ސިނަމާލެ ފާލަން
ސިނަމާލެ ފާލަން ނުވަތަ ސިނަމާލެ ބްރިޖް އަކީ މާލެއާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވާލައި ހެދިފައި ވާ ފާލަމެކެވެ. ކާރަށާއި ސައިކަލަށް އަދި ހިގާ މީހުންނަށް ހާއްސަ ލޭން ކަނޑައެޅިފައި ވާ، 1.39 ކިލޯމީޓަރު ދިގު ފާލަން ހުޅުވުނީ 30 އޮގަސްޓް 2018 ގައެވެ.
ގާތްގަނޑަކަށް 210 މިލިއަން ޑޮލަރު ހަރަދުކޮށްގެން އިމާރާތްކުރި މި ފާލަމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާ އެކުގައެވެ. އެގޮތުން މި ޕްރޮޖެކްޓަށް ހަރަދު ވި ފައިސާގެ ތެރެއިން 126 މިލިއަން ޑޮލަރު އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި ފާލާން އިމާރާތް ކުރީ ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުނިންނެވެ. ޗައިނާގެ ދީލަތި އެހީތެރިކަން ފާހަގަ ކުރުމުގެ ގޮތުން މި ފާލަމަށް ފުރަތަމަ ކީ ނަމަކީ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އެވެ.
ސިނަމާލެ ފާލަން ޕްރޮޖެކްޓް އަކީ ރައީސް ޢަބްދުﷲ ޔާމީންގެ ރިއާސީ ދައުރުގައި ހިންގުނު ގިނަ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫއެވެ. ޗައިނާ އަށް ފަހިވާ ގޮތަށް ރައީސް ޔާމީން ގެންގުޅުނު ހާރިޖީ ސިޔާސަތުގެ ދަށުން ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝީޓިވް" އަށް އެއްބާރުލުން ދީ، އުފެއްދި ގުޅުމުގެ ތެރެއިން، މި ފާލަން ބިނާކުރުމުގެ ފަންޑު ލިބުމަށް މަގު ފަހިވިއެވެ.
ސިނަމާލެ ފާލަމުގެ ހިޔާލު ފުރަތަމަ އުފެދިގެން އައީ 2007 ވަނަ އަހަރުގެ ތެރޭގައިެވެ. އަދި 2008 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ވައުދެއްގެ ގޮތުގައި މާލެ އާއި ހުޅުމާލެ ގުޅުވާލާ ފާލަމުގެ ހިޔާލު ރައީސް މައުމޫނު ފެންމަތިކުރިއެވެ. ނަމަވެސް ފާލަމުގެ މަސައްކަތް ފެށުނީ ރައީސް ޔާމީންގެ ރިޔާސީ ދައުރުގައި 2014 ވަނަ އަހަރުއެވެ.
މިއީ ކަނޑު ހުރަސްކޮށް އެއް ރަށާއި އަނެއް ރަށް ގުޅާލުމަށް ދިވެހިރާއްޖޭގައި ހެދުނު ފުރަތަމަ ފާލަމެވެ.