަދި އޮކިޔުޕޭޝަނަލް ތެރަޕީ ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިކަންކަމުގެ މާހިރުންގެ ކިބައިން، ކުދިންގެ މައިންބަފައިންނާއި، ބެލެނެވެރިންނާއި، ނުވަތަ ބަލަދުވެރިން، ކުދިންނަށް ތަފާތު ކަސްރަތު ތައް ކޮށްދެވޭނެ ގޮތްތަކާއި، ކުދިންނަށް އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެވޭނެ ގޮތްތައް ދަސްކުރުމަކީ މުހިއްމު ކަމެކެވެ.
ސްޕައިނާ ބިފިޑާގެ ނުރައްކާތެރި ވައްތަރު ހުންނަ ބައެއް ކުދިންނަށް، ފަޔަށް ލައްވާ ބްރޭސް، ހިނގުމަށް ބޭނުންކުރާ އަތްގަނޑު، ފުރޮޅުލީ ގޮނޑި ފަދަ ތަކެތި ބޭނުންވެދާނެ އެވެ. ފަހަރުވާ ކޮންޓްރޯލް ކުރުމުގައި އުދަނގޫ ހުންނަ ކުދިންނަށް ، ކުޑަކަމުދިއުމަށް ކެތީޓަރު ލައްވާފައި ބަހައްޓަން ޖެހިދާނެ އެވެ.
ސްޕައިނާ ބިފިޑާ ހުންނަ ކުދިންނަށް ބޭނުންވާ އެހީތެރިކަމާ، އެއްބާރުލުން މައިންބަފައިންނާއި، ބެލެނެވެރިންނާއި، ބަލަދުވެރިންނާއި، އަދި އާއިލާގެ މެންބަރުން ފުށުން ލިބުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
· ގަވާއިދުން ޑޮކްޓަރަށް ދައްކަމުން ގެންދިއުން
· ހަރަކާތްތެރިވެ އުޅުމާއި، އަމިއްލައަށް ކަންކަން ކުރުމަށް ހިތްވަރުދީ، އެކަމަށް އެހީތެރިވެދިނުން
· ގިނައިން ދިޔާތަކެތި ބުއިމަށާއި، ފައިބަރުން މުއްސަދި ކާނާގެ ބާވަތްތައް ބޭނުންކުރުމަށް ބާރުއެޅުން
· ކުދިންގެ ހަށިގަނޑުގައި ތަނެއް ކަނޑައިގެންގޮސް، ނޫފައިގެންފައި، ނުވަތަ ތަންފާރުވެފައި ހުރިތޯ ބަލަމުންގެންދިއުން
· ލޮލުގެ ފެނުން ހުރިނެތްގޮތް ގަވާއިދުން ބަލަމުންގެންދިއުން
· ރަބަރު އަންގި ފަދަ ތަކެތި ބޭނުންކުރުމުން ނުގުޅޭ މައްސަލަ ދިމާވާނަމަ، އެފަދަ ތަކެތި ކުދިން އަތްފޯރާ ހިސާބު ނުބެހެއްޓުން
· އުގެނުމުގައި މައްސަލައެއް ހުރިތޯ ބަލަމުންގެންދިއުން
· ސުކޫލަށް ދާން ފެށުމުން ކުދިންގެ ކަންތަކުގައި، މުދައްރިސުންނާއި، ސުކޫލާއި، މަޝްވަރާކޮށް އުގެނުމުގައި ޚާއްޞަ އެހީ ބޭނުންވާނަމަ، އެކަން ފޯރުކޮށްދިނުމަށް ބާރުއެޅުން
ސްޕައިނާ ބިފިޑާއިން ރައްކާތެރިވުން
އުނިއިތުރު ގެންނަވާސްޕައިނާ ބިފިޑާ އިން ރައްކާތެރިވުމާއި، އެފަދަ ކަމެއް ހުރި ކުއްޖަކު ލިބުމުގެ ފުރުޞަތު ކުޑަކުރުމަށް، މާބަނޑުވުމުގެ ކުރިންނާއި، މާބަނޑު ދުވަސްވަރު ކަންކުރަންޖެހޭ ގޮތްތަކެއް ވެއެވެ. ބަލިވެއިންނަން ޚިޔާލުކުރާނަމަ، ނުވަތަ ބަލިވެއިނުމުން ސްޕައިނާ ބިފިޑާ ހުންނަ ކުއްޖަކު ލިބުމުގެ ފުރުޞަތު ކުޑަކުރުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
ފޯލިކް އެސިޑް ގަވާއިދުން ބޭނުންކުރެއްވުން
އުނިއިތުރު ގެންނަވާސްޕައިނާ ބިފިޑާ ފަދަ ނިއުރަލް ޓިއުބު ޑިފެކްޓް ތަކުން މިންޖުވުމަށް އެންމެ ރަގަޅު އެއް ގޮތަކީ ގަވާޢިދުން ފޯލިކް އެސިޑް ސަޕްލިމެންޓް ބޭނުންކުރެއްވުމެވެ. އެގޮތުން މާބަނޑުވުމުގެ ކުރިން ފޯލިކް އެސިޑް ބޭނުންކުރައްވަން ފައްޓަވަން ޖެހޭނެ އެވެ. ރާއްޖޭގައި މާބަނޑު މީހުންނަށް އާންމުކޮށް ދެވެނީ ދަގަނޑާއި، ފޯލިކް އެސިޑް އެއްކޮށްގެން ތައްޔާރުކޮށްފައި ހުންނަ ގުޅަ ބޭހެކެވެ. މީގެ އިތުރުން ހަމައެކަނި ފޯލިކް އެސިޑް އެކުލެވޭ ގުޅަ ބޭސް ވެސް ލިބެންހުރެއެވެ. މިގުޅަ ބޭސްތައް ބޭނުންކުރާއިރު އެއްވެސް ކަހަލަ އުދަނގުލެއް ކުރިމަތިވާނަމަ ޑޮކްޓަރަކާ މަޝްވަރާކުރުން ބުއްދިވެރި އެވެ. މާބަނޑުވުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާގެ މަތިން ސަޕްލިމެންޓް ބޭނުންކުރައްވަން ފެއްޓެވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކޮންމެ ދުވަހަކު 400 މައިކްރޯގްރާމްގެ ފޯލިކް އެސިޑް ބޭނުންކުރެއްވުމަކީ ބޭނުންތެރި ކަމެކެވެ. ކުރިން ސްޕައިނާ ބިފިޑާ ހުރި ކުއްޖަކު ލިބިފައިވާނަމަ، މާބަނޑުވުމުގެ ކުރިންނާއި، މާބަނޑުވުމަށްފަހު، ފުރަތަމަ 3 މަހުގެ ތެރޭގައި (މާބަނޑުވާތާ ކުރީކޮޅު) ފޯލިކް އެސިޑް ބޭނުންކުރަންޖެހޭ މިންވަރު އިތުރުވާނެ އެވެ.
ފޯލިކް އެސިޑް ހިމެނޭ ކާބޯތަކެތި ކެއުމުގައި ބޭނުންކުރެއްވުން
އުނިއިތުރު ގެންނަވާތަފާތު ބާވަތުގެ ތޮޅިއާއި، މުގާއި، ބޯވެލި ފަތާއި، ލެޓިއުސް ފަތާއި، އެވޮކާޑޯއާއި،ބްރޮކޮލީއާއި، ކޯލީފްލާވަރ، އަކީ މިވިޓަމިން ގިނަ ތަރުކާރީގެ ބާވަތްތަކެވެ.މޭވާގެތެރެއިން އަނބާއި، އަންނާރާއި، ފަޅޮލާއި، ކިވީއާއި، ދޮންކޭލާއި،އޮރެންޖަކީ މިވިޓަމިން ގިނަ މޭވާތަކެވެ. ކުކުޅު ބިހުގެ ގޮބޮޅިއާއި،ގޮދަނުގެބާވަތްތަކާއި، ކިރަކީވެސް ފޯލިކް އެސިޑް ލިބިދޭ ކާބޯތަކެތީގެ ބާވަތްތަކެވެ.
މާބަނޑު ދުވަސްވަރު ގަވާއިދުން ޑޮކްޓަރަށް ދެއްކުން
އުނިއިތުރު ގެންނަވާމާބަނޑުވުމަށްފަހު ގަވާޢިދުން ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބަރުދަން، ލޭގެ ޕްރެޝަރު، ލޭގެ ހަކުރު ހުންނަ މިންވަރު ބަލަމުން ގެންދަން ވާނެއެވެ. މާބަނޑު ދުވަސްވަރު ހަދަން އިރުޝާދުދޭ ޓެސްޓުތަކާއި، ކުރައްވަންޖެހޭ ސްކޭންތައް ކުރަން އޮންނަ ދުވަސްވަރު ކުރުން މުހިއްމެވެ. ހަށިގަނޑުގައި އުފެދޭ ނިއުރަލް ޓިއުބުގެ ޑިފެކްޓް ތަކަކީ ކުރީކޮޅު ދެނެގަނެވޭނެ ކަންކަމެވެ. އެއްވެސް ކަހަލަ ބޭހެއް ބޭނުންކުރައްވާނަމަ ޑޮކްޓަރަށް އެމައުލޫމާތު އޮޅުން ފިލުވާދީފައި ބޭއްވުން މުހިއްމެވެ.
ސަމާލުކަންދޭންޖެހޭ އެހެން ބައެއް ކަންތައްތައް
އުނިއިތުރު ގެންނަވާ· މާބަނޑު ދުވަސްވަރު އެއްވެސް ބޭހެއް ބޭނުންކުރައްވާނަމަ، ޑޮކްޓަރަކާ މަޝްވަރާކުރުން މުހިއްމެވެ.
· ހަކުރު ބަލި ފަދަ ކަމެއް ހުންނަނަމަ، މާބަނޑުވުމުގެ ކުރިން ހަކުރު ކޮންޓްރޯލް ކުރެވޭތޯ ބެލުން މުހިއްމެވެ.
· ހަށިގަނޑު މާބޮޑަށް ހޫނުވިޔަ ނުދޭށެވެ. ހޫނު ފެން ޓަބު، ސައުނާ ފަދަ އެއްޗިއްސަށް އެރިގެން ފެންނުވަރާށެވެ.
· މާބަނޑު ދުވަސްވަރު ހުން އަތުވެއްޖެނަމަ، ޕެނަޑޯލް ފަދަ ބޭހެއް ބޭނުންކުރެވިދާނެ އެވެ.
ހަދާން ބަހައްޓަންވީ ކަންތައް
އުނިއިތުރު ގެންނަވާހަދާން ބަހައްޓަންވީ ސްޕައިނާ ބިފިޑާ ބަނޑުގައިވާ ކުއްޖާގެ ހަށިގަނޑުގައި ކުރިމަތިވަނީ މާބަނޑުވާތާ ކުރީކޮޅު ގައެވެ. ގިނަ ފަހަރު އޭރު ބަލިވެ އިންކަން ވެސް ނޭގިދާނެ އެވެ. ފޯލިކް އެސިޑަކީ ސްޕައިނާ ބިފިޑާ އިން ޔަގީންކަމާއެކު ރައްކާތެރިކޮށްދޭ އެއްޗަކަށް ނުވިޔަސް، ގަވާޢިދުން ފޯލިކް އެސިޑް ބޭނުންކުރުމަކީ ސްޕައިނާ ބިފިޑާ ފަދަ އައިބުތައް ހަށިގަނޑުގައި އުފެދުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ. އެހެންކަމުން މާބަނޑުވާ ކޮންމެ މީހަކު މާބަނޑުވާތާ ކުރީކޮޅު ކޮންމެ ދުވާލަކު 400 މައިގްރޯމްގެ ފޯލިކް އެސިޑް ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
މައުލޫމާތު
އުނިއިތުރު ގެންނަވާCDC. (2015, 04 28). http://www.cdc.gov/ncbddd/spinabifida/facts.html. Retrieved 04 30, 2015, from CDC.gov: http://www.cdc.gov/ncbddd/spinabifida/facts.html
Mayoclinic. (2014, 08 27). http://www.mayoclinic.org/diseases-conditions/spina-bifida. Retrieved 04 02, 2015, from Mayoclinic.org: http://www.mayoclinic.org/diseases-conditions/spina-bifida/basics/definition/con-20035356
WebMD. (2013, 03 18). http://www.webmd.com/parenting/baby/tc/spina-bifida-topic-overview. Retrieved 04 29, 2015, from Webmd.com: http://www.webmd.com/parenting/baby/tc/spina-bifida-topic-overview
ހަސަން, ޑ. ނ. (2015, 02 11). އުފެދުމުގައި ހުންނަ ނުކުޅެދުންތެރިކަން : ސަބަބުތަކާ ދެނެގަނެވޭ މަރުހަލާތައް. Retrieved 04 20, 2015, from ސަންއޮންލައިން - ސަން.އެމްވީ: http://www.sun.mv/51861
ޙަސަން, ޑ. ނ. (2015, 01 03). ފޮލިކް އެސިޑް : ތުއްތު ދަރިފުޅުގެ ދުޅަހެޔޮކަމަށްޓަކައި. Retrieved 04 20, 2015, from ސަންއޮންލައިން - ސަން.އެމްވީ: http://www.sun.mv/51226