ގުރުދާގެ ބަލިތައް
ކިޑްނީ ބަލީގެ މައްސަލަތައް އަންނަނީ ދިވެހި މުޖުތަމަޢުގައި ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އުމުރުން ދުވަސްވީ ވަރަށް ގިނަ ބޭފުޅުންނާއި ޒުވާނުންގެ ތެރޭގައި ވެސް، ދުވަސްވީ ކިޑްނީ ބަލީ(Chronic Kidney Disease / CKD) ގެ އުދަނގޫ ތަހައްމަލުކުރަމުން ގެންދާ މީހުން އުޅެއެވެ. ކޮންމެ އަހަރަކު ކިޑްނީ ބަލިތައް ޖެހިގެން އެތައް ބަޔަކު ދުނިޔެ ދޫކުރެއެވެ. ކިޑްނީ ބަލީގެ އަސާސީ ފަރުވާގައި ދެވޭ ޑަޔަލިސިސް ހެދުމާއި، ކިޑްނީ ޓްރާންޕްލާންޓޭޝަން އަކީ ފަގީރު ގައުމުތަކުގައި އާންމުން އަތްފޯރާވަރަށްވުރެ އަގާއި ޚަރަދު ބޮޑު، އަދި ސަރުކާރުތަކާއި ދައުލަތްތަކުގެ ބަޖެޓަށް މާލީގޮތުން ބާރުބޮޑުވެގެންދާ ޚިދުމަތްތަކަށްވުމުގެ ނަތީޖާއަކީ ގިނަ ބަޔަކު ކިޑްނީ ބަލިތަކުގައި މަރުވެ ދިއުމެވެ.