ގޮރުވާލި(ސައިންޓިފިކް ނަން: Trachinotus baillonii)ނުވަތަ (އިނގިރޭސި ބަހުން: Smallspotted dart)އަކީ ރާއްޖޭގެ ތިލަފަޅު ތަކުގައްޔާއި، ވިލުވިލުގައި ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. ވަރަށް ފަސޭހަ ކަމާއެކު ބުޅީގައި ގަންނަ މަހެކެވެ. ގޮރުވާލި އާއްމުކޮށް ގިނައިން އުޅެނީ ކުދި އައިން ހަދައިގެން ބައިބަޔަށެވެ. މިމަހަށް ގޮރުވާލި ގެ ނަންދެވިފައިވަނީ އޭގެ މަސްގަނޑުގައި ހުންނަ ވަހެއްގެ ސަބަބުންކަމަށް ގިނަމީހުން ބުނެއުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 54 ސެންޓި މީޓަރަށެވެ.

ގޮރުވާލި

ގޮރުވާއްޔަކީ ވަރަށް ފަތިކޮށް ބޮލަށް ހިމަކޮށް ހުންނަ ބާރަށްދުވާ މަހެކެވެ. މަހުގެ ކަރުގަނޑުގެ ފުރަތަމަ ބުރުގެ ތިރީ ބައިގައި 15 އާއި 19 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި 6 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރު ކައްޓާއެކު 20 އާއި 24 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 20 އާއި 24 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މަހުގެ މަތީ ކޮތަރިބައި ބަނޑުދަށް ފަރާތު ކޮތަރިބަޔަށްވުރެ ކުރުވާނެއެވެ. މަހުގެ ކުލައަކީ ރިހި ކުލައެވެ. މަހުގެ ދެއަރިމަތީގައި ކަޅުކުލައިގެ ކުދި ތިކިތަކެއް ފާޅުކޮށް ފެންނަން ހުރެއެވެ. ބައެއް ކުދިމަހުގައި މިފާހަގައެއް ނުހުރެއެވެ. މިތިކިތަކުގެ އަދަދު މަހުގެ ބޮޑުމިނުން އިތުރުވަމުން ދެއެވެ. މަހުގެ އާއްމު ކާނާއަކީ ކުދިމަހެވެ.