ގިއުޅު (ސައިންޓިފިކް ނަން: Aprion virescens)ނުވަތަ (އިނގިރޭސި ބަހުން: Green Jobfish) އަކީ ރާއްޖޭގެ ފަރުފަރުގެގެ ބޭރުގައި އަދި ހާހަލުގެ ފުން ހިސާބުތަކުގައި އަދި އެތެރެވަރީގައި ގިނައިން އުޅޭ މަހެކެވެ. ދިވެހި މަސްވެރިން ފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ނުވަތަ ވަނިކެޔޮޅު ކަމުގައި ގިނައިން ބޭނޭ މަހެކެވެ. ގިއުޅަކީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މީރު މަހެކެވެ.

ގިއުޅު

ގިއުޅު އަކީ ދިގުކޮށް ހުންނަ މަހެކެވެ. މަހުގެ ލޮލުގެ ކުރީގައި ކުޑަކޮށް އަޑިވެފައި ހުންނަ ދިގު ރޮނގެއް ހުރެއެވެ. މަހުގެ ކަރުތާފަތްގަނޑުގެ ކައިރިފަށުގައި ރާޅުކަމެއް ނުހުރެއެވެ. މަހުގެ ކަންފަތް ގަނޑު ކުރުވެފައި ކޮޅު ވައްވާނެއެވެ. ނިގޫފަތް ހުންނަނީ ވަރަށް ބޮޑަށް ކަފިވެފައެވެ. މަހުގެ މަތީ ފަރާތާއި އަދި ބަނޑުދަށް ފަރާތުގެ ކޮތަރިބައިގެ ފަހަތުގެ މަޑުކަށި މަހުގެ ފަހަތަށް ވާގޮތަށް ދިގުވެފައި ހުރެއެވެ. މަހުގެ ކުލައަކީ ނޫފެހި ކުލައެވެ. މިކުލަ ބަނޑުދަށް ފަރާތުގައި ފަނޑެވެ. މަހުގެ މަތީ ކޮތަރިބައިގައި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ.