ހެންވޭރު ގަލޮޅުގޭ، ސުމުއްވުލްއަމީރު ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނު ސިފައިންގެ މީހެއްގެ ގޮތުގައި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 12 ސެޕްޓެންބަރު 1958 ގައެވެ. ސިފައިންގެ އެންމެ އާދައިގެ މީހެއްގެ ގޮތުގައި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ޢަބްދުލްޙަންނާން ޙަލީމް ސިފައިންގެ ސަރުދާރުކަމާއި ސިފައިންގެ ވެރިޔާގެ ނާއިބުކަމާއި މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީ (ދިފާޢީ ވަޒީރު)ގެ މަޤާމުގައި ދިވެހި އަސްކަރިއްޔާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވިއެވެ. ސިފައިންގެ ސަރުދާރު ކަމަކީ މިހާރުގެ ގޮތުންނަމަ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމެވެ.

ސުމުއްވުލްއަމީރު ޢަބްދުލްޙަންނާން ޙަލީމް އުފައްވެވަޑައިގެންނެވީ 1937 ވަނަ އަހަރުއެވެ. މަންމާފުޅާއި ބައްޕާފުޅުގެ ފަރާތްފުޅުން އެއީ ސައްޔިދު ބޭފުޅެކެވެ. އަދި އެއީ ހުރަވީ ރަސްދަރިކޮޅާއި ދިޔަމިނގިލި ރަސްދަރިކޮޅާ ގުޅުން އޮތް ރާއްޖޭގެ މަތީ ދަރިކޮޅުތަކަކަށް ނިސްބަތްވާ ބޭފުޅެކެވެ. ސުއްމުއްވުލް އަމީރު ޢަބްދުލްޙަންނާނު ޙަލީމްގެ ބައްޕާފުޅަކީ އައްސައްޔިދު އިބްރާހީމް ޙަލީމް (ބަނޑިއަލިބޭގެ މެދުސީދީ) އެވެ. މަންމާފުޅަކީ ބޮޑުފެންވަޅުގޭ ސީދީގެ އައްނަބީލާ އަމީނާ ޙުސައިން (ތުއްތު ދޮންސިއްތި) އެވެ.

މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލުކުރެއްވުމަށްފަހު އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ވުޒާރަތުއް ދާޚިލިއްޔާގެ ށ.ގެ ކާތިބުކަމެވެ. އެއަށްފަހު އަދާކުރެއްވީ އެ ވުޒާރާގެ ސެކްރެޓަރީކަމެވެ. އެއަށްފަހު އަދާކުރެއްވީ ވަޒީރުލްއަޢުޡަމް އޮފީހުގެ ހިންގާ ސެކްރެޓަރީގެ މަޤާމެވެ. މިއިން ކޮންމެ މަޤާމެއް އަދާކުރެއްވީ ވެސް ނުހަނު ޝައުޤުވެރިކަމާއެކުގައެވެ. އެހެން ނަމަވެސް ވަރަށް ކުރިއްސުރެ ދިވެހި ސިފައިންގެ މީހެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކުރުމުގެ ޝައުޤުވެރިކަން ހުންނެވީތީ، އާދައިގެ ސިފައިންގެ މީހެއްގެ ގޮތުގައި ސިފައިންގެ ޚިދުމަތް ފެށްޓެވީއެވެ. އެ ދުވަސްވަރު ސިފައިންގެ ޚިދުމަތާ އަލަށް ގުޅޭ ޒުވާނުންނަށް މިހާރުގެ ގޮތަށް ތަމްރީނުތަކެއް ނުދިންކަމުގައި ވިޔަސް ހެވިކަން ދަސްކުރުމާއި، ކަސްރަތާއި، ބުރަ މަސައްކަތް އޮވެއެވެ. ރޭނުމާއި ގާތެޅުންފަދަ މަސައްކަތްތަކެވެ. ޢަބްދުލްޙަންނާން ޙަލީމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ދުވަސްވަރަކީ ސިފައިންގެ މަރުކަޒެއްގެ ގޮތުގައި ރަންޖެހިކޮށި ޢިމާރާތްކުރި ދުވަސްވަރަށްވީތީ އެ މަސައްކަތުގައި އުޅުއްވިއެވެ. އަދި އޭގެފަހުން ސްރީލަންކާއިން ސިފައިންނަށް ހެވިކަން ދަސްކޮށްދެއްވުމަށް މުދައްރިބެއްގެ ގޮތުގައި ގެންނެވި މޭޖަރ (ރިޓަޔަރޑް) ޑީއެފް ފޮސްޓަރގެ އަރިހުން ޕެރޭޑް ދަސްފުޅު ކުރެއްވިއެވެ.

ސުމުއްވުލްއަމީރު ޢަބްދުލްޙަންނާން ޙަލީމަކީ ސިފައިންގެ ތެރޭގައި އޭރު އޮތް އެއް ނަންބަރު ސިފައިންނާއި ދެ ނަންބަރު ސިފައިންގެ ތެރެއިން، ދެ ނަންބަރު ސިފައިންގެ ބޭފުޅެވެ. އެ މަނިކުފާނަށް އެންމެ ފުރަތަމަ މަޤާމުގެ ކުރިއެރުމެއް ލިބިވަޑައިގެންނެވީ 17 ސެޕްޓެންބަރު 1959 ގައެވެ. އެއީ ސިފައިންގެ މީހެއްގެ މަޤާމުން ސިފައިންގެ 3 ނަންބަރު ސަރުދާރުކަމަށެވެ. މި މަޤާމުގައި ހުންނަވަނިކޮށް 26 ފެބުރުވަރީ 1960 ގައި ސިފައިންގެ ސަރުދާރުގެ އެހީތެރިޔާކަން ދެއްވިއެވެ. އޭގެ މާނައަކީ މިހާރުގެ ގޮތުން ދަންނަވާނަމަ ޗީފް އޮފް ޑިފެންސް ފޯސްގެ އެހީތެރިޔާ ކަމެވެ. ސިފައިންގެ ސަރުދާރުކަން (މިހާރުގެ ގޮތުންނަމަ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް) ހަމަޖައްސަވައި ސިފައިންގެ ކޮމާންޑާރުކަން ދެއްވީ 3 އޯގަސްޓް 1960 ގައެވެ.

ސިފައިންގެ ޔުނިފޯމު އެޅުއްވާ އެންމެ އިސް ކޮމާންޑަރެއްގެ ގޮތުގައި ހުންނަވަނިކޮށް 22 މޭ 1962 ގައި ވުޒާރަތުލް އަމަންއާންމުގެ ވަކީލުކަން ދެއްވިއެވެ. މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ އެ މަހުކަމާގެ ވެރިޔާގެ ނާއިބުގެ ބަދަލުގައި ވަގުތީގޮތުން އެ މަސްއޫލިއްޔަތު ހަވާލުކުރައްވާފައެވެ. އަދި 14 މާރިޗު 1963 ގައި ވުޒާރަތުލް ދާޚިލިއްޔާ ށ. ގެ ފިލްމު ސެންސަރު ބޯޑުގެ މެންބަރުކަން ދެއްވިއެވެ. ސިފައިންގެ ސަރުދާރުކަމުން ސިފައިންގެ ވެރިޔާގެ ނާއިބުކަމުގެ މަޤާމަށް ބަދަލުކުރެއްވީ 29 ޖޫން 1963 ގައެވެ.

ސުމުއްވުލްއަމީރު ޢަބްދުލް ޙަންނާން ޙަލީމް ސިފައިންގެ ވެރިޔާގެ ނާއިބުގެ މަޤާމުގައި ހުންނަވަނިކޮށް 1 ޑިސެންބަރު 1963 ގައި ވުޒާރަތުލް އަމަންއާންމުގެ ވަކީލުކަމުން އެ ވުޒާރާގެ ވެރިޔާގެ ނާއިބުގެ މަޤާމަށް ބަދަލުކުރެއްވިއެވެ. އެ މަނިކުފާނަށް މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަޤާމު ދެއްވީ 11 ނޮވެންބަރު 1968 ގައެވެ. އެއީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނު އެކުލަވާލެއްވި ފުރަތަމަ ކެބިނެޓުގައެވެ. ދިފާޢީ ވަޒީރުގެ މަޤާމަށް އައްޔަން ކުރެއްވުމަށްފަހު 12 ނޮވެންބަރު 1968 ގައި އެހާތަނަށް އެމަނިކުފާނު ހުންނެވި އެހެން ހުރިހާ މަޤާމުތަކަކުން ވަކިކުރެއްވިއެވެ. މިގޮތުން ވަކި ކުރެއްވި މަޤާމުތަކަކީ މަހުކަމަތުލް އަމަންއާންމުގެ ވެރިޔާގެ ނާއިބުކަމާއި، ސިފައިންގެ ވެރިޔާގެ ނާއިބުކަމާއި، ފިލްމު ސެންސަރު ބޯޑުގެ މެންބަރުކަމުގެ މަޤާމެވެ.

ސުމުއްވުލްއަމީރު ޢަބްދުލްޙަންނާން ޙަލީމް މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރައްޔިތުންގެ މަޖިލިހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ދެ ފަހަރެއްގެ މަތިން ކުރެއްވިއެވެ. އެމަނިކުފާނަށް ޕެންޝަން ލިބިވަޑައިގެންނެވީ 23 ފެބުރުވަރީ 1970 ގައެވެ. މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަޤާމުގައި ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަން 11 ނޮވެންބަރު 1978 ގައި ނިމެންދެން ހުންނެވިއެވެ.

މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަޤާމުގައި ހުންނަވަނިކޮށް 21 އެޕްރީލް 1975 ގައި ޢަބްދުލްޙަންނާން ޙަލީމަށް ކިލެގެކަމުގެ ދަރަޖަ ދެއްވައި ދޮށިމޭނާކަމަށް ކޮލިލެއްވިއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން 7 ޖަނަވަރީ 1979 ގައި 'ކިލެގެކަމުގެ ކޮލި' އުވާލައްވަން ވަނީ ފާސްކުރައްވާފައެވެ. އަދި އެ ޢިއްޒަތް ދެއްވާފައިވާ ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ކިބައިން އެ ޢިއްޒަތް ނެންގެވުމަށް ފާސްކުރެއްވި މި ގާނޫނު 16 ޖަނަވަރީ 1979 ގައި ރައީސް އޮފީހުން ގެޒެޓްކުރެއްވި އެވެ. އެހެންކަމުން އޭގެފަހުން އެ ޢިއްޒަތް ރަސްމީކޮށް ބޭނުމެއް ނުކުރައްވައެވެ. މި ޤާނޫނާއެކު ރައީސް އިބްރާހީމް ނާޞިރަށް އޮތް ރަންނަބަޑޭރިކިލެގެ ކަމުގެ ޢިއްޒަތް ވެސް ކެނޑިގެން ދިޔައެވެ. އެހެންނަމަވެސް އެމަނިކުފާނު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއެކު އެގޮތަށް ދީފައި ހުންނަ ޢިއްޒަތް ނެގުމަކީ ދިވެހިރާއްޖޭގެ ސަގާފަތުގައި އޮތްކަމެއް ނޫންކަމަށް ވިދާޅުވެ، ރައީސް އޮފީހުންނާއި ރަސްމީ ލިޔެކިޔުންތަކުގައި އެ ޢިއްޒަތް ބޭނުންކުރައްވަން ފެށްޓެވިއެވެ. ސުމުއްވުލް އަމީރު ޢަބްދުލް ޙަންނާން ޙަލީމް އަވަހާރަވުމާއެކު ވެސް ރައީސް އޮފީހުން އެ މަނިކުފާނުގެ ކިލެގެކަމުގެ ޢިއްޒަތް ބޭނުންކުރައްވާފައިވާކަން ފާހަގަ ކުރެވެއެވެ. ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވި ބޭފުޅުންގެ ތެރެއިން، އެންމެ ފަހަށް ދުނިޔޭގައި ހުންނެވި ބޭފުޅަކީ ސުމުއްވުލްއަމީރު ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނެވެ.

ދިވެހި އަސްކަރިއްޔާގައި ސުމުއްވުލްއަމީރު ޢަބްދުލްޙަންނާން ޙަލީމް ކުރެއްވި ބޮޑެތި މަސައްކަތްތަކާއި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި ދެކުނު ގަޑުބަޑާގުޅިގެން އެލިޒިބަތުބޯޔާގައި ފުވައްމުލަކަށް ވަޑައިގެންނެވުމާއި، ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞީރުގެ އަރިހުގައި މޯލްޑިވްސްޓާރުގައި ހަވަރު ތިނަދޫއަށް ވަޑައިގެންނެވުން ހިމެނެއެވެ. އެ ދަތުރުފުޅަށްފަހު ހަވަރު ތިނަދޫއާއި ފުވައްމުލަކުގައި ސިފައިން ބޭތިއްބެވިއިރު ޢަބްދުލްޙަންނާން ޙަލީމް ހުންނެވީ ފުވައްމުލަކު ޑިއުޓީގައެވެ. މިއީ ދެކުނު ގަޑުބަޑުގެ މައްސަލައިގައި ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރު ހަވަރު ތިނަދޫއަށް ވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެރަށް ސުލުހަކުރައްވައި ސިފައިންނާއި ސަރުކާރުގެ މުވައްޒަފުން އެރަށުގައި ބޭތިއްބެވިއެވެ.

ސުމުއްވުލްއަމީރު ޢަބްދުލްޙަންނާން ޙަލީމަކީ ސިފައިންގެ އެކުވެރި ކުންފުނި (އެސްއީކޭ) ފުޅާކުރެއްވި ބޭފުޅެކެވެ. އެ ކުންފުންޏަކީ ހުރިހާ ސިފައިންގެ ކުންފުންޏެއްކަމުގައި ހައްދަވައި، އެ ކުންފުންޏަށް މަސްބޯޓުފަހަރު ހޯއްދަވައި ވިޔާފާރި ދަތުރުތަކާއި މަސްވެރިކަން ކުރެވޭނެގޮތް ހަމަޖެއްސެވިއެވެ. މީގެއިތުރުން އޭރު ސިފައިން ކުރަމުން ގެންދިޔަ އެންމެ ބުރަ އެއް މަސައްކަތް ކަމުގައިވާ ރާއްޖޭގެ ސަރަޙައްދުތަކަށް ވަދެ ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ބޯޓުތައް އަތުލައިގަތުމާއި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އުރެމުންދިޔަ ބޭރުގެ ބޮޑެތި ބޯޓުފަހަރު ފުންކުރުމުގައި ސިފައިން ހަރަކާތްތެރިވަމުން ދިޔައިރު އެ އޮޕަރޭޝަންތައް ރާވާ ހިންގެވުމުގައި އިސް ބޭފުޅެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތައް ފާހަގަ ކުރެވެއެވެ.

ސުމުއްވުލްއަމީރު ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، 19 ޖޫން 2024 ގައި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ.


Allosaeed