ސެރެބްރަލް ޕަލްސީ(cerebral palsy) އަކީ ޖިސްމާނީ ނުކުޅެދުންތެރިކަމެކެވެ. މިއީ ހަށިގަނޑު ހަރަކާތްކުރުމާއި، ހަމަ ހިފެހެއްޓުމާއި، ހަށިގަނޑު އެއްގޮތަކަށް (ސީދަލަށް) ބެހެއްޓުމަށް ހުރަސްއަޅާ (އަސަރުކުރުވާ ނޫނީ ބާރުފޯރުވާ) ބައްޔެކެވެ. ނޫނީ ހަށިގަނޑުގެ ހަރަކާތްކުރުމާއި، ހަމަހިފެހެއްޓުމާއި، ހަށިގަނޑުގެ ބެހެއްޓޭގޮތުގައި ހުންނަ އުނިކަމަކުން ދިމާވާ ބައްޔެކެވެ. އާންމުކޮށް މިދެންނެވި އުނިކަން ދިމާވަނީ އުފަންވުމުގެ ކުރިންނެވެ. ޅަފަތުގައި ދިމާވާ އެންމެ އާންމު ހަރަކާތްކުރުމުގެ ނުކުޅެދުންތެރިކަ(motor disability)މަކީ މިއީ އެވެ. ލަފުޒީ މާނައަށް ބަލާއިރު "ސެރެބްރަލް" ނިސްބަތްވަނީ ސިކުނޑި އަށެވެ. "ޕަލްސީ" ގެ މާނައަކީ ބާރުދެރަވުން، ނުވަތަ ބާރުދޫވުން ނުވަތަ ވާވުމެވެ. ސެރެބްރަލް ޕަލްސީ ކުރިމަތިވަނީ ސިކުނޑި ރަގަޅަށް ނުއުފެދުމުންނެވެ. ނުވަތަ ސިކުނޑި އުފެދެމުން އަންނައިރު ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. އޭގެ ސަބަބުން ހަށިގަނޑުގެ މަސްތައް ކޮންޓްރޯލްކުރުމުގެ ގާބިލިއްޔަތަށް އަސަރު ކުރެއެވެ. ސެރެބްރަލް ޕަލްސީގެ އަލާމާތްތަކާ އުދަނގޫތައް އެކަކު އަނެކަކާ ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. ސެރެބްރަލް ޕަލްސީގެ އެންމެ ނުރައްކާތެރި ހާލަތުގައި ހިނގުމަށް ދަނޑިގަނޑެއް ފަދަ އަދަވާތެއް ޚިޔާރު ކުރަންޖެހިދާނެ އެވެ. ނޫނީ އެއްގޮތަކަށް ވެސް ނުހިނގިދާނެއެވެ. އަދި މުޅި އުމުރަށް އެހެންމީހުންގެ އަޅާލުން ބޭނުންވެދާނެ އެވެ. ތަންކޮޅެއް އާދައިގެ މިންވަރަކަށް ސެރެބްރަލް ޕަލްސީ ހުންނަ ކުދިންނަށް އުދަނގުލުން ނަމަވެސް ހިނގާބިނގާވެ އުޅެވިދާނެއެވެ. އަދި އެހެންމީހުންގެ މާބޮޑު އެހީތެރިކަމެއްނެތި ވެސް އުޅެވިދާނެ އެވެ. ސެރެބްރަލް ޕަލްސީ އަކީ ދުވަސްވާވަރަކަށް ވަކި އިތުރަށް ގޯސްވަމުންދާނެ ބައްޔެއް ނޫނެވެ.